އެ ބަޠަލަކަށް މުޅި ދިވެހިރާއްޖެ ފަޚްރުވެރިވާ، ހދ. ކުޅުދުއްފުށީ މާވާގެ ކޯޕްރަލް ޙުސައިން ޢާދަމްގެ ނަމަކީ މިދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. އެހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ލެޔަކީ ހަނދާން ނައްތާލެވޭނެ ލެޔެއް ނޫނެވެ. އެހަނދާނަކީ ދިވެހިފަސްގަނޑުން ފޮހެވިގެންދާނެ ހަނދާންތަކެއް ނޫނެވެ. އެކުރި، ހިތްވަރަކީ، ސިފަވަންތަ ޖެހިލުންކުޑަ ހިތްވަރެކެވެ. އާދެ، 3 ނޮވެމްބަރ 1988 ގައި އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާގައި މިލޮބުވެތި ވަޠަން ދިފާޢުކުރުމަށްޓަކައި އެންމެ ފާހަގަ ކޮށްލެވޭ ހިތްވަރުގަދަ ރައްދެއް ޓެރަރިސްޓުންނަށް ދިނީ އެއްވެސް ޝައްކެއް ނެތްގޮތުގައި ކޯޕްރަލް ޙުސައިން ޢާދަމެވެ.
ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. މިހާރުވެސް ހދ. ކުޅުދުއްފުށި އޭނާއަށް ފަޚްރުވެރިވެއެވެ. އޭނާ އަކީ އުޅުމާއި އަޚްލާޤު ރަނގަޅު ސާދާ މިޒާޖެއްގެ ވެރި ސޯލްޖަރެކެވެ. އޯޑަރަށް ފުރިހަމަ އަށް ކިޔަމަންވުމާއި ގަޑިއަށް ފަރުވާތެރި ވުމަކީ މަތިވެރި ގައުމީ ހިދުމަތެއްކަމަށް ދެކިގެން އުޅުނު ސޯލްޖަރެއްވެސް މެއެވެ. ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީން ފުރިހަމަ ކުރިއެވެ. ފުރަތަމަ މަސައްކަތް ކުރީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 6 ޖޫން 1987 ން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯސް ގައެވެ. ސިފައިންގެ ޙިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކުރިއެވެ. ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ. ކޯޕްރަލް ޙުސައިން ޢާދަމް އަށް ނިސްބަތްވާ ގޮތަށް ސަރުކާރުންވަނީ “ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގް” ގެ ނަމުގައި އިމާރާތެއް ބިނާކުރައްވާފައެވެ. އަދި ސަރުކާރުން ޙުސައިން ޢާދަމްގެ މަތިވެރި ޚިދުމަތް ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓްރީންނާއި ސިފައިންގެއިން އޭނާގެ މައިންބަފައިންނާއި މެދު ޙާއްސަގޮތަކަށް ބައްލަވައި މިހާރުވެސް އެހީތައް ވެދެއްވައެވެ.
3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމަލާގައި ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދޭއިރަށް ކުޅަދާނަ ޙުސައިން ޢާދަމް އޭގެ ރައްދު އެވަޒަން އައި ދިމާލަށް ދިނެވެ. އޭރު އޭނާ ހުރީ ސިފައިންގެ މައި ގޭޓް ހުޅަނގުފަރާތުގައި ފޯރިއަށެވެ. ކަވަރު ނެގުމަށްޓަކައި އޭނާ ވަނީ ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރެއަށެވެ. ނަމަވެސް ޙުސައިން ޢާދަމް ދުޝްމަނުންނަށް ކެނޑިނޭޅި ހަމަލާތައް ދެމުންދިޔައެވެ. ނިކަން ހުޝިޔާރު ކަމާއި ޖެހިލުންކުޑަ ކަމާ އެކުގައެވެ. އޭރު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުޞަތު ލިބުނީ ކުޅަދާނަ ޙުސައިން ޢާދަމް ގެ ސަބަބުންނެވެ. މާލަސްތަކެއް ނުވެ ޙުސައިން ޢާދަމް ގެ އަތުން ވަޒަން ހުސްވިއެވެ. އެހެންނަމަވެސް އޭނާ ގޮވަމުންދިޔައީ އިތުރު މެގަޒިނެއް ދިނުމަށެވެ. އޭރުވެސް ހުރީ އެވަރުގަދަ އަޒުމަށް ބަދަލެއް ނައިސް މަތިވެރި އަޒުމުގައެވެ. ނަމަވެސް ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ޙުސައިން ޢާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެހިނދު މިފަސްގަނޑު ދޫކޮށް ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ޝަހީދީ ލެއިން ތެންމާލައި، ޝަހީދުވީ އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚްރުވެރި ނަމެއް ހޯދައިދީފައެވެ. މިލޮބުވެތި ވަޠަން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ އުދުވާނީ ހަމަލާގައި ގައުމުގެ ބަޠަލެއްގެ ޝަރަފުވެރިކަމާއިގެންނެވެ. ކޮންމެ ސިފައިންގެ މީހަކަށް ވެސް ނަމޫނާއެއް ދައްކައިދީ، ފަޚްރުވެރި ތިން މެޑަލް ކާމިޔާބު ކޮށްފައެވެ. މާތް ރަސްކަލާނގެ ޝަހީދު ޙުސައިން ޢާދަމްގެ ފުރާނައަށް ބަރަކާތް ލައްވައި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
ހޯއްދަވާފައިވާ ކާމިޔާބީތައް
13 މާރޗް 1985 އިން 13 މާރޗް 1986 އަށް ގަޑިއެއް ނުޖެހި، ސަލާމެއް ނުބުނެ މައްސަލައެއް ދިމާނުވެ، ޑިއުޓީއަށް ގޮސްފައިވާތީ އެކަމުގެ އިނާމު 6 ޖޫން 1986 ވީ ސިފައިންގެ އަހަރީ ދުވަހު ލިބިފައިވެއެވެ.
13 މާރޗް 1986 އިން 13 މާރޗް 1987 އަށް ޕެރޭޑް ހާޟިރީން އެންމެ ރަނގަޅު މީހުންގެ ތެރެއިން ހޮވިގެން އެކަމުގެ އިނާމް 6 ޖޫން 1987 ވީ ސިފައިންގެ އަހަރީ ދުވަހު ލިބިފައިވެއެވެ.
ލިބިލައްވާފައިވާ މެޑަލްތައް
މެޑަލް ފޯރ އެކްސެޕްޝަނަލް ބްރޭވަރީ (3 ނޮވެމްބަރ 1988)
ޖިހާދުގެ ރަތްމެޑަލް (3 ނޮވެމްބަރ 1988)
3 ނޮވެމްބަރުގެ މެޑަލް (3 ނޮވެމްބަރ 1988)
ނޯޓް: އައްޑަން މަޖައްލާގެ 21 އޭޕްރީލް 2007 ގެ އަދަދުގައި

ޢަބުދުﷲ ވިދާޅުވީ
ތާރީޚް:07/11/2009
މާތްﷲ ހުސައިން އަށް ދީނަށްޓަކައި ޝަހީދުވެދިޔަ ޝަހީދެއްގެ މާތް ދަރަޖަ ދެއްވާށީ އާމީން
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:07/11/2009
ހަމަ އެއް ނޭވައިން ކިޔާލެވިއްޖެ.
ޝަހީދު ޙުސެން އާދަމް ގެ މައިފުށުގެ މާމަ އަކީ މި ރަށު ވަރަށް މައްސޫރު ފޫޅު މައެއް. އެއީ ފޫޅު ހައްވަދައިތަ. ހުސެން އާދަމް ތުއްޕުޅު އިރު ގެންގުޅުއްވީ މާމައޭ ކިޔާ އަޑު އެހިން.
އަހުމަދު ވިދާޅުވީ
ތާރީޚް:07/11/2009
ހުސެން އާދަމްގެ މައިން ބަފައިނަށް ކެއްތެރިކަން ދެއްވަވައި، އުފާވެރި ހަޔާތެއް ދެއްކެވުންއެދި ދުޢާ ކުރަން.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:07/11/2009
ޝަހީދު ހުސެއިން އާދަމްއަށް އަހަރެމެން އަބަދުވެސް ފަހުރު ވެރިވަން. އުންމީދަކީ ކުޅުދުއްދުށީގެ ކޮންމެ ދަރިޔަކީވެސް ގައުމަށްޓަކައި ދީނަށްޓަކައި ކޮންމެ ގުރުބާނީއެއްވެސް ވާންތައްޔާރަށް ތިބި ބަޔަކަށްވުން. ކުޅުދުއްފުށީ މީހުން ކަންތައްތަކީ ނުކުންނަންވީ. ކަންތައްތަކާ ކުރިމަތިލާންވީ. އޭރުން ވާނެ. ކުރެވޭނެ.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:07/11/2009
މިތާކުން ދެން ބަތަލެއް ނުނިކުންނާނެ. ކުޅުދުއްފުށި ހުސް ޕާޓޭންގެ ރަށަކަށް ވާކަށް ދެން މާގިނަ ދުވަހެއް ނުނަގާނެ. މިތާކުންވާދޯ މޮޅު ފުޓުބޯޅަ ކުޅުންތެރިޔެއްވެސް ނޫފެދޭ ވިއްޔާ. ދެން ބުނޭ އަލީ އުމަރޭ. އެސޮރު ވާހަކަ ހުއްޓާފަ މިހާރު ވެއްޖޭނުން އެހެން ކުއްޖަކު މޮޅުވެގެން ނުކުންނަން. މިއޮއްހުރިހާ ފުޓުބޯޅަ މުބާރާތްތަކާ އެއްޗެހި ކުޅޭއިރު މާލޭ ފެންވަރު ކުޅެލަން ދާނެ ކުއްޖަކު ނުވޭ ވިއްޔާ.
No one is above the law BUT Some one is above the nation ވިދާޅުވީ
ތާރީޚް:08/11/2009
ހުސެން އަދަމް ގެފުރާނަޔައް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެ.
ހުސެން އާދަމްގެ ނަން އިވުނަސް އަހުރެއްގެ ލޮލިން ކަރުނަހިލޭ. އަހުރެއްވެސް ހުސެން އާދަމް ކަހަލަ ބަތޮލަކަން ސަހިދަކަށް ވަރައް ވާހިއްވޭ.
ސުވާލަކީ ކުޅުދުއްފުށީގައި ހުސެން އާދަމްގެ ހިތްވަރާއި ހަދާން އާކުރާކިތައް މީހުންއެބަތިބިބާވައޭ؟
ayya ވިދާޅުވީ
ތާރީޚް:08/11/2009
މާތްﷲ އެމަރުހޫމަށް ސުވަރުގޭގެ މަތިވެރިކަން ދެއްވާށި