Share

ބިދޭސީއެއްގެ ވަފާތެރިކަމުގެ އަގު

ބިދޭސީއެއްގެ ވަފާތެރިކަމުގެ އަގު
ބަދުރުއްދީން ޙަސަން

ބަބުލް ރާއްޖެ އައީ މީގެ 12 އަހަރު ކުރިންނެވެ. އޭރު އަދި ޢުމުރުން 21 އަހަރެވެ. ބަންގްލަދޭޝްއިން ރަނގަޅު ވަޒީފާއެއް ނުލިބުމުން ރާއްޖެއައީ ވަރަށް ފޮނި އުއްމީދުތަކަކާއި އެކުގައެވެ. ޒަވާޖީ ހަޔާތެއް އޭރު ފަށައިފައި ނުވާތީ، ބަބުލްގެ ވިސްނުމުގައި ހުރީ ރަނގަޅު ވަޒީފާއެއް ހޯދައިގެން، އަމިއްލަ ޟަރޫރީ ބޭނުންތައް ފުއްދާލުމަށްފަހު ލިބޭ ލާރި މައިންބަފައިންނަށް ފޮނުވާށެވެ. ވަޒީފާއަށް ކުރިމަތި ލީއިރު ބަބުލްގެ އަތުގައި އޮތްހައިވެސް އެއްޗަކީ ކާރު ދުއްވުމުގެ ލައިސަންސެވެ. މީގެ އިތުރަށް ކިތަންމެ ކޮށިކޮށްވިޔަސް އިނގިރޭސިން ބަހެއް ބުނެލަން ބަބުލްއަށް އެނގުން އެއީ އޭނާއަށް ފައިދާކުރިކަމެކެވެ.

ރާއްޖެ އައިސް ބަބުލް އަށް ލިބުނީ އޭނާ ގެނައި އޮފީހުގެ ވޭން ޑްރައިވަރުގެ މަގާމެވެ. މަހުމުސާރައަށް 500 ރުފިޔާ ހަމަނުވެއެވެ. ނަމަވެސް އެމުސާރައަކީވެސް ބަންގްލަދޭޝްގައި ހަމަ ރަނގަޅު މުސާރައެއް ކަމުގައި ވެއެވެ. އެހެންކަމުން ކޮންމެ މަހަކު ލިބޭ މުސާރައިން ކުޑަ އެއްޗެއް އަތުގައި ބާއްވާފައި، ބާކީލާރިކޮޅު ޑޮލަރަށް ހަދާފައި ރަށަށް ފޮނުވާލަނީއެވެ. އެހެން ބިދޭސީންނާއި އަޅާބަލާއިރު ބަބުލްއަށް ލިބުނު ވަޒީފާއަކީ ވަރަށް ރީއްޗަށް ހެދުން އަޅައިގެން ‘ޑީސަންޓްކޮށް’ ހުންނަން ޖެހޭ ވަޒީފާ އެއްކަމުން، ބަބުލްވެސް ވަޒީފާ އަދާކުރަމުން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެން ހުރެއެވެ.

ރާއްޖޭގައި މިވީ ބާރައަހަރު ތެރޭގައި އައިސްފައިވާ ކޮންމެ ހުކުރު ދުވަހަކީ އެހެން ކޮންމެ ބިދޭސީއެކޭ އެއްގޮތަށް ބަބުލްއަށްވެސް ހަފްތާތެރޭ އަންނަ އެންމެ އުފާވެރި ދުވަހެވެ. ރައްޓެހިންނާއި ބައްދަލުވެލައި، އެކަކު އަނެކެއްގެ ޝުޣޫރުތައް އަނެކުންނާއި ހިއްސާކޮށްލާ ދުވަހަކަށް ހުކުރު ދުވަސް އޮންނަނީ ވެފައެވެ. މިހެން އުޅުމުގެ ތެރޭގައި ބަބުލް ވެސް އެކި ދުވަސްވަރު މަތިން އަމިއްލަ ގައުމުގެ 3 ކުއްޖަކާއި ރައްޓެހިވިއެވެ. ނަމަވެސް ކަންތައްތައް ދިމާވާގޮތުން އެގުޅުންތައް ވިއްސިވިހާލިވެގެން ދަނީއެވެ.

މިހާރު ބަބުލް ވަނީ ދިވެހިބަސް ލިޔަން ކިޔަން ދަސްކޮށްފައެވެ. ދިވެހި ބަހުން ވާހަކަ ދައްކާއިރު އެއީ ބިދޭސީއެކޭ ހީވެސް ނުވާހާ ފަރިތައެވެ. ދިވެހި ރައްޓެހިންތައްވެސް ހޯދައިފިއެވެ. ބަބުލް ހިތްހަމަޖެހިގެން އުޅުނު ކަމުގައި ވިޔަސް ދިވެހި ޕާރޓޭންނާއި ފުރާވަރު އުމުރުގެ ކުދިންގެ ފަރާތުން ދުއްތުރާތައް އޭނާއަށްވެސް ދިމާވެއެވެ.

ވަޒީފާގައި ގިނަދުވަސް ވަމުން ދިޔުމާއި އެކު ވަޒީފާގެ ކްލަސިފިކޭޝަން ވެސް ބަދަލުވަމުން ގޮސް، މިހާރުގެ މުސާރަ ސަތޭކަ ޑޮލަރާއި ގާތްކުރެއެވެ. ބަބުލް އިތުރަށް ވިސްނާނެ އެއްވެސް ކަމެއް ދިމާނުވެ ދިވެހިރާއްޖޭގައި އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ނަމަވެސް ހުރިހާކަމެއް ބަދަލުވާން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރާއި ހިސާބުންނެވެ.

ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ވެއްޖެއެވެ. އާއޮފީސްތައް އުފައްދާ ގިނަ އޮފީސްތަކެއް އުވާލަން ފަށައިފިއެވެ. ކަންތައްތައް ބަދަލުވެގެން ދާންފެށީ ވަރަށް ހަލުވިކޮންނެވެ. އާ ސަރުކާރުން އުވާލާ އޮފީސްތަކުގެ ތެރޭގައި ބަބުލް މަސައްކަތް ކުރި އޮފީސް ވެސް ހިމެނިފައިވާކަން ބަބުލްއަށް އެނގުނެވެ.

ނަމަވެސް ސަރުކާރުން ބުނަމުން ދިޔައީ އޮފީސްތައް އުވާލިޔަސް މިހާރު ވަޒީފާ ތަކުގައި ތިބިމީހުންނަށް އެހެން ވަޒީފާތައް ލިބޭނެކަމަށެވެ. ބަބުލް އަކީ ރާއްޖޭގައި ވަޒީފާ އަދާކުރާތާ ގިނަދުވަސް ވެފައިވާ މީހަކަށް ވެފައި، ވަޒީފާގައި ބަރާބަރު މީހެއްކަން އޮފީހުގެ ވެރިންނަށް އެނގޭނެއެވެ. އެހެންކަމުން ބަބުލް އުއްމީދު ދޫކޮށެއް ނުލައެވެ. ނަމަވެސް ބަބުލްގެ އޮފީސް އުވާލަނީ ކޮންއިރަކުން ކަމެއް އެތަނުގެ އެއްވެސް މުވައްޒަފަކަށް އަންގާފައެއް ނުވެއެވެ. އެނގޭހާވެސް ކަމަކީ ކޮންމެވެސް ދުވަހަކުން އުވާލާނެކަމެވެ.

ކުރިމަގު ބަނަވަމުން ދިޔައިރު އެހެން މައްސަލައެއް ބަބުލްއަށް ކުރިމަތި ވާންފެށިއެވެ. ރާއްޖޭގައި ޑޮލަރު ލިބުމުގެ ތާށިކަން ކުރިމަތި ވުމާއި އެކު، ބަބުލްއަށް ލިބޭ މުސާރަ ޑޮލަރަށް ބަދަލު ނުކުރެވި، އަދި ރަށަށް ނުފޮނުވިފައި ބަހައްޓަން ޖެހުނެވެ. މީހުންގެ ކައިރީ ކިޔައިގެންވެސް ޑޮލަރު ކޮޅެއް ލިބުން އެއީ މިހާރު ނާދިރު ކަމެކެވެ.

ވާނުވާ ނޭނގި 7 މަސްދުވަސް ވޭތުވުމަށް ފަހު، ބަބުލް ވަޒީފާއިން ކަނޑާލާ ރަށަށް ފޮނުވާލަން އުޅޭކަން އޮފީހުން އެންގީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ހޮނިހިރު ދުވަހު ފުރުވާލުމަށް އޮފީހުން ހުރިހާކަމެއް މިހާރު ވަނީ ނިންމާފައެވެ. ކުއްލި ގޮތަކަށް މިގޮތަށް އެންގުން ވެގެންދިޔައީ ބަބުލްއަށް ހަތަރު އުދަރެސް ފެނުޖެހުން ފަދަކަމަކަށެވެ. އަތުގައި ޑޮލަރެއް ނެތެވެ. ހުރީ ދިވެހި ފައިސާއެކަންޏެވެ. އެފައިސާ ރަށަށް ގެންގޮސްގެން ކުރާނެ ކަމެއް ނޯންނާނެއެވެ. ޑޮލަރު ހޯދުމަށް ކޮޅުކޮޅަށް ދުވެގެންވެސް ޑޮލަރު ލިބޭގޮތެއް ނުވިއެވެ.

ނަމަވެސް ބުރާސްފަތި ދުވަހު، އެންމެ ފަހުން ކަޅުބާޒާރުން ބަބުލް ޑޮލަރު ގަތީ އެނޫންގޮތެއް ނެތިގެންނެވެ. 16 ރުފިޔާގެ ރޭޓުން ޑޮލަރު ގަންނަން ޖެހުމުން ބަބުލްއަށް ވަރަށް ބޮޑު އެއްޗެއް ގެއްލިގެން ދިޔައެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ޑޮލަރު ކޮޅުގަނެގެން އެރޭ ގެޔަށް އައިމަގުމަތީގައި، ކަޓަރު ހިފައިގެން ތިބި ޕާރޓޭންގެ ދެމީހުން ބަބުލް އާއި ދިމާކުރިއެވެ. ލާރި ކޮޅާއި ފޯނު ދޭން ބުނުމުން އެކަމަށް ބަބުލް އިންކާރު ކުރިއެވެ. އެހިނދު ބަބުލްގެ އަތުގައި އެމީހުން ކަޓަރު އެޅިއެވެ. އެނޫންގޮތެއް ނެތިގެން އެންމެ ފަހުން އަތުގައޮތް ފޯނާއި ޑޮލަރުކޮޅު އެމީހުންނަށް ބަބުލް ދިނީއެވެ.

ބަބުލް އޮފީހަށް އައިސް އެވާހަކަތައް ކިޔައިދިނީ ރޮވިފައި އިދެގެންނެވެ. ހޮނިހިރު ދުވަހު މާލެއިން ރަށަށްގޮސް އެއަރޕޯޓުން ގެޔަށް ދާނެ ލާރި ވެސް ބަބުލް އަތުގައި މިއަދު ނެތެވެ.

ދުވަހަކުވެސް ބަބުލް ވަޒީފާއަކަށް ގަޑިއެއް ނުޖެހެއެވެ. އޮފީހުގެ ވެރިޔަކާއި ޒުވާބެއް ނުކުރެއެވެ. އެއްކޮށް އުޅޭ ސްޓާފަކަށް ރުޅިމޫނެއް ނުދައްކައެވެ. ގަވާއިދާ ޚިލާފެއް ނުވެއެވެ. އެކްސިޑެންޓެއް ނުވެއެވެ. ޚިޔާނާތެއް ނުވެއެވެ. ދިވެހި ސަރުކާރަށް ޚިދުމަތްކުރީ ވަފާތެރިކަމާއި ލޯތްބާއި އެކީއެވެ. ނަމަވެސް މިއީ 12 އަހަރު ދިވެހިރާއްޖެއަށް ވަފާތެރިކަމާއި އެކު ޚިދުމަތް ކުރި އިންސާނަކަށް އޭނާގެ މަސައްކަތުގެ އަގު ލިބުން ހިތާމަވެރި ގޮތެވެ.

‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:29/08/2009

    ރާއްޖެ އެއީ ފުރާނަ ހުރެގެން ދިރޭ އެއްވެސް އެއްޗަކަށް އަމާންތަނެއް ނޫން.

  2. ހަމީދު‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ދެއިރު ހަމައިގައި ނުތިބޭމީހުންނަށް ރަގަޅު މެސެޖެއް ދިނަސް ޖެހޭނީ ހަމަ އެއްތަނެއްގައި، ވިސްނޭނީ އެކައްޗެއް، ވާނެކަމެއް ހަމަ ހަރާން، އެމީހުން އޭރު ދެއްކިވާހަކަތައް ސީޑީތަކަށް އަޅާފައި މިހާރު ބަހަންވީ، ކޮބާތަ އިދިކޮޅު ޕާޓީތައް، އެކަންނުކޮށް އަތް އުރާލައިގެން ތިބެނީ ވެރިކަން އަނެއްކާވެސް ވެދުންކުރަންދެންތޯ؟

  3. ސިތުރީން‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    މިއީ ވަރަށް ރަނގަޅު ހަމަ އެހެންމެ ވަރަށް ބޮޑުތެދު ވާހަކަ ތަކެއް……………

  4. ދޮން އިބްރާހީމް ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ދިވެއްސަކަށް ވީތީ ލަދުގަންނަންޖެހެނީ މިފަދަ ވިޔާނުދާކަންތައްތައް އަހަރެމެންގެ ދިވެހިންގެ ކިބައިން ތަކުރާރުކޮށް ފެންނަމުންދާތީ. މިލިޔުން ވަރަށް ޢިބްރަތްތެރިވެފައި، ބީދޭސީންގެ މައްސަލަތަކަށް އަހަރެމެން ލޯހުޅުވާލަ ދީފި. ވަރަށް ކިޔާލަންފަސޭހަ ލިޔުމެއް.

    ބުންޒީލަގެ ލިޔުމެއް ނުފެންނަތާ ހާދަ އިރެއް ވެފަޔޭ މި ފެނުނީ! ދެން ހިތަށް އަރަނީ، ކޮބައި ބާވަޔޭ އެއްކަލަ މުހަންމަދު އިސްމާލު؟ އޭނާ އެބަ އުޅޭބާ؟ މިހާރު، ނަބީލެއް، ޔޫސުބެއް،ނޫރެއް ނުފެނޭ އެއްގޮތަކަށް ވެސް.

  5. ސަލަފީ‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ބަބުލާ ކޮބައިބާ މިހާރު؟ އޭނާ ހާލުގަ ޖެހިފަ ހުރިއްޔާ އެހީވާނެ މަގެއް އިންތިޒާމްކޮށްލަން ހިނގާ! އެއީ ވެސް ހަމަ އަޚެއްނޫންތޯ؟

  6. އަހްމަދު އަލީ‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ތިބުނާ މުހައްމަދު އިސްމާލޭ މިއޮފީހުގަ އިނދެގެން ތި ނަސޭހަތަކާއި ތި ހުރިހާ ސުވާލެއް ލިޔަނީ.

  7. ބައޯ ހުސޭނު‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ބަބުލް ގާތުގައި ބުނޭ އުމަރު ނަސީރާއި ބައްދަލުކުރާށޭ އަދި ނީލާން ފިހާރައިން ލަކުޑި ފޮށިގަނޑެއް ހޯދައިގެން އޭގައި ” ހައިރާތުލް ބަބުލް ” ޖަހައިގެން ޖަލްސާ އެއްބާއްވާ އެއްކަލަ ފޮށި ބަހައްޓާށެވެ. އިސާހިތަކު ފާއިތުވި 12 އަހަރުން ނުލިބުނުވަރަށް ފައިސާ ލިބިދާނެ، ނޫނީ އޭނާ ކައިރީ ބުނޭ ބަނގުލަދޭސް ހުރިހާ އެންމެންނާއިގެން ނުކުމެ ހައްގު ހޯދުމަށް ޖުމްހޫރީ މައިދާނުގެމެދުގައި އެހިރި ހެލިޕޭޑް ގައި އިށިއިންނާށޭ ، ފަހަރެއްގަ ރައީސްކަން ވެސް ލިބިދާނެ ، މިހާރު ރައީސަކަށް ވެސް އެހުރީ އެއްއިރަކު އެތަނުގައި އެގޮތަށް ބަޔަކާއިގެން އިށިއިނދެވަޑައިގެންނެވި ބޭފުޅެއް

  8. މުޙައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    މި ރަށުގަވަސް އެބޯޅޭ ހަމަ ތިޔަހެން އަހަރެމެންނަށް މަސައްކަތް ކޮށްދޭ ބައިވަރު ބިދޭސީން. މިސާލަކަށް ޕުއިސަޔާ، ސަންތޯހާ، ސާންތި މެޑަމާ (އެމިހަ ދޮއްތޮ މިހާރު ހިނގައްޖެ). މިކަހަލަ މީހުންގެ އަގު ވަޒަންކޮށް ކިޔެއް ވާނީ ފިލާގަނޑެއް ދިނިއްޔާ. ތިޔާ އަލަށް ހަދައިގެން އުޅޭ ޖަމިއްޔާއިން ނިކަން ޖަލްސާ ގަނޑެއް ބާއްވާފަ، އެމީހުނަށް ފިލާގަނޑެއް ދީބަލަ. ހާދަ ބަޔަކަށް ކިޔަވައިދީ، ހާދަ މަސައްކަތެއް ކުރާ ބަޔެކޭ އެ. އެމީހުން ކިޔަވައިދޭ އިސްޓައިލު ދެން ކުޑަކޮށް ބޯދާ ގޮތެއް ހުއްޓަކަސް ނިކަން ހިތް ހެޔޮ ބަޔެއް ވިއްޔާ އެ.

  9. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    އަސްލު މީ ވަރަށް ރަނގަޅު މެސެޖުތަކެއް އޮތް ލިޔުމެއް. ބިދޭސީންނެއް ކަމަކު އެއީވެސް އިންސާނުން. ކަންތައް ކުރަންވާނީ އިންސާނުންނަށް ކަންތައް ކުރާ އުސޫލުން. ރާއްޖޭގަ ބިދޭސީން އެބަ ގެންގުޅިލާ ކުންފުނިތަކުގަ މަހަކު 900 ރުފިޔާ ދީގެން. އެއީވެސް ކޮށްގެން ވާނެކަމެއް ނޫން. މަދުވެގެން 100 ޑޮލަރު ކީއްވާނީ ދޭން. އަނެއްކޮޅުން އެމީހުން އަހަރެމެންގެ ކުނި އުކާ، ފާހާނަ ސާފުކޮށްދީ ހަދާ އިރު، އެމީހުންނަށްވެސް މަގުމަތީގަ އެއްވެސް އަމާން ކަމެއް ނެތް. ކަޓަރު އަޅާ، ނޫނީ ދިމާކޮށް ބޮއްވާ ހަދާ، ދެން ކިޔާނެ ކަމެއް ނެތް. ރާއްޖޭން ބޭރުގަ އަހަރެމެންވެސް އެކަނި އުޅެނިކޮށް އެކަހަލަ ކަމެއް ދިމާ ވުމުން ވިސްނޭނެ ކުރާ އަސަރު.

  10. ބަތްލޮޑޭ‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    މިހާރު ތިބެޔޯލަ ކުއްޔަށް ދޫކުރާ ބިދޭސީންވަސް. އެވަސް ބަޔަކު ކުރާ ވިޔަފާރިއެއްކަމަށް ވަނީ. ދިހަވަރަކަށް ބިދޭސީން އެކި ނަންނަމުގަ ގެނެސް ބަހަައްޓާފަ އެމިހުންނަށް ދޭ މުސާރައެއް ވިއްޔާ ދީފަ މަސްކަތު މީހުންގޮތުގަ ކުއްޔަށް ދޫކުރަނީ. ވަށިހަމަ ރޭގަނޑު ދަންވަރަސް ދުވާލު މެންދުރަސް. އެމިހުން ގިތް ކިޔާފަ ކުރާ މަސްކަތުގެ އުޖޫރަ ލިބޭނީ ބޮހަށް. ބޮސް އެމިހުނަށް މުސާރަ ދެޔޭ ބުނަންޏާ. އަވަދިވެދާނެ ކަލޭނާނީކަށް.