Qauntum

Share

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ މައުލޫމާތާއި ފޮޓޯފަދަ ތަކެތި އާންމު ކުރުން

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ މައުލޫމާތާއި ފޮޓޯފަދަ ތަކެތި އާންމު ކުރުން
ޢަބްދުﷲ ޔާމީން

އެކިއެކި ކަންކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ މަޢްލޫމާތާއި ފޮޓޯފަދަ ތަކެތި ފުލުހުން ދަނީ އާންމު ކުރަމުންނެވެ. އެހެން ނަމަވެސް، މިކަމަކީ ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ. ގިނަ ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަކީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު ކުށްވެރިއެއް ނޫނެވެ.

ރާއްޖޭގައި ކުށްމަދުކޮށް އަމާން މާހައުލެއް ޤާއިމް ކުރުމުގެ ގޮތުން ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެކި ވަރުގެ ކުށްވެރިންދަނީ ހައްޔަރު ކުރައްވަމުންނެވެ. އޭގެ ތެރެއިން ބައެއް ކުށްވެރިންގެ މަޢްލޫމާތާއި ފޮޓޯފަދަ ތަކެތި ފުލުހުން ދަނީ ޢާންމު ކުރަމުންނެވެ. އެހެން ނަމަވެސް، ފުލުހުން މި ޢަމަލުކުރަމުންދާ ގޮތާއި މެދު ގިނަ ޤާނޫނީ މާހިރުންގެ އިތުރުން، ތަޖުރިބާކާރު ޤާނޫނީ ވަކީލުން ދެކޮޅުހަދައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެމީހެއްގެ މައްޗަށް ޝަރުޢީ ކޯޓެއްގައި ކުށްސާބިތު ނުވާހާ ހިނދަކު އެމީހަކީ ކުށްވެރިއެއް ނޫނެވެ.

މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ މަޢްލޫމާތު އާންމު ކުރާ ކުރުމާއި ބެހޭ ގޮތުން މަޝްހޫރު ޤާނޫނީ ވަކީލް އަބުދުﷲ ޝާއިރު ވިދާޅުވީ، އެގޮތަށް މީހުންގެ މަޢްލޫމާތު ހާމަކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެއްވެސް މީހަކީ ކުށްވެރިއެއް ކަމަށް ބެލެވޭނީ އެމީހެއްގެ މައްޗަށް ކުށެއް ޝަރީޢަތުގައި ސާބިތުވުމުން ކަމަށެވެ.

މީގެ އިތުރުން، މަޝްހޫރު ޤާނޫނީ ވަކީލު އަދި ރިޔާސީ ކޮމިޝަނުގެ އިސްތަރުޖަމާން އަބުދުﷲ ހަސީން ވިދާޅުވީ، އުސޫލެއްގެ ގޮތުން ފުލުހުންނަށް ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މަޢްލޫމާތު އާންމު ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް، ފުލުހުންގެ ތަހުޤީޤަށް ވަރަށް ބޮޑަށް ޔަޤީންވެ، ވަރަށް ބޮޑު މައްސަލައެއްގައި ފުލުހުންނަށް އެމީހުންގެ މަޢްލޫމާތު ހާމަކުރެވިދާނެ ކަމަށެވެ.

މިމައްސަލައިގާ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއީ ވަރަށް ގިނައިން ފުލުހުންނާއި ކުރިމަތި ކުރުވާ ސުވާލެއް ކަމަށާއި އެހެން ނަމަވެސް، ފުލުހުން އެކަން ކުރުން އެއްވެސް ޤާނޫނަކުން މަނާ ނުކުރާ ކަމަށެވެ. އަދި ފުލުހުން ކޮންމެ ކޮންމެ މައްސަލައެއްގައި ހައްޔަރު ކުރެވޭ މީހުންގެ މަޢްލޫމާތު އާންމު ނުކުރާ ކަމަށާއި ފުލުހުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މަޢުލޫމާތު އާންމު ކުރަނީ އެކަން ވަރަށް ބޮޑަށް ސާބިތުވާ ވަރަށް ހެކި ލިބުމުން ކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކުށްކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ މަޢްލޫމާތު އާންމު ކުރާ ކަމަށާއި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ މަޢްލޫމާތު ނޫސްވެރިންނަށް ހާމަކުރުމުން އެއާންމު ކުރުމާއި ނުކުރުމުގެ އިޙްތިޔާރު އޮންނަނީ އެމީޑިއާއަކަށް ކަމުގައިވެސް ފުލުހުން ފާހަގަ ކުރެއެވެ.

ފުލުންނަށް ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ މަޢްލޫމާތު ހާމަނުކުރެވޭނެ ކަމަށް ގިނަ ޤާނޫނީ މާހިރުން ވިދާޅުވަމުންދާއިރު އެބޭފުޅުންގެ އެވާހަކައަށް ބާރުދޭ ކަންކަމުގެ ތެރޭގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ފަންސާސް އެއްވަނަ މާއްދާ ހިމެނެއެވެ. ޤާނޫނު އަސާސީގެ ފަންސާސް އެއްވަނަ މާއްދާގެ (އ)ގައި ބުނެފައި ވަނީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

ބައެއް ޤާނޫނީ މާހިރުން ފާހަގަ ކުރާގޮތުގައި ފުލުހުންގެ ތަހުޤީޤަށް ސާބިތުވެ، ކޯޓުގައި ދައުވާކޮށް، ކޯޓު މަރުހަލާގައި ޝަޜީއަތުގައި އެމީހެއްގެ މައްޗަށް އެކުށް ސާބިތު ނުވާ ކަމަށާއި އެހެން އެކަން ވުމުން އެކުށުގައި ތުހުމަތު ކުރެވިފައިވާ މީހާގެ އަބުރާއި ޢިއްޒަތް މުޖުތަމަޢުގައި ގެއްލިގެންދާކަމަށާއި އަދި ޙާއްސަ ގޮތެއްގައި ޖިނާޢީ ދައުވާއެއް ޝައްކެއްގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށެވެ.

ޤައުމުގެ އަމަން އަމާން ކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަކީ އަހަރެމެން އެންމެންގެ ޒިންމާއެއް ކަމަށް ވީހިނދު، ޤާނޫނާއި ޤަވާއިދަށް އިޙްތިރާމްކޮށް ޤާނޫނު އަސާސީ ދެމެހެއްޓުމަކީ އަހަރެމެންގެ ޒިންމާއެކެވެ. އަދި އެހެން މީހުންގެ އަބުރާއި ޢިއްޒަތަށް އިޙްތިރާމް ކުރުމަކީވެސް އަހަރެމެންގެ ޒިންމާއެކެވެ.

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ޔާމީންގެ މިލިޔުމުގައި ކަމުގެ ދެކޮޅު ދައްކަވާފައިވާލެއް ފުރިހަމަކަމާއި، މަޒުމޫނުގެ ފެންވަރު ރަނގަޅު ކަމުގެ ސަބަބުން ޔާމީނަށް ތަހުނިޔާ ދަންނަވަން. މިއީ ޔާމީން ކުރައްވާފައިވާ ވަރަށް މުހިންމު، އޮއްޓަރުހުރި ދިރާސާއެއް ކަމުގައި ވެސް ޤަބޫލުކުރަން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އަދަބީ ބުއްދިއަށް ތާޒާކަން ގެނުވައިދެނީ މިފަދަ ލިޔުންތަކުންނޭ. ޔާމީން ތިޔަ ގޮތުގައި ދެމިހުރުމަށް އަޅުގަނޑު ހިތްވަރުދެން. އަދި ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މިފަދަ ރީތި ދިރާސާއެއް މިސައިޓުން މީގެ ކުރިން އަޅުގަނޑެއް ނުދެކެން. އެހެންވީމާ އަނެއްކާ ވެސް ހަމަ ފަށްފަށުން ޝުކުރާއި މަރުޙަބާ ތަކުރާރުކޮށްލަން.

  2. DOg‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ކުށެއްގެ ތުޙްމަތުގައި ބަންދުކުރެވޭ މީހުންގެ ފޮޓޯ ދެއްކުމުން ފައިދާއެއްވެސް ކުރެއެވެ، އެއީ އެފަދަ ކުށެއް ކުރިކަމަށް ތުޙްމަތުކުރެވިގެން ބަންދުކުރެވިފައިވަނީ ކާކުކަން އެނގިއްޖެނަމަ އެމީހާ އަޅުގަނޑުމެންގެ މުޖުތަމަޢުން ދެވަނަ ފަހަރަށް ފެނުމުން ފާހަގަވެސް އެމީހަކާއި މެދު ސަމާލުވެގެން ތިބެވުމެވެ.

  3. ރޭބަން‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންނަށް ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހެއްގެ ފޮޓޯ ހާމަ ކުރެވިގެން ނުވާނެ. އެހެނެއް ނޫން ފުލުހުންވެސް ކޯޓު އަމުރެއްގެ ދަށުން އެކަން ކުރުން އެއީ މައްސަލައެއް ނޫން. ފުލުހުން ހައްޔަރު ކުރާ ކޮންމެ މީހަކީ ކުށްވެރިއެއް ނޫން. އަނެއްކާ ފުލުހުން ނަށް ހެކި ތަކެއް ލިބުނުކަމުގައި ވިޔަސް ހަގީގަތަކީ އަދި އެމީހަކު ކުށްވެރި ނުވާކަން. ކުށްވެރިއެއްކަމަށް ބުނެވޭނީ ޝަރީއަތުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވާ ހިސާބުން. މިއީ އިސްލާމީ ޝަރީއަތުގައި ވެސް އަދި މިޒަމާނުގެ ގާނޫނީ ނިޒާމުގައި ވެސް އެކަން އޮންނަ ގޮތް. ކަންމިހެން އޮތްއިރު ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހެއްގެ އަބުރާ އިއްޒަތް ގެއްލިގެން ދާފަދަ ކަމެއް ފުލުހުންވެސް ކޮށްގެން ނުވާނެ. މިކަމުގައި ކޯޓުގެ ތަރުޖަމާއަކަށް ދިއުމަށް ގާނޫނީ ވަކީލުންނަށް އަޅުގަނޑު ގޮވާލަން.
    އަދި މިއީ މިސައިޓުން ފެނުނު ވަރަށް ފުރިހަމަ ލިޔުމެއް.
    ހާދަ ދުވަހެއް ވެއްޖޭ އިލްމީ ހަޒާނާ އަށް އާ ލިޔުމެއް ނުފެންނަތާ. ކޮންމެ ވެސް އިލްމީ އެއްޗެއް ޖަހާލަދީބަލަ.

  4. އާދަމް ޙަލީމް‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    މިޢީ، ވަރަށް އިލްމީ ވާހަކަ އެއް ސަބަބަކީ އިސްލާމީ ޝަރީއަތުގައި ވެސް ކުށްވެރިއެއްކަމަށް ބަލަނީ އޭނާގެ މައްޗަށް ޝަރީއަތުން އޭނާގެ މައްޗަށް ކުށްޡާބިތުވުމުންނެވެ…..އެހެން ކަމުން މިއީ ވަރަ ނައިސް ލިޔުމެއް…. އަޅުގަނޑު ހުރިހާ ރައިޔުތުންނަށްވެސް ގޮވާލަނީ މިލުމަށް ސަޕޯޓްކޮށް އިތުރަށް ދިވެހި ފުލުހުންނަށް މިކަން އަގައިދޭން!!!!

  5. ސަންގުބެ‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    ވަރަށް ރަންގަޅު ކަމެތީ، އެއިރުން އެންމެނަށް އެގޭނެ ކާކުކަން ކުއްކުރީ، އޭރުން ކުއްކުރާ މިންވަރުވެސް މަދުވާނެކަމަށް ފެނޭ.ސަޅިކަމެއްތީ.

ޚިޔާލު ފާޅުކުރައްވާ