ދުނިޔޭގެ ތެރެއަށް އަހަރެން ފުރަތަމަ ނޭވާލި ދުވަހަކީ، ބަހާރު މޫސުމްގެ ފިނި، ރީތި ދުވަހެކެވެ. އަރާމު، ހިތްގައިމު ދުވަހެކެވެ. މުޅި ގުލްޝަނަށް ޝަބްނަމުގެ ތިކިތައް ތިޔާގިވެ، ގަސްތަކުގެ މަލަމަތި އުޖާލާވެފައިވާ ސާފު ދުވަހެކެވެ. ދިހުން އަރާ ބަޅިނދާއި ކޮކާތައް އަޒާދުކަން މަތީ، އުފަލުން ނަށަމުން، ލަވަކިޔަމުން، ހެމުން، އުދުހެމުން ދިޔަ ދުވަހެކެވެ.
އަހަރެން މޯޅިއަކަށް ދެމިލައި، ފުންނޭވާއެއްލައި، މައްޗަށް، އުދަރެހަށް ބަލާލީމެވެ. އަހަރެންގެ ޙަޔާތުގައި ވެސް މުޅިން އަލަށް ފެނުނު ދުވަހުގެ އިރު، ގަސްކަރަމަތިން ނުހަނު ދީލަތިކަމާއެކު، އޭގެ ރަންދޯދިތައް ހަދިޔާކުރަމުން، ފަތުރައިދެމުން، ގުލްޝަނަށް ހިބަކޮށްދެމުން، އަރަމުން ދިޔައެވެ. އޭގެ ތުނި އަލިކަމުން، އަހަރެންގެ މައުޞޫމް ހިތަށް ވެރިކޮށްދިން އުފާވެރިކަން، ހިތްހަމަޖެހުމާއި ލޮބުވެތިކަން މިއަދު ވެސް އަހަރެން ހަނދާން އެބަހުއްޓެވެ.
އިރުގެ އަލިކަމުން އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިންކަމުގައި ވިޔަސް، އަހަރެންގެ ވަށައިގެންވާ އަޚުންނާއި އުޚުތުންގެ ކިބައިން ފެނުނީ ގިލަންވެރިކަމެވެ. އެމީހުންގެ މޫނުމަތިވަނީ މިލާފައެވެ. ނާއުންމީދުން ކިލަނބުވެފައެވެ. އެމީހުންގެ ޖިސްމުތަކުގައި ވަނީ އަނަރޫފަކަމެވެ. ބުރުސޫރައިގައި ކިލަނބުކަމެވެ. އެއީ ދުނިޔޭގެ ޠަބީޢަތްކަމުގައި އަހަރެންގެ މަންމަ އަހަރެންގެ ގާތުގައި ބުންޏެވެ. އެއީ، ކޮންމެ މަލަކަށް ވެސް އަންނާނެ ދުވަހެއް ކަމުގައި ހަނދާންކޮށްދިނެވެ. އެހަނދާން ތަކުރާރު ވެސް ކޮށްދިނެވެ. އެހެނަސް، އަހަރެންގެ މަންމަގެ ބަސްތަކުގެ ތެރެއިން އަހަރެންނަށް ޤަބޫލުކުރަން ދަތިވި ހަމައެކަނި ބަހަކީ އެއީއެވެ.
އަހަރެންގެ މަންމަގެ ކުރިމަތީގައި އަހަރެން ފަރިވެ ފޮޅެމުން ދިޔައެވެ. އަހަރެންގެ ޝަރަފުގައި ހިތާއި ހަށިގަނޑު ވެދުންކުރުމަށްޓަކާ ބަޅިނދުތައް ޒިޔާރަތް ކުރަމުން ދިޔައެވެ. އަހަރެންގެ ހުދު ކަރުގަނޑުން ޝަރާބެއް ލިބުން އެދިގެން، އުދުހި އުޅުނު ކޮކާތަކާއި މާބުރުތައް އަހަރެންނަށް ބަލައި، އަހަރެންގެ ގާތަށް ލެފެމުން ދިޔައެވެ. އަހަރެންގެ ޢަބީރުން، މުޅި ގުލްޝަނަށް ހުވަނދުލަމުން، ވަސްމީރުކުރަމުން ދިޔައެވެ. އަދި ގުލްޝަންގެ ތެރޭގައި އަހަރެންގެ މަޤުބޫލުކަން އިތުރުވެ، މާތަކުގެ ރާނީގެ މަގާމު ވެސް އަހަރެންނަށް ލިބިގެން ދިޔައެވެ. މަންމަގެ ނަޞީބުކަން ވެސް ނޭނގެއެވެ. އަހަރެންގެ މިހުރިހާ ކަމެއް ދުށުމަށް ދުނިޔޭގައި ހުރުމުގެ ފުރުޞަތެއް ނުލިބި، އަހަރެންގެ މަންމަ ވެސް ގުލްޝަނުގެ އަގެއް ނެތް ވެއްޔަށް ވެގެން ހިނގައްޖެއެވެ.
ދުވަސްތައް ތަކުރާރުވަމުން، އެނބުރެމުންދެއެވެ. އަހަރެންގެ ރީތިކަމާއި ޗާލުކަމުން އެހެން މާތައް ނިހާއީ ހަސަދައިން ފޯވެފައިވެއެވެ. އަހަރެންގެ ސާފު ބޯކިރުފޮދެއް ފަދަ ހުދު ފިޔަތަކުން ލިބިފައިވާ ނަލަކަމާ ހެދި އަހަރެންނަށް ލިބެމުންދާ ޝައުޤުވެރިކަމުގެ މައްޗަށް އެހެން މާތައް ތުންފިއްތައި، ރުންކުރުވެފައިވެއެވެ. އެހެންނަމަވެސް، އަހަރެންގެ ދުނިޔޭގައި ގިރިޓީވެއެވެ. އުފަލާއި އަރާމާއި މަސްތުވެއެވެ. އަހަރެންނަށް އަހަރެން ފިޔަވައި އެހެން އެއްވެސް މަޚްލޫޤެއް މުހިންމެއް ނޫނެވެ. ހުރިހާ ވެސް އެއްޗަކީ، ފިކުރަކީ އަހަރެންނެވެ. އަހަރެންނާއި އަހަރެންގެ ރީތިކަމެވެ. އަހަރެންނާއި އަހަރެންގެ ޗާލުކަމެވެ. އަހަރެންނާއި، އަހަރެންގެ ނަފްސާއި މަށެވެ. އަހަރެންގެ ޖާޒުބިއްޔަތެވެ. އަހަރެންގެ ޢަބީރެވެ. އަހަރެންގެ ޝައުޤުވެރިކަމެވެ.
އަހަރެންގެ އެމަސްތީ ދުނިޔެއިން ނުކުމެ ހޭވެރިކަމެއްވީ، އަހަރެންގެ ގާތައް ހުޅިރީތި މާބުރާއި، ދިހުން އަރާ ބަޅިނދާއި ކޮކާތައް އައުން ކުއްލިއަކަށް ހުއްޓުމުންނެވެ. އަހަރެންނަށްޓަކައި ފިދާވަމުންދިޔަ ޢާޝިޤުންތައް ހުސްވުމުންނެވެ. އަހަރެންގެ އެކުވެރިންތައް ގެއްލުމެވެ. އަހަރެންނާ ކައިރިން، އަހަރެންނާއެކު އުޅުނު އެންމެން ހުސްވުމުންނެވެ. އެހިނދު އަހަރެންގެ ވަށައިގެން ބަލައިލީމެވެ. އަހަރެން ދުނިޔެއަށް ފުރަތަމަ ނޭވާލި ދުވަހު ބަލާލިހާ ތޫނު، ފުން ނަޒަރަކުންނެވެ.
އަހަރެންނަށް ފެނުނީ އަހަރެންގެ ލޮލަށް ދުވަހަކު ވެސް ޤަބޫލުކުރެވޭނެ މަންޒަރެއް ނޫނެވެ. އަހަރެންގެ ހިތަށް އެންމެ ސިކުންތަކަށް ވެސް ތަސައްލީއެއް ލިބޭނޭ ކަމެއް ނޫނެވެ. އަހަރެން އިން ގަހުގެ ކައިރިން، ދާދި ގާތުން، ހެދިފައި ހުރި އެހެން ފިނިފެންމާ ގަހެކެވެ. އެގަހުގެ އާރޯކަމާއި ތާޒާކަމެވެ. އަދި އެގަހުގައި ފޮޅިފައި އިން ޝާއްބަ ލޭ ރަތްކުލައިގެ ރީތި ފިނިފެންމަލެކެވެ. އެމަލުގެ ރީތިކަމުން، އުޖާލާކަމުން، އަހަރެންނަށް ވެސް އިސްދަށަށް ޖަހާ ލެވުނެވެ. އަދި އެއަށް ވުރެ ވެސް ހިތަށް ގިލަންވެރިވީ، އެމަލުގެ ވަށައިގެން އަހަރެންގެ ގާތުގައި އުޅުނު ހުރިހާ މާބުރަކާއި ކޮކާލަކާއި ބަޅިނދަކާއި، ކުޅަނދުރެއް މުގޯލިއަޅާތަން ފެނިފައެވެ. އެމަލަށްޓަކައި ޤުރުބާންވަމުން، އެކަކު އަނެކަކާ ވާދަކުރަމުން، ކުރިއަރަމުންދާ ތަން ފެނިފައެވެ.
އަހަރެން ވީ ދެރައިން، އަނެއްކާ ވެސް އިސްދަށަށް ޖަހާލީމެވެ. އަދި އަހަރެންގެ ފިޔަތަކަށް ބަލާލީމެވެ. އެފިޔަތަކުގެ އޮފުދާރުކަން ކެނޑި ރާޅުވެއްޖެއެވެ. ސާފު ހުދުކަން ކެނޑި ކިލަނބުވެއްޖެއެވެ. އޮމާންކަން ކެނޑި ކުރަކި ވެއްޖެއެވެ. ރޯޝަނީކަން ވެސް މޯޅި ވެއްޖެއެވެ. އަހަރެންގެ ގައިގައިވަނީ ހުސް ރުލެވެ. މުސްކުޅިކަމުގެ އަސަރުތަކެވެ. އެއާއެކު އަހަރެން ފެންކަޅިވެއްޖެއެވެ.
އަހަރެން އަނެއްކާ ވެސް އިސް ދަށަށް ޖަހައިލީމެވެ. އެއާއެކު ކުއްލިއަކަށް ވީނުވީއެއް ނޭނގި، އަހަރެން މޫނުވަތަށް ވެއްޓިއްޖެއެވެ. ވެއްޓި ގޮސް ވަރަށް ބާރަށް ތަނެއްގައި ޖެހިއްޖެއެވެ. އަހަރެންނަށް ވީތަދެއް ބުނަން ވެސް ނޭނގެއެވެ. އަހަރެން ދެ ލޯ ހުޅުވާ ބަލާލިއިރު، އަހަރެންނަށް އޮވެވުނީ، ގުލްޝަނުގެ ކަޅު ފަސްގަނޑުގައެވެ. ދެންވާނީ ކިހިނެތްކަން އަހަރެންނަށް އިޙުސާސްކުރެވިއްޖެއެވެ. އަހަރެންގެ އެހެން އަޚުންނާއި އުޚުތުން އަދި މައިންބަފައިންނަށް ވެސް ޖެހުނީ މިޙާލެވެ. އެމީހުންގެ ވެސް ނިމުމަކީ މިއީއެވެ. މަޑުމަޑުން އެނބުރި މައްޗަށް ބަލާލިއިރު،، އާރޯ ރަތް ފިނިފެންމަލުގެ ޖަޒުބާތުގައި މުޅި ގުލްޝަން ޖެހިފައިވާތަން ފެނުނެވެ. އެމަލުގެ ހުވަނދު އެގަހުގެ މުލާ ހަމައަށް ވެސް ފޯރައެވެ. އަހަރެންގެ ޙާލަތު ވިސްނުނީ ދެނެވެ. އެއާއެކު އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ.

hussain ވިދާޅުވީ
ތާރީޚް:14/10/2009
ހާޝިމް ކޮބާ އެސްފީނާ ވާހަކަ އެވާހަކަ ފޮނުވާދީބަލަ
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:14/10/2009
ބުނާނީ “ހާދަ ރީއްޗޭ ހާދަ އޮމަލޭ ސާފު ރީތި”
ބުނާ ބަސް އެންމެ އިންސާފުން ބުނަންޏާ އެންމެ ރީތި
ޕިސްޕިސް ވިދާޅުވީ
ތާރީޚް:14/10/2009
އޯގަދަ ކަލޭ.ޑޯގުމެން ނުވޭ އެކައްޗަކަށް ވެސް. ހާޝިމޫ އަދި އެއްވާހަކަ…
ހިލްވަތު މުދިންކަލޭގެ ރީނދުފޮށާ ވިދާޅުވީ
ތާރީޚް:15/10/2009
ހާސިމޫ ކަލޯ އަމިއްލަ އަށް ވެސް މިއިން އިބުރަތެއް ހާލިސްކުރަން ވިސްނާ މިއަކީ އަބަދު ގާއިމުވެ އެކަކުއަނެކެއްގެ އަބުރާއިބެހި ހަޖޫޖހަން ތިބެވޭނެ ތަނެއްނޫން ، އެހެންވީމާ މިލިބޭ ކުޑަވަގުތުކޮޅުގެ ބޭނުންހެޔޮގޮތުގައި ހުރިހާއެންމެން ވެސް ހިފަންވީ އެމީހަކަށް އެގޮތްގޮތުން އިވޭ ރަނގަޅު ވާހަކަ ތަކާއި އިލްމުވެރިންދޭ އަގުހުރި ނަޞޭހަތްތަށް އަޑުއހާ އެއިގެ ފައިދާ ލިބިގަންނަންވީ ، އިސްގީ ވާހަކަ އާއި ޅެންތަށް އަދި ލަވަތަކަކީ އެކަމުގެ ސަބަބުން އެހަދާބަޔަކާ ކިޔާބަޔަކު އަދި އެއަޑުއަހައިގެން އެއަށް ތަބާވާ ބަޔަކު ކުފުރުވެރިވާ ކަމައެއް ، ޔައުނީ ޅެމެއްނުވަތަ ވާހަކަ ކުފުރުވެރި ވުމުގެ ބަހަކާއިނުލާ ފުރިހަމަ ވެގެން ނުދެއެވެ. މިލާސެއް:- މިއަރާ އިރަކު ހނދަކު ގައިމުނުވޭ އަލިކަން ( އަހަރެމެންނަށް ގުދުރަތީ އަލިކަމެއް ފޯރުކޮށްދޭ އެންމެ އިސްދެވަސީލަތަކީ ގަދަކީރިތަވަންތަ ﷲ ގެ މި ކުޅަދުންވަންތަކެމެވެ. އެހެންނަމަވެސް އާދައިގެ އަންހެނަކަށް ތަޢުރީފްކޮށް ޅެންތަކުގައި މިފަދައިން މުހާތަބުކޮށް ކުފުރުވެފައި އެބަހުއްޓެވެ.
ޅެންވެރިއެއްގެ ރޫހު ވިދާޅުވީ
ތާރީޚް:15/10/2009
އައިމެނޮޓްނޯ ތިކަމެއް ބިފޯ
ބަޓް އައި އަންޑަސްޓްރޭންޑް ނައުތިކަން
ވެދިއަތަން ދޫކުރީ މޭ ލިބުނު އިބުރަތުން
އަލުން އާކުރާކަށް ނެތީމޭ ޅެމާ ލަވަތަށް
ވެދާހިނދުކުފުރު ވެވިގެން އެބޭރު ދީނުން
ވެދާކަށްނެތީމެ ގާފިލް އެއަށް ލެނބިގެން
ހަންޑިގަނޑާރަ ވިދާޅުވީ
ތާރީޚް:15/10/2009
މީތި ސަޅިއޭ!