ކަޓްލަސް އަކީ ކޮންމެ ގެޔެއްގެވެސް ސުފުރާ މަތިން އާއްމުކޮށް ފެންނަ ބާވަތެކެވެ. އަދި ދަނޑިއަލުވި ކޭކް ނުވަތަ ދަނޑިއަލުވި ބޯކިބާ އަކީވެސް ރޯދަ ވީއްލާގަޑީގައި ވަރަށް ގިނައިން ފެންނަ ބާވަތެކެވެ. މިއަދު މިގެނެސްދެނީ ޗީޒް ކަޓްލެޓްސް އާއި ދަނޑިއަލުވި ކޭކް ތައްޔާރު ކުރާނެގޮތެވެ. ރަމަޟާން މަހު ގެނެސްދިން ރެސިޕީތައް ފޮނުއްވި މާޖިދާ އަށް ފުރުސަތުގައި ވަރަށް ބޮޑު ޝުކުރެއް ރައްދުކުރަމެވެ.
ޗީޒް ކަޓްލެޓްސް
ބޭނުންވާ ތަކެތި
4 އަލުވި ފެނުކެއްކި
300 ގ. ޗީޒް (ގާނާފައިހުރި)
2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
1 ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)
1 ފިޔާ ( ހިމުންކޮށް ކޮށާފައި)
1 ޖޯޑު ކެބެޖް ( ހިމުންކޮށް ކޮށާފައިހުރި)
3 ފޮތި ޕާން
3 ޖޯޑު ފުށް
1 ޖޯޑު ފާރޮށި ކުނޑި
2/1 1 ޖޯޑު ފެން
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ޕާންފޮތިތަކުގެ މައްޗަށް ފެން އަޅާފައި ފޯކުރަން ބަހައްޓާށެވެ. އަލުވި ، ޗީޒް، މިރުސް، ކޮތަނބިރި، ފިޔާ، ކެބެޖް، އެއްކޮށް މޮޑެފައި ޕާން ފޮތި ތަކުން ފެން ފެލާފައި އެއްކޮށްފައި ގުޅަ ވެށޭ ވަރަށް މޮޑެލާށެވެ. ދެން ގުޅަ ގުޅަ ހާދާފައި އޮމާންކޮށްފައި ފުށްކޮޅު ފެން އެއްކޮށްފައި އޮލަކޮށް ގިރާލާށެވެ. ގުޅަތައް ފުށަށް ލާފައި ބޭރުގައި ފާރޮށި ކުނޑި ހާކާފައި ބަހައްޓާށެވެ. ތަވާއުދާލާފައި ތެޔޮ އަޅާލާފައި ކެކިގަތީމާ ގުޅަތައް ތަވާޔަށް އަޅާފައި ތެލުލާށެވެ.
ދަނޑިއަލުވި ކޭކް
ބޭނުންވާ ތަކެތި
1 2/1 ޖޯޑު ފުށް
2 ޖޯޑު ސާފުކޮށް ގާނާފައިހުރި ދަނޑިއަލުވި
2 ސައިސަމުސާ ބޭކިން ޕައުޑަރ
2 ސައިސަމުސާ ވެނީލާ އެސެންސް
1 ޖޯޑު ބައި ހަކުރު
6 ބިސް
2 މޭޒުމަތީސަމުސާ ހިކިކިރު
1 ޖޯޑު ބަޓަރު
ތައްޔާރުކުރާނެ ގޮތް
ބަޓަރާއި ހަކުރު އެއްކޮށް އޮމާންވަންދެން ގިރާފައި ފުށާއި ބޭކިންގ ޕައުޑަރ ހިކިކިރު އެއްކޮށް ފުރާނާފައި ފަހަރަކު ބިހަކާއި ފުށްކޮޅެއް އަޅަމުން ގިރަމުން ގޮސް އޮމާންވީމާ ދަނޑިއަލުވި ކޮޅާއި އެސެންސް އެއްކޮށް ލާށެވެ. ރަނގަޅަށް އެއްވީމާ ޓްރޭގައި ބަޓަރު ހާކާފައި ފުށް ގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.
ނޯޓް: ރަމަޟާން މަހުގެ ރެސިޕީތައް ފޮނުވީ މާޖިދާ

މައިޒާން