Share

ނޮވެމްބަރު ތިނެއްގެ އެންމެ މަތިވެރި ބަޠަލުން

ނޮވެމްބަރު ތިނެއްގެ އެންމެ މަތިވެރި ބަޠަލުން
ހާޝިމް

މިރާއްޖޭގެ ފަހުގެ ތާރީޚުގައި ދިވެހިންނަށް ކުރިމަތިވި އެންމެ ބިރުވެރި އަދި ނުރައްކާތެރި ދުވަހަކީ 3 ނޮވެމްބަރު 1988 އެކެވެ. ނުވަތަ ދިވެހިން ޢާންމު ބަހުން ކިޔާ ބަޑި ބުރާސްފައްޗެވެ. އެދުވަހަކީ، ދިވެހި ޤައުމާއި ދީނުގެ ޙައްޤުގައި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ޙައްޤުގައި، ހަށިގަނޑާއި ފުރާނައިން ފިދާވުމަށް ފަސްނުޖެހޭ ދަރިންތަކެއް އެކަން ދިވެހި ޤައުމަށް ސާބިތުކޮށް ދިން ދުވަހެވެ. އަދި، ޤައުމަށްޓަކާ ތިމާގެ އަމިއްލަ އެދުންތައް ފަސްކޮށް، ޤައުމުގެ ޚިދުމަތް އިސްކުރި ދަރިންތަކެއް މިޤައުމުގައި ތިބިކަން ސާބިތުކޮށްދިން ދުވަސް ވެސް މެއެވެ. އެބަޠަލުން ކުރެ އެންމެ އަގުމާތްވި ބަޠަލުންގެ މައްޗަށް މިލިޔުމުގައި ބަލާލަން ގަސްދު ކުރަމެވެ.

1. ޝަހީދު ޙުސައިން އާދަމް

ޝަހީދު ޙުސައިން އާދަމަކީ ބަޑި ބުރާސްފަތި ދުވަހުގެ އެންމެ އަގުމާތްވި އެއްވަނަ ދަރަޖައިގެ ހިތްވަރުގަދަ ބަޠަލެވެ. އެދުވަހު ދުޝްމަނުންގެ ލަޝްކަރު މާލެއަށް އެރިއިރު، އޭނާ ހުންނެވީ ދިވެހިރާއްޖޭގެ ދިފާޢީ މަރުކަޒުކަމަށްވާ ބަނޑޭރިގޭގެ މައިދޮރުގެ ހުޅަނގު ފަރާތުގައި ފޯރިއަށެވެ. ދުޝްމަނުން ބަނޑޭރިގެއަށް އަމާޒުކުރި ފުރަތަމަ ޙަމަލާއާއެކު، އޭނާ ވަގުތުން ރައްދުގައި ޙަމަލާ ދެއްވަން ފެއްޓެވިއެވެ. އަދި ވަޒަންތަކުގެ ތެރެއިން ހުރަސްކުރައްވައި، ބަނޑޭރިގޭގެ މައިދޮރުގެ ހުޅަނގުގައި ފާރާއި އިންވެގެން ވާރެއިން ނިވާވާން ހަދާފައިވާ ޖާގައިގެ ތެރެއަށް ވަންނަވައި ވަރުގަދައަށް ދުޝްމަނުންނަށް ރައްދު ދެއްވިއެވެ.

ޝަހީދު ޙުސައިން އާދަމްގެ ރައްދު ޙަމާލާއަކީ ދުޝްމަނުންނަށް ސިހުން ގެނުވި ކަމެކެވެ. އަދި އެއާއެކު، މިފަދަ ކަމަކަށް ދުވަހަކު ވެސް ޚިޔާލުކުރެވިފައި ނެތް ސިފައިންނަށް ދިފާޢީ ޙަމަލާއަށް ތައްޔާރުވާނޭ ފުރުސަތު ލިބުނެވެ. އޭނާގެ ކުޅަދާނަކަމާއި ޖެހިލުންކުޑަކަމުގެ ސަބަބުން، އޭނާގެ އެންމެ ފަހުގެ ވަގުތުކޮޅާ ޖެހެންދެން ވެސް ޤައުމުގެ ދިފާޢުގައި ދުޝްމަނުން މަތަކުރެއްވިއެވެ. އެމީހުންނަށް އެންމެ އިންޗިއެއް ވެސް ކުރިއަށް ޖެހުނަނުދީ ހިފެހެއްޓެވިއެވެ. އަދި އެންމެ ފަހުން، އޭނާގެ ބަޑީގެ ހުރިހާ ވަޒަނެއް ހުސްވުމުން ދުޝްމަނުން ބުރުއްސާލި އުންޑަތަކުން އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ދިޔައެވެ. ޢުމުރުން އެންމެ 20 އަހަރުގައި، ކުޅުދުއްފުށީގެ މި ޒުވާނާގެ ފުރާނަ މިޤައުމަށްޓަކައި ދޫކުރެއްވީ، އޭނާއަށް މިޤައުމު ކެނޑިނޭޅި ޝުކުރުވެރިވާން ޖެހޭ ފަދަ ހިތްވަރާއި، އަޒުމުގެ މަތިވެރިކަން ސާބިތުކޮށްދެއްވާފައެވެ. ދިވެހިންނަށް ކުރިމަތިވި ބޮޑުވެގެންވާ މުޞީބާތަކާއި ނުރައްކަލަކުން ދިވެހިން ޙިމާޔަތްކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ.

2. ޝަހީދު ކުޑަނެވި ތުއްތު މަނިކު

ޝަހީދު ކުޑަނެވި ތުއްތު މަނިކަކީ ބަޑި ބުރާސްފަތި ދުވަހު، ޑިފެންސް މިނިސްޓަރުގެ ނައިބު އަލްފާޟިލް އިލްޔާސް އިބްރާހީމް އަތުލައިގަތުމަށް މއ. ކިނބިގަސްދޮށުގެއަށް ގޮސްތިބި ދުޝްމަނުންނާ ޖެހިލުންކުޑަކަމާއެކު ކުރިމަތިލެއްވި ހިތްވަރު ގަދަ އެއްވަނަ ދަރަޖައިގެ ބަޠަލެކެވެ. އޭނާއަށް ކިނބިގަސްދޮށުގެއާ ހަމައަށް އާދެވުމާއެކު، ދައުލަތުގެ ނައިބު މިނިސްޓަރެއް ދުޝްމަނުންގެ އަތްދަށު ވިޔަނުދިނުމަށްޓަކައި، ސިފައިންގެ ޑިއުޓީ އޭނާ އަދާކުރެއްވީ އޭގެ އޭނާއަށް މިޤައުމު ތަޢުރީފުކުރަން ޙައްޤު ދަރަޖައަށެވެ.

އެދުވަހު ކިނބިގަސްދޮށުގޭ ކައިރީގައި ހުރި އޭނާއަށް ވުރެ މާޒުވާން، މާބާރުގަދަ ދުޝްމަނެއްގެ އަތުން ހަތިޔާރު އަތުލެއްވުމަށްޓަކައި، އެނާ ހިތްވަރާއެކު ބެއްދެވިއެވެ. އެހެންނަމަވެސް، އެވަރުގަދަ މީހާ، ތުއްތު މަނިކު ކޮއްޕާލުމުން ތުއްތު މަނިކު ގޮސް ގާތްގަނޑަކަށް 6 ފޫޓު ދުރަށް ވިއްސައިގެން ދިޔައެވެ. އެއާއެކު އޭނާ އަނެއްކާ ވެސް ހަތިޔާރު އަތުލެއްވުމަށްޓަކައި ކޮޅަށް ތެދުވަން އުޅުއްވަނިކޮށް އޭނާގެ މޭފޫއަޅުވާލީ ދުޝްމަނުން ތަޅައިގަތް ބަޑީގެ އުންޑައިންނެވެ. އޭނާގެ ހަށިގަނޑު މިޤައުމަށްޓަކައި ފިދާކުރެއްވީ، ދައުލަތުގެ މިނިސްޓަރެއް ސަލާމަތްކުރެއްވުމަށް ފުރުސަތު ފަހިކޮށްދެއްވާފައެވެ. މިއީ ސިފައިންގެ މީހެއްގެ ޑިއުޓީ އަދާކުރުމުގެ އެންމެ މަތީ ދަރަޖައެވެ. އެކަމަށްޓަކައި ތުއްތު މަނިކަކީ ވެސް އެދުވަހުގެ އެއްވަނަ ދަރަޖައިގެ ބަޠަލެކެވެ.

3. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު

އޭރުގެ ލެފްޓިނެންޓް އަދި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަކީ ވެސް ބަޑި ބުރާސްފަތީގެ އެއްވަނަ ދަރަޖައިގެ ބަޠަލެކެވެ. އޭނާވަނީ، ބޭރުން އަރައިތިބި ދުޝްމަނުންނަކީ ކޮން ފެންވަރެއްގެ ކޮން ބައެއްތޯ ބެއްލެއްވުމަށްޓަކައި، ހަނގުރާމައިގެ މައިދާނުގެ ތެރެއަށް 10 ސިފައިންނާއެކު ނުކުންނަވައި، ފައިމަގުގައި ހިންގަވާ، މަޢުލޫމާތު ހޯއްދަވާފައެވެ. އެމަޢުލޫމާތަކީ، އެދުވަހުގެ ދިފާޢީ ޙަމަލާއަށް އެންމެ މުހިންމު މަޢުލޫމާތެވެ.

ލެފްޓިނެންޓް މޫސާ ޖަލީލު ބަނޑޭރިގެއިން ނުކުންނަވައި، ހުޅަނގަށް ވަޑައިގެން މަގު ހުރަސްކުރައްވައި ހުރަވީ ބިލްޑިންގަށް ދުރުވަނިކޮށް ދުޝްމަނުން ވަނީ ބަޑި ތަޅައިގެންފައެވެ. ނަމަވެސް، އެވަޒަންތަކުގެ ތެރެއިން ރެކިވަޑައިގެން ދުޝްމަނުންގެ ޚަބަރު ހޯއްދަވައި އެމަޢުލޫމާތު ސިފައިންގެއަށް ފޯރުކޮށްދެއްވިއެވެ. މޫސާ ޖަލީލު މިދެއްކެވި ހިތްވަރަކީ، ދިވެހި ޤައުމު އޭނާއަށްޓަކައި ފަޚުރުވެރިވާނެ ފަދަ މަތިވެރި ހިތްވަރެކެވެ. މިމަޢުލޫމާތު ސިފައިންނަށް ނުލިބުނުނަމަ، ސިފައިން ތިބީހީ އަނދިރިކަމެއްގައެވެ. ދިފާޢީ ޙަމަލާ ރޭއްވެވުމުގައި ސިފައިންގެ ކޮމާންޑަރުންނަށް ވަރަށް ދަތިވީހެވެ. އެހެންކަމުން އޭނާގެ މިހިތްވަރުގަދަ ކަމަށްޓަކައި އޭނާއަކީ ވެސް އެދުވަހުގެ އެއްވަނަ ދަރަޖައިގެ ބަޠަލެއްގެ ގޮތުގައި ފާހަގަކުރަން ޖެހެއެވެ.

4. އޮނަރަބަލް އަޙުމަދު މުޖުތަބާ އަދި އިސްމާޢީލް ނަޞީރު

އޮނަރަބަލް އަޙުމަދު މުޖުތަބާއަކީ ދައުލަތުގެ ޝިޕިންގ މިނިސްޓަރެވެ. އަދި އަލްފާޟިލް އިސްމާޢީލް ނަޞީރަކީ ޓްރޭޑް މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީއެވެ. އަދި ކުރީގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ގެ ބައްޕާފުޅެވެ. މިދެބޭފުޅުންނަކީ ރަހީނުންގެ ގޮތުގައި ގެންދިޔުމަށް ދުޝްމަނުން ބޭނުންވި ދައުލަތުގެ މަތީފެންވަރުގެ ބޭފުޅުންގެ ލިސްޓުގައިވާ ދެ ބޭފުޅުންނެވެ. ލިސްޓްގައިވާ އަނެއް ބޭފުޅުންނަކީ، މުޙައްމަދު ޒާހިރު ޙުސައިނާއި، ޢަބްދު ﷲ ޖަމީލާއި، ޢައްބާސް އިބްރާހީމާއި، އަޙުމަދު ނަޞީމް (ކެރަފާ ނަޞީމް) އަދި ބަދުރުއްނަޞީރެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބޭފުޅެއް ދުޝްމަނުންނަށް އަތެއް ނުލެވުނެވެ.

އޮނަރަބަލް އަޙުމަދު މުޖުތަބާއާއި އަލްފާޟިލް އިސްމާޢީލް ނަޞީރު ވަނީ ދުޝްމަނުން އައިސް ވަޑައިގަންނަވާށޭ ބުނުމުން ޖެހިލުމެއްނެތި އެމީހުންނާ އެކު ވަޑައިގެންފައެވެ. އަދި އެމީހުންގެ ރަހީނުންގެ ގޮތުގައި ޢާންމުންނާއެކު ދުޝްމަނުން ފިލައިގެން ދިޔުމަށް ބޭނުންކުރި އެމްވީ ޕްރޮގްރެސް ލައިޓްގައި ވެސް ތިއްބަވާފައެވެ. އެބޯޓު ފަހަތުން ދިވެހި ސިފައިންނާއެކު އައި އިންޑިޔާގެ މަނަވަރާ، ދުޝްމަނުންނާ ދެމެދުގައި ވާހަކަތައް ބަދަލުކުރުމުގައި މިބޭފުޅުންވަނީ ވަރަށް މުހިންމު ރޯލެއް ކުޅުއްވާފައެވެ. އަދި ދުޝްމަނުންގެ ބޯޓުގައި ތިބި ދިވެހި ރަހީނުންގެ ޙައްޤުގައި ވެސް ނުހަނު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ނަމަވެސް، އެންމެ ފަހުން، ދުޝްމަނުން ބަލިވެގެން ދިޔައިރު، ޙަމަލާގެ ތެރޭގައި މިބޭފުޅުން ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. މިބޭފުޅުންނަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤައުމަށް އެންމެ ތެދުވެރި، އަދި ނޮވެމްބަރު ތިނެއްގެ އެއްވަނަ ދަރަޖައިގެ ބަޠަލުންކަމާ މެދު ދެމީހަކު ދެބަހެއް ނުވާނެއެވެ.

5. އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް

ބަޑި ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަދި ސިފައިންގެ އެންމެ އިސްވެރިޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމް ކުރެއްވެވި މަސައްކަތްޕުޅާއި ހިތްވަރަކީ މިޤައުމު އެކަމަށް ހެކިވާނެ ކަންކަމެވެ. އަދި އެއީ އެމަނިކުފާނުގެ ސިޔާސީ މިތުރުންނާއި ހަތުރުން ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެދުވަހުގެ ޙަމަލާތައް ނާކާމިޔާބުކޮށްލެއްވުމުގައި، ދިވެހި ސިފައިން ކުރެއްވެވި ބުރަ މަސައްކަތުގެ މޭސްތިރިއަކީ މައުމޫނެވެ. އަދި، އެކަން ދުނިޔޭގެ ކަންކޮޅުތަކަށް އަންގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ބޭރުން އެހީ ހޯއްދެވީ ވެސް އެމަނިކުފާނެވެ.

މައުމޫންގެ ހިތްވަރާއި ހިކުމަތު އަމަލީގެ ސަބަބުން ދާދި އަވަހަށް އިންޑިޔާ ސަރުކާރުގެ އެހީ ރާއްޖެއަށް ލިބި، ހަނގުރާމައިގެ ދެވަނަ މަރުޙަލާ ކާމިޔާބުކުރެވުނެވެ. އަދި މުޅި ހަނގުރާމަ ނިމި ދިވެހިންނަށް ނަޞްރު ލިބުނެވެ. އަދި ފިލައިގެން ދިޔުމަށް މަސައްކަތްކުރި ދުޝްމަނުން އަތުލައިގަނެ، ރާއްޖެ ގެނެސް ޝަރީޢަތް ވެސް ކުރެވުނެވެ. މިޝަރީޢަތްތަކުން ދިވެހިންގެ 4 މީހުންނާއި 12 ބިދޭސީންގެ މައްޗަށް މަރުގެ ޙުކުމް ކުރެވިފައިވަނިކޮށް، އެމަނިކުފާނުވަނީ އެމީހުންގެ އެއަދަބު ލުއިކުރައްވާ އުމުރަށް ޖަލަށް ބަދަލު ވެސް ކޮށްދެއްވާފައެވެ. އަދި މިހާދިސާގައި ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކަށް އެހީވެދެއްވާ، އެކިވަރުވަރުގެ ޒަޚަމްތައް ލިބުނު ފަރާތްތަކަށް ފަރުވާގެ ކަންތައްތައް ހަމަޖައްސަވާ ދެއްވާފައެވެ. މިކަންކަން މިހެން ހުރުމާއެކު އަދި އެދުވަހު ދިވެހިންގެ ދިފާޢީ އިސް ކޮމާންޑަރަކީ ސީދާ އެމަނިކުފާނުކަމަށްވުމުން، އެދުވަހުގެ އެއްވަނަ ދަރަޖައިގެ ބަޠަލެއްގެ ގޮތުގައި އެމަނިކުފާނުގެ ނަންފުޅު ވެސް ފާހަގަކުރަން ޖެހެއެވެ.

އާދޭހެވެ. އިސްވެ ދެންނެވުނު ބޭބޭފުޅުންގެ އިތުރުން ބަޑި ބުރާސްފަތި ދުވަހު ދިވެހިންގެ ތެރެއިން ޝަހީދުވި ހަމަކޮންމެ މީހަކާއި، އެކިވަރުވަރުގެ އަނިޔާތައް ލިބުނު ކޮންމެ ފަރާތަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ބަޠަލުންނެވެ. އަދި މިހާދިސާގައި ޤައުމުގެ ދިފާޢުގައި ދެމިތިއްބެވި ހުރިހާ ސިފައިންގެ ބޭފުޅުންނާއި، ޒަޚަމްވެގެން މަގުމައްޗަށް ވެއްޓިފައިވާ އެކިއެކި ފަރާތްތައް ހަނގުރާމައިގެ މެދުން ގޮސް އެހީތެރިވެ، ހޮސްޕިޓަލަށް އުފުލި އެންމެހާ ޢާންމުންނާއި، އެކިއެކި ގޮތްގޮތުން އެކިފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ މީހުންނަކީ ވެސް ހަމަ މިޤައުމުގެ މަތިވެރި ބަޠަލުންނެވެ.

,

‮ ‬22‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:03/11/2009

    ހާޝިމު، މައުމޫނަށް ތަޢުރީފް ކޮށްފަ މިކަހަލަ ލިޔުމެއް ލިޔުނީމަ ނުލަފާޒާތެއްގެ ހިންޏެއް އިގޭތޯ އަންނަނީ…އެކަމަކު މިއީ ހަމަ ހަގީގަތް.ރަގަޅު އާޓިކަލެއް.

  2. ކަމަކުނުދޭ‮ ‬ވިދާޅުވީ


    ތާރީޚް:03/11/2009

    މިއީ ވަރަށް ފެންވަރު ދެރަ އާޓިކަލެއް، އެއްވެސް އޮއްޓަރެއްނެތް، މަޢުލޫގައި ބުނާ ބަތަލުން ފުރިހަމައަށް ގެނެސްދެވިފައެއްނެތް، 3 ނޮވެމްބަރުގެ ވާހަކަ ދައްކާފައި މިއޮތީ މައުމޫނަށް ޝުކުރު ދަންނަވަން، ތެދެއް މައުމޫނު އެއީ ހަމަ ބަތަލެއް އެކަމަކު މިއަދުގެ ބަތަލަކީ ހަމަ ސީދާ ހުސައިން އާދަމް،މިލިޔުމުގައި ދެންތިބި ބަތަލުންގެ ވާހަކައެއްނާދޭ، ކޮބާއެމީހުން، ސިފައިންގެއިންބޭރަށް ޓްރެކްޓަރގައި ނިކުތް ބޭފުޅުން، ލިޔުމެއް ލިޔާއިރު ހިތާހިތުން ކިޔުންތެރިއެއްގެ ވިސްނުމުންވެސް ކިޔާލަން ޖެހޭނެ، މިއީ ލިބިދޭ (ލިޔުމުން) ޢިބުރަތެއް އެކައްޗެއްވެސް ބުނެނުދެވޭ މިލިޔުން ލިނުބޭފުޅާއަށް ދަންނަވަންއޮތީ ލިޔުމުގައި އާކަމެއްނެތޭ ލިޔުންތެރިކަމުގެ ވައްޓަފާޅިއެއްނެތޭ، ދިރާސާ ކުރުމުގެ ހުނަރު ދައްކާލެވިފައެއްނެތޭ، އެހެންވީމާ ލިޔުމެއް ލިޔާއިރު ފަރަށް ދާ އުސޫލެއް ގެންގުޅެއްޏާ ކިޔާހިތެއްނުވާނެ، އަސްލު މިއަދު ސައިޓަށްވަނީ ކުޅުދުއްފުށީގައި ހިންގާ ސައިޓެއްވީމާ، ހުސައިން އާދަމްގެ ޒިކުރާ އާލާކުރާނެކަމަށް ހީކޮށް، ކުރީގައި ކުޅުދުއްފުށީ މީހުންގެ ހިއްވަރު މިހާރު ކުދިންގައިގައި ނެތްދޯ، ލިޔުން އިސްލާހުކޮށް އަލުން ކިޔާލަން ކެރޭވަރުކޮށްލުން ފެނޭ

  3. މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:03/11/2009

    މިއީ ސިޔާސީ ލިޔުމެއް ނޫން، ވީމާ ސިޔާސީކުރަން އުޅުމުގެ ބޭނުމެއްނެތް. އާޓިކަލް ރަނގަޅު.

  4. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    އާޓިކަލް ވަރަށް ފުރިހަމަ، އިތުރު އެއްޗެއް ބުނާކަށް ނެތް.

  5. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    މިފަދަ ދުވަހެއް ދެން މިރާއްޖެ ދެކޭކަށް ބޭނުމެއް ނުވޭ، އެފަދަ ދުވަހެއް ނުދައްކަވާތޯ މާތް ﷲ އަށް ދުއާ ކުރަން، އާމީން. ހަމަ އެފަދައިން އިސްލާމީ ހުރިހާ ގައުމުތަކެއްވެސް މިނިވަންކަމާއި އަމާންކަމުގައި ލެއްވުން އެދި ދުއާކުރަން. އާމީން.

  6. ކޭމާޓް‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ޝަހީދު ހުސައިން އާދަމް ފަދަ ހިތްވަރާއެކު ހަނގުރާމަކޮށް ޝަހީދުވި މީހުންނާއި އެއް ހަމައަކަށް ދޮންނަ މެޝިނަށް އެރި ފިލާ އޮތް މީހަކު ގެނެވޭނެ ގޮތެއް މިއުޅެނީ ހަމަ ވިސްނައި ނުގަނެވިގެންނެވެ.

  7. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    A new Hero of 3-11 attack

    ކޮންމެއަކަސް މައުމޫނުގެ ވާހަކަ އެއްގޮތަކަށްވެސް ނީވޭ މި ބަތަލުންގެ ބައިގައި. އެވާހަކަ ދައްކަންވެސް މިހުރިހާ ދުވަހު ހުރީ މީނަ ވިއްޔާ. ރާއްޖޭގައި ވެރިކަމުގެ ނިޒާމު ތާހިރު ނަމަ، އިއްޔެ، މުޅި ރާއްޖޭގައި މައުމޫނުގެ ފޮޓޯ އުޅުނީސް.

    ކޮންމެއަކަސް މިލިޔުން ވަރަށް އިންސާފުން ގެނެސްފައިވާކަން ފާހަގަ ކޮށްލެވޭ. މިއީކީ ސިޔާސީ ލިޔުމެއް ކަމުގައި ދެކިގެން ނުވާނެ.

  8. ހޯހޯ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    މިލިޔުން މިގޮތަށް ޙާޝިމް ލިޔެފައިމިވަނީ އޭނާއަކީ ވަރަށް އިންސާފަށް ލޯބިކުރާ މީހެއްކަމުގައި ދައްކަން. ވިއަށްވުރެ ގިނަބަޠަލުންގެ ވާހަކަ މިލިޔުމުގައި އޮންނަންވާނެ. ކޮބާތޯ މުޙައްމަދު ޒާހިރާއި އެނޫންވެސް އެފަދަ ބޭފުޅުން.

  9. Dog.‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    މަޢުމޫން އޮތީ ބިންގަރާހުގައި ބޮދައި، މަޢުމޫނައް މިލިސްޓުން ޖާގަލިބުނީތި ހައިރާންވެއްޖެ.

  10. ކަމަކުނުދޭ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ހާޝިމަށްވާނީ އެވަރު، އެއޮށް ގިނަ ބަތަލުން ގައިމު ހިތްވަރު ނެރުނު ހާދިސާއިން ހާޝިމަށް ފެނުނީ ދެތިންމީހުން، މައުމޫނާދިމާލަށް ކިޔުނު އެއްޗިހިން ހަމަހަމަކޮށްލަންވެގެން ހާޝިމް ލިޔުނު އާޓިކަލެއް، އަހަރުމެން ވެރިކަން ބަދަލުކުރީ 30 އަހަރުބޭނުން ނުވެގެން ކަމެއް ނުވާކޮންމެ ފަހަރަކު ހާޝިމް ދައްކާނީ 30 އަހަރުގެ ވާހަކަ، ގައިމު މިހާޝިމަކީ މީހަކަށް ފާޑުކިޔާވަރުގެ އުރަތްޕެއް ހުރި މީހެއްހެނެއް ހިޔެއްނުވޭ، މި އޮތް ލިޔުމަކުން، އެކަމަކު ބަޔަކު ކަމެއްކުރިއްޔާ ކުރަންވާނެތާ، އަދިވެސް ދަނެއް އޮތިއްޔާ ބޯކޮށްޕާލާތި، މަލަދުން ހަމަހަލާކު!!!!!!!!!!!!!

  11. ސަންގުބެ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ކޮބާ؟ ދެން މިލިސްޓުން ޖާގަ ދޭންވީ އަމީން ފައިސަލްއަށް ތަ؟ ނޫނީ އަންނިއަށްތަ؟

  12. Dog.‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ޖާގަދޭއްވީ ދަލޭކަޔައް (އޮލޭދަލޭކަ) ލަންދޫ އިބްރާހިމްބެޔައް، އާފަހެ މިދެފަރާތަކި އެދުވަހު ހިފެހެއްޓުނު ރަހީނުންގެ ތެރޭގައި ހިމެނެމިހުން. ބިންގަރާހުގައި ފިލާތިބި މީހުން ލިސްޓުގައި ޖެހޭކަމައްވަންޔާ މިމީހުންމާ ޢައުލާކަންބޮޑުނޫންތަ. އަދި މުހައްމަދު އަލީ (މާނިޔާ) އަކީ މާލެތެރެގެ ހަބަރުބެލުމަށް ނުކުމެއް ހިތްވަރުގަދަ ގުރޫޕުގެ މީހެއް، އޭނާހިމަނާލިނަމަވެސް މާރަގަޅުވީސް.

  13. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    DOG ނަމުގައި ކޮމެންޓް ކުރާ އިރު އެނަމުގައި އެހެން މީހަކު މިސައިޓަށް ކޮމެންޓް ކުރަމުން ގެންދާކަން ހަނދާކޮށް އާ ނަމެއް ހޯދުން ބުއްދިވެރިކަމަށް ފެނޭ.

  14. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    އެހެން މިބުނީ މަތީގައި DOG. މިގޮތަށް ލިޔެފައިވާ ކޮމެންޓް ތަކަކީ އަޅުގަނޑު ލިޔެފައިވާ ކޮމެންޓް ކަމުގައި ނުވާތީއެވެ.

  15. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ހަނގުރާމަގެ މައިދާނުގައި ހަގުރާމަ ކުރާނީ ހަމައެކަނި ކުރިމަތިލައިގެންނެތް ނޫން، ހަނގުރާމަ އަކީ ކޯޗެއްކަން ނޭނގި އެކަމާއި ބެހޭ ގޮތުން ކޮމެންޓް ކުރުމުގެ ކުރިން ވިސްނާލާ، އެހެން ނޫނީ އޮއްޓަރެއް ނުހުންނާނެ،

  16. ޙާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ހޯހޯއަށާއި، ޑޮގު ޑޮޓް އަށާއި، ކަމަކުނުދޭއަށް.
    ތިޔަ ބޭފުޅުން މާބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެން ލިޔުން ރަނގަޅަށް ވިދާޅުނުވާކަން ކޮމެންޓްތަކުން ސާބިތުވެއްޖެ. ނިކަން އަދި އެއްފަހަރު ފަހު ޕެރެގްރާފް ވިދާޅުވެ ބައްލަވާ. އޭރުން އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދަންނަވާފައިވަނީ، ނޮވެމްބަރު ތިނެއްގައި އެކިގޮތްގޮތުން ގައުމާއި ދީނުގެ ދިފާޢުގައި ޚިދުމަތްކުރެއްވެވި ހުރިހާ ފަރާތްތަކަކީ ވެސް އެދުވަހުގެ ބަޠަލުންނޭ. ދެން މިލިސްޓްގައި އަޅުގަނޑު ހިމަނާފައި އެވަނީ އޭގެ ތެރެއިން މަދު ބޭފުޅުން ކޮޅެއް. އެކަމަކު އެއީ ފަހަރެއްގައި ވެސް އެހެން ހުރިހާ ބޭފުޅުންނަށް ވެވޭ ކުޑައިމީސް ކަމެއް ކަމުގައި ދެކިވަޑައިގެން ނުވާނެ. އަދި މިލިޔުމަކީ ހަމަ އެއްވެސް ގޮތަކަށް ސިޔާސީ ލިޔުމަކަށް ހައްދަވައިގެން ވެސް ނުވާނެ. މިކަމުގައި ޑޯގު ދެއްކެވި މިސާލަށް ތަޢުރީފް ޙައްޤު. އެކަމަކު ޑޯގު ޑޮޓް ތިޔަ އުޅުއްވާ ގޮތް ކަމަކު ނުދޭ. އަމުދުން އެހެން ބޭފުޅެއްގެ ނަން ތިޔަ ގޮތަށް ބޭނުން ކުރެއްވުމަކީ ވަރަށް ނާތަހުޒީބު ކަމެއް.

  17. Dog.‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ރަގަޅުވާހަކައެއް ތިބުނި ހަގުރާމައެއް ހިގާއިރު އެގައުމެއްގައި ހުއްނަ ވެރިޔަކުގެ ވަރައްބޮޑުޒިއްމާތަކެއްވާނެ. ނަމަވެސް މިއާޓިކަލްގައި ހިމަނާވަރުގެ ޒިއްމާތަކެއް އެއިރުގެ ރައީސް އުފުއްލެވިކަމާއިމެދު މިހާރު ސައްކުއުފެދޭގޮވާއްފަށައިފި. ސަބަބަކި އެދުވަސްވަރުގައި ސިފައިންގޭގައި އުޅުއްވި ފަރާއްތަކުން އިވުނު އިންޓަވިއުތަކުއް މަޢުމޫން އަދި އިލިޔާސް އެބޭފުޅުންގެ ޒިއްމާޔާއި މެދުގައި އިހްމާލުވެފައި ވާކަމައް ފެއްނާތިވީމަ. މިސާލަކަށް އެބޭފުޅުނައް މިކަހަލަ ހަމަލާއެއްގެ މަޢުލޫމާތުލިބިފައި ވާއިރު ބަޑިގުދަނުގެ ތަޅުދަޑި ސިފައިންގޭބޭރައްދިއުމާއި، ޑިއުޓީގައި ތިބިމީހުންނައް އެއްގިފައި ނެތުމާއި އަދިވެސްބައިވަރު ކަންތައްތަކެއް. ސުވާލަކީ ދުވަހަކުވެސް ބަޑިގުދަނުގެ ތަޅުދަޑި ބޭރައްނުގެންދަވާއިރު އެދުވަހު ތަޅުދަޑިއޮތީކޮންތާކުބާވައޭ. އެތަޅުދަޑި ސިފައިންގެތެރޭގައޮތްނަމަ އެކަށީގެންވޭ އަހަރެމެންގެ ހުސެން އާދަމް ސަލާމަތްވުންވެސް. އެހެންނޫންތޯ؟

  18. މަރީ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނޮވެންބަރ ތިނަކީ އަޅުގަނޑުވަރަށް ގާތުން ދުން ހަމަލާއެއް. އެފަދަދުވަހެއް މާތްﷲ މިޤައުމަށް މިންވަރު ނުކުރައްވާށި. ހަޤީޤަތަށް ބުނާނަމަ އެދުވަހުގެ ޝަހީދުންގެ ހަދާންތައް އެއްގޮތަކަށްވެސް ސަރުކާރުން މިދުވަހާ ގުޅުވާ ކުރައްވާފައެއް ނެތް. އެދުވަހު ޝަހީދު ހުސައިން ޤައުމަށްޓަކައި އެވީ ޤުރުބާނީގެ ވާހަކަ އެއްވެސް ވަރަކަށް ދެއްކިފައެއް ނެތް. އެވާހަކަ އެއްވެސްވަރަކަށް ދެއްކިފައިވަނީ އެކަމާބެހޭ މަޢުލޫމާތު ދިވެހިންނަށް ދޭންފަށާފައިވަނީވެސް 2006 ވަނަ އަހަރުގެ ނަސްރުގެ ދުވަހު. އޭގެކުރީގައި ހުސެންގެ ޖިހާދާއިބެހޭގޮތުން އެއްވެސްވަރަކަށް މިހާރުބޮޑެތިވެފައި މިތިބި ޒުވާނުންނަށް މިކަމާއިބެހޭ މަޢުލޫމާތު ދެވިފައިނެތްކަން ހިތާމައާއި އެކު ފާހަގަކޮށް އެކަމާއި އިހުމާލުވެފއި ވާތީ ކުރީގެ ސަރުކާރު އަޅުގަނޑު ކުށްވެރިކުރަން. އަބަދުވެސް އަޑުއިވުނީ މައުމޫނުގެ ހިކުމަތު ޢަމަލީގެ ވާހަކަ. ދުވަހުގެ ބަޠަލަކަށް ހަދާފައިވަނީ އެމަނިކުފާނު. އެކަމަކު ލެޔާއި ފުރާނައިން ޤުރުބާންވެ މިޤައުމުގެ ސިފައިން އެކަމަށް ތައްޔާރުކުރުމަށް ފުރުސަތު ދީ ބަރާބަރު 2 ގަޑިއިރު ދުސްމަނުންނާއި ހަމަލާދިނުމުގައި ސާބިތުވެ ހުރީ އެޅަދޮޅު މިކުޅުދުއްފުށީ އެދަރިއަކަށްޓަކާ ފަޚުރުވެރިވާ ޝަހީދު ހުސައިން. ދުލުން ބުނާ ބަހަކުން ފާހަގަކޮށްލެވޭ ދުވަހަކުން އެޚިދުމަތުގެ އަގު ވަޒަން ކުރެވޭނެބާ. ނުވާނެކަން ޔަޤީން. މިހާގިނަދުވަސްވަންދެން މިވާހަކަތައް ފޮރުވާ މިބަޠަލަށް ނިސްބަތްވާ ފޮތެއްވެސް ނުނެރެ މިވާހަކަ ނުދެއްކީ ހުރިހާ ކުރެޑިޓެއް ތިމާ ހޯދަން. އެކަމަކު އޮޅުވާ ލުމަށްވެސް ތިޔައީ ބޮޑުވަރެއް.

  19. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ަރަށް ހިތާމަ ހުރި ކަމެއް މިތަނުގައި ވެސް ނުލަފާވެ ސަމާސާ ފީކަޅާ ހެދެންވެގެން ބައެއް މީހުން އުޅޭ ގޮތުން. މިއީ ވަރަށް ސީރިއަސް ލިޔުމެއް. ސީރިއަސް ކަމަކާ ގުޅުންހުރި މައުޟޫއެއް މިއީ. ދެން އެދުވަހުގެ ބަޠަލުންގެ ލިސްޓުގައި މައުމޫން ހިމެނި ގޮތް ލިޔުންތެރިޔާ އެއޮތީ ވިދާޅުވެފައި. ހަގީގަތުގައި މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ރައީސް ހުންނަވަން ޖެހޭނީ ރައްކާތެރި ތަނެއްގައި. އެއަށް ފަހު ގައުމު ގެންދަންވީ ގޮތުގެ ކޮމާންޑްތައް ރައީސް ޖެހޭނީ އެހެން ފަރާތްތަކަށް ދެއްވަން. މިސާލަކަށް ރައްކާތެރި ތަނެއްގައި ހުންނަވައިގެން ރައީސަށް ބޭރު ދުނިޔެއާ ސީދާ ގުޅުއްވެން ނެތް ނަމަ ރައީސް ޖެހޭނީ ރައްކާތެރި ތަނަކަށް “ބިންގަރާހަކަށް” އެރިވަޑައިގެން ޚާރިޖިއްޔާގެ އޮފިޝަލަކު ލައްވާ ބޭރު ދުނިޔެއާ ގުޅުވަން. ރައީސް ފްރަންޓް ލައިނަށް ނުކުންނަވައިގެން ރައީސްގެ ފުރާނައަށް ގެއްލުމެއް ވުމަކީ އެފަދަ ނާޒުކު ދަނޑިވަޅެއްގައި މުޅި ގައުމު ބޮއްސުންލައި ދުޝްމަނުންގެ އަތްދަށަށް ގައުމު ދިޔުން ފަދަ ކަމެއް. އެހެންކަމުން ޒަކީ ވިދާޅުވި ގޮތަށް މައުމޫނު ބިންގަރާހަށް އެރިވަޑައިގެން ޒަކީ ލައްވާ އިންޑިޔާއަށް ގުޅުވި ކަމީ މައުމޫނު ގެ ޙިކްމަތު ޢަމަލީ ނޫން ދެން ކޯޗެއް ކަމެއް ނޭނގެ. ޒަކީގެ އިންޓަވިޔު އިން އެބަ އެނގޭ ޒަކީ އިންޑިޔާއަށް ގުޅުއްވީ އެގޮތަށް އަމުރު އަސިސްގެންކަން. އެއްވެސް ގައުމެއްގެ ރައީސަކު ނުނުކުންނާނެ މައިދާނަކަށް. ދެން އަނެއްކޮޅުން ކެޕްޓަން މޫސާ ޖަލީލު ޥީޓީވީއަށް ދެއްވާފައި އޮތް ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި މައުމޫނުގެ އިރުޝާދުތައް ކެނޑިނޭޅި ލިބެމުން ދިޔަކަން. މައުމޫނު އެއީ ސިފައިންގެ ވެސް އެންމެ މަތީ ވެރިޔާ. މި ފަދަ ކަންކަން މިހެން ހުރި އިރު. ސިޔާސީ ދުޝްމަންކަން ކުރިޔަށް ނެރި މައުމޫން ގެ އަގުވައްޓާލަން އުޅުމަކީ މި ކަހަލަ ދުވަހަކާ ގުޅޭކަމެއް ނޫން. މި ވެބްސައިޓަށް ލިޔުއްވައި ކޮމެންޓުކުރައްވާ ބޭފުޅުންކުރެ ސިޔާސީ ގޮތުން މައުމޫނާ އެންމެ އިދިކޮޅު ލިޔުންތެރިޔާ ވެސް މިއަދު މި އޮތީ އޭނާގެ ސިޔާސީ ވިސްނުން އެއްކިބާ ކުރައްވާ މިފަދަ ގައުމީ މުނާސަބަތެއްގައި ގައުމީ ޝުޢޫރު އިސްކޮށްފައި. މިހެން ނުވާ ނަމަ ޝަހީދު ޙުސެން އާދަމްގެ ޒިކުރާ އާކުރުމުގެ މާނައެއް ނެތް. ހާޝިމް ގެ މި ލިޔުން ވަރަށް ޕްރޮފެޝަނަލް.

  20. DOg‮ ‬ވިދާޅުވީ


    ތާރީޚް:05/11/2009

    އަޅުގަނޑު ބުނެލަން އޮތީ ކޮންމެ ޤައުމަކަށް މިފަދަ ކަމެއް ކުރިމަތިވީ ނަމަވެސް އެކަމުން އިބްރަތްތަކެއް ނުލިބިއެއް ނުދާނެއޭ، އެއްވެސް ޤައުމެއްގައި މިފަދަ ކަމެއް ނުކުރެވޭ ވަރަށް ތައްޔާރުފައިވެސް ނޯންނާނެއޭ، އަދި މިފަދަ ކަމެއް އައުމުން ބަޔަކު ޤައުމަށާއި ދީނަށްޓަކައި ގުރުބާންވެގެންވެސް ދާނެއޭ، އެހެނެއް ކަމަކު އެއޮނި މިއޮނިހެން ހެދިނަމަ އެމީހާ މިމީހާ މަރެއް ނުވީހޭ، ޝަހީދެއް ނުވީހޭ، އޭނާގެ އަތެއް ބުރިއެއް ނުވީ، ލޮލެއް އަނދިރިއެއް ނުވީހޭ، މީގައި އިހްމާލުވަނީ އޭނަޔޭ މީނަޔޭ ކިޔުން މިއީ އެއްވެސް ތާކުންތާކު ޖެހޭކަމެއް ކަމުގައި އަލުގަނޑު ނުދެކެން. މިފަދަ ކޮންމެ ކަމެއްވެސް އަންނާނީ ރޭވުންތަކެއް އޭގެ އަޑީގައި އޮވެގެން، އެހެން ކަމުން އެފަދަ ކަމެއްގެ އެންމެ ފުރިހަމަ މައުލޫމާތު ލިބުމަކީ ދުރުކަމެއް، އެހެން ނަމަހީ އެމެރިކާގައި ހުރި އެމީހުންގެ ހައިބަތު ދައްކުވައިދޭ ބިލްޑިންގ ތަކަށް ޓެރަރިސްޓް ހަމަލައެއް ނާންނާނެ، ޕެންޓަގަން އަކީ ދުނިޔާގެ އެންމެން ގަބޫލުކުރާ އެންމެ ހައިސެކިއުރިޓީ ތަން، އެތަނަށްވެސް އެދުވަހު އެވަނީ ހަމަލާދީފައި، މިދިވެހިރާއްޖެ ވާހަކަ ދައްކަނީ ކިހިނެއް، އަދި އެވެސް މީގެ 21 އަހަރު ކުރި، މިހާރު މިޤައުމަށް ބަޔަކު އެގޮތަށް އެރިޔަސް ރަގަޅު ކުރަންޖެހޭ އެތަކެއް ކަމެއް ފެނިގެންދާނެ، އަސްލުގައި ސިފައިން ކުރިއަރަންފެށީވެސް އެހާދިޝާއަށް ފަހު، ޓްރޭނިންގތައް އިތުރުވީވެސް އޭގެ ފަހުން، ރާއްޖޭން ބޭރުން ތަމްރީނުތައް އިތުރުވެގެން ދިޔައީވެސް އޭގެފަހުގައި، ސިފައިންގެ ޑިއުޓީތަކާއި ސަލާމަތީކަންތައްތަކާއި މެދުވެސް އިތުރަށް ވިސްނުނީ އޭގެ ފަހުގައި، އަސްލު ސިފައިން ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ނޮވްމެބަރ 03 ކަމުގައި ބުނުން ދޮގަކަށް ނުވާނެ، އެކަމަކު އެފަދަ ދުވަހެއް އަލުން ދެކޭކަން އަޅުގަނޑު ނޭދެން، ދެން ސިފައިންގޭ ބަޑި ގުދަނު ތަޅުދަނީގެ ވާހަކަ އަސްލު ހަޤީޤަތެއް ކަމުގައި ތިބުނާ ގޮތް ވަނީނަމަ އެއީ އެންމެ ރަގަޅު ގޮތެއް ނޫން، އެކަމަކު އެކަންއެގޮތަށް ވުމުގެ އަސްލެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ ލިބިފައިވާ މައުލޫމާތުން ސިފައިންގެ ތެރޭގައިވެސް މިހަމަލާ އާއި ގުޅުން ހުރި މީހުން ތިބުން، އެކަން ސަރީއަތުންވެސް އެނގިގެން ގޮސްފައިވޭ، ދެން އަނެއް ކަމަކީ އަޅުގަނޑަށް އެނގިފައިވާ ސިފައިންނަށް މައުލޫމާތި ލިބުނީ ޖުލައި 26 ގައި ހަމަލާދޭން އުޅޭކަމުގެ ވާހަކަ، އެހެން ކަމުން އެދުވަސް ވަރު މަގުމަތީގައި ހަގުރާމަ ދެވޭނެ ގޮތްތައް ހަމަޖައްސާ ތައްޔާރީ ހާލަތުގައި 02 މަސްދުވަސް ސިފައިން ތިބުމަށްފަހު، އެފަދަ އެއްވެސް ކަމެއް ނައުމުން، ސަރުކާރަށް ލިބިފައިވާ މައުލޫމާތު ޝައްހަކަމާއި މެދު ސުވާލުއުފެދި ތައްޔާރީ ހާލަތު އެވަގުތަށް ނިންމާލީ، ހަމަލާއައީ މާފަހުން، ހަޤީޤަތް ކަމުގައި މިކަންވެސް ނުވެދާނެ އެހެނީ މިއީ އެކި މީހުންގެ ފަރާތުން ލިބޭ މައުލޫމާތު ކަމަށްވާތީ، އަޅުގަނޑު މިލިޔެލީ އޭރު ސިފައިންގޭގައި އުޅުނު މީހެއް އަޅުގަނޑު ގާތު ބުނިގޮތަށް، އޭރު އަޅުގަނޑުގެ އުމުރަކީ 09 އަހަރުކަމުން މުޅިން ހަޤީޤަތް ބުނެދެވޭނީ މީހުން ބުނާއެއްޗެއް އަޅާކިޔުމަށްފަހު،

  21. malas‮ ‬ވިދާޅުވީ


    ތާރީޚް:05/11/2009

    ތިފަދަ ވާހަކައެއް އަޅުގަނޑު އިއްޔެ އަޑުއެހިން. އަދި ތިބޭފުޅުން އިއްޔެ ހަނިމާދޫ އަށްވެސް ވަނީ ޗާޓަރު ފޮލައިޓެއްގައި އައިސްފައެވެ. އަދި ހަމަ އެހެންމެ ހަނިމާދޫގެ ރަތްއިތުންނާ ބައްދަލުކޮށްލަން ބޭނުންވެގެން އދުމުން ގިނަ އަދަދެއްގެ ރަތްއިތުންތަކެއްވަނީ ނިކުމެފައެވެ. ނަމަވެސ ކަން ދިމާވި ވަރަށްވެސް ދެރަކޮށްނެވެ. 17:15 ކީ ބައްދަލުވުން އެބޭފުޅުންނަށް ވަޑައިނުގަތެވުމުން، ގޮސް 1815 ވީއިރުވެސް ވަނީ ނުފެށިފައެވެ. ނަތީންޖާއެއްގެ ގޮތުން އެއްވެފައި އޮތްހާމީހުނަ މަދުވަމުން މަދުވަމުން ގޮސް ކޯރަމް ގެއްލޭވަރަށް ގޮސް ހުސްވެއްޖެއެވެ. އެހެންކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރަތްއިތުން ތިބީ ހިތްހަމަނުޖެހި މިއީ ވާނެ ކަމަކާމެދު ސައްކު އުފެދިފައެވެ. އަޅުގަނޑަކީވެސް މިހާރު ހަނިމާދޫ ރަށްވެއްސަކީމެވެ. ހުދު އަޅުގަނޑުވެސް ނަސީދު ގެ ތި ނިއްމުމާމެދު ވަރަށް އުފާކުރަމެވެ. ބެސްވެރިކަމަށް ފުރައިގެންދާ މީސްމީހުންނަށް މިއީ އުފާވެރި ހަބަރަކަނ ވާނެ ކަމށް އުއްމީދު ކުރަމވެވެ.

  22. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:06/11/2009

    މައޫނު ބަތަލު އެދުވަހު އޮތީ ބިރުންވަދެ ބިންގަރާހުގަ.ހުރިހާ ލެޔެއްއޮހޮރާ ހުރިހާ ހާލެއްގަ ތެޅުނީ އެހެންމީހުން.އާ ! މައުމޫނުވެސް ބަލާނެތާ މަރުންސަލާމަތްވޭތޯ އެހެންވެ ކުރިކަމެއްކުރީ.