ކާރުޚާނާއެއްގައި މަސައްކަތްކޮށް ދެ އަތް ހަޑިކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ އަވަށްޓެރިން ފަދައިން ކާރުޚާނާގެ އަޅިކުލައިގެ ހަތަރުފާރު ތެރޭ ބަންދުވެ ހުންނަން ބޭނުން ނުވާތީ ގޭގެއަށް ފޮތްވިއްކާ މީހެއްގެ ވަޒީފާ އަހަރެން ހޯދީމެވެ. ނަމަވެސް އަހަރެންނަކީ މީހުނާއި ބައްދަލުވުމަށް ފަސްޖެހި، ނިކަން ފަސޭހައިން ލަދުގަންނަ މީހެކެވެ.
ފުރަތަމަ ދުވަހު އަހަރެން ސަލާން ގޮވާލި ގެ ވެގެން ދިޔައީ އަހަރެން ޒިޔާރަތްކުރި އެންމެފަހު ގެއަށެވެ. އެ ގެއިން ދޮރު ހުޅުވާލީ ވަރަށް ހިތްހެޔޮ އަންހެނެކެވެ. ނަމަވެސް އެންމެ ފޮތެއްވެސް އޭނާ ގަންނާކަށް ބޭނުމެއް ނުވިއެވެ. އަހަންނަށް ރޮވުނެވެ. އިތުރު ގެއަކަށް ޒިޔާރަތްކޮށް ސަލާންގޮވާލާނެ ހިތްވަރު އަހަރެންގެ ކިބައިން ނެތިއްޖެއެވެ.
ދެން އަހަރެން ވީ ރަށްފުށުގެ ދަނޑުވެރިން ހައްދާ ދަނޑުތަކުގެ ފޮޓޯ ނަގައި ވިއްކާ މީހަކަށެވެ. އެއްދުވަހު ހަތަރުދަމު ބަހުގައި ދަތުރުކޮށް ރަށްފުށު އަވަށަކަށް ދެވުނުއިރު، ބޯކޮށް ވާރޭވެހެއެވެ. އަހަރެންގެ އަތުގައި ކުޑައެއް ނެތެވެ. އެންމެ ފުރަތަމަ އަހަރެން ދިޔަ ދަނޑުވީ އެންމެ ފަހުން އަހަރެން ދިޔަ ދަނޑަށެވެ.
ވެއިޓަރަކަށް ވުމަށްޓަކައި ވެއިޓަރު ކޯހެއް އަހަރެން ހެދީމެވެ. ހުދު ޔުނީފޯމުގައި އަހަރެން ހުންނައިރު އަހަރެން، ފިސާރި ނަލަވެފައި ޒުވާން ކަމަށް އަހަރެންގެ ދައްތަ ބުންޏެވެ. ވެއިޓަރު ކޯހުން އަހަރެންނަށް ވަރަށް ރަނގަޅު ވަނައެއް ލިބުނެވެ. އެހެންވީމާ، މަތީ ފެންވަރުގެ ރެސްޓޮރަންޓަކުން އަހަރެންނަށް ވަޒީފާ ލިބުނެވެ. ނަމަވެސް، އަތް ތުރުތުރު އަޅައިގެންފައި، އަހަރެންގެ އަތުން ތައްޓެއް ވެއްޓި ތެޅުނު ދުވަހު އަހަރެން ވަޒީފާއިން ވަކިކޮށް ފޮނުވާލިއެވެ.
އެންމެ ފަހުން އަހަރެންނަށް ވަޒީފާ ލިބުނީ، ތެޔޮ ބަރުކުރާ ޓޭންކް ބޯޓަކުންނެވެ. އެ ބޯޓްގައި އެހެން މީހުންގެ ލޯމަތިން ފިލައިހުރެ އަހަރެން ކުރާ ކަމަކީ، ތެލި، ތަށި ދޮވުމެވެ. ދުނިޔެ އާއި ފިލައިގެން މިގޮތަށް އުޅޭތާ މިހާރު ތިރީސް އަހަރުވީއެވެ. މިހާރު އަހަރެން މިކުރާ ކަމަކީ ކަނޑާއި ގުޅޭ މައުޟޫޢުތަކަށް ޅެން ލިޔުމެވެ. ނަމަވެސް ބޯޓުގެ އެތެރޭގައި އަހަރެން ހޭދަކުރާ އައްޑުވަހުގައި ކަނޑު، އަހަރެންނަށް ފެންނަނީ ހާލަކުން ފަހަރަކުއެވެ.
——————
އަހަރެން މަދަރުސާ ނިންމި އިމްތިޙާނުގެ އެންމެ ފަހު ޕޭޕަރު އޮތް ދުވަހުގެ ރޭ އަހަރެން ދޯންޏެއްގައި، ދިޔައީ މާލެ އަތޮޅުގައި އަލަށް ހަދާ، ރިސޯޓެއްގެ ވަޒީފާބޭނުންވެގެން އިންޓަވިޔުއަކަށެވެ.
ރަށަށް ފޭބުމާއިއެކު ފެނުނީ، ބޮޑެތި ފްލަޑް ލައިޓް ތަކުގެ އަލީގައި، އެކްސްކަވޭޓަރުތަކާއި ބަރު ލޮރީތަށް ކޮޅުކޮޅަށް ދުއްވާ މަންޒަރާއި ބިދޭސީން ހޭބޯނާރާ މަސައްކަތްކުރާތަނެވެ. އިންޓަވިއުކުރާ މީހާއާއި ބައްދަލުވުމުގެ ކުރިން ރޭގަނޑު ކެއުމަށް، މެސްރޫމަށް ދިޔައީމެވެ. ތައްޓެއް ނަގައި ބިދޭސީއެއްގެ ކައިރީ ޖައްސާލައި ބަތަށް ރިހަ އަޅައިފީމެވެ. ދެ ސުވާ ބަތް ކެވުނުއިރު، ހީވަނީ އަނގައިގައި އަލިފާންޖަހާފައި ހުރިހެންނެވެ. އަހަރެން ހިތަށް އެރީ، މި އެންމެން މި ކެއުން ކައިގެން މަސައްކަތްކުރަން ހިތްވަރު ލިބެނީ ކިހިނެއްބާވައެވެ؟
އިންޓަވިއު ކުރާ ކޮޓަރިއަށް ވަދެއްޖައީމެވެ. އެތާ އިނީ ބޮލުގައި އެންމެ ފަތެއްވެސް ނެތް ގެސްޓުންގެ ހުރިހާކަމެއް އެނގޭ ވައްތަރު ޖަހާ މީހެކެވެ. އޭނާ ފުރަތަމަވެސް ސުވާލަކަށް އަހަރެންނާއި ކުރީ، ބޭނުމީ ކޮންވަޒީފާ އެއް ހެއްޔެވެ؟ އަހަރެން ނޭނގެއޭ ބުނުމުން، ކަލޭ ރިސޯޓް ހުޅުވުނީމާ ބިލިންކުލާކަކަށް ރަނގަޅުވާނެއޭ އޭނާ ބުންޏެވެ. ބިލިން ކުލާކަކީ ކީއްކުރާ މީހެއް ކަމެއް އަހަރެންނަކަށް ނޭގުނެވެ! އަހަރެން ހުރީ ކިޔަވައިގެން ކަމުން އެހާ އާދައިގެ ސުވާލެއް ކުރާކަށް ނުކެރުނެވެ. ވީމާ، އިނގިރޭސި ލަފުޒެއް ލައިގެން އަހަރެން ކުރީ އަހަރެން ހިތުން، އާދަޔާއި ޚިލާފް ސްވާލެކެވެ. އަހަރެން، ސެލަރީ ކިހާވަރެއްހޭ އެހުމުން، އިންޓަވިއުކުރި މީހާ، ތައުޒަންޑް ޓޫ ހަންޑްރެޑޭ ބުނެފިއެވެ. އަހަރެން ހިތަށްއެރީ، ކިޔެވީމާ މިހާކުޑަ މުސާރައެއް ލިބެނީ ކީއްވެ ބާވައެވެ؟ ބިލިންކުލާކުންނަށް އެހާ ކުޑަ މުސާރައެއްގައި މަސައްކަތް ކުރުމަށް ހިތްވަރު ލިބެނީ ކީއްވެ ބާވައެވެ؟ ކޮންމެއަކަސް ދޯންޏަށް އަރައިގެން މާލެ އަތުވެއްޖައީމެވެ.
އޭގެ މަހެއް ފަހުން އަހަރެން އޮތީ އަރިއަތޮޅުގައި އަލަށް ހަދާ ރިސޯޓަކަށް ބޭނުންވާ ތަކެތި ގެންދާ ދޯންޏެއްގެ ތައްޓުމަތީ ލޮނުން ތަތްތެޅިގެން، ގަދަ އަވިން ފިހޭށެވެ. އެންމެ ފަހުން އަހަރެންނަށް ލިބުނީ އެ ރިސޯޓްގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ.
ވަޒީފާއަދާކުރަން ނުކުތް ފުރަތަމަ ދުވަހުވެސް، މީހުންނަށް، މަސައްކަތްކުރުމަށް ހިތްވަރު ލިބެނީ ކީއްވެކަން އެނގުނުހެން އަހަރެންނަށް ހީވިއެވެ.

ޖާދޫ ވިދާޅުވީ
ތާރީޚް:10/08/2009
މީގެން މި ދޭންބޭނުންވި މެސެޖަކީ ކޮބައިހެއްޔެވެ. މިލިޔުން ނިމުނީ ހެއްޔެވެ. މިއީ ހަމަ މިލިޔުން ކިޔުމަށް ފަހު ހިތަށް އަރާ ފައިބަމުން ދިޔަ ސުވާލުތަކެކެވެ. މިކޮށި ސިކުޑަށް ނުވިސްނުނީ ކަމަށް ވެދާނެ އެވެ. ކޮންމެސް ބޭފުޅަކު ވިސްނައި ދެއްވަބައްލަވާށެވެ.
މުހަންމަދު ރަސީދު ވިދާޅުވީ
ތާރީޚް:10/08/2009
މަށަށް މި ލިޔުމުން ސިފަވަނީ ވަރަށް ކަންކަން ކުރަން ފަސްޖެހޭ، އެކަނިވެރި މީހެއްގެ ތަސްވީރު. އެފަދަ މީހެއްގެ ދިރިއުޅުމުން ‘ބައިމިނިޓް’ މިލިޔުމުގައި މި ބުނެދެނީ.
ޙަސަންޑީ ވިދާޅުވީ
ތާރީޚް:10/08/2009
ފަސްޖެހުމާއި، ފިނޑިވުމާއި މިހުރީ މަސައްކަތުގައި، ތިމާ އެންމެ އެދޭ ހިސާބަށް ދިޔުމަށްހުރި ބޮޑެތި ހުރަސްތައް. ދުނިޔެއާއިކުރިމަތިލާން ނުކެރޭ މީހުނަށް ޖެހޭނީ ދުނިޔެއާއި ފިލައިގެން ހިތްހަމަނުޖެހި ނިމިގެން ދާން. މި ލިޔުމުގައި މިދޭ މައިގަނޑު މެސެޖަކީ މަހިތުން މިއީ.
އެޑްމިން ވިދާޅުވީ
ތާރީޚް:10/08/2009
މިލިޔުން ފުރަތަމަ ޕަބްލިޝްކުރެވުނު އިރު، ލިޔުމުގެ ފަހުބައި ޕަބްލިޝް ކުރެވިފައެއް ނުވާނެއެވެ. އެހެންކަމުން މިހާރު އެވަނީ ލިޔުމުގެ ފަހު ބައި (އިތުރު 5 ޕެރެގްރާފް) އިތުރު ކުރެވިފައެވެ. މިކަމަށްޓަކައި މިލިޔުން ލިޔުއްވި ފަރާތާއި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.
ހަސަނު ބަސަނު ވިދާޅުވީ
ތާރީޚް:10/08/2009
ތިޔަބުނާހެން މިހާރު އަނެއްކާ، ލިޔުން މޔޮތީ ކުރިއަށްވުރެ ތަންކޮޅެއް ދިގުވެފައި. އޯލެވަލް ހަދާފައި ވަޒީފާއަށް ނުކުންނަ ހަމަ ގިނަކުދިންނަށް ހީވަނީ އެކުދިންނަށް މަސައްކަތުގެ މާހައުލާގުޅޭ ވަރަށް ގިނަ އެއްޗެތި އެނގޭކަމަށް. ތަޖުރިބާއަކީ ކިހާވަރެއްގެ އެއްޗެއްކަމެއް، އެމީހުން ޖެހޭނީ މަސައްކަތްކުރަން އަލިފުން ފަށައިގެން ކަމެއް ނުވިސްނޭ.
މޯޑު ވިދާޅުވީ
ތާރީޚް:10/08/2009
ރަނގަޅު ލިޔުމެއް
މޯޑު ވިދާޅުވީ
ތާރީޚް:10/08/2009
ކޮބާ ހާސިމް މިހާރު، ސައިޓް ފަޅުވެއްޖެ މިހާރު..
ރޭލީ ވިދާޅުވީ
ތާރީޚް:11/08/2009
ކިއެކޭ ބާ މީގައި މިބުނެދޭން އުޅެނީ. ދެ މެސެޖެއް ލިބިއްޖެ. ހިތްވަރު އެލުވާ ނުލުމާއި، ސުވާލު ކުރަންޖެހޭ ވަގުތު ފަހަތަށް ނުޖެހުން.
ގުރާ ވިދާޅުވީ
ތާރީޚް:11/08/2009
ބޯޓްދަތުރުކުރާ މީހެއްގެ ދިރިއުޅުން މިމައުލޫއާ ގުޅެނީކިހާވަރަކަށް.
ދޮން ހުސޭނުބެ ވިދާޅުވީ
ތާރީޚް:11/08/2009
މި ލިޔުމުގެ ފުރަތަމަ ބަޔާއި، ލިޔުމުގެ ސުރްޚީއާއި ގުޅުން އެބަހުރި. ރޮނގެއްދަމާފައި އޭގެ ތިރިން ލިޔެފައިވާ ބަޔާއި ކުރީބައިގެ މައިގަނޑު މައުލޫ އާއި އެބަހުރި ގުޅުމެއް. ވަރަށް ގިނަ ގޮތްގޮތަށް މިލިޔުމާމެދު ވާހަކަދެކެވިދާނެ. ހީވަނީ ގަސްތުގައި އެގޮތަށް ލިޔެފައިހެން މި އޮތީ. އެއީ ޔޫސުބުކުރިން ލިޔެފައިހުންނަނީ ވަރަށް ސީދަލަށް، ފަސޭހަކޮށް އެނގޭގޮތަށް އަސްލު ޕޮއިންޓް. ދެން މީތި ތަފާތުހެން ހީވަނީ.
އިބްރޭ ވިދާޅުވީ
ތާރީޚް:11/08/2009
މަށަށް މިލިޔުމުން ވަރަށް ގިނަ މާނަޔާއި ވާހަކަތައް އެބަ ވިސްނޭ