ކުޅުދުއްފުށީ ދެކުނުއަވަށު ޒުވާނުންގެ ދިރުމުން އިންތިޒާމް ކޮށްގެން ކުރިއަށްދާ ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ކުއާޓަރ ފައިނަލްގެ ފަހު 2 މެޗް ރޭވަނީ ކުޅެވިފައެވެ. އެގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެސިކްސް އާއި ކުއަޑްސްއެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ޓީމުންކުރެއް އެއްޓީމަކަށްވެސް ވަނީ ލަނޑެއް ނުޖެހިފައެވެ. އެހެންވުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. 2 ޓީމުންޖެހި 3 ޕެނަލްޓީވެސް ވަނީ ކާމިޔާބު ނުކުރެވިފައެވެ. ލެސިކްސް އިން ޖެހި 4 ވަނަ ޕެނަލްޓީވެސް ވަނީ ބޭރަށް ގޮސްފައެވެ. ކުއަޑްސްގެ 4 ވަނަ ޕެނަލްޓީ ޖަހާ މެޗުކާމިޔާބު ކޮށްދިނީ ކުއަޑްސްގެ ޖާޒީ ނަންބަރ 7 މުހައްމަދު އަބޫބަކުރެވެ. މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ ލެސިކްސްގެ ޖާޒީ ނަންބަރ 10 އަލީ މުހައްމަދެވެ.
ރޭކުޅެވުނު 2 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ބާނި ޔުނައިޓެޑް އާއި ނިއުއޭޖްއެވެ. މިމެޗުގައި ބާނި ޔުނައިޓެޑްގެ ޖާޒީ ނަންބަރ 8 އަހުމަދު ޤާސިމް ޖަހައިދިން ލަނޑާއެކު މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ބާނި ޔުނައިޓެޑެވެ. މިމެޗުގެ މޭން އޮފް ދަމެޗުކަންވެސް ހޯދާފައިވަނީ ބާނި ޔުނައިޓެޑްގެ ޖާޒީ ނަންބަރ 8 އަހުމަދު ޤާސިމްއެވެ.
މިދެމެޗު ކުޅުމުން ކުއާޓަރފައިނަލްގެ ހަތަރު މެޗު ކުޅެނިމުނީއެވެ. މިމުބާރާތުގެ ސެމީފައިނަލް 2 މެޗު މާދަމާ ރޭ ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މިނީޒިގްޒެގް އާއި ކްލަބް ނަފާއެވެ. މިމެޗު ކުޅެން ފަށާނީ ރޭގަނޑު 9 ޖަހާއިރުއެވެ. ސެމީފައިނަލްގެ 2 ވަނަ މެޗުގައި ބައްދަލުކުރާނީ ކުއަޑްސް އަދި ބާނި ޔުނައިޓެޑްއެވެ.











ކުޅިވަރު