ހެޔޮސަރުކާރަށް ނުވަތަ އޯގާތެރި ސަރުކާރަށް 01 އަހަރު ފުރުން، ރާއްޖޭގެ ކަންކޮޅުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިދަނީ ފާހަގަކުރަމުންނެވެ. ބައެއް މީހުން 41 ވަނަ ޖުމްހޫރީ ދުވަހުގެ ގޮތުގައި ނުވަތަ ސުރުޚީގައި ދެންނެވިފައިވާ ގޮތުގައެވެ. ކޮންމެ ގޮތެއްގައި ކޮންމެ ނަމެއްގައި ފާހަގަކުރި ނަމަވެސް އެންމެ ރަގަޅެވެ. ކޮންމެ ބަޔަކަށްވެސް އުފާވެރި ދުވަހެއް އައިސްފިނަމަ އެކަން ފާހަގަކުރުން އެއީ ހަމަ އެންމެ ރަގަޅުކަމެކެވެ. އެގޮތުން އަޅުގަނޑުމެން އުފަންދުވަސްވެސް ފާހަގަކުރަމުން ގެންދާކަމީ އެންމެން ދަންނަ ކަމެކެވެ.
ދެން އަޅުގަނޑު ބަލާލަން ބޭނުންވަނީ މިސަރުކާރަށް 01 އަހަރު ދުވަސް ފުރުން ފާހަގަކުރާ އިރު ސަރުކާރުން ރައްޔިތުންނަށް އެންމެ އެދެވޭ ޚިދުމަތްތަކެއް ފޯރުކޮށްދެވިއްޖެތޯއެވެ؟ ނުވަތަ އެފަދަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ އަލާމާތް ފެންނަން ފަށައިފިތޯއެވެ؟ ފުރަތަމަ އަޅުގަނޑު މިގޮތުން ބަލާލަން ބޭނުންވަނީ މިސަރުކާރުން މިރަށަށް ކޮއްދީފައިވާ ނުވަތަ ކޮށްދޭނެކަމުގެ ސިގްނަލް ދީފައިވާ ކަންތައްތަކަކީ ކޮބައިތޯއެވެ. އެގޮތުން ބަލާއިރު މިސަރުކާރުން އިސްނަގައިގެން ބަޖެޓްގައި ހިމެނިގެން ނިމިގެން މިދާ 2009 ވަނައަހަރު އެއްވެސް ކަމެއް ކޮށްދީފައެއް ނުވާކަން ހިތާމައާއި އެކު ފާހަގަކޮށްލަމެވެ. ނަމަވެސް މިރަށު އިންޖީނުގެ ޕްރަވެޓައިޒް ކޮށްފައިވާކަން ހަނދާންނެތުނީއެއް ނޫނެވެ. އެއީ ތަރައްޤީގެ ގޮތުން އިތުރު ބަޖެޓަކުން ކޮށްފައިވާކަމަކަށް ނުވާތީ ފާހަގަ ނުކޮށްދޫކޮށްލީއެވެ. އަދި އެކަމުން މިވީހާތަނަށް އެތަނުގެ މުވައްޒަފުންނަށް އުނދަގޫވެ މާލީގޮތުން ދަނީ ދަތިވަމުންކަމުގައިވާތީ އެއީ ކުރިއެރުމެއްކަމަށް ބެލުމަށްވުރެ ރައްޔިތުންނަށް ހުރި ބިރެއްގެ ގޮތުގައި ބެލެވެނީއެވެ. މީގެ ދެދުވަހެއް ކުރިން އެތަނުގެ މުވައްޒަފުންގެ އިތުރުގަޑީ އެލަވަންސް ވަނީ ކަނޑާލާފައެވެ. އެއީ މަހެއްގެ މައްޗަށް މީހަކަށް -/5000ރ އެވެ. ކަންމިހެން ހުރި އިރު މިއީ މިއަދުގެ ހާލަތެވެ. ފަހުން ވާނެ ގޮތެއް އަދި ނޭނގެއެވެ.
ދެން މިރަށަށް ކޮށްދޭން އިޝާރާތްކޮށްފައިވާ ކަންތައްތަކަށް ބަލާލަމާތޯއެވެ؟ އެގޮތުން އަފީފުއްދީން ސްކޫލް ޕްރައިވެޓައިޒް ކުރުމާއި ރީޖަނަލް ހޮސްޕިޓަލް ޕްރައިވެޓައިޒްކުރުމާއި އަތޮޅު އޮފީސް ހދ.ހަނިމާދޫ އަށް ބަދަލުކުރުން ހިމެނެއެވެ. މީގެ ތެރެއިން އަފީފުއްދީން ޕްރައިވެޓައިޒް ކުރުން ފިޔަވާ ދެން މިއީ މުޅިންވެސް އިއުލާންނުކުރަނިސް ފެތުރިފައިވާ އަޑުތަކެއްކަމުން، މިކަމުގެ އަސްލު ހަޤީޤަތް އަދިވަނީ ނޭނގިއެވެ. ނަމަވެސް އަޑެއް ކިޔައިފީމުން ރެނދެއް ލާނޭ މުސްކުޅިން ބުނެ އުޅޭތީ، މިކަމުގައިވެސް ހަޤީޤަތެއް ވުން ވަރަށް ކައިރިއެވެ. ކަން މިހެން ހުރި އިރު މިކަންތައްތަކުން ރަށަށް ލިބޭނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އިސާފްކުރުން ކިޔުންތެރިންގެ އަތްމައްޗަށް ދޫކޮށްލަމެވެ.
ދެން އޮތީ ޤައުމެވެ. އެގޮތުން ޤައުމުގެ ހުރިހާ ދިމާލަކަށް ބަލާލުމުގެ ބަދަލުގައި ފުރަތަމަ މާލެ އަށް ބަލާލަމާތޯއެވެ؟ އެގޮތުން މާލޭގެ ކަރަންޓް ފީ މިވަނީ ބޮޑުކޮށްފައެވެ. މިކަމާއި ގުޅިގެން ތަކެތީގެ އަގާއި ތަންތަނުގެ ކުލި މިވަނީ ބޮޑުވެފައެވެ. ޤިޔާޒުއްދީން ސްކޫލް ޕްރައިވެޓައިޒް ކުރުން ވެގެން ދިޔައީ އެތަކެއް ބަޔަކު ދެކޮޅު ހެދިކަމަކަށެވެ. ނަމަވެސް އެކަންވެސް ސަރުކާރުން ބޭނުންވާގޮތަށް ސާބިތުކަމާއި އެކު ކޮށްދީފިއެވެ. މިކަމުން ރައްޔިތުންނަށް ލިބޭނީ ފައިދާތޯ ގެއްލުންތޯ އަދި ބުނަން ނޭނގުނަސް ގިނަބަޔަކު ބުނަމުންދަނީ ލިބޭނީ ގެއްލުންކަމުގައެވެ.
ރާއްޖޭގެ ކަންކޮޅުތަކަށް ބަލާލިއިރު މާބޮޑުކަންތައްތަކެއް ކޮއްދީފައި ނެތްނަމަވެސް ދެއަތޮޅެއްގެ އަތޮޅުވެރިންކަން އެހެން ރަށަކަށް ބަދަލުކުރުމާއި، މިސަރުކާރުގެ ފަސް ވަޢުދުތަރެއިން އެއް ވަޢުދުކަމުގައިވާ ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ބޮޑުބައެއް މިވަނީ ނިމިފައެވެ. ނަމަވެސް އެއާރ ޕޯރޓްތަކުގައި ދުއްވާ ފްލައިޓްތައް އަދިވެސް އޮތީ ގުޅާނުލާކަން ފާހަގަކޮށްލަމެވެ. އެހެން މިބުނީ ރާއްޖޭގެ ފަސްރަށެއްގައި އެއާރޕޯރޓް ހެދިފައިވީނަމަވެސް ކޮންމެ ފުލައިޓެއްވެސް ދަތުރުގެ މަންޒިކަށްވެފައިވަނީ ހުޅުލެ އެވެ. އުތުރުން ދެކުނަށް ދެކުނުން އުތުރަށް ދަތުރުކުރެވޭނެ މަގެއް އަދި ނުފެނެއެވެ.
ސަރުކާރަށް 01 އަހަރު ފުރުނު އިރު މިއީ ފާހަގަކޮށްލެވޭ ކަންތައްތައްކަމުގައި ވީހިނދު، މިސަރުކާރުން މުވައްޒަފުން މަދުކުރުމާއި މުސާރާގެ ގޮތުގައި ލިބޭ މިންވަރު އިތުރުކުރުމަށްފަހު، މިހާރު މިވަނީ މަދުކޮށްފައެވެ. މަދުކުރަން ޖެހުމުން އެކަންކުރުން އެއީ މައްސަލައެއް ނޫނެވެ. ގައުމުގެ ހާލަތު އެނގޭނީ ގައުމު ހިންގަންތިބި މީހުންނަށެވެ. ހަޅޭލަވާ މީހުން ހަޅޭލެވިއަސް ކުރަންޖެހޭ ކަންތައްތައް ކޮށްގެންވެސް މިގައުމު ހިންގުމަކީ ހިންގަންތިބި މީހުންގެ މަސްޢޫލިއްޔަތެކެވެ. ކަންމިހެން ހުރި އިރު އަޑިނޭނގޭ ކުޅިތަކެއް ކުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ދެފުއްފެންނަގޮތަށް ސަރުކާރުން ޖަވާބުނުދޭކަމީ ދެކެވޭ ވާހަކައިގާ އަސްލެއް ހުރުންކަމުގައި ބެލެވެއެވެ. އެގޮތުން ބޮޑުމުސާރަ ދީ އެކުވެރިންނަށް ވަޒީފާ ދެމުންގެންދާކަމީ އެންމެންނަށް އެނގޭ ހަޤީޤަތަކަށް މިއަދު މިވަނީ ވެފައެވެ. ކަން މިހެން ހުރުމުން ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާކަމަށް ބުނެ މުސާރަ އުނިކުރުމަކީ އިންސާފުންކުރެވޭކަމެއްކަމަށް ނުބެލެވެއެވެ. މިހެން ބުނަންޖެހޭ ސަބަބުތަކަކީ:-
01. މުސާރަ އުނިކޮށްފައިވަނީ އިގްތިސާދު ދަށަށް ގޮސްފައިވާތީ ކަމުގައިވަނީނަމަ ބޭކާރުގޮތުގައި ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ކުރުމަށް ސަރުކާރުން ފައިސާ ހޭދަކުރަމުންގެންދަނީ ކީއްވެތޯއެވެ. އޭގެ ތެރޭގައި، އަތޮޅު އޮފީސްތައް ބަދަލުކުރުމާއި ކުލަގަދަކޮށް އެކިކަހަލަ ކަންތައްތައް ފާހަގަކުރުމަށް ރަސްމިއްޔާތު ބޭއްވުމާއި ސަރުކާރުގެ އިސްބޭފުޅުން ތަފާތު ބައްދަލުވުންތަކަށް ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ވަޑައިގަންނަވާއިރު ގިނައަދަދެއްގެ އިއްޒަތްތެރިން ގެންދިއުމާއި ކަނޑުއަޑީގައި ކެބިނެޓް ބޭއްވުން ފާހަގަކޮށްލަމެވެ.
02. އިގްތިޞާދު ދަށަށް ގޮސްފައިވާކަމަށާއި މުވައްޒަފުން ގިނަކަމަށް ބުނެ ބައެއް މުވައްޒަފުން ވަކިކުރާނަމަ، އެއްބަޔަކު ވަޒީފާއިން ވަކިކޮށް އަނެއް ބަޔަކަށް ކޮންމެވެސް ނަމެއް ކިޔާ ވަޒީފާ ދެމުންގެންދަނީ ކީއްވެތޯއެވެ.
03. ދައުލަތުގައި ފައިސާނެތް ނަމަ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަހާއި އެހެނިހެން ދުވަސްތައް ވަކިރަށްރަށެއްގައި ފާހަގަކުރަމުންގެންދަނީ ދެންތިބި ރައްޔިތުންނީ އެއްވެސް ބަޔެއްކަމުގައި ނުބަލާތީ ނޫންތޯއެވެ.
މިއީ މުޅިދިވެހިންގެ ރާއްޖެ މިރާއްޖޭގެ ވެރިމީހަކީ އެންމެންނަށް ހަމަހަމަ މީހަކަށް ނުވާނަމަ ވެރިކަންކުރަން ވަރަށް ދަތިވާނެވެ. ވެރިއެއްދެކެ ރުޅިއަންނަ މީހުންނާއި ލޯބިވާ މީހުންތިބޭނެކަން ވެރިކަމަށް އައުމުގެ ކުރިން ދަންނަން ޖެހޭނެއެވެ. ކަންމިހެން ހުރިނަމަވެސް ހުރިހާ މީހުންނަށް އެއްގޮތަކަށް ކަންތައްތައް ނުކުރެވޭނަމަ މަހުޞަރު ދުވަހުން އެކަމުގައި ޖަވާބުދާރީ ވާންޖެހޭނެއެވެ.

އިކްލީލް ވިދާޅުވީ
ތާރީޚް:22/11/2009
މިއީ އަންނިގެ ޚާއްޞަ ބުލޮގެއްތަ. ކިހިނެތްތަ މިހާރު ތިހަދަނީ.. ރަނގަޅުކޮށްބަލަ.
ޖ.ނ.ނ ވިދާޅުވީ
ތާރީޚް:22/11/2009
ލިޔުން ނިންމާލަމުން ފާހަގަ ކޮށްފައިވާ ސަބަބުތަކަކީ ހަމަ ހަގީގަތް.ޑިމޮކްރަސީގެ ބާނީކަމަށް އެއްބަޔަކުބުނާ އަންނިގެ ޢަމަލުފުޅުތައް ވަޒަންކޮށްލުމަށް މިވީ އަހަރެއްހާދުވަހު، ހުޅުވެމުންއައި ދިވެހި ޑިމޮކްރެޓިކްވެށި އިތުރަށް ހުޅުވޭތަނެއް ނުފެނެ. ފެންނަނީ ރައްޔިތުންގެ ވެރިކަމަކަށްވުރެ ޕާޓިގެވެރިކަމެއް ކުރައްވާތަން. އިވެނީ ޤާނޫނުއަސާސީގައި އޮތަސްނެތަސް ބޭނުންފުޅުކަމެއް ކުރައްވާނެކަމަށް ވިދާޅުވާއަޑު. ފައިންއެރޭ ވާހަކައާއި ނުބައިނުލަފާކަން ދައްކާލާނަމޭ ވިދާޅުވާއަޑު. ރައްޔިތުންގެ އިޙުސާސްއަށް ބެއްލެވުމެއްނެތި އެއްރަށުން އަނެއްރަށަށް އަތޮޅުވެރިކަން ބަދަލުކުރާތަން. މިނިވަން މުއައްސާތަކުގެ ބާރުކަނޑުވާލާތަން. ޖުޑިޝަރީއަށް ފިއްތުންތައް ކުރުވާތަން. ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް އިޙުތިރާމް ނުކުރާތަން.ޤާނޫނުއަސާސީން ލިބެންއޮތްނަމަ އޮތްބާރެއް ނާޖާއިޒުގޮތުގައި ބޭނުންކުރަން މަސައްކަތްކުރާތަން. ހުވަފެނީ ވައުދުވުމާއި، ބިޑްކުރުމެއް އިޢުލާނުކުރުމެއްނެތި ބޭރު މީސްމީހުނަށް ދައުލަތުގެ މިލްކިއްޔާތު ވިޔާފާރިއަށް ހުޅުވާލާތަން. ކަރަންޓާއި ފެނާއި ޒުރޫރީ ކަންކަން އަގުބޮޑުކޮށް ރައްޔިތުން ދަރަނިވެރިކުރުވާތަން. އިދިކޮޅު ޙަރަކާތް ޙަޖަމް ނުކުރެވޭތަން. ކުރުމުއްދަތެއްގައި ޚުދުމުޚްތާރު ސިފަތަކެއް ވެރިކަމުގެތެރެއިން ފާޅުވާތަން. ޑިމޮކްރަސީގެ ފޮނިމީރުކަން ލިބުމަކީ ހަމައެކަނި ބައިވެރިންގެ ޙައްޤަކަށް ވާތަން.
ރޯނު ބޮނޑި ވިދާޅުވީ
ތާރީޚް:22/11/2009
ގަދަ ލިޔުމެއް. ހަމަ އެއްވަނަ.
މެމްބަރު ވިދާޅުވީ
ތާރީޚް:22/11/2009
ލިޔުމަށް ތާއީދު ކުރެވޭ. އެއީ ހަޤީޤަތް އެކުލެވިފައި ވާތީ.
މީހަކު ވިދާޅުވީ
ތާރީޚް:22/11/2009
ބަދަލަކަށް އެދިގެން ގެނައި ވެރިކަމެއްގެ އެއް އަހަރު ފުރުނު އިރު ބަދަލެއް ނުގެންނަކަމަށް ވިދާޅުވާނީ ކޮން ރައްޔިތެއްތޯއެވެ. ހަމަގައިމުންވަސް އަތް ނުލެވި އޮތީ މަސްވެރިންގެ މަހުގައެވެ. ކާޑު ނުވަތަ މުދަލުގެ އަގު އަތް ނުފޯރާ ވަރަށް އުފުލުމާއި ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރު ދަތިވުމާއި ކަރަންޓް ޔނިޓެއްގެ އަގު ބޮޑުވުމާއި މުސާރަ ކުޑަ ކުރުމަކީ ބަދަލު ތަކެކެވެ. ދެން ފަހެ އެބަޔެއްގެ ހަލާކު އެބަޔަކު އަމިއްލިޔަށް ހޯދައިގަތުމަށްފަހު ދެރަވެ މޮޅި ސާލު ލުމުގެ ބަދަލުގައި “އިހުގެ ބަޠަލް ތަކުން ފަދައިން” ނުކުމެ ނިކަން މި ވެރިކަން ހަމަ މަގަށް އަޅުވާލަމާ ހިނގާށެވެ. ތިޔަ ތިބީ ބޯން އުޅުނު ބޮނޑި ބޮވިފައެވެ. ދެން ލަލަލާ…….
ކިރުމައިކަމަނާ ވިދާޅުވީ
ތާރީޚް:22/11/2009
މަންޖެމެނޭ މިވާ ދަތްފަޅަނިއްޔޯލަ. ދެން ވެައްޖެ ތިޔާ ދަތެއް ފަޅައިގެން ދަތް އަޅަން.
ސާމާނުބެ ވިދާޅުވީ
ތާރީޚް:22/11/2009
އާނދޯ ކުއްޖަމެނޭ މުސްކުޅިވެގެން ގޮސް އެބޭ އަނގާގަ ހުރި ދަތްކޮޅު ފޭބިއިރު ޤައުމުގެ ދަތްކޮޅުވެސް މިއޮތީފާބާފަވިއްޔާ ދެން ދަތްފަޅާއިރު ތަދުވާނެތާއެވެ. ހިތްދަތިވާނެއެވެ.ދަތްކޮޅުވެސް ފޭބީއެވެ. ބައިގަރުނު ވަންދެން އުޅުނު ގަނޑުވަރުވެސް ބީވެދިޔައީއެވެ. ރައްޔިތުންނަށް ކަމެއްކޮށްނުދީވެސް ގައުމަށްލިބުނިއްޔާ ލިބުނު ލާރިއެއް ޙަރަދުކޮށްގެން އަގުބޮޑު ގަނޑުވަރު އަޅައިގެން އަހަރަކު 300 މިލިއަން ރުފިޔާ ތަޅާބުރުވަން ލިބި، 80 ކާރާއި، އަގުބޮޑު ޔޮޓާއި، އާރަށާއި މިހެންގޮސް ހުރިހާ ތިއްތިދެއްކޭ ކަންކަމުން މަޙްރޫމުވީމާ ހިތްދަތިވާނެއެވެ. އަނެއްކޮޅުން ވެރިކަމުގައި ދައުލަތުގެ މުދަލާއި، ފައިސާއިން ވެފައިވާ ޙިޔާނާތްތަށް ފަޅާއަރާ، އަނެއްބައި ކަންކަން ތަޙްގީގުކުރަންފެށީއެވެ. ރައްޔިތުންގެ ތެރެއިން އަނިޔާލިބިފައިވާ މީހުންގެ މައްސަލަތަށްވެސް ރިޔާސީ ކޮމިސަނުން ބެލުމުގެ މަސައްކަތް ފެށީއެވެ. ޖަލުތަކުން މިނިކަށި ފެންނަންފެށީއެވެ. ވައްކަންތަށް ތަޙްގީގުކޮށް ސާބިތުވާވަރުގެ ހެކިތަށް ލިބުނީއެވެ. ތިމާމެން 30 އަހަރު ދުވަހު ނުކުރެވުނު ކަންކަން އެއްކަލަ މަގުމަތީގައި އުޅެ ބޮޑުވި ރައީސް އެންމެ އަހަރެއްގެ ތެރޭގައި ކޮށްނިންމާލީއެވެ. މިހުރިހާ ކަމަކާ މައުމޫނާއި، ޔާމީނު ހުރީ ހަމަ ގޮތް ހުސްވެފައެވެ. ރިޔާސީ ކޮމިސަނުގެ މައްސަލަތަކަށް ވާގޮތަކުން މާދަމާވެސް ރައްޔިތުން ނިކުމެ މިބައިމީހުން ފަހާ ދުވަން ފަށާފާނެއެވެ.
މައުމޫނެވެ! ޔާމީނުއެވެ! ދިވެހި ދައުލަތުގެ ވެރިކަމާއި، ބާރުތަކަކީ ކާމިނީގޭ ސީދީގެ އާއިލާއަށް ވާރުތަވާގޮތަށް އޮންނަކަމެއްނޫނެވެ. އެހަށް މިކަން ގަބޫލުކުރާށެވެ. ކަލޭމެން ވެރިކަމުން ބޭލީ ދިވެހި ރައްޔިތުން ނިކުމެއެވެ. ކަލޭމެންގެ އަނިޔާތަކާއި، ރައްޔިތުންނަށް ދެމުންއައި ނިކަމެތިކަމަށް ކެތްނުކުރެވިގެން ރައްޔިތުންނިކުމެ އެތަކެއް ގުރުބާނީއެއް ވެގެން ކަލޭމެން ވެރިކަމުން ދުރުކުރީ ސަބަބެއްނެތިއެއް ނޫނެވެ. މިއީ އަހަރެން ދައްކާވާހަކައެއްނޫނެވެ. މިކަމާއި މުޅި ދުނިޔެ ހެކިވާނެއެވެ. ބައިނަލްއަގްވާމީ މުއައްސަސާތަށް ހެކިވާނެއެވެ. ޔާމީނުއެވެ! އެއް އިރެއްގައި ކަލޭއަތުގައި އެސްޓީއޯ އާއި ސްޓެލްކޯއާއި، ބެންކް އޮފް މޯލްޑިވްސްއާއި މިހެން ގޮސް ދައުލަތަށް ލާރިލިބޭ ހުރިހާ ކުންފުނިތަކެއް އޮތަށް މިއަދު އެތަންތަނަކީ ކަލޭގެ އަމިއްލަ ތަރިކަ މުދާކަމަށް ހީނުކުރާށެވެ. އަދި އެއީ ކަލޭމެންގެ އާއިލާގެ ފަރާތުން ކަލެއާއި މައުމޫނާއި، އަބްދުﷲ ހަމީދުއަށް ވާރުތަވާ ހަރު މުދާކަމަށް ހީނުކުރާށެވެ.
މިއަދު ކަލޭމެން ވެރިކަމުން ދުރުކުރީމާވެސް ރައްޔިތުންގެ ތެރެއިން މަދުބަޔަކު ނަމަވެސް ހައްލައިގެން އަދިވެސް ތިކުރާކަމަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އަނިޔާދިނުމެވެ. އެކަން އިނގޭހެއްޔެވެ؟ ކަލޭމެނަކީ ޑިމޮކްރެސީގެ ޒައްރެއްގެ މިންވަރުވެސް އިނގޭނެ ބަޔެއްނޫނެވެ. އަދި އިންސާނީ ހައްގުތަކާއި، ހެޔޮވެރިކަން ގަބޫލުކުރާނެވެސް ބަޔެއްނޫނެވެ. ޔާމީނުއެވެ! އަހަރުމެން ކަލޭ ކިޔާހާ އެއްޗެއް ގަބޫލެއްނުކުރަމެވެ. މިއަދު ހަށިފުއްޕާފާއި ތިމަންނައަކީ ޑިމޮކްރެސީ ގެންނަމީހެކޭ.. ސަރުކާރު ޒިންމާދާރުކުރަނީޔޭ.. އަދުލްއިންސާފޭ ކިޔާއިރު، 30 އަހަރުދުވަހު ހުރިހާ ބާރެއްލިބިގެންތިބެ އެއްވެސް ކަމެއް ނުކުރީ ހަމަ ދިވެހި ރައްޔިތުންދެކެ ލޯބިވާލެއް ބޮޑުކަމުންދޯއެވެ. ގައުމަށް ތަރައްގީގެންނަންވެގެންދޯއެވެ. ޔާމީނުއެވެ! ކަލޭތީ ޑިމޮކްރެޓިކު ވެރިކަމުގެ ނިޒާމެއްގައި ހަމަ ސުމެކެވެ. މާ ބޮޑަށް މީހާ ފުޅާނުވާށެވެ. ފުއްޕާ ނުހަދާށެވެ.
ރައީސް ނަސީދުގެ ވެރިކަމަށް އަހަރެއްވީއިރު ލައްކަ ގިނަކަންތަށް ކުރެވިއްޖެއެވެ. ވަރަށްވެސް ގިނަކަންކަން ކުރެވިއްޖެއެވެ. 30 އަހަރު ދުވަހު ބަޔަކަށްނުވި އެތަށް ކަމެއްހުރީ ވެފައެވެ. ދިވެހި ރައްޔިތުން ބޭސް ފަރުވާއަށް ސަލާންޖަހާކަށް މިޙާރު ނުޖެހޭނެއެވެ. ދަތުރު ފަތުރުން ގުޅާލުމުގެ އަމަލީ މަސައްކަތްފެށިއްޖެއެވެ. ގެދޮރު އެޅުމުގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. ފަޅުތަކާއި، ބަނދަރުތަށް ހެދުމުގެ 300 މިލިއަން ޑޮލަރުގެ މަސްރޫއެއް ފަރުމާކުރެވިއްޖެއެވެ. ނަރުދަމާއާއި، ގޭހާއި، ކަރަންޓުގެ ޙިދުމަތްތަށް ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ދިނުމުގެ އެއްބަސްވުންތަށް އެކުލަވާލާ، ބޭރުގެ ބޮޑެތި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ. މިއީ ހާދަހާވާ ބޮޑެތި ކަންކަމެވެ. އެންމެ އަހަރެއްނުވާ ސަރުކާރަކުން މިވަރުވި ކަމަށްޓަކައި ލައްކަވަރެކެވެ.
ޔާމީނުއެވެ! ޓްރޭޑު މިނިސްޓްރީގައި ބައިގަރުނު އުޅުނުއިރުވެސް އެއްވެސް ބޭރުގެ އިންވެސްޓަރެއް ނުގެނެވުނުދޯއެވެ. ގައުމުގެ އިގްތިސާދީ ސިޔާސަތެއް އެކުލަވާލާން ނޭންގުނުދޯއެވެ. ސްޓެލްކޯއަށް ދުވާލަކު 3 ލައްކަ ރުފިޔާގެއްލުންކުރުމުން ގެއްލުންވަނީ ކޮންބަޔަކަށް ހެއްޔެވެ؟ މިއަދު ކަރަންޓު ޔުނިޓަކުން 60 ލާރި ބޮޑުކޮށްގެން ތަންދޮރު ނޭންގި ވާހަކަ ނުދައްކާށެވެ. ކަލޭމެން ކަންކަން ކުރިގޮތަށް ގައުމަށް ގެއްލުންވާ ގޮތަށް މިއަދުގެ ސަރުކާރުން ކަންކަމެއް ނުކުރާނެއެވެ. މުޅި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް ސަރުކާރުގެ މުވައްޒަފުންނަށް ޙަރަދުކުރަން ހަމަޖެހިފައިވަނީ ކޮންގައުމެއްގަ ހެއްޔެވެ؟ އުތުރުކޮރެއާއި، ދިވެހިރާއްޖެ ފިޔަވާ ކޮންގައުމެއްގަ ހެއްޔެވެ؟ ޔާމީނުއެވެ. ތަންދޮރު އެނގިގެން ވާހަކަ ދައްކާށެވެ. މިއަދު ކަލެއާއި، ކަލޭގެ ބޭބެ ތިތިބީ އެހެލާފައެވެ. ދެން ދުވަހަކުވެސް ކަލޭގެ އާއިލާގެ މީހަކު މި ދިވެހިރާއްޖޭގެ ވެރިކަމަށް ގެނެއުމަކަށް އަހަރުމެން ރައްޔިތުން ބޭނުމެއްނުވާނެއެވެ. އަހަރުމެން ބޭނުންވަނީ ކަލޭމެންގެ މައްޗަށް އިންސާފުވެރި ސަރީއަތެވެ. އަދި ހައްގު އަދަބެވެ.
DOg ވިދާޅުވީ
ތާރީޚް:22/11/2009
އަންނި އަށް އެނގޭ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. އޭނާ އުޅުނުގޮތަށް އުޅެން ކެރޭނެ މީހަކު މިޤައުމަކު މިހާރަކު ނެތްކަމާއި މިޤައުމުގައި ތިބި ގުންޑާއިން ތިބީ އަންނިގެ ފަހަތުގައި ކަމާއި އަމީން ވެރިކަމުން ބޭލުނެއް ކަމަކު މިހާރު އެގޮތަށް ކަމެއް ނުކުރެވޭނެކަމާއި ސިފައިން ތިބީ އަންނިގެ ބާރުގެ ދަށުގައި ކަމުން ރައްޔިތުންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތްކަމެވެ.
އަރުޝަދު ވިދާޅުވީ
ތާރީޚް:22/11/2009
އަތޮޅު އޮފީސް ބަދަލު ކުރާނީ މޮޔަވީމަ. ކުޅުދުއްފުއްޓަށް މިފަދަ ކަންތައް ލާޒިމު ކުރަނީ ރަށުގައި އުޅޭ ބައެއްގެ މޮޅުކަމަކުން ނޫނީ ދަށް ކަމަކުންނެއް ނޫން. އެހެނަސް ރަށަކީ މީހުން ގިނަ ރަށަކަށް ވީމާ.
DOg ވިދާޅުވީ
ތާރީޚް:23/11/2009
ކުޅުދުއްފުށިންވެސް އަތޮޅު އޮފީސް ބަދަލުކުރާ ގޮތަށް ހަމެޖެހިފައިވާކަމުގެ މަޢުލޫމާތު އަޅުގަނޑަށް ވަނީ ލިބިގައި، އެހެންވެ އެވާހަކަ ބުނެލީ އަދި އެދުވަސް އަންނާނެ ކުޅުދުއްފުށިން ހަނިމާދޫ އަށް އަތޮޅު އޮފީސް ބަދަލުކުރަން ހަމަޖެހިފައިވާ ކަމުގައި އަންނި އެކީގައި އުޅޭ ބޯދިގު މީހާ މިރަށު މީހެއް ގާތުގައި ބުނެފައިވޭ. މީގެކުރިން ތިބުނާ ގޮތަށް މޮޔަވެގެން ރަށްރަށުގައި މީހުން ނޫޅޭތަ، އަތޮޅު އޮފީސް ބަންދުކޮށް އޮފީހަށް މަސްއަޅާ ކަންތައް ނުކުރޭތަ، އެކަމަކު ބަދަލު ހިފާ އަނިޔާވެރި ވުމަކީ ވެރިންގެ ކިބައިގާ ހުންނަ ސިފައެއް ، ރައްޔިތުން ތިބޭނީ އަޅުންނަށްވެފައި ވެރިންގެ އަތުގައި އޮންނާނީ ހަންމުއްޓާއި ޗާބޫކު، މިސަރުކާރުގެ ވެރިންވެސް ނުފެންނަ ޒާތުގެ މިފަދަ އެއްޗެތީގެ ބޭނުންކުރަމުން އެދަނީ، ދެން އަނެއްކަމަކީ މިގަޢުމުގައި އޫރު ރޯގާ ފެތުރެމުންދާނީ މީހުން ބިރުގަންނަ މިންވަރަށް އެކަމަކު އަކަމަކާއި އުޅޭ އެކަމުވެސް ނުފެނޭ ނުވިތާކަށް ރައީސް އަންނި އަށްވެސް ކަންބޮޑުވެގެން މިއުޅެނީ ވެލާނާގެ ނާސިރު މަރުވުމުން އެކަމާއި މިރާއްޖޭގައި ރާ ނުވިއްކިގެން ދެން ކްރިސްޓިއަން ދީނުގެ ފައްޅި ނޭޅިގެން ،
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:23/11/2009
އަތޮޅުވެރިކަން ބަދަލުކުރާ ވާހަކަ ބައެއް މީހުން ދައްކާތި އެއްޗެކޭ ބުނެލާނަން. މިހާރު މި ކުޅުދުއްފުއްޓަކީ ވަރަށް މަދިރި އުޅޭ ރަށެއް. މަ ދިރި ވަސް މި އުޅެނީ ދެން މިރަށުގަ..! ހަނިމާދުއަކު މަދިރިއެއް ވާ ނޫޅޭ . ދެން އަތޮޅު ކައުންސިލަރު ހަށިކޮޅުގަ އެއްރެޔަކު މަދިރިޔެއް ކަށިޖަހާ އެ މާތް ލޭފޮދުން މިންވަރެއް އޭތި ބުއީތި އެކަމާ ކޯފާވެގެން އަނެއް ދުވަހު ކުޅުދުއްފުށީގައި އޮތް އަތޮޅުވެރިކަން ހަނިމާދުއަށް ބަދަލުކުރީމަކާ ނުވޭތާ ދޮއްތޮ ހެޔޮވެރިކަމަކަށް؟
އެހެންނަކުން ނޫން، މިހާރުވަސް ހަމަ މުޅި އަތޮޅަށް އެންމެ ފައިދާ ބޮޑީ ހަނިމާދުއަށް އަތޮޅުވެރިކަން ބަދަލުކުރުންކަމަށް ވަންޏާ އަވަހަށް ގެންދަންވީ. ކުޅުދުއްފުށީ މީހުންނަކީ މާ ބޮޑަށް އަތޮޅުވެރިކަމާ މަޖިލީހު މެންބަރުކަމާ ކަތީބުކަމާ ގާޒީކަމާ ކަންކަމައިގެން އުޅޭހިތްވާ ބައެއް ނޫން. މީގެ ކުރިން މިރަށަށް އަތޮޅުވެރިކަން ގެނައި ވަސް މިރަށު މީހުންނަށް އެނގިގެނެއްނޫން. ގެނެއްސަ އޮފިސް ހުޅުވާފަ ހުއްޓަ ފެނުނީ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:23/11/2009
މީކާކު ގޮވާފައޮތް ކޮހެއް.ތަނެއްދޮރެއްނުދަންނަ ބީތާވެފަ ތިބޭ ގަމާރު ޑީއާރުޕީ މީހަކު ނޫނިއްޔަކާ މިކަލަ ކޮހެއްނުގޮވާނެ.ކަލޯމެންހެޔޮ ކޮންމެ އެއްޗެކޭ ކިއަސް މިއޯގާތެރި ސަރުކާރުން ހުރިހާކަމެއް ކޮށްދޭނެ ބަލަންތިބޭ.ދީއާރުޕީ މީހުންނަށް ކަމުދާ ގޮތަށް ވެރިކަން ކުރަން އެނގޭނީ ހަމަ އެކަނި މައުމޫނަށް. ޕަކާސް!!!
ހާލުފޮޅި ވިދާޅުވީ
ތާރީޚް:23/11/2009
މިސައިޓުގަ ތަންކޮޅެއް އާރުލާ، ތަންކޮޅެއް މިރަށު މީހުނާގުޅޭ އެއްޗެހި ތަންކޮޅެއް އަވަހަށް ގެނެސްދިނިއްޔާ ކލޯމެން ގައިން ތަންގަޑެއް ވަކިވަނީތަ؟
DOg ވިދާޅުވީ
ތާރީޚް:23/11/2009
އޯގާތެރި ސަރުކާރުން ރައްޔިތުންނަށް ވެދެއްވާ އޯގާތެރިކަން ދެކިބަލަ، މިއަދުގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޫރު ރޯގާޖެހިގެން މީހަކު އެޑްމިޓްކޮއްފި، އެކަމަކު އެމީހާ ރޫމްގައި ބޭއްވުން ފިޔަވާ އިތުރު ފަރުވާއެއް މިވަނީ ދެވޭގޮތްނުވެފައި، ކަރަންޓީނު ކުރެވޭނެ ގޮތެއް ނެތް ޚިދުމަތް ފޯރުކޮށްދޭ މީހުން ރައްކާތެރި ކަމުގެ ގޮތުން ބޭނުންކުރާނެ ވަޟީލަތެއް ނެތް. މިއީ އޯގާތެރި ހެޔޮ ސަރުކާރު ދޯ.
ގޯތިމީހަ ވިދާޅުވީ
ތާރީޚް:23/11/2009
ކަލޯމެނޭ……….
އޫރުރޯގާ ޖެހިގެން މިއަދު ގެނައީ އެންމެ މީހެއް ނޫނޯލަ. ދެމީހުންކަމަށްވަނީ