ދުވަހުގެ ނަސޭޙަތް: އިޖްތިމާއީ ގުޅުންތައް ވަރުގަދަ ކުރުން
މުޖުތަމައެއްގައި އެއްބައިވަންތަކަން ނެތްނަމަ އެ މުޖުތަމައެއްވާނީ ވަރަށް ބަލިކަށި މުޖުތަމައަކަށެވެ. އިޖްތިމާއީ ގުޅުންތައް ނެތްނަމަ އެ މުޖުތަމައެއް ތަރައްގީ ވުމަކީ ދުރު ކަމެކެވެ. އިސްލާމްދީނުގައި އިޖްތިމާއީ ގުޅުންތައް އޮންނަންވީ ގޮތް ބަޔާން ކޮށްދީފައިވެއެވެ. ކީރީތި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަމުގައި ރިވެތި ނަމޫނާއެއް އަޅުގަނޑުމެންނަށް ދައްކުވައިދީފައެވެ. މަދީނާ އަށް ހިޖުރަކުރެއްވެވި ދުވަހުން ފެށިގެން އެރަށުގައި އިސްލާމީ ދައުލަތެއް ގާއިމު ކުރައްވާ މައްކާއިން ހިޖުރަކުރެއްވި ބޭކަލުންނާއި މަދީނާގެ އަހުލުވެރިންނާއި ދެމެދު އެ ގެންގުޅުއްވި ހަމަތަކަކީ މިއަދު އެ ހާދިސާތަކުން އިބްރަތް ހާސިލު ކުރަންޖެހޭ ކަންތައްތަކެވެ.
އަޅުގަނޑުމެންނަކީ، އެއް ދީނަކަށް ތަބާވެގެންތިބި އެއް ބަހަކުން ވާހަކަ ދައްކާ، އެންމެ 3 ލައްކައެއްހާ މީހުންގެ ތެރޭގައި ހިމެނޭ ބަޔަކަށް ވީ ހިނދުވެސް، އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިއޮތް ބައިބައިވުން ތަކާއި އިޖުތިމާއީ ބަލިތައް ގިނަ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައި މަދީނާގެ މުޖުތަމައުގައި އޮތް ހަމަޖެހުމާއި އިޖުތިމާއީ ގުޅުންތައް އޮތް ގޮތް ދިރާސާކޮށްފި ކޮންމެ މީހަކަށްވެސް އެނގި ހާމަވެގެންދާ އެއްކަމަކީ، އެކުވެރިކަމާ އެއްބައިވަންތަ ކަމަކީ ބައެއްގެ ތެރޭގައި ހަމަޖެހުން ގާއިމުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމުގައެވެ.
އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ހައްގުތަކެއް އޮވެއެވެ. އޭގެ ތެރޭގައި ދޭދޭ މުސްލިމަކު ދިމާވެއްޖެނަމަ އިސްލާމީ ސަލާމަކުން ސަލާމް ކުރުމާއި، މުސްލިމު އަޚަކާއި ރުޅިވެރިކަމާއި އެކު ވާހަކަ ނުދައްކާ ތިން ދުވަހަށް ވުރެ އިތުރަށް ނުހުރުމަށާއި، މުސްލިމް އަޚަކު ބަލިވެއްޖެނަމަ އެމީހަކު ގާތަށް ޒިޔާރަތް ކުރުމާއި، މުސްލިމު އަޚެއް މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމާއި، ދައުވަތެއް ދެއްވައިފިނަމަ އެދައުވަތް ގަބޫލު ކުރުމާއި އަދި މުސްލިމު އަޚަކު ކިނބިހި އެޅުމަށްފަހު ﷲ އަށް ހަމްދު ކޮށްފިނަމަ އެކަމުގައި އެމީހަކުވެސް ބައިވެރިވެ ﷲ ހަމްދުކުރުން ހިމެނެއެވެ. މި ފަސް ކަމަކީ، މިއަދުގެ މުޖުތަމައުގައިވެސް ދިރުވާ އާލާކުރަންޖެހޭ މުހިއްމު ފަސް ކަންތައްތަކެވެ.
ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 19، 20)
# ނަމާދު ކުރާ މީހާގެ އައުރަ ނިވާ ކުރުމަކީ ނަމާދު ޞައްހަ ވުމުގެ ޝަރުތެއްތަ؟
# ޖުނުބުވެރި ވެފައިވާ މީހާއަށް ނަމާދު ކުރެވިދާނެތަ؟

ދީނާއި ދުނިޔެ