Share

މަޖިލީހުގެ އުސްއަލިތައް

މަޖިލީހުގެ އުސްއަލިތައް
މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ތަކަށް ބަލާއިރު ނިމި ދިޔަ ހަފްތާއަކީވެސް ތަފާތު ގިނަ މަސައްކަތްތަކެއް މަޖިލީހުގައި ކުރިއަށް ދިޔަ ހަފްތާއެކެވެ. ކޮމިޓީ މަސައްކަތްތަކުގެ އިތުރުން އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ފަހަރަށް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމެވެ.

އަތޮޅު އޮފީސްތައް ބަދަލު ކުރުމުގެ މައްސަލަ

ސިޔާސީ ބޭނުމަށްޓަކައި އަތޮޅު އޮފީސްތައް އެއްރަށުން އަނެއް ރަށަށް ބަދަލު ކުރާތީ ރައްޔިތުންގެ މެދުގައި ބޮޑު ހަސަދަ ވެރިކަމެއް އުފެދެމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުއްލި މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ މަޖިލީހަށް ހުށައަޅާފައެވެ. މިމައްސަލާގެ ބަހުސް ކުރަމުންދިޔައިރު ޑީއާރުޕީ އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވިފައެވެ. އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ދިޔައީ މިއީ އަތޮޅު އޮފީސްތައް ރަށްރަށަށް ބަދަލު ކުރި ފުރަތަމަ ފަހަރު ނޫންކަމަށާއި ކުރިންވެސް އެކި ދުވަސްވަރު ތަފާތު އަތޮޅު ތަކުގެ އަތޮޅު އޮފީސްތައް ބަދަލު ކުރިކަމަށެވެ. މިމައްސަލަ ބަލައިގަތުމަށް 61 މެމްބަރުންގެ ތެރެއިން 37 މެމްބަރަކު ވަނީ ވޯޓު ދީފައެވެ.

ޝަރުޢީ ކޯޓުތަކާބެހޭ ބިލް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޝަރުޢީ ކޯޓުތަކާބެހޭ ބިލް އަނބުރާ ގެންދިޔައީވެސް ނިމުނު ހަފްތާގައެވެ. މިބިލް އަނބުރާ ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް ވޯޓަށް އަހަން ތައްޔާރު ވެފައި ވަނިކޮށެވެ. ބަންޑާރަ ނައިބު ވިދާޅުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި އަލުން އިސްލާހުކޮށްފައި ބިލް މަޖިލީހަށް ހުށައެޅޭ ވަރު ވާނެ ކަމަށެވެ. މިބިލަކީ ޝަރުޢީ ކޯޓުތައް އެކުލަވާލުމަށާއި އެކޯޓުތަކުގެ އިހްތިޞާސް ކަނޑައެޅުމާއި ބެހޭ ބިލެކެވެ.

ދަރިވަރުންގެ ލޯނު ބިލް

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށައެޅުއްވި ދަރިވަރުންގެ ލޯނު ބިލް މަޖިލީހަށް ބަލައިގަނެ ގައުމީ ތަރައްޤީގެ ކޮމިޓީއަކަށް ފޮނުވީވެސް ނިމި ދިޔަ ހަފްތާގައެވެ. މިބިލް މަޖިލީހަށް ބަލައިގަތީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މިބިލް ގައުމީ ތަރައްޤީގެ ކޮމިޓީ އަށް ފޮނުވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހުށައަޅާ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތާއީދު ކުރެއްވި ހުށައެޅުމަށް އެއްވެސް މެމްބަރަކު ދެކޮޅު ހަދާފައި ނުވާތީ އެ ހުށައެޅުން ފާސްވީކަމަށް ބަލައިގެންނެވެ.

ބ ފުޅަދޫ ރައްޔިތުންގެ ޕެޓިޝަން

ބ ފުޅަދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިހާލަތު ހުރިގޮތް ސަރުކާރަށް އަންގައިދީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ބ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ހުށައެޅުއްވި ޕެޓިޝަން މަޖިލީހަށް ބަލައިގަނެ ބަހުސްކޮށްފައިވަނީ ވެސް ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

ޑރ ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ

ޑީއާރުޕީ އާއި ޕީއޭ ކޯލީޝަނުން ފޮރިން މިނިސްޓަރ ޑރ ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. މިއީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅި ފުރަތަމަ ފަހަރެވެ. މިމައްސަލަ ހުށައަޅާފައިވަނީ 35 މެމްބަރެއްގެ ސޮޔާއި އެކު ކަމަށް ޑީއާރުޕީން މައުލޫމާތު ދެއެވެ. އަދި އިތުރު މެމްބަރުންގެ ތާއީދުވެސް މިމައްސަލާގައި ލިބޭނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ 39 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އިރުތިޝާމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުން

ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ހ. އޯކިޑް އިރުތިޝާމް އާދަމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ ނިމިދިޔަ ހަފްތާގައެވެ. މިމަގާމަށް އިރުތިޝާމް އައްޔަން ކުރުމަށް ފެންނަކަމަށް 50 މެމްބަރަކު ވޯޓު ދިން އިރު ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 2 މެމްބަރުންނެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހުށައެޅި ގަރާރު

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވަރަށް މުހިއްމު މައްސަލައަކާއި ބެހޭ ގޮތުން ގަރާރެއް މަޖިލީހަށް ހުށައެޅީވެސް މިދިޔަ ހަފްތާގެ ތެރޭގައެވެ. މިއީ، 10 ޑިސެމްބަރު 1982 ވަނަ އަހަރު އދ އިން ގާއިމްކޮށްފައިވާ ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ “ކޮންވެންޝަން އޮފްދަ ލޯ އޮފް ދަ ސީ” ދިވެހި ސަރުކާރުން ތަސްދީގު ކޮށްފައިވުމާއެކު އެމުއާހަދާގެ 76 ވަނަ މާއްދާގެ 8 ގައިވާ ފަދައިން ކޮންމެ ގައުމެއްގެވެސް އެގައުމެއްގެ އައްސޭރިފަށުން ފެށިގެން 200 ނޯޓިކަލް މޭލަށް ވުރެ އިތުރަށް އެގައުމެއްގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ފުޅާވެގެންދާ ހާލަތުގައި އެތަފްސީލުތައް މުއާހަދާ ތަސްދީގު ކުރާތާ 10 އަހަރުތެރޭގައި އދ އަށް ހުށައެޅުމަށް އެމުއާހަދާގައި ވާތީ އެންމެ އިސް އެއް ޒިންމާކަމުގައި ނިންމަވާ މިމަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް ސަރުކާރަށް ގޮވާލާ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ބ) ގެ ދަށުން ހުށައެޅި މައްސަލައެކެވެ. މަޖިލީހުގެ އިއްތިފާގުން މި ގަރާރުވަނީ ހުށައެޅުއްވި ގޮތަށް ފާސްކޮށްފައެވެ.



,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    ވަރަށް ފުރިހަމަ..

  2. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    އަތޮޅު އޮފީސްތަކެއް ނޫން ރީދޫ މީހުން ފިޔަވާ އެހެން މީހުން ފާހާނާތައްވެސް މިހާރު ހުރި ރަށްނޫން އެހެން ރަށަކަށް ބަދަލުކުރާ ގޮތަށްވަނީ ހަމަޖެހިފަޔޯ، އޭރުން އެޕާރޓީއަށް ނުވަންނަ މީހުން ފާހާނާ ކުރަން ދާން ޖެހޭނީ އެހެން ރަށަކަށް، ކިހާ ހިތްފައްސޭހަވާނެދޯ، އެގޮތަށް ހަދަން ހަމަޖެއްސީ ރީދޫ މީހުންނަށް ވަސްދުވާނެތިންނޯވެސް ކިޔާ އަޑު އެހިން.
    ބިލެއް ފާހެއް ނުވެޔޭ އަންނި ކިޔައިގެން ފެލޭނެ، މިގައުމުގައި އަދުލް އިންސާފް ގާއިމް ރަގަޅެއް ނޫނޭ، އިންސާފޭ ކިޔާއިރު ތާޚިރެއް ނުން، އެތައް ދުވަހެއްގެ މަސައްކަތުން ކޮށާމަށައިގެން ބިލެއް ނިންމާލާ އިރަށް އެގެންދަނީ. މިސަރުކާރުގައި މިތިބީ ހުސް ރޯނު އެދުރުން،
    ލަފާފުރުން ދައްޗޭ ކިޔާ ޕެޓިޝަނެއް ހުށަހެޅުމުން ހައިރާންވެއްޖެ. މިގައުމުގައި ދަތުރު ފަތުރުގެ ނިޒާމް ޤާއިމްކޮށް އެކަމުގެ ފައްސޭހކަން އެތައް ބަޔަކަށް ލިބެމުންދަނީއޭ، ތިމަންނާ ކުރި މޮޅުކަމެކޭ ކިޔައިގެން އަންނި ހަޅޭލަވާއިރު، ތިރަށަށް ތިޔަވީ ކިހިނެއްބާވަ؟
    ޑރ.ޖަނާޒާ އަކަށް ކެބނެޓްގައި އުޅެވޭކަށް ނެތެއްނުން، ކުރިން ރީކޯ މޫސަ ނުރުހުނީ، މިފަހަރު DRP ކޯލިސަން، ކަލޯ ކިހިނެއްތަ ތިހަދަނީ، މިފަހަރު ރީކޯ އަކަށް އެކަމަކު މިވަރެއް ނެތްދޯ، ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނޭ އެބުނަނީ ހަމަ ތެދެއްތާ!
    ބަލަގާ އިގްތިސާދު މިއތޯ އަނދަވަޅެއްގައި ކަމަށް ބުނެ މުސާރަ އާއި އިނާޔަތްތައް ކަނޑާ ތަކެތީގެ އަގު އުފުލަމުންދާއިރުވެސް ތިތަންތަނަށް ރީދޫ މީހުން ފޮނުވަން ފައިސާ އެބަހުރިދޯ. އަހަރެމެންނަށް ޑޮލަރު ގަނޑެއްވެސް މިލިބެނީ ތެޅި މަރުވާފަހުން، އެނެއްކާ ޖެނީވާގައި ދިވެހިފައިސާ ބޭނުންކުރެވޭތަ؟ އެހެން ވެއްޖެއްޔާ ތިނިމުނީ، އަންނި ފައިސާ ކޮޅެއް ޖަހާފައިވެސް ތިކަން ހަމަޖައްސާލާނެ.
    ރީކޯ މޫސަ އަށް މިޖިލީހުގައި ތިކުރެވުނީ އަދި މިގައުމަށް ފައިދާކުރުވަނި ކަމެއް، އެހެން ނޫނީ އަބަދު ތިއުޅެނީ ކަލޯ ޖަލަށް ލީދުވސް ހަދުމަވެގެން އޭގެ ބަދަލު ނުހިފޮގެން ވިއްޔާދޯ.

  3. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    ކުޅުދުއްފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދާއި، ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ހުށަހެޅުއްވި ދެކަމަކީ ސީދާ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ސިޔާސީ ކުލަ ޖެހިފައި ނުވާ ދެކަން ކަމުގައި ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވަން. ދެން ޑީއާރުޕީއިން އަބަދު ވެސް ކުޅުއްވާ މަޖިލީހުގެ ވަގުތު ނަގާލުމުގެ ކަންތައްގަނޑެއް މިހަފްތާގައި ވެސް ތަކުރާރު ވެއްޖެ. އެފަދަ ކަންތައްތަކުން އަރައިނުގަނެ ކިހިނެތްތޯ ތަހުޒީބީ މުޖުތަމަޢެއްގައި ޑީއާރުޕީ އުޅޭނީ؟ އަދި ވެސް ޑީއާރުޕީ އޮތީ 17 ވަނަ ޤަރުނުގައި. ކުޅެނީ މިކަހަލަ ވަގުތު ނަގާލާ ކުޅިގަނޑާއި ސިހުރުކުޅިގަނޑު. މިކަންކަން ނުހުއްޓުވައި، މިރާއްޖޭގެ ވެރިކަމަށް އައުމަށް މިބައިމީހުން ތަސައްރަފު ފުދޭ ގޮތެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ.

  4. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    މިސަރުކާރުން ބޭނުމެއް ނުވޭ ބިލެއް ފާސްވިޔަދޭކަށް، އެމީހުން މިތިބީ 14 ވަނަ ގަރުނުގައި ނޫންބާ؟ ރައްޔިތުންނާއި ސީދާ ގުޅޭ ވާހަކަ ދައްކަނީ އަންނި އެކަންޏެއް ނޫންތަ؟ މިއީ މިހާރު ޓެރަރިސްޓުން އުޅޭ ތަނެއް ވިއްޔާ، އެކަންވެސް މިއެނގުނީ އަންނި ވެރިކަމަށް އައިކަމުން، ކިހާ ރަގަޅުދޯ.

  5. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:02/11/2009

    ސާބަހޭ މުހުންމަދާ. ކޮންމެ ހަފްތާ އަކުވެސް މިކަންވާނެ ކުރަން. އަހަރުން މަޖިލިސް ނުބެލޭ މީހުންނަށް މީހަމަ ވަރަށް ފައްކާ ބަޔެއް.