Share

އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ހައްލުކުރަން އުނދަގޫ ކަމެއް

އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ހައްލުކުރަން އުނދަގޫ ކަމެއް
އެމް.އެމް.އޭ

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު

މިސުރުޙީގެ ދަށުން ކޮންމެވެސް މަޢުލޫމާތު ކޮޅެއް ލިޔެލަން ގަސްދުކުރީ، ވަރަށް އަވަހަށް މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މިރަށުގައިވެސް ޢަމަލުކުރުމަށް ވިސްނާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވުމާއި އެކު މިޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން އެވެއާރނަސް ޕްރޮގްރާމެއް ފުލުހުން ހިންގަން ފަށާނެކަމުގެ އިޝާރާތެއް ކޮށްފައި ވުމާއިއެކު މިޤާނޫނުގައި ފާހަގަކުރެވިފައިވާ ނުކުތާތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ސުވާލުތަކަށް ތައްޔާރުވެގެން ތިބެވޭނެތީއެވެ.

މިއީ ޤާނޫނު ނަމްބަރ:5/2009 އެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު ކާރޫބާރު ބޮޑު މާލޭގެ އިތުރުން އައްޑޫގައިވެސް އިސްލާޚްކުރެވިފައިވާ މިޤާނޫނު ދަނީ ތަންފީޒްކުރަމުންނެވެ. އެގޮތުން މިރަށުގައިވެސް މިޤާނޫނާއި އެއްގޮތަށް އެއްގަމުގައި ދުއްވާއެއްޗެހި ދުއްވާތޯ ބެލުމާއި މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކަންތައްތައް ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާ ކަމުގައި ފުލުހުންގެ ފަރާތުން އަޅުގަނޑަށް ވަނީ މަޢުލޫމާތުލިބިފައެވެ. އެގޮތުން މިރަށުގައި ހުރި ޕޮލިސް ސްޓޭޝަނަށް އަޅުގަނޑު ގުޅާ މިރަށުގައި ޓްރެފިކް ކަންތައްތައް އިތުރުވަމުން ދާއިރު، ފުލުހުން އެކަމަށްޓަކައި އެއްވެސް ކަހަލަ އެދެވޭ މަސައްކަތްތަކެއް ކުރަމުންދާކަން ނުފެންނާތީ އެވާހަކަ ދެންނެވުމުން ފުލުހުންގެ ބުނެފައިވަނީ މި ބޮޑު ޗުއްޓީގައި އެކަން ރަގަޅުކުރުމަށް ހާއްސަ މަސައްކަތްތަކެއް އެބޭފުޅުންކުރައްވާނެކަމަށެވެ. އެގޮތުން އެކަންތައްތައް ކުރުމަށް ފުލުހުން ތައްރާރުވަމުންދާކަމަށާއި އެކަމަށް ހާއްސަ ކުރެވިގެން މާލެއިންވެސް ފުލުހުންގެ ޓީމެއް ވަރަށް އަވަހަށް އަންނާނެކަމަށާއި އެމީހުން މިރަށުގެ ރައްޔިތުން މިޤާނޫނަށް އަހުލުވެރިކުރުމަށް މަޢުލޫމާތުދީ ހާއްސަ ޓްރެފިކް އޮޕަރޭޝަންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މާލެއިން ފުލުހުންގެ ޓީމެއް އަންނަންދެން މިރަށުގައި މަސައްކަތްކުރާ ފުލުހުންވެސް މަޑުން ނުތިބޭނެކަމަށާއި ކުރިއަށް އޮތްތަނުގައި ޓްރެފިކް ޤާވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ހަރުކަށިކޮށް ފިޔަވަޅު އެޅުމަށް ވިސްނަމުންގެންދާކަމަށް ބުނެފައިވެއެވެ.

އެހެން ކަމުން އަލަށް އިސްލާޚްކުރެވުނު އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގައި ފާހަގަކުރެވޭ ނުކުތާތަކަށް ބަލާލަމާތޯއެވެ. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑަށް ފާހަގަކުރެވުނު ކަމަކީ ކުރީގެ ޤާނޫނަށްވުރެ މިޤާނޫނުގައި އަދަބު ބޮޑުވެ ޖޫރިމަނާ ފައިސާގެ އަދަދުވެސް އިތުރުވެފައިވާކަމެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކަމަކީ ނުހަނު ސީރިއަސް ހަމަ އެހާމެ ނުރައްކާތެރިކަމެކެވެ. މަގުމައްޗަކީ އެންމެވެސް ބޭނުންކުރުމަށް އޮންނަ ތަކަށް ވީހިދު ޤާނޫނަށް ތަބާނުވާ މީހުންގެ ސަބަބުން މައުސޫމް އެތައް ބަޔަކަށް ގެއްލުންވެ، މުޅި އުމުރު ހިތާމަކުރަން ޖެހޭ ފަދަ ކަންތައްތައް މިރަށުންވެސް ފެންނަމުން ދެއެވެ.

އެގޮތުން މިޤާނޫނުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްކާތެރިކަމާއި ދުވެލީގެ މިންވަރު، މީގައި ބުނެފައިވަނީ (ބ) އެއްގަމު އުޅަނދު ދުއްވުމަށް، މި ޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދަކުން ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް، އުޅަނދު ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށް ނަމަ -/500 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ، ދެވަނަ ފަހަރަށް ނަމަ -/750 ރުފިޔާ އިން ޖޫރިމަނާކުރުން ކަމަށާއި ދެފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިން ޖޫރިމަނާ ކުރުންކަމުގައި ބަޔާންކޮށްފައިވެއެވެ.

މިޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު ރަޖިސްޓްރީ ނުކޮށް ދުއްވުމާއި ޤަވާއިދާ ޚިލާފަށް ދުއްވުން، މިމާއްދާގެ (ހ) އެއްގަމު އުޅަނދުގައި ހަރުކުރުމަށް ދޫކުރާ ރަޖިސްޓްރީ ނަމްބަރ ހަރުނުކޮށް ނުވަތަ ހަލާކުވެފައި ހުރިކަން އެނގިހުރެ، ނުވަތަ މިނިސްޓްރީން އެކަމަށް ހަދާ ޤަވާއިދާ ޚިލާފުވާ މީހާ އާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭން އުޅަނދެއްގައި، ނުވަތަ ޚިދުމަތްދޭ ތަނެއްގައި ހަރުކުރުމަށް ދޫކުރާ ނިޝާން ނެތި ޚިދުމަތްދޭ މީހާ ނުވަތަ އުޅަނދު ދުއްވި މީހާގެ އަދަބަކީ:

1. އުޅަނދު ދުއްވި މީހާގެ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ -/500ރުފިޔާ އިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށް ނަމަ -/1000 ރުފިޔާ އިން ޖޫރިމަނާކުރުން ދެފަހަރަށް ވުރެ އިތުރަށް ނަމަ ކޮންމެ ފަހަރަކަށް -/1500 ރުފިޔާ އިން ޖޫރިމަނާ ކުރުންކަމުގައި ބަޔާންކޮށްފައިވެއެވެ.

2. ޚިދުމަތްދިން ތަނުގެ އަދަބަކީ، ފުރަތަމަ ފަހަރަށް ނަމަ -/1000 ރުފިޔާ އިން ޖޫރިމަނާ ކުރުން ދެވަނަ ފަހަރަށް ނަމަ -/1500 ރުފިޔާ އިން ޖޫރިމަނާ ކުރުން، ދެފަހަރަށް ވުރެ އިތުރަށް ނަމަ ކޮންމެ ފަހަރަކަށް -/2000 ރުފިޔާ އިން ޖޫރިމަނާކުރުންކަމުގައި ބަޔާންކޮށްފައިވެއެވެ.

މިމާއްދާގެ (ށ) އެއްވެސް ސަބަބަކާއި ހުރެ އުޅަނދެއް ރަޖިސްޓްރީ ނުކޮށް ނުވަތަ ރަޖިސްޓްރީ ބާޠިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓްރީ ނުކޮށް، ނުވަތަ އެކަމަށް ބޭނުންވާ ހުއްދަ ނުހޯދައި، ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވައިފިނަމަ، ނުވަތަ ބާއްވައިފިނަމަ، އެއުޅަނދެއް ދުއްވި މީހާ އާއި އުޅަނދުގެ ވެރިފަރާތް -/500 ރުފިޔާ އިން ޖޫރިމަނާކުރެވޭނެކަމަށް ބުނެފައިވެއެވެ.

މިޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުން، މިޞުރުޙީގެ ދަށުން ބުނެފައިވާ ގޮތުން މިޤާނޫނުގައި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ -/750 ރުފިޔާ އިން ޖޫރިމަނާކުރުން ކަމުގައި ބުނެފައިވެއެވެ.

މިޤާނޫނުގެ 60 ވަނަ މާއްދާގައި “ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން ” މިސުރުޙީގެ ދަށުން ބަޔާންކޮށްފައިވާ ގޮތުގައި، (ނ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނަޔަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހެއްގެ އަދަބަކީ 01 އަހަރާއި 02 އަހަރާއި ދެމެދު މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމެވެ.

ދެން މިބަލާލަނީ މިޤާނޫނުން މަނާކަންތައް ކަމުގައި ބަޔާންކޮށްފައިވާ ބައެއް މުޙިއްމު ކަންތައްތަކުގެ މައްޗަށެވެ. އެގޮތުން މުހިއްމުކަންތައްތަކުގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ވިސްނާފައިވަނީ މިރަށުގެ މަގުތަކުން މިހާރުވެސް ފެންނަމުންދާ ނަމަވެސް އެއީ މަނާކަންތައްތަކުގެ ގޮތުގައި މިޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށެވެ.

އެގޮތުން އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބާރަށް ދުއްވުން ނުވަތަ އޯވަރ ސްޕީޑް މިއީ މިޤާނޫނުން މަނާކޮށްފައިވާ ކަންތައްތަކެވެ. އެގޮތުން ކުރީގެ ޤާނޫނެކޭ އެއްފަދައިން މިޤާނޫނުގައިވެސް ސްޕީޑް ލިމިޓް ކަނޑައަޅާފައިވަނީ އެއްގޮތަކަށެވެ. އެއީ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ދުއްވަންޖެހޭނީ ގަޑިއަކު 25 ކިލޯ މީޓަރަށް ވުރެ މަޑުންކަމަށާއި ކާރާއި ވޭން ދުއްވަންޖެހޭނީ ގަޑިއަކު 30 ކިލޯ މީޓަރަށް ވުރެން މަޑުންކަމަށާއި ޕިކަޕާއި ލޮރީ އަދިވެސް އެފަދަ މުދާއެރުވުމަށާއި މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު ދުއްވަންޖެހޭނީ ގަޑިއަކު 20 ކިލޯ މީޓަރަށް ވުރެން މަޑުންކަމުގައި ބަޔާންކޮށްފައިވެއެވެ.

އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ހަދަން ޖެހޭނެކަމަށާއި ރޯޑްވާދިނަސް އާކުރަންޖެހޭ މުއްދަތުގައި އާނުކޮށް ދުއްވުމަކީ މަނާކަމެއް ކަމުގައި މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ރޯޑްވާދިނަސް އަކީ އެއުޅަނދަކީ މަގުމަތީގައި ދުއްވަން އެކަށޭނަ އުޅަނދެއްތޯ ބެލުމަށްޓަކައި ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްކިޔާ ނަމެކެވެ. މިކަންކުރަމުންގެންދާނީ އެކަންކުރުމަށް މިނިސްޓްރީން ހުއްދަދީފައިވާ ޤަރާޖްތަކުންނެވެ.

މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރަޖިސްޓްރީ ނަމްބަރު ބޯޑު އުޅަނދުގެ ކުރީގަޔާއި ފަހަތުގައި ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ. އަދި ނަމްބަރ ބޯޑު ހުންނަން ޖެހޭނީ މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެޤަވާއިދުގައި ބަޔާންކޮށްފައިވާ ނަމޫނާ އާއި އެއްގޮތަށެވެ. މިރަށުގައި ދުއްވާ ބައެއް ސައިކަލުތަކުގައި އެކި ފޮންޓުން ތައްގަނޑު ޖަހާފައިހުންނަ ނަމްބަރ ބޯޑުތަކާއި އެކި ޑިޒައިނަށް ހަދާފައި ހުންނަ ނަމްބަރ ބޯޑުތައް ފެނެއެވެ. ނަމަވެސް އެތަކެތީގެ ސައްހަ ކަމާމެދު މި ސުރުޙީން މިވަނީ ސުވާލު އުފެދިފައެވެ. މީގައި ބުނާގޮތުން އެފަދަ ގޮތްގޮތަށް ހުންނަ ނަމްބަރ ބޯޑުތަކަކީ ޤަވާއިދާ އެއްގޮތަށް ހުރިތަކެތިކަމުގައި ނުބެލެވޭނެއެވެ.

މިޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއްގަމު އުޅަނދެއްގެ އަހަރީ ފީ އަދާކުރަންޖެހޭ އުޅަނދަކުން އަހަރީ ފީ އަދާނުކުރާތާ 06 މަސް ދުވަސް ފާއިތުވެއްޖެނަމަ އެއުޅަނދެއްގެ ރަޖިސްޓްރީ ބާޠިލްވާނެކަމަށާއި އެފަދަ އުޅަނދެއް އަލުން ރަޖިސްޓްރީ ނުކޮށް ދަތުރުފަތުރުގެ ނިޒާމް ތެރޭގައި ބޭނުންކުރުމަކީ މަނާ ކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެފަދައިން މިޤާނޫނުގެ 25 ވަނަ ނަމްބަރުގެ ނުކުތާއެއްގައި ބަޔާންކޮށްފައިވާ ގޮތުން އަހަރީ ފީގެ މުއްދަތު ހަމަވުމަށްފަހު އެފީ ނުދައްކާ އެއުޅަނދެއް ދަތުރު ފަތުރުގެ ނިޒާމްގައި ބޭނުންކުރުމަކީވެސް މަނާކަމެއް ކަމުގައި ބުނެފައިވެއެވެ.

މިޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވާއިރު އެއުޅަނދު ދުއްވަން އިންނަ މީހާ މޯބައިލް ފޯނު ނުވަތަ އަތުން ހިފައިގެން ގެންގުޅެން ޖެހޭ އެއްވެސް މުވާޞަލާތީ ވަސީލަތެއް ބޭނުންކުރުމަކީ މަނާކަމެކެވެ. މިއީ މިރަށުގެ މަގުތަކުން ވަރަށް ގިނައިފެންނަ މަންޒަރެކެވެ. ރަށުގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި އޮފީސްތަކުގައި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުންގެ ފަރާތުންވެސް ފެންނަމުންދާ އާއްމު ސިފައެކެވެ. ނަމަވެސް މިއީ މަނާކަމެއްކަން މިޤާނޫނުން މިވަނީ ބަޔާންކޮށްފައެވެ.

މިޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވާ މީހާ އާއި އެއުޅަނދުގައި އިންނަ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މަނާކަމެކެވެ. މިއީވެސް މިރަށުގެ މަގުތަކުން ފެންނަ މަންޒަރެކެވެ.

މިޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) އެއްގަމު އުޅަނދުގެ ތެރެއިން ހަމައެކަނި ދެމީހުންނަށް އެރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެފުރޮޅުލީ އުޅަނދު ފިޔަވައި، އެހެން އުޅަނދުގައި ގިނަވެގެން އުފުލޭނެ މީހުންގެ ޢަދަދު ކަނޑައަޅާނީ، މިނިސްޓްރީންނެވެ. ދެމީހުންނަށް އެރޭގޮތަށް އުފައްދާފައި ހުންނަ އުޅަނދުގައި އެއަށްވުރެ އިތުރަށް މީހުން އުފުލުމާއި އެނޫން އުޅަނދުތަކުގައި މީހުން އުފުލުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށް މީހުން އުފުލުމަކީ މަނާކަމެކެވެ. މިމާއްދާގެ (ށ) މީހެއްގެ އެހީއަކާއި ނުލައި އިށީނދެ ނުއިނދެވޭވަރުގެ ކުޑަކުދިން، ދެމީހުންނަށް އެރޭ ގޮތަށް ހަދާފައި ހުންނަ ދެފުުރޮޅުލީ އުޅަނދެއްގައި ގެންދަންވާނީ، ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެއަތާއި ދެފައި މިނިވަންކަމާއިއެކު ގެންގުޅެވޭ ގޮތަށެވެ. މިފަދަ އުޅަނދުތަކުގައި މިނޫންގޮތަކަށް ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެކެވެ. މިއީވެސް މިރަށުން ވަރަށް ގިނައިފެންނަ ކަމެކެވެ. ނަމަވެސް މިއީ ކަމުގެ ނުރައްކާތެރިކަމާއި މެދު ވިސްނާލުމެއްނެތި ތިމާ ލޯބިވާ ދަރިފުޅު ނުވަތަ ކޮއްކޮ ގޮވައިގެން ހިތްހަމަ ޖައްސާލުމަށް ނުވަތަ ފައްސޭހައަކަށް ތަނަކަށް ދިއުމަށް އިޙްތިޔާކުރާ ނުރައްކާތެރި ކަމެކެވެ. އާހިރުގައި ދިމާވެދާނެކަމަކުން މުޅިއުމުރަށް ރޯންވެސް ޖެހިދާނެފަދަ ކަމެކެވެ.

މިޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، (ހ) ބައިސްކަލެއްގައި އެބައިސްކަލަށް ވުރެ ދިގު އެއްޗެއް އުފުލުމަކީ މަނާކަމެކެވެ. (ށ) އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެފުރޮޅުލީ އެއްގަމު އުޅަނދުގައި، އެއުޅަނދަށްވުރެ ދިގު ތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއްއަތުން ނުހިފެހެއްޓޭވަރުގެ ބަރުތަކެއްޗާއި އެއުޅަނދަކުންދާ މީހުންނަށް ވުރެ އުސްތަކެއްޗާއި ވަށިގަނޑަށް ލައިގެން ގެންދެވޭވަރަށް ވުރެ އިތުރަށް އެއްޗެތި ގެންދިއުމާއި އުފުލުމަކީ މަނާ ކަމެކެވެ. (ނ) މުދާ އުފުލުމަށް ހަދާފައި ހުންނަ އެއްގަމު އުޅަނދުގައި މުދާ އުފުލަންވާނީ، އެއުޅަނދެއް ދުއްވާފައިދާއިރު، ދުއްވާ މީހާއަށް ކުރިޔާއި ފަހަތް ފެންނަގޮތަށްކަމަށާއި އުޅަނދުގައި ދިއްލަންހުންނަ ބައްތިތައް ނުވަތަ ލައިޓްތައް ފެންނަންހުރުމާއި އެކު ނަމްބަރ ބޯޑުވެސް ފެންނަން ހުންނަ ގޮތަށްކަމުގައި ބަޔާންކޮށްފައިވެއެވެ.

މިޤާނޫގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި މިޤަނޫނުގެ 48 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ޓްރެފިކް ފުލުހަކަށް އެމީހެއްގެ ރަސްމީ ޑިއުޓީގެ ވަގުތުގައި އެމީހަކަށް ފެންނަ އުޅަނދެއް ހުއްޓުވައި، ޑްރައިވިންގ ލައިސަންސް އާއި އުޅަނދުގެ ރަޖިސްޓްރީ އާއި ބެހޭ ލިޔުންތައް ހަމަޔަށް ހުރިތޯ ބެލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މިމާއްދާގައި ބަޔާންކޮށްފައިވާ ޓްރެފިކް ފުލުހުންނަކީ ކޮބައިތޯ އަޅުގަނޑު ސުވާލުއުފެދެއެވެ. އެއީ މާލޭގައި ފިޔަވާ ޓްރެފިކް ޕޮލިހުންގެ ގޮތުގައި ވަކިބައެއް އަހަރަކާތްތެރި ވަމުންދަނިކޮށް ނުފެންނާތީއެވެ. ފަހަރެއްގައި ކުރިމަގުގައި ފުލުހުންގެ ތެރެއިން ނުވަތަ އަލުން އެފަދަ ބަޔަކު އުފެދުންވެސް އެކަށީގެންވާކަމަށް ފެނެއެވެ. ދެން އޮތް ކަމަކީ ފުލުހުންގެ ތެރެއިން އެވަގުތު ޑިއުޓީއަށް ހުރި މީހާ ބޭނުންވާ ވަކި އުޅަނދެއް ނުވަތަ އުޅަނދުތަކެއް ހުއްޓުވުމުގެ ބާރު މިޤާނޫނުގެ ދަށުން ލިބިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އޭގެ މާނައަކީ ހުރިހާ އުޅަނދެއް ހުއްޓުވުން ކޮންމެހެން ފުލުހުންނަށް ލާޒިމް ނުވާކަމެވެ. ނަމަވެސް ފުލުހުންވެސް އެކަންކުރަންޖެހޭނީ ޒިންމާދާރު ގޮތެއްގައިކަމުގައި އަޅުގަނޑު ދެކެމެވެ.

މިޤާނޫނުގެ 66. ވަނަމާއްދާގެ (ހ) ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އިންޖީންލީ އެއްގަމު އުޅަނދު ދުއްވަންވާނީ ތާރޑް ޕާޓީ އިންޝުއަރެންސް ކޮށްގެނެވެ. މިމާއްދާގެ (ށ) މިމާއްދާގެ (ހ) އަށް ޢަމަލުކުރަން ފަށާނީ މިޤާނޫނު ތަޞްދީޤްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާތާ 01 އަހަރު ފަހުންނެވެ. މާނަ އަކީ 2010 ވަނަ އަހަރުގެ މެއި މަހުގެ ފަހުން އެއްގަމު އުޅަނދު ދުއްވަންޖެހޭނީ އެއުޅަނދެއް ތާރޑްޕާރޓީ އިންސިއުރެންސް ކޮންގެނެވެ.

ގާނޫނުގައި ވަރަށް ފުރިހަމަ އިބާރާތުން އަދި ސާފު ވާނެހެން ގަވައިދުތައް ލިޔެވިފައި ހުރި ކަމުގައި ވިޔަސް، މިގަވައިދުތަކަށް ފުރިހަމައަށް ބޯލަބަނީ މަދު މީހެކެވެ. ގަވައިދެއް ތަނެއްގައި އޮތް ކަމުގައި ވިޔަސް އެޔަށް އަމަލު ނުކުރަނީނަމަ އެގަވައިދެއް ހެދިފައި އޮތުމުގެ ބޭނުމެއް ނެތެވެ. މިލިޔުން ކިޔުމަށްފަހު ކޮންމެ މީހަކުވެސް މަތީގައި ލިޔެވިފައި އެވާ މާއްދާތަކާއި މެދު ވިސްނާލާނެކަމަށް އުއްމީދު ކުރަމެވެ.

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސޭޑް‮ ‬ވިދާޅުވީ


    ތާރީޚް:25/11/2009

    ތިޔަދެއްވި ފުރިހަމަ މަޢުލޫމާތު ކޮޅަށްޓަކައި ޝުކުރުދަންނަވަމެވެ. އަދިހަމަ އެހެން ސުރުހީއެއްގެ ދަށުން ނަމަވެސް ޤަވާޢިދުގައި ބުނެފައިވާ ތާރޑްޕާޓީ އިންސުއަރެންސް ކުރާނެގޮރުގެ މަޢުލޫމާތުވެސް މިސައިޓް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދެއްވައިފިނަމަ އިތުރަށް ޝުކުރުވެރިވާނަމެވެ.

  2. އައިސަ‮ ‬ވިދާޅުވީ


    ތާރީޚް:25/11/2009

    މި ސައިޓުވެސް މިހާރު ހަމަ އެއްކޮށް ސިޔާސީ ވީ ދޯ

  3. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:25/11/2009

    އައިސްދައިތައަށް މި ވީކީއްބާ؟ މިލިޔުން ސިޔާސީ ކީގޮތެއް އަޅެ ބުނެބަލަ. ދެން އެމް.އެމް.އޭ ތިޔާ ފަހެ ކާކު ދަރިއެއް. މިކަހަލަ މޮޅެތި އަގުހުރި މައުލޫމާތު ހިމެނޭ ލިޔުންތަކުގައި އަސްލުނަން ޖަހާލަންވާނެ. އޭރުންތާ އޭރުންތާ ބޮނޑިބަތް ގަނޑެއް ނަމަވެސް ކައްކާފަ ތިޔާ ގޯއްޗަށް ފޮނުވާލެވޭނީ.

  4. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:25/11/2009

    ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުން ޒިންމާ ދާރުވެ ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން. އަދި ބޮޑު ޢީދު ތެރޭގައި ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ތަންކޮޅެއް ރަނގަޅު ކޮށްލާތި.

  5. DOg‮ ‬ވިދާޅުވީ


    ތާރީޚް:26/11/2009

    ކުޅުދުއްފުށީ މަގުތައްވެސް އޮތީ ހަދަންވެފައި، ޓްރެފިކާއި އެކު ސަރުކާރުން މިކަންވެސް ރަގަޅުކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.