ރޯދައަށް ބޯދުވޮމަކީ ކުޅުދުއްފުށީގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭކަމެކެވެ. ރަމަޟާން މަސް އައުމުގެ ކުރިން ލިބޭ ހަފްތާ ބަންދުގައި މޫދަށް ދިއުމަކީ ރޯދައަށް ބޯދޮވުމެވެ. ދުރު މާޒީއަކަށް ނަޒަރު ހިންގާލާއިރު ރޯދައަށް ބޯދޮންނަނީ ކިހިނެތް ކަމެއް ނޭގެއެވެ. އެހެންނަމަވެސް މިވީ ދިހަ ވަރަކަށް އަހަރު ތެރޭ ކުޅުދުއްފުށީ މީހުން ރަމަޟާން މަސް އައުމުގެ ކުރިން އަންނަ ހަފްތާ ބަންދުގައި މޫދަށް ގޮސް މަޖާ ކޮށްލުމަށް “ރޯދައަށް ބޯދޮވުމޭ” ކިޔައެވެ. ތަފާތު ނަންނަމުގައި ހަމަ އިސްވެ ފާހަގަ ކުރި ބީދައިން ދަތުރު ގޮސް އުޅުމަކީ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންގެ މެދުގައިވެސް ވަރަށް އާއްމު ކަމެކެވެ.
ރޯދައަށް ބޯދޮންނަނީ ކީއްކުރަން ހެއްޔެވެ؟ އާދެ، ރޯދައަށް ބޯދޮންނަ އަސްލު ބޭނުން ކުޅުދުއްފުށީގެ ދުވަސްވީ ފަރާތްތަކަށް ވެސް ވަނީ އޮޅުމެއްގެ ތެރޭގައެވެ. އެހެނީ، ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އެއީ އިހުޒަމާނުގައި ރޯދަމަސް އައުމުގެ ކުރިން ހިނައި ތާހިރު ވުމަށް ކޮށް އުޅުނު ކަމެއް ކަމަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ، ރޯދަމަހުގެ ދުވަސްތަކަކީ އާއްމުކޮށް މޫދަށް އެރި އުޅޭ ދުވަސްތަކަކަށް ނުވާތީ ރޯދަމަހުގެ ކުރިން އެ އުފާ ލިބިގަތުމަށް ޓަކައި ކުރެވޭ ކަމެކެވެ. ކޮންމެއަކަސް މީގެ މާބޮޑު ތަފްޞީލަކަށް ނުދިޔަކަމުގައި ވިޔަސް ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ މިއީ އިސްލާމް ދީނުގައި އެ ކަމެއް ކުރަން އަންގަވާފައިވާ ކަމަކަށް ނުވާ ކަމެވެ.
އަޅުގަނޑަށް ރޯދައަށް ބޯދުވުން މާނަ ކުރެވެނީ ކަމަކުން މަނާވެގަތުމުގެ ކުރިން ނުވަތަ ވަކި ކަމެއް ނުކުރެވޭ ފަދަ ދުވަސްތަކެއް އައުމުގެ ކުރިން އެ ކަމެއް ކުރުމުގެ އުފާ ލިބުގަތުމަށެވެ. ދެވަނަ މާނައަކަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ ކުރިމަތި ވަމުން އަންނަ ކަމަކަށް ތައްޔާރުވުމެވެ.
ރަމަޟާން މަހަށް ތައްޔާރު ވުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އެމަހުގައި ދީނީ ކަންކަންވެސް އިހުނަށްވުރެ މުރާލިވެ އަޅުކަމުގައި މަސްއޫލުވާ ވަގުތުތައް ގިނަކުރެއެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް ބަލާލާއިރު، ކުޅުދުއްފުށްޓަކީ އަދިވެސް މިފަދަ ކަންތައްތައް ކުރަމުން އަންނަ ރަށެކެވެ. ރަބީއުލް އައްވަލު މަހުގެ 12 ވަނަ ދުވަހު ދުޢާ (ބުރި) ބުނުން، ލާރި ދީގެން މީހުންލައްވާ ގޭގޭގައި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ޞަލަވާތް ކިޔެވުން، މާލޫދު (މައުލޫދު) ކިޔުން ފަދަ ކަންތައްތައް އަދިވެސް ކުޅުދުއްފުށީގައި ކުރެވެމުންދެއެވެ.
ރަމަޟާން މަސް ބޯމަތިވެފައި ވާއިރު “ރޯދަ އަށް ބޯ ދޮވުން” މިހާރުގެ ގޮތަށް ބަދަލު ކުރަންޖެހެއެވެ. އެހެނީ، ރަމަޟާން މަހަކީ އެމަހެއްގައި މުސްލިމުންނަށް މުހިއްމު އެތައްކަމެއް އަންނަ މަހެކެވެ. އެމަހުގެ އެއް ރެއަކީ އެއްހާސް މަހުގެ ހެޔޮކަމާ އެއްވަރުގެ ރެއެކެވެ. އެމަހަކީ، ގުރުއާން ކިޔެވުން ގިނަކުރަންޖެހޭ މަހެކެވެ. ދޫ ރައްކާތެރިކޮށް ތިމާގެ އުޅުންތަކާއި ގުޅުންތައް ވަކި ހަމައެއްގައި ބަހަށްޓަންޖެހޭ މަހެކެވެ. މިދެންނެވި ކަންކަން ކުރުމަށް ތައްޔާރު ވުމަކީ “ރޯދަ އަށް ބޯ ދޮވުން” ކަމުގައި ހަދަންޖެހެއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ކުޅުދުއްފުށީ ޑޮޓްކޮމްގެ އެންމެހާ އަހުލުވެރިންނަށް އަރިސްކުރަމެވެ. އަދި މި ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ޘަވާބު އަޅުގަނޑުމެންނާއި ތިއެންމެހައި ބޭފުޅުންނަށް މާތްﷲ މިންވަރު ކުރަށްވާށި! އާމީން.

ބުއްރާސްޕަރީ ވިދާޅުވީ
ތާރީޚް:21/08/2009
މޮހޮންމަދާ ދޮންކަލޯ ދައތަމެންވަސް ކޮށްއުޅުނުކަމެއްތިޔަ ބޯދޮވުމަކީ،އޭރު މިހާރުމިހުންނަ ސޭންޕު ތައްނުހުންނާތި އަޅިފެނުން ބޯދޮންނަނީ .ކުކުޅުބިސްލަނީ ފޮނުއަރުވަން. ދެންމޫދަށް ދާއިރު ކޮންމެހެންވަސް ޖެހޭ އޭރު ކާއްޓެއް ގެންދަން ކާށި ކާން.ދައިތަމެން ވަރަށް ފޯރީގަ ކޮށް އުޅުނުކަމެއްތިޔަ.
ޗޯރު ވިދާޅުވީ
ތާރީޚް:22/08/2009
ރަބީއުލް އައްވަލު މަހުގެ 12 ވަނަ ދުވަހު ދުޢާ (ބުރި) ބުނުން، ލާރި ދީގެން މީހުންލައްވާ ގޭގޭގައި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ޞަލަވާތް ކިޔެވުން، މާލޫދު (މައުލޫދު) ކިޔުން ފަދަ ކަންތައްތައް މީދެން މިހާރު މީހުން ކުރާ ކަހަލަ ކަންތައްތަކެއްނޫން، މިކަން ކުރުމުން ފާފަވެރި ވާނެކަންވެސް އަދިވެސް މިރަށު މީހުންނަށް ހަމަ ނޭގެނީބާ!!
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:22/08/2009
ޗޯރަށް! ގަޅިޔާ. މިތާ އެބަދައްކާތަ ތިޔާބުނާ ކަހަލަ ކަންތައްކުރާ ވާހަކަ!؟ ހެދެ؟
އާދަންބެ ވިދާޅުވީ
ތާރީޚް:22/08/2009
މިހާރު މިސައިޓުގެ މި ކޮމެންޓް ގޮޅިތައް ހާދަ ފަޅޭ. އެވާ ގޮތަކީ މީސްމީހުން ފޭކް އީމެއިލް އެޑްރެސް ޖެހީމަ ކޮމެންޓް ތައް ނުޖެހެނީ. އެހެންވީމަ ހުރިހާ ބޭފުޅުންވެސް ރަނގަޅު އީމެއިލް އެޑްރެސް އެއް ޖެއްސެވުމަށް އެދެން. ކުރިން ނުބައި މެއިލް އެޑްރެސް ޖެއްސެވިއަސް މިތަނުން ކޮމެންޓް ފެންނާނެ އެކަމަކު މިހާރު އެހެނެއް ނުވެޔޯ.
ޗޯރު ވިދާޅުވީ
ތާރީޚް:22/08/2009
ރަމަޟާން މަހަށް ތައްޔާރު ވުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އެމަހުގައި ދީނީ ކަންކަންވެސް އިހުނަށްވުރެ މުރާލިވެ އަޅުކަމުގައި މަސްއޫލުވާ ވަގުތުތައް ގިނަކުރެއެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް ބަލާލާއިރު، ކުޅުދުއްފުށްޓަކީ އަދިވެސް މިފަދަ ކަންތައްތައް ކުރަމުން އަންނަ ރަށެކެވެ. ރަބީއުލް އައްވަލު މަހުގެ 12 ވަނަ ދުވަހު ދުޢާ (ބުރި) ބުނުން، ލާރި ދީގެން މީހުންލައްވާ ގޭގޭގައި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ޞަލަވާތް ކިޔެވުން، މާލޫދު (މައުލޫދު) ކިޔުން ފަދަ ކަންތައްތައް އަދިވެސް ކުޅުދުއްފުށީގައި ކުރެވެމުންދެއެވެ
ޗޯރު ވިދާޅުވީ
ތާރީޚް:22/08/2009
އަތަރު ބިލިގާ ފެއްސޭ!
ޚަލްވަތުގައި ދޮހަން އިންދަ ރޯދަ ލައިގަތް ކަލޭގެފާނު ވިދާޅުވީ
ތާރީޚް:23/08/2009
ރޯދަމަހު މިރަށްރަށުގަ ކުރިން ހުރި ރަނގަޅު ބައެއް އާދަ މިހާރު އުވިއްޖެ. ދެން ކުރިން ނެތް ރަނގަޅު ބައެއް އާދަ މިހާރު ފެށިއްޖެމެ. ރޯދަމަހުޔޭނުން ކުރިން މިރަށު ސޮރުމެން އަތިރިމަތީގަ ގޯނި އަޅައިގެން ސިޔަރަތު އަޑުއަހަން ތިބެނީ؟ މިހާރުގަ ނަމަ ހަމަ ޕާޓޭންނޭ މިކިޔާ ފާޑު ސޮރުމެންނޭ އޭރު ސިޔަރަތު އަޑުއަހަން ވަރުދައްކާފަ އެތިބެނީ. މިހާރު ދެން އެއްޗެއް އަޑު އަހާ މީހަކަށް މިޔޮޅެނީ ކުޑައިކޮން މިސްކިތަށް އަރާލާކަހަލަ ދެތިން މީހެއް. ދެން އަންހެން ގުރޫޕު ތިބޭތޯޗެ ރޭގަނޑު ޑުރާމާ ބަލަން. ސިޔަރަތު އާދޭ ދޮއްތޮ މިހާރުވަސް؟
މޫސާ ކަތީބު ވިދާޅުވީ
ތާރީޚް:23/08/2009
ޅިޔަނާ ބުނާކަން ރޯދައަށް ބޯދޮވުމަކީ މަޖާކަމެއް މޫސަބެމެން ކުޑައިރުވެސް ވަރަށް ގިނައިން ޖެހި ސަކަރާތެއް ތިޔައީ. އޭރު މޫދަށް ގޮސް އުޅެނީ ހައްވަތު މަންމައާ މޫސަބެއާ ބޭބެ އަހަންމަދާ އާދަމް އިސްމާލާ ދޮންމަނިކުބެއާ ކަޅުހުއްތުބެއާ ދެން މިހެން ކޔާނެ ކަމެއްނެތް ބޮޑު ގުރޫޕެއް ދާނެ މިސަކަރާތަށް. ފަޅޯމަޖާ ހަދައިގެންނާ ބޯކިބާ ފިހެގެންނާ ދެން އެވާހަކަ ނުދައްކާ!… ބޯކަނޑާލިޔަސް ނޭނގޭނެ މިހާރު އެބަދޭތަ މީހަކު ރޯދއަށް ބޯދޮންނަން..؟ އަޅެފަހެ.. އަހަން ނުދެނަހުށިން…..
ކަޅުހުއްތު ވިދާޅުވީ
ތާރީޚް:23/08/2009
އޭމޫސާ… ތިޔާކަހަލަ ވާހަކަ ނުދައްކާ ދެން މިއުމުރަށް ދިޔައީމަ، އަހަރެމެން ދަރިންވެސް މިއެއްޗެހި ބަލަޔޭ މިހާރު. އެހެންވީމަ ކަމަކު ނުދާނެއްނުން… އަހަރެމެން ދެމީހުން ހޮޅުއައްޓަށް އަރާލާފަ ތިޔަކަހަލަ ވާހަކަ ދެއްކިއަކަސް މިކަހަލަ ބޮޑު ސައިޓެއްގަ ތިކަހަލަ ހަޑި ދެންވެސް ނުލިޔާތި މޫސާ ޅިޔަނާ…..
މޫސާ ކަތީބު ވިދާޅުވީ
ތާރީޚް:23/08/2009
ކޮއްކޮމެނޭ ބުނާކަން މޫސަބެމެން ކުޑައިރު ވަރަށް ފޯރީގަ ކުރިކަމެއް މި ބޯދޮވުމަކީ.. ބޯދޮވެލަމޭ އެއިރު..
ބޯކިރިޔާ ވަކިވާ ނުވާ ވަރަށް ދޮވެލަން އެއިރު.. އެކަމަކު މިއަދު މޫސަބެމެން ބޮލެއްގަ ނެތް އެހާވަރެއް ކިޔެއްކުރާނީ ދޯ….
އޮރިޖިނަލް ވިދާޅުވީ
ތާރީޚް:23/08/2009
ކުޅުދުއްފުށީމީހުން ރޯދައަށް ބޯދޮންނަން މޫދަށް ކޮންމެހެން ދީނީ ކަމެއް ކުރުމުގެ ގޮތަކުން ނޫނެވެ. އެއީ އާދަކާދައިގެ ތެރޭގައި ހިމެނިގެން ކުރަމުން އައި ކަމެއް. އަޅުގަނޑު މިކަކަމާގުޅޭގޮތުން ދުވަސްވީ ބައެއް މީހުން ނާ ސުވާލު ވެސް ކުރިން، ގިނަ މީހުން ބުނީ އެއީ ސަގާފީ ކަމެކޭ.. ދެމީހަކު ބުނި ކޮއްކޯއޭ އީދު ރޯދައަށް ހިނައިގަތުމަކީ ސުންނަތެކޭ، ވީމާ އާދަކާދަ އާއެކު ސުންނަތްވެސް ޙާޞިލްކުރުމަށޭ މިކަން ކުރަނީ.. ކޮންމެއަކަސް މިކަން ކުރިން ކުރަމުން އައި ގޮތަށް ކުރާނަމަ މިކަމަކީ މާހެފުމެކޭ އެއްފަދައިން އިޖްތިމާއީ ގުޅުން ބަދަހިވެ ރަޙްމަތްތެރިން ނާއެކު ހޭދަކޮށްލެވޭ ރަނގަޅު ވަގުތުކޮޅަކަށް ވާނެ.