Share

ނާދިރު ވިސްނުމެއް

ނާދިރު ވިސްނުމެއް

ނަބީލް

މުސްލިމުންގެ މަތިވެރި އިމާމެއް ކަމުގައިވާ އަލްއިމާމް އަބޫޙަނީފާ ރަޙިމަހު ﷲ ގެ އަރިހަށް މީހަކު އައެވެ. އެމީހާގެ ބޭނުމަކީ އިމާމްގެ ވިސްނުންތޫނުކަމުގެ މިންވަރު ބަލާ އެކަލޭގެފާނުގެ ފިކުރުފުޅު ތަޖުރިބާކޮށްލުމެވެ. އެމީހާ އައި ގޮތަށް އައިސް ބުންޏެވެ. އޭ އަބޫޙަނީފާއެވެ.

އެހިނދު އަބޫ ޙަނީފާ ލައްބައޭ ވިދާޅުވުމުން އެމީހާ ބުންޏެވެ. ސުވަރުގެއާ މެދު އުންމީދެއް ނެތް ނަރަކައަށް ޖެހިލުންވުމެއް ނެތް، މާތް ރަސްކަލާނގެއަށް ބިރުވެއްތިވުމެއް ނުވާ، މުޅަތަކެތި ކައިއުޅޭ، ބައެއް ފަހަރަށް ސަޖިދައެއް ރުކޫޢެއް ނުކޮށް ނަމާދުކުރާ، ނުފެންނަ ކަންކަމަށް ހެކިބަސްދީ، ޙައްޤާމެދު ނުރުހުންވެ، ފިތުނަޔަށް ލޯބިކުރާ، ރަޙުމަތަށް ފިލަން ދުވާ، ޔަހޫދީންނާއި ނަޞާރާއިންގެ ބަސް ތެދުކުރާ މީހަކާ މެދު ކަލޭގެފާނު ވިދާޅުވާނީ ކީކޭތޯއެވެ؟

އެހިނދު އިމާމް އަބޫޙަނީފާ ވިދާޅުވިއެވެ. ކަލޭ ތިޔަ މައްސަލަތަކާ މެދު ސުވާލުކޮށް ތިޔަ ހަދަނީ ތިޔައިން ހަމަ އެންމެ ކަމަކާ ބެހޭ ގޮތުން ވެސް އެއްޗެއް އެނގިހުރެގެންހެއްޔެވެ؟

އެމީހާ ދެންނެވިއެވެ. ނޫނެކެވެ. ދެން އަބޫޙަނީފާ އެކަލޭގެފާނުގެ އެކުވެރީންނަށް ވިދާޅުވިއެވެ. އޭނާ އެބުނާ މީހާއާ މެދު ތިޔަބައިމީހުންނަށް ފެންނަނީ ކޮން ފަދައަކުންހެއްޔެވެ؟

އެމީހުން ދެންނެވިއެވެ. އެއީވާ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ. އޭނާ އެކީ ސިފަތަކުން ފުދޭހާވެއެވެ.

އެހިނދު އިމާމް އަބޫޙަނީފާ ހިނިވަރުނަކުރައްވަމުން ވިދާޅުވިއެވެ. އެހެންނެއް ނޫނެވެ. އެމީހާ ވަނީ ހަމަ ޙަޤީޤަތުގައި ވަލީވެރި ބޭކަލަކު ކަމުގައެވެ.

ދެން ސުވާލުކުރި މީހާއާ ދިމާއަށް ވިދާޅުވިއެވެ. ކަލޭ ތިޔަބުނާ މީހަކީ ވަލީވެރިއަކަށް ވީ ގޮތް ތިމަންކަލޭގެފާނު ބުނެދެއްވައިފިއްޔާ ކަލޭގެ ދުލުން މީހުންނަށް ދުއްތުރާ ކުރުން ހުއްޓަފާނަންހެއްޔެވެ؟

އެމީހާ ދެންނެވިއެވެ. އާދޭހެވެ.

އެހިނދު އަބޫޙަނީފާ ވިދާޅުވެދެއްވަން ފެއްޓެވިއެވެ. އާއެކެވެ. އެމީހާ ސުވަރުގެއާ މެދު އުންމީދެއް ނެތެވެ. އެމީހާގެ އުންމީދު އޮތީ ސުވަރުގޭގެ ވެރިރަސްކަލާނގެއާ މެދުގައެވެ. އެމީހާ ނަރަކައާ މެދު ޖެހިލުންވުމެއް ނެތެވެ. އެމީހާ ޖެހިލުންވަނީ ނަރަކައިގެ ވެރި ރަސްކަލާނގެއަށެވެ. އެމީހާ މާތް ރަސްކަލާނގެއަށް ބިރުވެތި ނުވެޔޭ ކަލޭ ބުނީމުއެވެ. އާއެކެވެ. މާތް ރަސްކަލާނގެ އަނިޔާވެރިވެވޮޑިގެންފާނޭ ކަމަކަށް އޭނާގެ ހިތަކު އެއްވެއް ވެސް ބިރެއް ނެތެވެ.

އޭނާ މުޅަ ތަކެތި ކައިއުޅޭ ކަމުގައި ބުނީމުއެވެ. އޭނާ ކަނޑުމަސް ކައިއުޅެއެވެ. (ޚާއްސަ މާނައިގައި މުޅަ ތަކެއްޗޭ ބުނެވެނީ އިސްލާމީ ކަތިލެވުމަކާ ނުލައި މަރުވެފައިވާ އެއްގަމު ޖަނަވާރަށެވެ. ނަމަވެސް ޢާންމު މާނައިން ބަލާއިރު ކަނޑު މަހަކީ މުޅަތެކެތި ކަމުގައި ބުނެވިދާނެއެވެ. އަދި ކަނޑުގެ މުޅަ ތަކެތި ކެއުން ހުއްދަވެގެންވާ ކަމަށް ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.)

އޭނާ ބައެއް ފަަހަރަށް ނަމާދުކުރުމުގައި ރުކޫޢެއް ސަޖިދައެއް ނުކުރާ ކަމުގައި ބުނީމުއެވެ. މާތް ނަބިއްޔާގެ މައްޗަށް (ކުރެވޭ ނަމާދުގައި) އެބަހީ އެކަލޭގެފާނުގެ މައްޗަށް ކިޔެވޭ ޞަލަވާތުގައި އަދި މީހުންގެ މައްޗަށް ކުރެވޭ ކަށު ނަމާދުގައި ވެސް ރުކޫޢެއް ސަޖިދައެއް ނޯވެއެވެ. (ނޯޓު: މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތްކިޔެވުމޭ ބުނުމަށާއި ނަމާދުކުރުމޭ ބުނުމަށްޓަކައި ޢަރަބި ބަހުގައި ބޭނުންކުރެވޭ ލަފުޒަކީ އެއް ލަފުޒެކެވެ.)

އޭނާ ނުފެންނަ ކަންކަމުގެ މައްޗަށް ހެކިބަސްދޭ ކަމުގައި ބުނީމުއެވެ. ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް އޭނާ ހެކިބަސްދެއެެވެ.

އޭނާ ޙައްޤާ މެދު ނުރުހުންވާ ކަމުގައި ބުނީމުއެވެ. އާއެކެވެ. އޭނާއަށް މާތް ރަސްކަލާނގެ ރުއްސަވަންދެން އަޅުކަންކުރުމަށް ދުނިޔޭގައި ލަހައްޓަވާ އޭގެ ކުރީގައި މަރުވެދާނޭތީ އޭނާ ނުރުހުންވެއެވެ. މަރަކީ ޙައްޤުން ވާނެ އެއްޗެކެވެ.

އޭނާ ފިތުނަޔަށްލޯބިކުރާ ކަމުގައި ބުނީމުއެވެ. އޭނާ މުދަލަށާއި ދަރީންނަށް ލޯބިކުރެއެވެ. (ޢަރަބި ބަހުގައި އިމްތިޙާނުގެ މާނައިގައި ފިތުނަ ބޭނުންކުރެވެއެވެ. ކީރިތި ޤުރުއާނުގައި ވެސް އިމްތިޙާންގެ މާނައިގައި ފިތުނައިގެ ލަފުޒު އައިސްފައިވެއެވެ.)

އޭނާ ރަޙުމަތަށް ފިލަން ދުވާކަމުގައި ބުނީމުއެވެ. އާއެކެވެ. ވާރެޔާ ނުތެމެން އޭނާ ފިލަންދުވެއެވެ.

އޭނާ ޔަހޫދީންނާ ނަޞާރާއިން ގެ ބަސް ތެދުކުރާ ކަމުގައި ބުނީމުއެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ ސަތޭކަ ތޭރަ ވަނަ އާޔަތަށް އޭނާ އީމާންވެއެވެ. ނަޞާރާއިން ތިބީ ޙައްޤު ދީނަށް ތަބާވެގެން ނޫން ކަމުގައި ޔަހޫދީން ބުނާ ކަމަށާއި ޔަހޫދީން ތިބީ ޙައްޤު ދީނަށް ތަބާވެގެން ނޫން ކަމުގައި ނަޞާރާއިން ބުނާ ކަމަށް އެއާޔަތުގައި މާތް ރަސްކަލާނގެ އަންގަވާފައިވެއެވެ. ފަހެ އެ ދެބައިމީހުންގެ ބަހަކީ ވެސް އެތަނުގައި ތެދެއް ނޫންހެއްޔެވެ؟

އިމާމްގެ ވާހަކަ މިހިސާބަށް ދިއުމުން އޭނާ ތެދުވެ އެކަލޭގެފާނުގެ އިސްތަށިފުޅަށް ބޮސްދީފައި ދެންނެވިއެވެ. ކަލޭގެފާނު ތިޔަ ހުންނެވީ ޙައްޤު މަގުގައި ކަމަށް އަހަރެން ހެކިވެއްޖައީމެވެ.



‮ ‬9‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    ނަބީލް އަށް ޝުކުރުވެރިވަން މިފަދަ އަގުހުރި މަޢުލޫމާތުކޮޅެއް ގެނެސް ދެއްވީތީ.

  2. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    އަޕްޑޭޓްވާލެއް ލަސްވާތީ މިސައިޓް ކިޔާހިތެއް ނުވޭ.. ނަމަވެސް ދޭތެރެދޭތެރެއިން ބަލާލާއިރު ރަގަޅު ލިޔުންވެސް ފެނޭ. މިއީ ވަރަށް އިބްރަތްތެރި ލިޔުމެއް. ދެން ސައިޓްގެ އެޑްމިން އަށް ދަންނަވާލަން އޮތީ ކުޅުދުއްފުށީގެ ނަމުގައި ހިންގާއިރު ރަށުގެ ތާޒާ ހަބަރުތައް މިހާރަށްވުރެ ބޮޑަށް ގެނެސްދެއްވާށޭ.

  3. މާލިޝް‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    ވ.ރީތި ލިޔުމެއް. ނަބީލް ގެ ލިޔުމެއް ނުފެންނަތާ ހާދަ ދުވަހެއް ވެއްޖޭ.ނަބީލް ގެ ލިޔުން ތަކަށް އަބަދުވެސް އިންތިޒާރުކުރަން.

  4. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    ނަބީލްއަށް މާތްﷲ ހެޔޮޖާދެއްވާށި އަދި މިބާވަތުގެ އަގުމާތްވި ލިޔުންތައް ގިނަގިނައިން ހުށައަޅައިދިނުމަށް އެދި މަރަށް ހިހުތިރާމާއި އެކުއާދޭސްކުރަން.

  5. سامان ބެއަށް‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    “ހެޔޮ ޖާ”، މިއީ އިނގިރޭސި ބަހުގައި މި ބޭނުންކުރާ “jar” ތޯ އަނެއްކާ؟؟

  6. :-)‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    މިއީ ހާދަ ރީތި ލިޔުމެކޭ..ކުހް.. ކުހް.. މިއީ ހަމަ ނަބީލް ލިޔުނީތިތަ. ކުހް ކުހް..!!

  7. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    ތިޔާގަ ވާނެ ގޮތަކީ ދެން ރަށު ހަބަރު ލިޔާށޭ ކިޔައިގެން ތެޅުވިޔަކަސް އެކަމެއް ނުވާނެ. އެ ދެން ނުވާނެ ކަމެއް ކަމަށް މަ މިހިރީ ނިންމައިގެން. އެހެނެއް ނޫން މިހާރުވަސް ސޭހު ނަބީލު ކަހަލަ ބޭކަލެއް ހަފުތާޔަކު އެއްފަހަރު މިކަހަލަ ދަރުހެއް ފޮނުވަންޏާ މި ހަމަ ދެން ކިޔާނިކަމެއް ނެތް. ދެން ލޮނު ހެޔޮވަރުކޮށްލަން އެޔޮޅެ އައްބާހާ ޔޫސުބާ އިއްޑުއާ އަރުސަދާ މި ކުދިން ކުދިން ބައި ބަހާލަނިކޮން މިޔަށް ވުރެން މޮޅު ސައިޓެއް ނޯންނާނެ.

  8. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:24/11/2009

    ހާސިމު ލިޔާ ވާހަކަ ވަރަށް ރީއްޗޭ ކީ ފަހަރި ދައިތަ. އެމިހަޔަކަށް ދޯ ކަމަކު ނުދާނެންޏާ ސިޔާސީ ވާހަކަ ދެއްކީމައެއް.

  9. DOg‮ ‬ވިދާޅުވީ


    ތާރީޚް:26/11/2009

    ނޫނޭ ނަބީލް ވަރަށް މޮޅު އިބްރަތްތެރި ލިޔުމެއް، ކޮޔަށް ހަމަ ސާބަސް، ވަރަށް ފުރިހަމަ.