އަހަރެން ދާދި ކުޑައިރު، މިރަށު އިސްކޫލްގައި ކިޔަވަން އުޅުނުއިރު، މުށުތެރެއަށް މުރަވަކި އަޅާފައިވާ އަތްބުރިއެއް އިސްކޫލް ފާޚާނާގެ ތެރެއިން ފެނުނު ވާހަކަ އަޑު އަހާފައި، ފާޚާނާއަށް ދާންނުކެރި ސޯޓަށް ހީސްލެވުނު ހަނދާން އެބަހުއްޓެވެ. ކުލާހުގެ އިތުރު ދެކުއްޖަކަށްވެސް މިގޮތްވިއެވެ.
ނުފެންނަ އަތްބުރި ނުވަތަ ރައީސް ނަޝީދު ވިދާޅުވި ގޮތުންނަމަ، އެ މަނިކުފާނުގެ ސަރުކާރުން ރާވާކަންކަން ވުޖޫދަށް އައުމުގައި، މުހިންމު ދައުރެއް ކުޅޭ، އިންވިސިބްލް ތާރޑް ހޭންޑަކީ، ބިރުވެރި އެއްޗެކެވެ. ރައީސް ނަޝީދު މި ވިދާޅުވާ ނުފެންނަ އަތްބުރިއަކީ އަހަރެން ކުރިން މިބުނި ‘މުރަވަކި އަތްބުރި’ އަށްވުރެ މާ ބިރުވެރި އެއްޗެކެވެ. ސަބަބަކީ މުރަވަކި އަތްބުރި ކޮންމެވެސް ބަޔަކަށް ‘ފެނުނުނު’ ކަމަށް ވެއެވެ. ރައީސް ނަޝީދު މި ވިދާޅުވަނީ ނުފެންނަ އަތްބުރިއެއްގެ ވާހަކައެވެ. ފިޔަވަޅެއް އެޅޭނީވެސް ފެންނަނަމަތާއެވެ.
ރައީސް ނަޝީދުގެ އިންވިސިބްލް ތާރޑް ހޭންޑް ނުވަތަ ނުފެންނަ އަތްބުރި އެއީ ވަހުމެއް ނޫންކަން އިއުލާންކުރެއްވީ، ގާފަރުގައި ވައިން ކަރަންޓް އުފައްދާ ބުރަފަތީގެ މާސިންގާ ދަނޑެއް ތައްޔާރުކުރުމުގެ އިފްތިތާހީ ޖަލްސާގައެވެ. މި ދަނޑަކީ ބޭރުބަޔަކާއި ގުޅިގެން ހިންގާ އެތައް މިލިޔަން ޑޮލަރެއްގެ އަގުހުރި މަޝްރޫޢުއެކެވެ.
ކިޔާ އަޑު އިވެނީ، މިއީ ބަލަން ބޭނުން ބަޔަކަށް ދެފުށްފެންނަ ގޮތަށް ވެރިކަން ކުރާ ސަރުކާރެއްކަމަށާއި ވެރިކަން ކުރާންޖެހޭނީ އެގޮތަށް ކަމަށެވެ. ނަމަވެސް، ގާފަރުގައި ހިންގަން ގަސްތުކުރާ ބޮޑު މަޝްރޫގައި ނުފެންނަ އަތްބުރިއެއްގެ ދީލަތި އަތްގާތްކޮށްދިނުން އެކުލެވޭ ވާހަކަ ރައީސް ވިދާޅުވުމުން ސުވާލު އުފެދެއެވެ. ދެ ފުށްދައްކައިގެން ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމަށް މަރުދޭ ސަރުކާރަކުން ނުފެންނަ އަތްބުރިއެއް ގެންގުޅުއްވާތީ އަހަރެން ހައިރާންވަނީއެވެ.
ވަރަށް ފަހުން ރައީސް އޮފީހަށް، ބެލެވޭ ގޮތުން ތަންކޮޅެއް ޤަދަރުވެރި ސިފަޖަހާ ވަގުން ވަދެ، ލެޕްޓޮޕްތަކެއް ވަގަށް ނެގުމާ ގުޅިގެން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ޕުރެސް ސެކެޓަރީ ވިދާޅުވި ކަމަށް ނޫހުގައި އޮތީ، “… ވަރަށް ހާމަކަން ބޮޑު ގޮތަކަށް ސަރުކާރު ހިންގަމުން އަޅުގަނޑު މެން މިއަންނަނީ…” މިހެންނެވެ. ސަރުކާރުގެ ހާމަކަން ހުރި މިންވަރަކީ މިއެވެ. ނުފެންނަ އަތްބުރި ފިޔަވައި ހުރިހާ އެއްޗެއް މިހުރީ ހާމަޔަށެވެ. ބޭނުން ތާކުން ބޭނުން އެއްޗެއް ގެންދަވާށެވެ.
ނުފެންނަ އަތްބުރީގެ ތަފްސީލް ހާމަނުކުރެއްވި ގޮތަށް، ގާފަރު މަޝްރޫޢުގެ ތަފްސީލެއްވެސް ހާމައެއް ނުކުރެއްވިއެވެ. ގާފަރު ފަޅުކުއްޔަށް ދެއްވަނީ ކަމެއް، ވެދުމަށް އަރުއްވަނީ ކަމެއް، ކުއްޔަކީ ކޮބައިކަމެއް، ކުލީގެ މުއްދަތަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. މަޝްރޫޢު ފެށޭނެ ތާރީޚެއްވެސް ހާމައެއް ނުކުރައްވައެވެ. މި ކަންކަމާއި ސުވާލެއް ނުއުފެދޭހެއްޔެވެ؟ ނު ފެންނަ އަތްބުރިދެކެ ބިރެއް ފަހެ، ނުގަނޭ ހެއްޔެވެ؟
ވަރަށް ފަހުން ރައީސް ވިދާޅުވެފައިވަނީ އިންޑިޔާގެ ޖީ.އެމް. އާރު ކުންފުނިން ހަނިމާދޫ ވައިގެބަނދަރު ބައިނަލް އަގުވާމީ ވައިގެބަނދަރަކަށް ހަދާނެކަމަށެވެ. ‘އިހަވަންދިއްޕޮޅުގައި ނަމަވެސް’ ބަނދަރެއް އިންޑިޔާއިން ހަދާނެކަމަށެވެ. ނަމަވެސް މިއިން އެއްކަމެއްގެވެސް ތަފްސީލެއް ނުދެއްވިއެވެ. ދެ ފުށް ފެންނަ ވަރެއް ނުކުރެއްވިއެވެ. މިކަންކަމުގެ ހަގީގަތް ވަރަށް ވެސް އިންވިސިބްލްއެވެ.
އައްޑު އަތޮޅުގައި، ދަތުރުފަތުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ކުންފުންޏަށް ގަމުގައި ހުންނަ ‘ދޫގަސް’ އިމާރާތް ދިނުމުގައިވެސް ދެފުށް ފެންނަވަރަށްވުރެ ބޮޑަށް ފުސްބުރާފައިވާ ކަންތައްތަކެއް އެކުލެވޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މެދު ރާއްޖެތޭރޭގެ ކުޑަކުޑަ ރަށެއްގައި އިޓަލީގެ ޔުނިވާސިޓީއެއްގެ އައުޓް ޕޯސްޓެއް ހަދައި ރިބަންފަށް ކެނޑި މަންޒަރު ޓީވީއިން ތަންކޮޅެއް ކުރިން ދެއްކިއެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. މިހާރު އެ އައުޓް ޕޯސްޓްގެ ކަންތައް ވެފައިއޮތް ގޮތެއްވެސް އެނގޭނެ ގޮތެއް ނެތެވެ.
ހުރިހާ ކަމަކަށްވެސް އެ ވިދާޅުވާ އިންވިސިބްލް ތާރޑް ހޭންޑް ނުވަތަ ނުފެންނަ އަތްބުރި ފާވަނީހެން ހީވެއެވެ. އެ ގޮލާ ފާވެ ހުރިހާކަމެއް އަޑިނޭގޭ ވަރަށް ކިލަނބު ކޮށްލަނީ ހެން ހީވެއެވެ. ނު ފެންނަ އަތްބުރިއަކީ، ރާއްޖެއިން ބޭރުގެ ފަރާތަކުން ރާއްޖޭގައި ކަމެއް ފަށަން އުޅޭ އިރަށް އަތްގާތް ކޮށްދޭ ބިރުވެރި އަތްބުރިއެއްހެން މިހާރު ހީވާވަރު ނުވޭހެއްޔެވެ؟


މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:03/11/2009
ހުޅަނގުގެ ދޮން އަތެއް ވީމަ ތޯޗެ އަދި ދައްކައި ނުލެވިގެން އެއުޅެނީ. ބުނާތީ އަހަންވިއްޔާ މި ކުރާ ހެޔޮވެރިކަން މިކޮށްދެނީ ވިލާތު އިދިކޮޅު ޕާޓީ އަށޭ. އެބަޔަކު ކަންނޭނގެ އޭނުން އެ ނުފެންނަ އަތްބުރިޔަކީ.
ހާޝިމް ވިދާޅުވީ
ތާރީޚް:03/11/2009
އައްބާސްއަށް.
އައްބާސް ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ ހަމަ ވަރަށް ރަނގަޅު ކަންތައްތަކެއް. ސަރުކާރުން ޖެހޭނެ އެމަޝްރޫޢުތަކުގެ ތަފްޞީލު ދެއްވަން. އެހެންނޫނީ، ރައްޔިތުން ސުވާލު ކުރާނެ. ކުރަން ވެސް ޖެހޭނެ. އެކަމަކު ދަންނަވަންތޯ ވާހަކައެއް. އަޅުގަނޑުމެންގެ ޒިންމާއެއް ވެސް އެބައޮތް މިކަމުގައި. އެއީ އެމަޢުލޫމާތު ހޯދަން ނޫޅުން. އެހެންވީމާ، ސަރުކާރާ އެއްވަރަށް އަޅުގަނޑުމެން ވެސް މިކަމުގެ ޒިންމާ އުފުލަން ޖެހޭ.
މިކަމުގައި އަޅުގަނޑު ދޭން އޮތް ޚިޔާލަކީ، ތިޔަ ވިދާޅުވި އިޓަލީގެ ޔުނިވަރސިޓީގެ އައުޓް ޕޯސްޓާއި، ހަނިމާދޫ ވައިގެ ބަނދަރާއި، އިހަވަންދިންޕޮޅު ޓްރާންސް-ޝިޕްމެންޓް ބަނދަރުގެ ވާހަކަ އެ ސަރަޙައްދުތަކުގެ ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުން ލައްވާ ސުވާލު ކުރުވައިގެން ހޯދޭނެއޭ. އަދި މީޑިޔާ މެދުވެރިކޮށް ވެސް ހޯދޭނެ. އެހެންވީމާ، ރައްޔިތުން ކުރަން ޖެހޭ ކަމަކީ، އެމެމްބަރުންނަށް ގުޅުން. އަދި މީޑިޔާއަށް ވެސް ގުޅުން. ގުޅައިގެން އެމަޢުލޫމާތު ހޯދުން. އެހެން ހަދައިގެން ލިބޭނެ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ވިސްނައިގެން ނުވާނެ ސަރުކާރެއް ހޮވާފާ، ނުވަތަ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ތަމްސީލުކުރާ މެމްބަރުން ހޮވާފައި ދެއަތްއުރާލައިގެން ތިބެގެން ވާނޭ. އެހެނެއް ނުވާނެ. އެމީހުން ލައްވާ މަސައްކަތްކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ ފައިސާއިން ފައިސާ ދީފައި މިރާއްޖޭގައި އެބަ ހިންގާ އެގާރަ ވަރަކަށް ސިޔާސީ ޕާޓީ. އެޕާޓީތަކުން ވެސް ތިޔަކަންތަކާ އުޅެންވާނެ. ހަމައެކަނި ވެރިކަން ވައްޓާލަން އުޅެގެން ކަމަކު ނުދާނެ. ކޮބާތޯ ޑީއާރުޕީ؟ ކޮބާތޯ ފަޤީރުކަން ނައްތާލާ ޕާޓީ؟ ކޮބާތޯ ޖުމްހޫރީ ޕާޓީ؟ އަދި ކޮބާތޯ ޕީޕަލްސް ޕާޓީއާއި ޕީޕަލްސް އެލަޔަންސް؟ އަދި ހަމައެހެންމެ ކޮބާތޯ ޤައުމީ ޕާޓީއާއި، ލިބަރަލް ޕާޓީ؟ ކޮބާތޯ ހއ އަދި ހދ ގެ މެމްބަރުންތައް؟ އެފަރާތްތައް މިކަމުގައި އުޅޭ ތަނެއް ނުފެނޭ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:03/11/2009
އިން ވިސިބަލް ތާޑު ހޭންޑު ދޮއްތޮ؟ ބޭބެ ނެތިން މި ލިޔުމާ ދޭތެރޭގަ އެއްޗެއް ބުނާކަށް. އެކަމަކު އައްބާހާ މި ސައިޓަށް ވާ ގޮތް ބަލަހައްޓައިގެން ދުރުގަ ހުންނަ އިރު މޭގަނޑު ކުނޑިކުނޑިވާ ވަރު އެބަ ވޭ. މި ސައިޓަކަށް ފަހެ ތިޔާ ބުނާ ކަހަލަ އިންވިޒިބަލް ތާޑު ހޭންޑެއް އެހެން ނޫނިޔާ މުރަވަކި އަތްބުރިއެއް ބޭނުމެއް ނުވޭބާ؟
މީގަ ވާނެ ގޮތަކީ އައްބާހާ ބޭބެ ބުނެފާނަން ވާހަކައެއް! ސައިޓުގެ ތާޑު ހޭންޑަކީ އައްބާހާ އަހަރެމެން ޔޫސުންބޭބެ ގޯތި އިބްރާހިމާ އެޔޮޅެ ސޭހު ނަބީލާ ހާސިމެއް ކިޔާ ކުއްޖަ ކަހަލަ ކުދިން. މި ކުދިންނަށް ތާޑު ހޭންޑު ނުވެވެންޏާ ސައިޓު ލައްޕާފަ ހިނގާ ހޮޅުއައްޓަން މި އަނގައެއް ތަޅަން.
ރޯނު ބޮނޑި ވިދާޅުވީ
ތާރީޚް:04/11/2009
ނޫނޭ އައްބާހާ ބުނާކަށް ފައްކާ ލިޔުމެއް.. މިވަރު ކަމެހ މިފަކަށް އައިސް ހަމަ ނުފެނޭ… ތިގޮތުގައި ކުރިއަށް..
މައުހަދީ ވިދާޅުވީ
ތާރީޚް:06/11/2009
އައްބާސް މިފަހަރު ތިޔަ އެޅީ ޅައެއްޗެއް. ހަނިމާދޫ އެއަރޕޯޓާ ، ނުފެންނަ އަތާ ތިގުޅުވާލި ގޮތަށް ގުޅޭނެ ޖާގައެއްނެތް. އެއީ ސަރުޚާރާ އެފަރާތާއި ކުރެވުނު އަގުދަކީ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންއެއް. އެޔަކު ނުހުންނާނެ ކުއްޔަށް ދޭ ވާހަކަ އެއް އަދި ދެންޏާމު ދޭނެ މުއްދަތެއް އަދި ދޭނއ ކުއްޔެއް. އެއީ ދެފަރާތުން އެ މަސައްކަތް ކުރުމަށްޓަކާ ބޭނުންވާ އަސްލު އަގުދާ ހަމަޔަށް ދިުމަށްޓަކާ ވެވޭ ”ފަށާ އަގުދެއް” އޭގާ ހުންނާނީ ތަފާހުމް ވާ ކަންތައްތަކެއް
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:06/11/2009
މައުހަދީއަށް.
އިންޑިޔާގެ ޖީ.އެމް. އާރަށް، 6000 ޓޫރިސްޓް އެނދު، [މާތްކަލާކޯ! ހަމަ ރަނގަޅު ހަހާސް އެނދު] އެބަހީ ތިރީހަކަށް ރިސޯޓް ދޭގޮތަށް، ތިޔަ ބުނާ “ފަށާ އަގުދެއް” ހެދުން އެއީ، އަޑި ނޭގޭ ކަންތައް ގަނޑެއް އެކަމުގައި ވާނެކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެއް. ވީމާ ނުފެންނަ އަތްބުރި ތިޔަ އަގުދެއްގައި އެބައުޅޭ. އައްބާސް އަޅާފައި އެވަނީ ޅަ އެއްޗެއް ނޫން … ދޮން ކަލޯ!
ސިރްހާން ވިދާޅުވީ
ތާރީޚް:06/11/2009
އޭ އަތަރު ބިލިގާ ތިޔާ ކިޔާ އެއްޗެއް ސާފުކޮށްލަ ދީބަލަ. ހަހާސް އެނދޭ؟ އަނެއް ފަހަރު ވޯރާ ވިޔަފާރިވެރިން މި ގައުމަށް އަރަންބާވަ އެޔޮޅެނީ؟