Qauntum

Share

ރޯދަ މަހާއި ކުޅިވަރު…….!

ރޯދަ މަހާއި ކުޅިވަރު…….!

މުހައްމަދު އިސްމާއިލް

ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ މީލާދީން 1153 ވަނަ އަހަރު އެވެ. އެ ޒަމާނުއްސުރެ މީލާދީން 1558 އަހަރާ ހަމައަށް ދިވެހިން ތިބީ ފުރިހަމަ މުސްލިމުންގެ ގޮތުގައެވެ. 1558 ން 1573 ވަނަ އަހަރާއި ހަމައަށް ދިވެހިންގެ ބަޔަކު ދީން ބަދަލުކޮށް އެހެން ދީންތަކަށް އުޅެތެވެ. އާދެ އެދުވަސްވަރަކީ ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތި ކޮށްގެން އުޅުނު ދުވަސްވަރެވެ. އެއަށްފަހު ކުޅުދުށްފުށީގެ އަވަށްޓެރި އުތީމް ތިން ބަދަވިން ފެއްޓެވި ގައުމީ ޖިހާދު ނިންމަވާލެއްވީ ކުރީގެ ހާލަތަށް ދިވެހިން ބަދަލު ކުރުވާފައެވެ. އެހެންނަމަވެސް ދާދި މިދާކަށް ދުވަހާއި ހިސާބަށް ދިވެހިންގެ ޘަގާފަތުގައިވަނީ ބުދުދީނުގެ އަސަރު ވަރަށް ބޮޑަށް ވަކިހިއްޕާލަފައެވެ.

ރަމަޟާން މަހަކީ އެހެން މަސް ތަކަށް ވުރެ މާތް މަހެކެވެ. ސަބަބު ތައް ބައިވަރެވެ. އެމަހަކީ ކީރީތި ޤުރުޢާން ބާވާލެއްވި މައްސަރެވެ. އެމަހަކީ އެއްހާސް މައްސަރުގެ ހެޔޮކަމާއި އެއްވަރުގެ ހެޔޮކަން އެމަހެއްގެ އެންމެ ރެއަކުން ލިބިގަނެވިދާނެ ރެއެއްވާ މައްސަރެކެވެ.

ކޮންމެއަކަސް ދިވެހިން ނަށް ރޯދަ މަސް ވެގެން ދަނީ ވަރަށް ވެސް އުފާވެރި އިހްސާސް ތަކެއް ކުރުވާ މަހަކަށެވެ. އެހެނީ އެމަހަކީ އެހެން މަސް ތަކާއި އަޅާބަލާއިރު ކުޅިވަރުތަށް ގިނަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަށް ގިނަ މަހެކެވެ. ދިވެހިންގެ ގިނަ ބަޔަކަށް މިމަސް އުފާވެރި ވަނީ ދީނީ ގޮތުން މިމަސް މާތް ކުރައްވާފައިވާ މަހަކަށް ވާތީކަމަށް ގަބޫލެއްނުކުރެވެއެވެ.

ރޯދަ މަސް ފެށެން ކުޑަތަން ވަމުންދާ ހިނދު ދިވެހިން އުޅެމުންދާ ގޮތަކީ އެއްވެސް ބަޔަކަށް އޮޅިފައިވާ ކަމެއްނޫނެވެ. އެހެނީ ބަދިގޭ ސާމާނު އައު ކޮށް ގޯތި ތެރެއަށް ދޮންވެލި އަޅައި، ކުޅިވަރު ސާމާނު އާކޮށް އުޅުމަކީ ކޮންމެ އާއިލާއަކުންވެސް އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ.

ރޯދަމަސް ފެށިއްޖެއެވެ. ފުރަތަމަވެސް ފާހަގަވެގެންދާ ކަމަކީ މިދުވަހުގެ ހެނދުނު މަގުތައް އަމާން ކަމެވެ. މީހުން މަދުކަމެވެ. ދެވަނަކަމަކަށް ފެނިގެންދަނީ މެންދުރު ނަމާދު ކުރަން ކުދިބޮޑު އެންމެން ދާ މަންޒަރެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިދުވަހު މިސްކިތްތައް ފުރިބާރުވެއެވެ. މިސްކިތް ތަކުން ޒުވާނުން ގިނަކަން ފާހަގަ ކުރެވެއެވެ. މުސްލިމުންނަށް ދުވާލެއްގެ މައްޗަށް ފަސް ނަމާދު ފަރުޟު ކުރައްވާފައިވެއެވެ. ފުރަތަމަ ދުވަހު މެންދުރު ނަމާދާއި އަޞުރު ނަމާދު އަދި ޢިޝާ ނަމާދު ވަގުތު މިސްކިތް ފުރިގެން ބޭރުގައިވެސް ތިބެންޖެހެއެވެ. މަޣުރިބް ނަމާދާއި ފަތިސް ވަގުތު މީހުން މަދެވެ. ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުމުން މިސްކިތްތަކުން މީހުން މަދުވުމުގެ މަންޒަރުފެށެއެވެ. ދެވަނަދިހައެއް ނިމޭއިރު ވަރަށް މަދުވެއެވެ. ފަހުދިހައިގައި ކުޑަކޮށް އިތުރުވެއެވެ، އެހެންނަމަވެސް އެއީ ހަމައެކަނި ޢިޝާނަމާދުގައެވެ. ރޯދަމަހުގެ ފަހު ދުވަހު މިސްކިތްތަށް އަނެއްކާވެސް ފަޅުވެއެވެ.

ދެން އޮތީ ކުޅިވަރުގެ ވާހަކައެވެ. އަސުރުނަމާދުން އަވަދި ވުމާއެކު ފިނި ބުރުޖެހުމާއި އެކި ކުޅިވަރުތަކުގައި ދިވެހި މުސްލިމުން މަސްޢޫލުވެދެއެވެ. ރޭއަޅުކަމުގެ ބަދަލުގައި ކުޅިވަރުގައި ރޭގަނޑުގެ ދެބައި ބޭކާރުކޮށްލައެވެ. މިއީ ދެއްކިޔަސް ދައްކާކަހަލަ ވާހަކައެއް ނޫންވިއްޔާއެވެ. އެހެނީ ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމުގައިވިޔަސް އުޅެނީކީ އެމަތިވެރި ދީން އުނގަންނައިދެއްވާފައިވާ ގޮތަކަށް ނޫންވިއްޔާއެވެ. އޭ ލޮބުވެތި އަޚުންނޭވެ، ބަރަކާތް ތެރި ރަމަޟާން މަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ރަމަޟާން މަހު ކުޅިވަރުތައް މަދުކޮށް އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރުމަށް އަވަސް ވެގަންނާށެވެ.

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އެއްކަލަސޮރު‮ ‬ވިދާޅުވީ


    ތާރީޚް:16/09/2009

    އެންމެން ކިޔެވީ އެއްފޮތަކުންނޭ ފެންނަގޮތުން ދިހަބާރަ ފޮތުންނޭ
    ނެތްނުކުރާކަ ކަމެއް މަދަރިންނޭ ދެންވެސްކިޔަނީ އިސްލާމުންނޭ
    އަހަރެމެންގެ ތެރެއިން ގިނަ ޒުވާނުންނަކީ ރޯދަމަހުގެ މުސްލިމުންނެވެ. ދުވާލުގަޑީގެ މުސްލިމުންނެވެ. އިރުއޮއްސުމަށްފަހު ކޮންމެވެސް އެހެންދީނެއްގެ ބަޔެކެވެ. އެކަން އެނގެނީ ރޭގަނޑުގެ ނަމާދުގަޑިތަކުގައި މީހުން މަދުކަމުންނެވެ. ރޭގަނޑު ފަނިނުބޮވިގެން އެއްގޭން އަނެއްގެއަށް ދުވާގޮތުންނެވެ. ދަންގަޑީގައި އެއްކުއްޖެއްގެ ކައިރިން އަނެއްޖުއްޖެއްގެ ކައިރިން ‘އާދޭސް’ކުރަމުންދާ ގޮތުންނެވެ. މިހެން ބުނަންމިޖެހުނީ ފިހާރަތަކުން ‘ހަން’ ވިކޭ ނިސްބަތުންނެވެ. އެހެން މަސްމަހަށްވުރެ މިބައި އޮންނަނީ މިމަހުގައިވެސް މާކުރީގައެވެ. އެންމެފަހުން ރޯދަމަހުގެ ރޭތައް ހޭދަކޮށްލަނީ ހަވާނަފުސުގެ އެދުންވެރިކަންމަތީގައެވެ. މީވެސް ދިވެހި އިސްލާމުންނެވެ. ފުރެމުންދިޔަ މިސްކިތަތައް އެމިސްކިތުގެ މުސްކުޅި އަހުލުވެރިންނަށް ޢީދުނަމާދަށްފަހު ހަވާލުކުރެވޭތަން ފެނިގެންދާނެއެވެ. މިއީވެސް ދިވެހި އިސްލާމުންނެވެ. އެކަމަކު މިކަންކަމާ މިހަކު އަޖަބެއް ނުވާނެއެވެ. މިއީ ދިވެހި މުސްލިމުންގެ އާދަކަމަށްވީތީއެވެ.

  2. ބަލާމީހާ‮ ‬ވިދާޅުވީ


    ތާރީޚް:16/09/2009

    މި ރަށުގައިވެސް ފަހުދިހައިގައި މިފެށި ފުޓުބޯޅަ މުބާރާތާއި ރޭގަޑު ނިދުމުގައިހޭދަކުރަންޖެހޭވަގުތު ބާއްވާ ފާޑުފާޑުގެ އަދަބީމުބާރާތްތައް މިއީ ރޯދަމަހުގެ ހަގީގީ ބޭނުން ނޭގޭކަމުގެ ހެއްކެކެވެ. އަދަބީ މުބާރާތްތަކަކީ ރަގަޅު ހަރަކާތްތަކެކެވެ. ނަމަވެސް ރޯދަމަހުގެ ރޭގަޑުގެ ބައެއްގައި ނިދުމަށްފަހު ރޭއަޅުކަންކުރަން ކުރުމުގައި ގިނަވަގުތުހޭދަކުރަންޖެހޭ މިހަދަ މަސްވަރެއްގައި ހާއްސަކޮށް ރޯދަމަހުގެ ފަހުދިހައިގެ ދުވަސްވަރު މިފަދަކަންކަން އަޅުކަމަށް ހުރަސްއެޅޭގޮތަށް ބޭއްވުމަކީ ވަރަށްދެރަކަމެކެވެ. މިކަންތައްތައް ބަންދަށްފަސްކޮށް މިދުވަސްވަރުގެ ރޭގަޑުގެ ވަގުތުތަށް އަޅުކަމުގައި ހޭދަކުރަމާހިގާށެވެ. ބާއްޖަވެރިކަންހުރީ މިގޮތުގައެވެ. ރޭގަޑުގެ ދަމުނަމާދުގައި ބައިވެރިވެލައްވަންގަ ޖަމާއަތުގައި ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2:30 ށް ނޫރުމިސްކިތަށް ހާސިރުވުމަށް ދަންނަވަމެވެ. ދަމުނަމާދަށްވަގުތުހުސްކުރެވޭނީ ތަރާވީހަށްފަހު ބޭކާރުކަންކަމުގައި ވަގެގުތުހޭދަނުކޮށް ނިދާލައި ގެންނެވެ. މިހިޔާލު ބަލައިގަނެ މިދަފަ ހަރަކާތްތަށް ރާވާފަރާތްތަކުގެ އެޖެންޑާ ބަދަލުކުރާނެކަމުގައި އުންމީދުކުރަމެވެ. ތިޔައެންމެ ބޭފުޅުންނަށް ރޯދަމަހުގެ ފުރިހަމަ ސަވާބާއި ދަރުމަ މިންވަރުކުރަށްވާށިއެވެ. އާމީން

  3. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:16/09/2009

    މިއީ ގިނަދިވެހިންނަށް މިހާރު ދަސްވެފައިވާގޮތް. މިފަދަ ކަންކަން މިހާރު ދަނީ މަޑުމަޑުން ރަގަޅުވަމުން. ދީނީ ދަރުސްތަކާއި ނަސޭހަތްތައް މިހާރު ދަނީ އަޑުއިވެމުން. ވޭތިވެދިޔަ ގާތްގަޑަކަށް 30 އަހަރު ދުވަހު ދީނީ ކަންކަން ބުނެދެވިފައިވަނީވެސް ވަރަށް ކުޑަމިންވަރަކަށް. އެހާގިނަ ދުވަހުންސުރެ ހިފިފައިވާ އާދަތައް ބަދަލުވާން ދުވަސްނަގާނެ. މިގޮތުން މިހާރު ޒުވާނުން ދީނީ ކަންކަމަށް ދޭ އަހަމިއްޔަތު ބޮޑު. ކުރިން މިސްކިތްތަކުން ވެސް ފެންނަނީ ދެބައި އުމުން މަތީގެ މީހުން. މިގައުމަށް ހެޔޮރަހުމަތް ލައްވާށި.

  4. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:17/09/2009

    ކުލަބު ޖަމިއްޔާ ތަކުންވެސް ރޯދަމަހުގައި ފުޓުބޯޅަ މުބާރާތްތަކާ މިކަލަ ކުޅިވަރު ތަކުގެ ބަދަލުގައި ދީނީ ކަންކަން ރާވާ ހިންގުން މާ ބުއްދިވެރި. މި ބުނީ ކުޅިވަރުވެސް ނުކުޅޭށެކޭނޫން ރޯދަމަހުގައި ގިނަކުރަންވީ ދީނީ ކަންކަން.