އެއަރޕޯޓުން ނުކުމެގެން އައިސް ހުޅެލެ ފެރީއަށް އެރީމެވެ. ފެރީ ނައްޓާލާ ކުޑަ ތަންކޮޅަކަށް ދެވުމާއި އެކު ފަޅުވެރި ސޮރެއް ލާރިނަގަން އައެވެ. ވާހަކަ ދެއްކި ގޮތުން އެއީ ބިދޭސީއެއްކަން އެނގުނެވެ. އަހަރެންނަށް ހުރެވުނީ ހަމަ ކޮސްވެފައެވެ. މީގަ ކުރިން އެފެރީތަކުގައި ތިބެނީ ބިދޭސީންނެއް ނޫނެވެ. ނަމަވެސް މިހާރު ފެރީގެ ކައްޕި ފިޔަވާ ދެން ތިބެނީ ހައްތާވެސް ބިދޭސީންނެވެ. ރާއްޖޭގައި ބިދޭސީން ގިނަވެފައި ވާވަރު އެރޭ ގެޔަށް ދިޔަ މަގުމަތީގައި ވިސްނާލެވުނެވެ.
ފެރީގެ ފަޅުވެރިންނަށް ބިދޭސީންނެވެ. ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީންނެވެ. ބޯކޮށަންށާއި ކުނި އުކާލަން ބިދޭސީންނެވެ. ވެއިޓަރުންނަށާއި ސައިކަލު ފޮހެން ބިދޭސީންނެވެ. ގޭގޭ ވައިރު ކުރަންށާއި ވަޑާން ކުރަންވެސް ބިދޭސީންނެވެ. އޮފީސްތަކުގެ ވެރިންގެ ކާރު ޑްރައިވަރުންނާއި އޮފީސް ޕިއޯނުންނަށްވެސް ބިދޭސީންނެވެ. ތަންތަނުގެ ގާޑުންނަށާއި ޕިކަޕް ޑްރައިވަރުންނަށްވެސް ބިދޭސީންނެވެ. ފަތިސް ގަޑީގައި ގޭދޮށު ކުނިކަހަންވެސް މިހާރު އޮންނަތަން ފެންނަނީ ބިދޭސީއެކެވެ. މިދާވަރުން ދާނަމަ ޢީދު ދުވަހު ދިވެހިން ސަގާފީ ކުޅިވަރުތައް ކުޅެންވެސް ބިދޭސީ ގުރޫޕުތައް ގެންގުޅެން ނުފަށާނެ ކަމެއް ނޭނގެއެވެ. މި ދެންނެވި ތަފާތު ވަޒީފާތަކުގައި އެތައްބައިވަރު ބިދޭސީންނެއް އުޅޭއިރު، ގަވައިދުން އުޅޭ މީހުންނަކީ ކޮބައިބާއެވެ؟
އާދެ، ދިވެހިރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. ކުރީގެ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެ ގެނެވޭ ބިދޭސީންގެ ރިކޯޑުތައް އޮޅުން ބޮޅުންވެ، ބިދޭސީންގެ ކަންތައް ވާނުވާ ނޭނގޭ ހިސާބައް ވަނީ ގޮސްފައެވެ. މިހާރު ރާއްޖޭގައި އުޅޭ އައްޑިހަހާހެއްހާ ބިދޭސީންގެ ތެރެއިން ގަވައިދާއި ޚިލާފަށް އުޅެނީ ކިތައް މީހުންކަމެއް އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ބިދޭސީންނާއި އެކު އާއުސްމިންތަކަށް ނުގޮސް، އަނެއް ދިވެހިރާއްޖެއަށް ދާން އަޅުގަނޑުމެން ނިންމާ އެމްޑީޕީގެ ސަރުކާރާއި އަޅުގަނޑުމެން ވެރިކަން ހަވާލު ކުރިއިރު، ބިދޭސީންގެ މިމައްސަލަ އޮތީ ގޯހުން ގޯހަށް ގޮސް، އާސަރުކާރަށް ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރުވާނެ ކަމެއްގެ ގޮތުގައެވެ.
މިގޮންޖެހުމާއި ސަރުކާރުން ކުރިމަތިލާ، އެޅެން ހުރި ތަފާތު ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައެވެ. އެންމެ ފުރަތަމަ ގަވައިދާއި ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ސުލްހަވެރިކަމާއި އެކު ރާއްޖެ އިން ބޭރުވުމަށް ފުރުސަތު ހުޅުވާލިއެވެ. މިކަމަށްޓަކައި ޑިޓެންޝަން ސެންޓަރެއް ހައްދަވާ، ފުރުވާލެވެންދެން އެތަނުގައި ބިދޭސީން ބައިތިއްބަމުން ދިޔައެވެ. މިއަހަރުގެ އެޕްރީލް 1 އާއި ހަމައަށް އެފުރުސަތު ހުޅުވާލާފައި އޮތެވެ. ދުވާލެއްގެ މައްޗަށް އެދުވަސްވަރު ދިހަވަރަކަށް މީހުން ރާއްޖެއިން ފޮނުވާލާފައި ވެއެވެ. ހިއުމަން ރިސޯސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި ޖެނުއަރީ އިން ފެށިގެން ޖުލައި މަހާއި ހަމައަށް 6000 ހެއްހާ ބިދޭސީން ވަނީ ފޮނުވާލެވިފައެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ގަވައިދާއި ޚިލާފަށް އުޅެމުން ދިޔަ ބިދޭސީން ހޯދުމަށް، ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއްވެސް މިނިސްޓްރީއިން ވަނީ ފަށާފައެވެ. އެގޮތުން 16000 ބިދޭސީން މިހާރު ވަނީ ރަޖިސްޓްރީ ވެފައިވެއެވެ. ރަޖިސްޓްރީ ވި ބިދޭސީންގެ ތެރެއިން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ދޭން ބޭނުންވާ ވަޒީފާތަކަށް ބޭނުންކުރެވޭނެ ބިދޭސީންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަޖިސްޓްރީ ކުރިނަމަވެސް އެފަދަ ފުރުސަތެއް ނެތް ބިދޭސީންތައް ފޮނުވާލުމަށް މިމަހު ކުރީކޮޅު ވަނީ ނިންމާފައެވެ. އަދި މިހާތަނަށް ރަޖިސްޓްރީ ނުވެ ގަވައިދާއި ޚިލާފަށް ބިދޭސީއެއް އުޅޭނަމަ އެމީހެއްވެސް އިތުރު ފުރުސަތެއް ނުދީ ފޮނުވާލާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދީފައެވެ.
ސަރުކާރުން އަޅަމުން މިދާ ފިޔަވަޅުތަކާއި ލިބެމުންދާ ހަބަރު ތަކުން ފެންނަ ގޮތުން، އަޅަމުން މިދާ ފިޔަވަޅު ތަކަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ރަނގަޅު ފިޔަވަޅު ތަކެވެ. މިކަންތައް ތަކުގެ ސަބަބުން ބިދޭސީންގެ މައްސަލަތަކާއި ބިދޭސީންގެ ސަބަބުން ދިމާވަމުންދާ އިޖްތިމާއީ މައްސަލަތައް ވެސް މަދުވެގެން ދާނެކަމަށް ފެނެއެވެ. ބިދޭސީން މަދުކުރަމުން ދާއިރު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން ހިއުމަން ރިސޯސް މިނިސްޓްރީން ދާދިފަހުން ވަނީ ބައެއް ފިޔަވަޅުތައް އަޅަން ވިސްނާފައިވާކަމަށް ހާމަކޮށްފައެވެ. ނަމަވެސް އެފިޔަވަޅު ތަކަކީ އަޅުގަނޑުވެސް ޚިޔާލު ތަފާތުވާ މައްސަލަތަކެއްކަމުން އެހެން ފަހަރަކުން އެކަމާއި މެދު އެއްޗެއް ބުނެލާނަމެވެ.

ޒުލްފިގާރު ވިދާޅުވީ
ތާރީޚް:22/09/2009
ސަރުކާރުން މިކަމާ މިއަޅަމުން ގެންދާ ފިޔަވަޅުތަކާ މަވެސް ހަމަ ތާއީދު.
ހާޝިމް ވިދާޅުވީ
ތާރީޚް:22/09/2009
ބިދޭސީން މިހާ ގިނަވީ މައުމޫން ސަރުކާރުން އެމީހުން ގެނެސް ރާއްޖެ އަޅާ ފުރާލީމާ. ކުރީގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އޮންނާނެ މިވާހަކަ ވަރަށް ސާފުކޮށް. ޑިޕޮޒިޓް ބެހެއްޓުމުގައި ހަދާފައިވާ މަކަރު. ވިކްޓްރީ މާއްޓޭ އޭނާގެ ރައްޓެހިން އަތުން ޗެކް ހިފާފައި ޑިޕޮޒިޓަށް ހަދާފައި މިނިސްޓްރީގެ ތިޖޫރީގައި އެބަހައްޓާފައި ހުރީ ކޭޝް ނުކޮށް. މިހާރު އެ އެކައުންޓްތައް ވެސް ނެތް. އަޅުގަނޑު ދަންނަވާނީ ޔޫތު މިނިސްޓަރު ހަސަނޭ ވަރެއް ހަމަ ނެތޭ މިކަން ކޮންޓްރޯލް ކުރުމުގައި. އޭނާ މިފިޔަވަޅުތައް އެޅުއްވީމާ، އެމްޕްލޮއިމަންޓް އެޖެންސީތަކުން އުޅުނު މުޒާހަރާކޮށް، އަދި ރައީސަށް ޕެޓިޝަނެއް ވެސް ހުށަހެޅި އޭނާ ވަކިކުރަން. އެކަމަކު، މިއީ ޙައްލު ކުރަން ޖެހޭ ކަމެއް. ހަސަނޭ މެން، ސަރަނގު އާދަމް މަނިކުމެންނަށް ނޫނީ މިކަހަލަ ކަންތައްތަކެއް ނުކުރެވޭނެ. ބިދޭސީންގެ އުނދަގޫ މިހާރު އެންމެ ބޮޑީ މާލޭގައި. މިކަން މިސަރުކާރުން ޙައްލު ކުރާނެ. އަދި އަޅުގަނޑުމެން ދާން މިއުޅޭ އަނެއް ދިވެހިރާއްޖެއަށް ގެންދާނެ. އެކަމަކު އެއީ މިބިދޭސީންނާ ނުލާ.
ބައޯ ހުސޭނު ވިދާޅުވީ
ތާރީޚް:22/09/2009
ބަންގާޅީންގެ ކަންތަށް މިހާރު ވަރަށް ބޮޑުވެއްޖެ، ބަންގާޅީންގެ ސަބަބުން މިހާރު މިދަނީ ތަފާތު ކުށްތަކާއި ބޮޑެތި ހަމަނުޖެހުންތަށް ހިނގަމުން