ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ 8 ވަނަދުވަސް ނިމިގެންދިޔައީވެސް ވަރަށް ފޯރިގަދަކޮށެވެ. އެގޮތުން ރޭ ކުޅެވުނު 2 މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އަންމު އާއި ޒިގްޒެގްއެވެ. މިމެޗު ނިމިގެން ދިޔައީ 1 ލަނޑު 0 ލަނޑުން އަންމު މޮޅުވެގެންނެވެ. މިމެޗުގައި ޓީމް އަންމު އަށް ޖަހައިދިން ހަމައެކަނި ލަނޑުޖަހައިދިނީ މެޗުގެ މޭން އޮފް ދަމެޗަކަށްވެސް ހޮވިފައިވާ އެޓީމްގެ ޖާޒީ ނަންބަރ 11 އަސްވަދު ރަޝީދުއެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ކީޕަރސް އާއި ބާނި ޔުނައިޓެޑްއެވެ. މިމެޗު ނިމިގެން ދިޔައީ 2 ލަނޑު 0 ލަނޑުން ބާނި ޔުނައިޓެޑް މޮޅުވެގެންނެވެ. މިމެޗުގައި ބާނި ޔުނައިޓެޑްއަށް ޖަހައިދިން ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 18 އަހުމަދު ޤާސިމްއެވެ. މިޓީމަށް ޖަހައިދިން 2 ވަނަ ލަނޑު ޖަހައިދީފައިވަނީ މެޗުގެ މޭން އޮފް ދަމެޗުކަން ހޯދި އެޓީމްގެ ޖާޒީ ނަންބަރ 6 އަންވަރު މުހައްމަދެވެ. މި މެޗުގައި ޒިގްޒެގް ކީޕަރސްގެ ޖާޒީ ނަންބަރ 19 މުހައްމަދު އަލީ އަށްވަނީ ރީނދޫކާޑެއް ދައްކަވާފައެވެ.
މިމުބާރާތުގެ 2 މެޗު މިރޭވެސް ކުޅެވޭނެއެވެ. އެގޮތުން ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޒިގްޒެގް ރިވެންޖް އާއި ލެސިކްސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ނޮކްއައުޓް އާއި ނިއުއޭޖްއެވެ. މިދެމެޗު ކުޅުމުން ގްރޫޕް ސީ ގެ ހުރިހާ މެޗެއް ކުޅެނިމޭނެއެވެ. އަދި މިގުރޫޕް އިން މިހާރުގެ ތާވަލަށް ބަލާއިރު ދެވަނަ ބުރަށް ދިއުމުގެ ޗާންސް އެންމެ ބޮޑީ ލެސިކްސް އަށާއި ނިއުއޭޖްއަށެވެ.








ކުޅިވަރު