Share

މިހެން ތިބެން މަރުހެޔޮނުވާނެ!

މިހެން ތިބެން މަރުހެޔޮނުވާނެ!
ބަލަދުވެރިއެއް

މި ސައިޓްގައި ގުރޭޑް 11 ގެ ކުދިންކަމަށް ބުނެ، އެނަމުގައި ލިޔެފައިވާ ސިޓީ ކިޔައިފީމެވެ. ދެން ހިތަށް މިއަރަނީ، މިހެން ހަމަ ތިބެންވީ ހެއްޔޭއެވެ؟ ތިބޭކަށް ހިތެއް ނުރުހެއެވެ. އެގޮތަށް ނުރުހެވެނީ މައްސަލައިގެ ސީރިޔަސްކަމުންނެވެ. އެހެނީ، މި ދައްކަނީ އިސްކޫލްކުދިބަޔަކަށް ބޭނުންވާ ފޮތްތައް ނުލިބިގެން ނުކިޔެވިގެން އުޅޭވާހަކައެވެ. މިދައްކަނީ ސަރުކާރުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހަމަ ގަސްތުގައި ވަމުންދާ އިހުމާލެއްގެ ވާހަކައެވެ. މި ދައްކަނީ، ލޮލުގެ ކޮއި ފަދަ ދަރިންގެ މުޅި ދިރިއުޅުމަށް ހިޔަނި އެޅޭނެ މައްސަލައެއްގެ ވާހަކައެވެ.

އިސްކޫލް ކުދިބަޔަކީ މި ފަހަރު އާދައިގެ ކުދިބައެއް ނޫނެވެ. އެއީ އޯލެވަލް އިމްތިހާނުގައި ރަނގަޅު ނަތީޖާ ހޯދުމަށްފަހު މޮޅު މީހަކަށް ވުމަށް ނިންމައި ދެވަނަ ފަހަރަށް ޖަލާލުއްދީނުގެ ޔުނީފޯމް އެޅި ކުދިބައެކެވެ. އެކުދިން ކިޔަވަން އެބަ ބޭނުންވެއެވެ. ބެލެނިވެރިން އެކުދިން މޮޅު ބަޔަކަށް ހެދުމަށް އެބަ ބޭނުންވެއެވެ. ނަމަވެސް މިފަހަރު މިކަމަށް އޮތް ހުރަހަކީ އެކުދިންނަށް ދޭނެކަމަށް ސަރުކާރުން ބުނި ފޮތްތައް ހޯދައި ނުދިނުމެވެ.

ދެ އަހަރު ދުވަސްތެރޭ ނިންމަންޖެހޭ ކިޔެވެލިތަކުގެ ފުރަތަމަ އަހަރު އެކުދިންނަށް ކިޔަވަން ޖެހިފައި އެވަނީ، ކިޔެވުމަށް ބޭނުންވާ ޓެކްސްޓްފޮތްތަކާއި ނުލައިކަން އެކުދިންގެ ސިޓީން އެޔޮތީ އެނގޭށެވެ. އަހަރެމެން ވިސްނަންވީ ދެއަހަރު ދުވަސް ވަރަށް އަވަހަށް ނިމިގެން އައިސް އެކުދިން އެ ހަދާ އިމްތިޙާނެއް ހަދާނެކަމެވެ. ދޭނެކަމަށް، ސަރުކާރުން ވައުދުވި ޓެކްސް ފޮތްތައް ދޭނެހާ ދުވަހެއް ވާނދެން އިމްތިހާނު ނުބާއްވައި ލަންޑަނު މީހުނެއް ނުތިބޭނެއެވެ. އެ މީހުންނަކީ ދިވެހިންނެއް ނޫނެވެ.

ކިޔެވުމަށް ދަތިވެގެން އެކުދިންނަށް ޔަގީނުންވެސް މިފަހަރު އުޅެން މިޖެހުނީ އެކުދިންގެ ފީކަޅާކަމަކުންނެއްނޫނެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފީކަޅާކަމާއި ދޯހަޅިކަމުންނެވެ. ވީމާ، އެޑިޔުކޭޝަން މިނިސްޓަރު ޒިންމާދާރުކުރުވުން އެއީ، އެކުދިން ނިސްބަތްވާ ސްކޫލާއި އެކުދިންގެ ބެލެނިވެރިން އަދި މުޅި ކުޅުދުއްފުށީ ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެކެވެ.

މިނިސްޓަރު، ނިކަން ހެވިފައި ކުޅުދުއްފުއްޓަށް އައިސް، މިރަށަކީ ތިމަންނަޔާއި ނިކަން ގުޅުންބޮޑު ޚާއްސަ ރަށެކޭ… ތިމަންނަ އެންމެ ފުރަތަމަ ހެޑްމާސްޓަރަކަށް ހުރީ މިރަށުގައޭ… އޭރު މިރަށު މީހުން ސްކޫލަށް ކިޔަނީ ބޯޑިންގޭ… ފަށުވި ޢިބާރާތުން ބުނުމުން ގޯނިފުލަށް ލެވިގެން ހެދިފައި ތިބުމުގެ ބޭނުމެއް ނެތެވެ. މިނިސްޓަރާއި ކުޅުދުއްފުށިމީހުން ސްވާލުކުރަންވީ މިހާރުއެވެ.

ބެލެނިވެރިން ނުކުމެ، ސާފުބަހުން އެޑިޔުކޭޝަނަށް، މި މައްސަލަ ހައްލުކުރުމަށް އަންގަންވެއްޖެއެވެ. ސްޓޭޓް މިނިސްޓަރަށާއި އޭނާގެ ނާއިބުންނަށް އަދި ކައުންސިލަރުންނަށް، މި މައްސަލަ ހައްލުކުރަން އަންގަންވެއްޖެއެވެ. ނޫންނަމަ ތޫނުފިލިކުދިބައެއްގެ ދިރިއުޅުން ބަނަވެގެން ހިނގައިދާނެއެވެ.

ބެލެނިވެރިންނާއި ރައްޔިތުން، ސަރުކާރުގެ ވެރިން ޒިންމާދާރުކުރުވަންޖެހޭ ވަގުތުތަކަކީ މިއެވެ. ފޮތްތައް ހޯދައިދިނުމަށް ސަރުކާރަށް އަންގާށެވެ. އެއީ ސަރުކާރުން ކިޔަވާކުދިންނަށް ހޯދައިދޭނެކަމަށް ބުނި ފޮތްތަކެވެ. މިހެން ހަމަ ތިބެން މަރު ހެޔޮނުވާނެއެވެ.

,

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސަޢުދު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2009

    ސީ.އެޗް.އެސް އީ އިން މައްސަލަ ހައްލުކުރިޔަސް ޖަލާލުއްދީނަށް އެކަމެއް ނުވާނެ. އެއީ އެއަށްވުރެ ކަންފަސޭހަ ބައެއް. އަހަރެން އެތާ އުޅުނުއިރުގެ ތަޖުރިބާގައި ބުނާނަމަ އެއީ، ސްޕަރކޫލް ތަނެއް. މައްސަލައެއް ހުށަހެޅިޔަސް ހައްލުކޮށެއް ނުދޭނެ. މިއީ ކޮށްފައިވާ ތަޖްރިބާ. އެކަމަކު ރަނގަޅު ނަތީޖާއެއް ހޯދައިފިނަމަ ހީވާނީ ދުނިޔެ ރަންވީހެން.

  2. އިނގިރޭސި ރިހަގަނޑު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2009

    މީގަ ކުރެވިދާނެ ކަމެއް، މަތި އުތުރު ސްޓޫޑިޔޯ އެކޭ ކިޔާފަ ކުޅުދުއްފުށީ އަންހެންކުއްޖަކު ލައިގެން ހަބަރު އެކިޔަނިއްޔޭނުން ތަނެއް؟ އެތަނުން މިކަމާ ބެހޭ ގޮތުން ރިޕޯޓެއް ހެދުން.
    ހަވީރު ނޫހުގަ ހުރެޔޯ ކުޅުދުއްފުށީ ކޮރަސް ޕޮން ޑެންޓެއް މިބޭފުޅާ ވެސް މިކަންތައް ހަވީރު ނޫސް މެދުވެރިކޮށްގެން ގައުމުގެ ސަމާލުކަމަށް ގެނެވިދާނެ.
    ދައުރު ބަދަލުވެގެން އައި ދުވަސްވަރު އެންމެ ގިނައިން ގޮވާ އަޑު އިވުން ކޮހަކީ ތައުލީމޭ ތައުލީމޭ މިހާރު މި ވަނީ ފަހެ ކިޔެއް؟

  3. އައިމީ‮ ‬ވިދާޅުވީ


    ތާރީޚް:04/09/2009

    ސައުދު އެބުނީ ހަމަ ތެދެއް.