Share

މަޖިލީހުގެ އުސްއަލިތައް

މަޖިލީހުގެ އުސްއަލިތައް
މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ތަފާތު ބިލްތަކެއްގެ މަސައްކަތް ކޮށްފައެވެ. ބައެއް ބިލުތައް މަޖިލީހަށް ބަލައިގަނެ ކޮމެޓީތަކަށް ފޮނުވިއިރު އަނެއްބައި ބިލުތައް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ. ހޫނު ގަދަ ބަހުސް ތަކަކަށް ފަހު ބަލައިގަތް ބިލުތަކާއި، މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން ފާސްކުރި ގަރާރަކީވެސް ނިމިދިޔަ ހަފްތާގެ މަޖިލީހުގައި ފާހަގަ ކޮށްލެވޭ ކަމެކެވެ.

ރިޔާސީ ގަނޑުވަރު ކަނޑައެޅުމުގެ ބިލް

ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޟް ރަޝީދު ހުށައެޅުއްވި ރިޔާސީ ގަނޑުވަރު ކަނޑައެޅުމުގެ ބިލް މަޖިލީހަށް ބަލައިގަތުމާއި މެދު ބަހުސް ކުރުމަށް ފަހު ނިމިދިޔަ ހަފްތާގެ ތެރޭގައި އެބިލް ވަނީ މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް ނިންމާފައެވެ. އެބިލު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން އެވޯޓުގައި ބައިވެރި 46 މެމްބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަކަމަށް 13 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މިބިލާ ބެހޭގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރް ވިދާޅުވީ ރާއްޖޭގެ ރިޔާސީ ގަނޑުވަރެއް ކަނޑައެޅިފައި ހުންނަން ޖެހޭނެ ކަމަށާއި ރިޔާސީ ކެމްޕޭންގެ ވައުދެއް ފުއްދުމުގެ ގޮތުން ކޮންމެ ތަނެއްގައި ދިރިއުޅުއްވުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށާއި ރައީސް ދިރިއުޅުއްވަން ވާނީ ސަލާމަތީ ގޮތުން ރައްކާތެރި ފިޔަވަޅުތަކެއް އެޅިފައި ހުރި ތަނެއްގައި ކަމަށެވެ.

މިބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން މިބިލް ބަލައިގަންނަން ނުފެންނަކަމަށް ވާހަކަ ދެއްކެވިއެވެ.

ރިޔާސީ ދައުރު ބަދަލުވުމުގެ ބިލް

ރިޔާސީ ދައުރު ބަދަލު ވުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމެޓީއަކަށްވެސް ފޮނުވާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. ރިޔާޒް ރަޝީދު ހުށައެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 44 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. ބައެއް މެމްބަރުންނަށް މިބިލުގެ ނަމާއި މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންގެ ލޯނު ބިލް

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މިބިލަކީ ރާއްޖޭގައި ހިންގާ ކޮންމެ ބޭންކަކުން ވެސް 15 މިލިއަން ރުފިޔާ ތައުލީމީ ލޯނުގެ ގޮތުގައި ދިނުމަށް ޝަރުތުކުރާ ބިލެކެވެ. ބިލް ހުށައަޅުއްވަމުން ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރު ތަކެއްގައި ހަމައެކަނި ބެންކް އޮފް މޯލްޑިވްސް އަށްވެސް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ފައިދާގެ ނެރެފައިވާއިރު އެފައިދާގެ ތެރެއިން 15 މިލިއަން ރުފިޔާ ދަރިވަރުންނަށްޓަކައި ބަހައްޓައިދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. މި ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިބިލަށް ވަރަށް ބޮޑަށް ތާއީދު ކޮށްފައެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕުރައިވެޓައިޒް ކުރުމުގެ ބިލް

47 މެމްބަރުން ވޯޓުގައި ބައިވެރިވެ 45 މެމްބަރުންގެ އަގުލަބިއްޔަތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށައެޅުއްވި “ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ބިލް” މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމެޓީ އަކަށް ފޮނުއްވީ ވެސް މިދިޔަ ހަފްތާގެ ތެރޭގައެވެ. ދެދުވަސް މަތިން ބަހުސްކުރެއްވުމަށްފަހު މަޖިލީހަށް ބަލައިގަތް މިބިލަކީ ޕުރައިވެޓައިޒް ކުރުމުން ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އަދި މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތުތޯ ނުވަތަ ނޫންތޯ ބަހުސްކުރާ ބިލެއް ނޫންކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕުރަވަޓައިޒް ކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމުގެ އުޞޫލުތައް ކަނޑައަޅައިދިނުމެގެ ބިލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. މިބިލުގައިވާ ގޮތުން ޕުރައިވެޓައިޒް ކުރާނެ ތަންތަން ރައީސް ކަނޑައަޅާއިރު އެކަމުގެ އަމަލީ މަސައްކަތްތައް ކުރާނީ މިބިލުގައި ބުނެފައިވާ ކޮމިޝަނަކުންނެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ދެބޭފުޅެއްގެ ނަންފޮނުވުން

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ދެބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވީ ވެސް ނިމުނު ހަފްތާގެތެރޭގައެވެ. ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި ދެނަންފުޅަކީ ދަފްތަރު ޢަލީ މުޙައްމަދު މަނިކާއި މ. ހަޒާރީވިލާ އަޙްމަދު ފަޔާޒް އެވެ.

ކުއްލިއްޔާގެ މައްސަލާގައި ޤަރާރެށް ފާސްކުރުން

ލ. މާވަށު ދާއިރާގެ މެމްބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު ހުށައެޅުއްވި ޤަރާރުގައިވަނީ ހ. ލައިލަކް އާއި ހ. ކަރަންކާމާގެ އޮތް ބިން ކުއްލިއްޔާގެ ބޭނުމަށް ނެގުމަށްފަހު އެހެން ބޭނުމަކަށް އެބިން މިހާރު ބޭނުންކުރާ މައްސަލައެވެ. އެޤަރާރު ފާސްކުރަން ފެންނަ ކަމަށް ވޯޓުދީފައިވަނީ ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން 34 މެމްބަރުންނެވެ. ނުފެންނަކަމަށް 22 މެމްބަރަކު ވޯޓި ދިންއިރު މިޤަރާރަށް ވާހަކަދެއްކެވި މެމްބަރުންގެ ތެރެއިން ޑީއާރުޕީ އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނުގަދަ ބަހުސްތަކެއް ފެނިގެން ދިޔައެވެ.



,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    މުޙައްމަދު އިސްމާޢީލްގެ މިކޮލަމަށްޓަކައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އަޅުގަނޑު ދެކޭ ގޮތުގައި، އަވަދިނެތި އުޅުއްވާ ފަރާތްތަކަށް މަޖިލީހުގެ ޚަބަރުތައް ބަލައިލުމަށް މިފަދަ ކުރު ކޮލަމްތަކަކީ ވަރަށް ފަސޭހަ ގޮތެއް. ހަމަ އެފަދައިން، މިއީ ތާރީޚަށްޓަކައި ރައްކާކުރުން ވެސް މުހިންމު މަޢުލޫމާތުތަކެއް.

    މިދިޔަ ހަފްތާގެ މަޖިލީހުގެ ޚަބަރުތަކަށް ބަލާލާއިރު، ވިލިފުށީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ރިޔާސީ ދައުރު ބަދަލުވުމުގެ ބިލަކީ މުހިންމު ބިލެއް ކަމަށް ދެކެން. އެއީ، މައުމޫނުގެ ޙައިރާންކުރުވަނިވި ބަލިވުމަށްފަހު، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި، އެތައް ރެކޯޑަކާއި ލިޔެކިޔުމެއް އަދި ދައުލަތުގެ އެތައް މުދަލަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އަޑުފެތުރިފައިވާއިރު، މިފަދަ ޤާނޫނެއް އޮވެ، ވެރިކަމުން ދުރުވާ މީހަކު ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ މަގު މިބިލުގެ ސަބަބުން ގެއްލިގެންދާނެތީ. އެހެންނަމަވެސް، އެމެމްބަރު ހުށަހެޅުއްވި ރިޔާސީ ގަނޑުވަރުގެ ބިލަކީ، މަޖިލީހުގެ ވަގުތު ނަގާލުމުގެ ބިލެއް ކަމުގައި ވެސް ދަންނަވަން. ދެން ހަމައެހެންމެ، ވޭތުވެ ދިޔަ ހަފްތާގައި ކުއްލިއްޔާއާ ބެހޭ ގޮތުން ހުށަހެޅުނު މައްސަލަައަކީ ވަރަށް ދެކޮޅުނުޖެހޭ ކަމެއް ކަމުގައި ވެސް އަޅުގަނޑަށް ޤަބޫލު ކުރެވޭ.

    ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ހުށަހެޅުއްވި ދެ ބިލަކީ ވެސް ވަރަށް މުހިންމު ދެ ބިލު. އެކަމަށްޓަކައި އެބޭފުޅާއަށް ޝުކުރު ދަންނަވަން ޖެހޭ.

  2. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ވަރަށް ފައްކާ ކޮލަމްއެއްމީ…، ކޮންމެ ހަފްތާއަކު މިކޮލަމް ފެންނާނެ ކަމުގަ ހީކުރަން..

  3. ރޭބަން‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    އަދިވެސް އިތުރަށް ތަފްސީލު ކޮށްލުން ރަނގަޅު ވާނެ. އަނެއްހެން މީ ވަރަށް ރަނގަޅު ކަމެއް. މަޖިލީހުގެ ހާޒިރީ ރިޕޯޓުވެސް ގެނެސްދިނުން މުހިއްމު. ދެން މިރަށު ދެމެމްބަރުން މަޖިލީހުގައި ދައްކާ ވާހަކަވެސް ބަލަން ބޭނުން. މުހައްމަދާ އެކަން ކޮށްދެއްޗޭ.

  4. ދޮން އިބްރާހީމް ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    ދީނީ ސްވާލު މުބާރާތުގެ ނަތީޖާ ކޮބައިތަ؟