Share

ހުންނަވަން ޖެހިވަޑައިގަންނަވާނީ އަޅުގަނޑުމެންގެ ކޮޅުގައި

ހުންނަވަން ޖެހިވަޑައިގަންނަވާނީ އަޅުގަނޑުމެންގެ ކޮޅުގައި
މުހައްމަދު އިސްމާއިލް

މީގެ ދެތިން ދުވަސް ކުރިން މިސައިޓުގައިވާ ހަބަރެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީ އަށް ސޮއި ނުކުރި ނަމަވެސް އަބަދުވެސް ސަރުކާރު ކޮޅުގައި ހުންނަވާނެ ވާހަކަ އެވެ. ވާހަކަ މާ ދިގު ނުކޮށް، ކެރިހުރެ ދަންނަވަން ޖެހެނީ ޣަފޫރު ވިޔަސް ނަޝީދު ވިޔަސް ހުންނަވަން ޖެހިވަޑައިގަންނަވަން ވާނީ އަޅުގަނޑުމެން (ކުޅުދުއްފުށީގެ ރައްޔިތުންގެ) ކޮޅުގައި ކަމަށެވެ.

މިއީ އަޅުގަނޑުގެ ހިޔާލެވެ. އަޅުގަނޑު ބޭނުންވާ ގޮތެވެ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވުމުގައި ގެންގުޅުނު ވިސްނުމެވެ. ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސިޔާސީ ޕާޓީގައި ބައިވެރި ވުމުގެ ހައްޤު އެބައޮތެވެ. އެކަމަކާ އަޅުގަނޑު ދެކޮޅެއް ނުހަދަމެވެ. ޣަފޫރަށްވެސް އަދި ނަޝީދަށްވެސް ސިޔާސީ ޕާޓީ އެއްގައި ބައިވެރި ވުމުގެ ހައްޤު އެބައޮތެވެ. އަދި ހަމަ އެފަދައިން ސިޔާސީ ވަކި ޕާޓީ އަކަށް ތާއީދު ކުރުމުގެ ހައްގުވެސް އެބައޮތެވެ.

ވާދަވެރި އިންތިހާބަކަށްފަހު ކުޅުދުއްފުށީގެ ދެގޮނޑި އަށް ހޮވިފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އުސްތާޛު މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނުގެ ހަށިފާރަވެރިއެއްގެ ގޮތުން ގިނަ އަހަރު ތަކަކު މަސައްކަތް ކޮށްފައިވާ އަބްދުލްޣަފޫރު މޫސާ އެވެ. ކުޅުދުއްފުށީގެ ރައްޔިތުން އެދެބޭފުޅުންނަށް ވޯޓު ދެއްވާފައިވަނީ، އެދެބޭފުޅުން ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކޮށްދެއްވާނެ ކަމުގެ އުއްމީދުގައެވެ. ނުވަތަ އެ ފަދައިން ވަކާލާތު ކުރުމަށްޓަކައެވެ.

އަޅުގަނޑުގެ ނަޒަރުގައި، ނަޝީދު އަދި ޣަފޫރު ކޮންމެ ޕާޓީއެއްގައި ހަރަކާތްތެރި ވި ކަމުގައި ވިޔަސް އަދި ކޮންމެ ބަޔަކަށް ތާއީދު ކުރެއްވި ކަމުގައި ވިޔަސް ، ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤުތައް އިސްކުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ކުރިއަށް އޮތް 5 އަހަރު ދުވަހު އެބޭފުޅުންގެ ރަސްމީ މަސައްކަތުގައި އެންމެ އިސްކުރައްވަން ޖެހޭނީ ކުޅުދުއްފުށީ ރައްޔިތުންގެ އަޑެވެ.

އަބްދުލްޣަފޫރުގެ މިނިންމެވުމާމެދު ކުޅުދުއްފުށީގެ ބައެއް ރައްޔިތުންގެ ހިޔާލުވެސް ހޯދާލީމެވެ. އެމްޑީޕީ އަށް ތާއީދު ކުރައްވާ ބޭފުޅުންނަށް މިހަބަރު ވެގެން ދިޔައީ އުފާވެރި ހަބަރަކަށެވެ. ހަމަ އެގޮތަށް އިދިކޮޅު ޕާޓީގެ ބޭފުޅުންނަށް މިކަން ވެގެން ދިޔައީ ހަޖަމް ކުރަން ދަތިވި ކަމަކަށެވެ. އަދި މިކަމުގައި “ވަރިހަމަ” ބޯޑު އަޅުވައިގެން ތިބި ރައްޔިތުންނެއް ވެސް މަދެއް ނޫނެވެ.

ކޮންމެ އަކަސް އަޅުގަނޑުގެ ހިޔާލު މިކަމުގައި ކުޑަކޮށް ތަފާތެވެ. އެހެނީ، ނަޝީދު ވެސް އަދި ޣަފޫރު ވެސް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރައްވަމުން ގެންދެވި ދުވަސްވަރު ހުންނެވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. އަދި، ކެމްޕޭން ތެރޭގައި ވަކި ޕާޓީއަކާ ގުޅޭނެ ކަމަކަށް ރަސްމީކޮށް ވިދާޅުވެފައެއްވެސް ނުމެ ނެތްމެއެވެ. ކަންމިހެން ހުރި އިރު ދެބޭފުޅުންނަކީވެސް “މިނިވަން” ދެ މެމްބަރުން ކަމުން އެގޮތުގައި ކުރިޔަތް އޮތް ފަސް އަހަރު ދުވަހު މަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭ ގޮތެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ހިޔާލެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ މައްސަލަތަކުގައި ވެސް އަދި ގާނޫނު ތައް ހެދުމުގައި ވެސް ޕާޓީ ލައިނުން ވޯޓު ދިނުމުގެ ބަދަލުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން މުޅި ގައުމަށް ފައިދާވާގޮތަށް ކަންކަން ނިންމެވުމަކީ އަޅުގަނޑު އެދޭ ގޮތެވެ. އެހެނީ، ތި ދެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ވަޒީފާ ދީފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުން ކަމަށްވެފައި، އެ ރައްޔިތުން ވޯޓު ދިނީ މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް ވީތީއެވެ. މިހާރަށް ވުރެ ބޮޑަށް ކުޅުދުއްފުށީގެ ރައްޔިތުންނާއި ގުޅިގެން ކުޅުދުއްފުށީގެ ރައްޔިތުންގެ ހިޔާލާއި ފިކުރު ސިޔާސީ ކަންކަމުގައި ހޯއްދެވުމަކީވެސް އަޅުގަނޑުގެ އެދުމެކެވެ. އަދި ކުޅުދުއްފުށީގެ ރައްޔިތުންވެސް ގައުމުގައި ހިނގާ ސިޔާސީ ބޮޑެތި ކަންކަމުގައި އެކަންކަމާއި މެދު ފުންކޮށް ވިސްނައި ތިޔަ ރައްޔިތުންގެ ހިޔާލާ ފިކުރު އެދެމެމްބަރުން މެދުވެރި ކޮށް ރައްޔިތުންގެ މަޖިލީހުގައި އިއްވުމަކީ މުހިއްމު ކަމެކެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ.

‮ ‬14‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިބްރާހިމް ވަހީދު‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    ވަރަށް ރަނގަޅު ލިޔުމެއް. މަށަށްވެސް ތާއިދު ކުރެވެނީ އިސްމާލު ތިޔަ ބުނިގޮތަށް. އެންމެ އިސްކުރަންޖެހޭނީ އަހަރެމެންގެ އަޑު. ދެން އޭގެ ފަހުން އެ ތާއީދު ކުރާ ބައެއްގެ އަޑު. އެއީ މަވެސް ބޭނުންވާ ގޮތަކީ. ކޮބާ ކޮންތާކު އޮވެއޮވެފަ ތި ނުކުތީ. ހަމައެކަނި ނަސޭހަތް ލިޔުނަކަސް ކަމަކު ނުދާނެ، މިކަހަލަ ލިޔުންތައް މިހާރު މިސައިޓުން ފެންނަލެއް ވަރަށް މަދުވެއްޖެ.

  2. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    މިނިވަން މިބަސް އޮންނާނީ ހަމަ އޮންނަތަނުގަ. އެހެންނޫނީ ބޭރުފުށުން މިނިވަނޭ ކިޔައިގެން އުޅޭނީ. ނަމަވެސް އެތެރެއޮތީ އަޅުވެތިކޮށްފަ.

  3. އެސްފީނާ ޖެހިފައިވާ މީހާ‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    ކޮންމެމީހަކުވެސް އެމީހެއްގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރެވޭތޯ ބަލަނީ. ވީގޮތަކީ ޣަފޫރު ފަޅުރަށަކުން ލަކުޑިކެނޑި މައްސަލައެއް އެމްޑީޕީގެ މެންބަރުން ހިލުވާލަންވެގެން އެރަށަށް ލޯންޗްފަހަރުގައިގޮސް ފޮޓޯނަގާ ވަރަށް ރަނގަޅަށް އެމައްސަލަ ހިލުވާލަން އުޅެންފެށީމައި ޣަފޫރަކަށްކަމަކު ޖެހޭނީ އަތުންފައިން ހޯހޯ ގޮވާފައި މަމިހުރީ ކަލޭމެންގެ ބައިގައޭ ބުނެ، އެމީހުންރުއްސަންތާދޯ. މަޖިލީހުގައި ވޯޓުދެއްވާފައިވާ ގޮތަށް ބަލާއިރު ބުނެވޭނީ ހަމަ އެމްޑީޕީގެ މެންބަރެކޭ.

    ދެން ނަޝީދުގެ އޮޑި އެދުއްވަނީ ކުރިޔަށް އޮތް އިންތިޚާބަށް ފަހިވާނެހާ ގޮތަކަށް. ރައްޔިތުންނާ ގުޅޭ ބިލްތައް ހުށަހަޅައިގެން ރައްޔިތުންގެ ތާއީދު އިތުރުކުރެވޭތޯ. މަޖިލީހުގައި ވޯޓުދެއްވާފައިވާ ގޮތަށް ބަލާއިރު ބުނެވޭނީ ނަޝީދު އަދި ހުރީ ވަރަށް ނިއުޓްރަލް ކޮށޭ. ނަޝީދު ވަކިކޮޅަކަށް ބުރަނުވެ އެހުންނަނީ ބޮޑު ދެޕާޓީގެ މެދުމިނުގެ ޚިޔާލުގެ މީހުންގެ ތާއީދާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ތާއީދު ހޯދުމަށް. ޑީއާރޕީން ވަކިނުވާން އެހުރީ ވަކިވެއްޖެނަމަ އެޕާޓިގެ ގިނަބައެއްގެ ތާއީދު ގެއްލިދާނެކަމަށް ބަލާފައި. ލަފާކުރެވޭގޮތުގައި އެންމެ ފަހުވަގުތު އެމްޑީޕީއާއި ގުޅުމަކީވެސް ހަމަ އެކަށީގެން ވާކަމެއް. ނަޝީދު އެހުރީ މިހާރުއެހުރީ ދެޕާޓީ ދެމެދުގައިވާ ބޯޑަރ ލައިން ބަލަހައްޓަން.

  4. އެސްފީނާ ޖެހިފައިވާ މީހާ‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    ނަޝީދު ރާއްޖޭގެ 5 ވަނަ ރައީސަށް ވުމަކީވެސް ދުރުކަމެއްނޫން.

    ޣަފޫރުވިޔަސް ނަޝީދުވިޔަސް ފާޅުކަން ބޮޑުގޮތެއްގައި ވަކިކޮޅަކަށް ތާއީދުކުރުމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެ. ޔަގީނުންވެސް ޢަފޫރަށާއި ނަޝީދަށް ގިނަވޯޓް ދީފައިވަނީ ވަކިޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި ޑީއާރޕީގެ މީހުން. އެހެން މިބުނީ ދެދާއިރާއަށްވެސް އެމްޑީޕީން ކެންޑީޑޭޓުން ނެރެފައިވުމާއި އެ ދެ ކެންޑިޑޭޓުންވެސް އެމެޑީޕީގެ 400 އަށް ވުރެގިނަވޯޓް ހޯދާފައިވާތީ.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    މިނިވަން ކެންޑިޑޭޓުންނާއި މެމްބަރުންނަށް މަލްޓި ޕާޓީ ޑިމޮކްރަސީތަކުގައި އޮންނަނީ ވަރަށް ހަނި ފުރުޞަތެއް. އެގޮތަށް ތިއްބަވާ މެމްބަރުންނަށް ކަންކަން ކުރުމުގައި، ލޮބީކުރުމުގައި ދަތިވާނެ. އެހެންވެ ކުރިން ވެސް އަޅުގަނޑުމެން ދަންނަވަމުން މިއަންނަނީ، މިއޮތީ ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމު ޤާއިމު ކުރެވިފައޭ. އެހެންވީމާ، އެނިޒާމާ އެކީ އުޅެން އަޅުގަނޑުމެން ދަސްކުރަމާހޭ. ޣަފޫރު އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް. އޭރުން ސަރުކާރަށް ޖެއްސުން ނުކޮށް، ސަރުކާރާއެކު، ރައްޔިތުންގެ އެދުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރެވޭނެ. އެހެންވެއްޖެނަމަ، ކަންކަން މާފަހިވާނެ. މާއަވަސްވާނެ.

  6. އަދުލީ‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    ޣަފޫރެއްކަމަކު ރުޅި އަރުވަން ނޫޅޭތި. ވަކި ޕާޓީއަކަށް ތާއީދު ނުކުރަމޭ ބުނީމަ ވޯޓު ދިނީވެސް. މިހާރު ދެން ކޮން ޕާޓީ އަކަށް ވަންނާކަށް. މަލްޓިޕާޓީ ޑިމޮކްރަސީ ނޭގިގެނެއް ނޫޅެން. ކޮންމެ ޑިމޮކްރަސީ އެއް އޮތަސް ކުރިއަތް އޮތް ފަސް އަހަރު ނަޝީދުވެސް އަދި ޣަފޫރު ވެސް ހުންނަން ޖެހޭނީ ވަރަށް ލިބަރަލް ކޮށް. ސިކުނޑި ހުޅުވައިގެން. ބޮޑު ދެގެރި ފަހަތުން ނުދުވެ. އެދެގެރި ތަޅާތީ އަހަރެމެންނަށް ހުރިހާ ވަރެއް.

  7. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    “ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ މައްސަލަތަކުގައި ވެސް އަދި ގާނޫނު ތައް ހެދުމުގައި ވެސް ޕާޓީ ލައިނުން ވޯޓު ދިނުމުގެ ބަދަލުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން މުޅި ގައުމަށް ފައިދާވާގޮތަށް ކަންކަން ނިންމެވުމަކީ އަޅުގަނޑު އެދޭ ގޮތެވެ.”

    ލިޔުންތެރިޔާ މިހެން ބުނީމަ ހީވަނީ ރަށުގަ އެއްވެސްމީހަކު އެއްވެސްޕާޓީއަކު ނޫޅެނީހެން. އަދި ވަކި ޕާޓީއަކާ ގުޅުނީމަ ރަށު ރަށްޔިތުންނާއި ދެކޮޅުވީހެން.

    ބަލަ ޕާޓީ އަކީ ހަމަ ރައްޔިތުން ތަމްސީލް ކުރާ ޖަމާއަތެއްނޫންތަ. އެއީ ކޮންމެ ޕާޓީ އަކަށް ވިޔަސް ހަމަ އެއީވެސް ދިވެހި ރައްޔިތުންނޭ.

  8. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    އަބަދުވެސް ރަށަށް ރަގަޅުވާނީ އެއިރަކު ވެރިކަން ކުރާ ޕާޓީ އަކާ ގުޅުނީމަ. އަބްދުލްޣަފޫރުގެ ނިންމުން ހަމަ ރަގަޅު.

  9. އޭ މޫ‮ ‬ވިދާޅުވީ


    ތާރީޚް:15/09/2009

    އަސްލު މައްސަލައަކީ ޣަފޫރު އެމްޑީޕީއަށް ތާޢީދު ކުރުމެއްނޫނެވެ. ކެންޕޭނުގައި ދެއްކި މޫނާ ތަފާތުވާތީއެވެ. ކެންޕޭނުގެ ދުވަސްވަރު ޣަފޫރު ސަރުކާރުން ވަކިވިސަބަބު އަހާލުމުން ބުނެފައިވަނީ ބައްޅައަކަށް ސެލިއުޓްނުނަގަންވެގެން ސަރުކާރުން ވަކިވީކަމަށެވެ. އެހެންނަމަވެސް އަޅުގަޑުމެނަށް މިފެންނަނީ އެއްކަލަބައްޅަފަހަތުން އެބުރިގަތްތަނެވެ. މިހެންވުމުން އެފަދަ ބަސްތައް ޣަފޫރުގެ ފަރާތުން އަޑުއިވުނުމީހުންނަށް މިކަން ހަޖަމުކުރަން ފަސޭހައެއް އަދި ބޭނުމެއްވެސް ނުވާނެއެވެ. ދެންނޭގެދޯ ބައްޅަ ފުއްލާއަކަށް ވީކަމަށްވެސް ވެދާނެދޯ!!!!

  10. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:15/09/2009

    ކެންޕޭނުގައި ވެސް ޣަފޫރު ބުނިވާހަކަ މިހާރުވެސް އެބުނަނީ ސަރުކާރާދެކޮޅުވެރިއެއްނުވާނަމޭ.ރައްޔިތުން ނަށް މަސައްކަތް ކޮށްދެވޭނީ ސަރުކާރާ އެއްބައިވެގެންނޭ ވޯޓުލީ ދުވަހުވެސް މަކައިރީ ޣަފޫރު ބުނުއްވި. ދެން ކޮންމެ ގޮތެއްވިޔަސް ރައްޔިތުން ނަށް ހިދުމަތް ކުރެވޭނީ ސަރުކާރުގެ ކޮޅުގައި ހުރެގެން.

  11. އަބޫބަކުރު‮ ‬ވިދާޅުވީ


    ތާރީޚް:15/09/2009

    ޕިސްޕިސްގެ ވިސްނުން ކޮށި ކަމާމެދު އަޅުގަނދު ހަމަ ދެރަވަން. ސަރުކާރުގައި ނޫޅޭ މީހަކަށް ނުވަތަ ސަރުކާރަށް ތާއީދު ނުކުރާ މީހަކަށް ރައްޔިތުންނަކަށް ހިދުމަތެއް ނުކުރެވޭ ތިބުނީ. 2004 ވަނަ އަހަރުން ފެށިގެން މައުމޫނުގެ ސަރުކާރު ވެއްޓެންދެން އެމްޑީޕީ އިން އެކުރީ އެހެންވީމަ ރައްޔިތުންނަށް ހިދުމަތއެއް ނޫންދޯ. އެއީ އޭރު އެމްޑީޕީ އޮތީ ސަރުކާރު ކޮޅުގައެއް ނޫން. ޕިސްޕިސް އަދި ބޮޑުނުވަނީ ކަންނޭގެ ސިޔާސީ ކަންކަމުގައި ފާޑުކިޔަން. ޕިސްޕިސް އިނދޭ މިސައިޓު ކަޑައޭ ކިޔަކިޔަ. އޭރުން ރަނގަޅުވާނެކަމަށް ފެންނަނީ. ދެން މިކޮމެންޓް ކިޔާފަ ތެޅި ނުގަންނާތި.

  12. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:15/09/2009

    ހެހެހެ.ބަލަ ބަކުރާ ތިޔަގޮވެނީ ގުދޯގުދޯ.ސަރުކާރު ގެ މާނަ އެނގޭނަމަ މީހަކު ހަމަ އެއްޗެކޭ ބުނެލާއިރަށް ތިޔަގޮތަށް ތެޅިއެއްނުގަންނާނެ.ޤާނޫނީގޮތުން ޤައުމެއްގެ ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ ފަރާތް މއީ ސަރުކާރު.މިބާރު އުފެދިގެން މިއަންނަނީ ރައްޔިތުންގެ ކިބައިން،.ދެން ރައްޔިތުން ނަކީ ޤައުމެއްގެ ނުވަތަ ރަށެއްގެ މީހުން. މީ ރަދީފުގައިވާގޮތް. ވީއިރު ރައްޔިތުންގެ ތެރެއިން މިނިކުންނަ މީހުންނާ ދެކޮޅުވެރިވެ. ކުރާނެހާ ޖެއްސުމެއްކުރީމާ ގައުމު ދާނީކުރިއަށްތަ؟ ނޫނީ އޭރުން ރައްޔިތުންނަށް ވަރަށް ފައިދާކުރާނެދޯ. ބަލަ މޮޔަޔާ، މީހާ ކޮންމެ ޕާޓީއެއްގަ ހުއްޓަސް ސަރުކާރާ އޭރަކު އެއޮންނަ ސަރުކާރަށް ބޯލެނބުން އެއީ ކޮންމެ މީހެއްގެ މައްޗައްވާޖިބެއް. މިކަން ނުދަންނަމީހުން ނަކީ ބުއްދި އުނި ނުވަތަ ނުކުޅެދޭ މީހުން. ޕާޓީތަކުގެ ދައުރަކީ ކޮބައިކަން އެނގޭތަ ބަކުރަށް. އެއްޑީޕީވެސް ޑީއާރުޕީވެސް ކޮންމެ ޕީއެއްވިއަސް ސަރުކާރާ ދެކޮޅުވެރިވާނަމަ އެކުރެވެނީ ކުށެއް. އެހެންނެއްނޫން ސަރުކާރުގެ ހުރި ނުރަނގަޅު ކަންތަކުގެ ވާހަކަ ދައްކާ މިކަން ކަން އިސްލާހުކުރެވިދާނެ ޕާޓީތަކަށް.އެކަމަކު އެއަދި ނުވާނެ ދެކޮޅުވީކަމަކަށް.. މިހާރު އެގިއްޖެދޯ ..މިކޮމެންޓު މިލިއުނީވެސް ބަކުރާ ދެކޮޅު ހަދާށޭ އަނެއްކާ ހީނުކުރާތި . ބަކުރަށް މަބުނި އެއްޗެއް ސާފުނުވާހެން ހީވާތި ސާފުކޮށްލަދޭން.

  13. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:15/09/2009

    އިސްބެގެ ފުރަތަމަ ކޮމެންޓަށް ތާއީދުކުރެވޭ.މިރާއްޖޭގައި ބައެއްމީހުން ޕާޓީތަކުގެ ޒިންމާ އަކީ ކޮބައިކަންނޭގި ވާހަކަ ދައްކާނަމަ މީހުނަށް އޮޅޭނެ. އެއީމިވާގޮތަކީ.އަދި ކިޔަވައިދޭއިރުވެސް ޕޮލިޓީކުސް މިއީ މާއްދާއެއްގޮތުގަ ކިއަވައިދިނުމެއްނޯވޭ މިތާކު. ދެން އަމިއްލަށް ކޮންމެ މީހަކީވެސް ޕޮލިޓިކުސްގެ އެދުރަކަށް ވެފައި މިއޮންނަނީ .

  14. މުދިންބެ‮ ‬ވިދާޅުވީ


    ތާރީޚް:16/09/2009

    ހާސިމަށް ނޫނަކަސް އެނގޭ މިގައުމުގައި މިއޮތީ ތިބުނާ ޕާޓީތައް އައިސްފައިކަން އެކަމަކު މިނިވަން މީހުން ތިބެނީވެސް ކަމަކުތާދޯ، މިރާއްޖޭގެ އާބާދީގެ ބޮޑުބައެއް އަދިވެސް ތިބީ އެއްވެސް ޕާޓީއަކަށް ސޮއިނުކޮށް މިނިވަނުން ގޮތުގައި.