ޖަލާލުއްދީން ސްކޫލުގެ ކެޑޭޓް ކޯރޕްގެ ދަރިވަރެއް ކަމުގައިވާ ކޯޕްރަލް ސައުޝަން ހަސަން ގިރިފުށި ޓްރެއިނިންގެ ފަސްޓް އެއިޑް ބައިން 1 ވަނަ ހޯދައިފިއެވެ. ނޮވެމްބަރ މަހުގެ 19 އިން 26 އަށް ގިރިފުށީގައި ބޭއްވި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރޕްސްގެ 12 ވަނަ ކެޑޭޓް ކޭމްޕްގައި ޖަލާލުއްދީން ސްކޫލުން ވަނީ 6 ފިރިހެން ދަރިވަރުންނާއި 2 އަންހެން ދަރިވަރުން ބައިވެރިކޮށްފައެވެ.
މިއަހަރުގެ ކޭމްޕްގައި ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުންގެ ތެރެއިން ބައިވެރިވެފައި ވަނީ ސަރޖަންޓް އަބްދުލްމަޖީދު ހަސަނާއި، ކޯޕްރަލް ސައުޝަން ހަސަނާއި، ލ. ކޯޕްރަލް އިހުސާން އަހުމަދާއި، ލ. ކޯޕްރަލް މުޙައްމަދު އިބްރާހިމާއި، ލ. ކޯޕްރަލް އުސްމާނު އަބްދުﷲ އާއި، ލ. ކޯޕްރަލް މުޙައްމަދު މަފާޒާއި، ލ. ކޯޕްރަލް އާސިމާ އިބްރާހިމާއި، ޕްރައިވެޓް އިބްރާހިމް އަހުމަދެވެ. އެމްއެންޑީއެފް އާއި އެމްއެންސީސީގެ އިންސްޓްރަކްޓަރުން ކިޔަވާދެއްވި މިކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލުތަކުން ޖުމްލަ 154 ކެޑޭޓުން ބައިވެރިވިއެވެ.
މި ކޭމްޕްގައި ކިޔަވާދެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ރައިފަލް ޑްރިލް، ފިޒިކަލް ޓްރެއިނިންގ، ފަޔާރ ފައިޓިންގ، ފީލްޑް ކްރާފްޓް، ލީޑަރޝިޕް ޓްރެއިނިންގ، ނައިޓް ޓްރެއިނިންގ، އެސޯލްޓް ކޯސް، ކޮމަން ޓާސްކް، ޓަގް އޮފް ވޯ، އަދި ދީނީ ނަސޭޙަތް ދިނުން ހިމެނެވެ. މީގެ އިތުރުން އެކުއްޖެއްގެ ޝައުގުވެރިކަމާއެކު ވަކި ދާއިރާއެއް ޚިޔާރު ކުރާގޮތަށް އެޑްވެންޗަރ ޓްރެއިނިންގ އެކްޓިވިޓީސްގެ ނަމުގައި ތަމްރީންތަކެއްވަނީ ހިންގާފައެވެ. އޭގެތެރޭގައި ޑްރިލް އެންޑް ސެރެމޮނީސް، ބޭސިކް ފަސްޓް އެއިޑް، ސިގްނަލްސް، މެރިން ނެވިގޭޝަން އެންޑް ސްމޯލް ބޯޓް ހޭންޑްލިންގ، ބޭސިކް ޑްރައިވިންގ. ސްވިމިންގ އެންޑް ލައިފް ސޭވިންގ، އަދި ސަވައިވަލް އޮންއަ ޑެޒާޓެޑް އައިލެންޑް ހިމެނެއެވެ.
ތަމްރީންތައް ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި އެޑްވެންޗަރ ޓްރެއިނިންގ އެކްޓިވިޓީތަކުން އެއްވަނަ އަންހެން އަދި ފިރިހެން ކެޑޭޓުންނަށާއި ކޭމްޕުން ބެސްޓް އޯލްރައުންޑަށް ހޮވުން ކެޑޭޓުންނަށް ވަނީ ޓްރޮފީ ދީފައެވެ.
2008 ވަނަ އަހަރު އޮތް 11 ވަނަ ކެޑޭޓް ކޭމްޕްގެ ބެސްޓް އޯލްރައުންޑް ކެޑޭޓްގެ މަގާމު ހޯދާފައިވަނީ ޖަލާލުއްދީން ސްކޫލުގެ ކެޑޭޓެކެވެ. އަދި މިދިޔަ އަހަރުގެ ކެޑޭޓް ކޭމްޕްގައި ސްމިވިންގ އެންޑް ލައިފް ސޭވިންގގެ ބައިން އެއްވަނަ ހޯދާފައިވަނީ ވެސް ޖަލާލުއްދީން ސްކޫލުގެ ކެޑޭޓެކެވެ.

ޅެންވެރިއެއްގެ ރޫހު ފުޅިއެއްތެރެއިން ނުކުމެ ވިދާޅުވީ
ތާރީޚް:03/12/2009
ޖަލާލުއްދީން ސުކޫލް ކުދިން ހާދަ މޮޅޭ ، އެއީ ހަމަ ސައީދު އަޙްމަދު ގެ މިންނަތް މަސައްކަތް މިފުރުޞަތުގައި ސައީދު އަޙުމަދަށާއި އެސުކޫލުގެ ހިންގުތެރި ޓީމަށާއި ކެޑޭޓް ކުދިންނަށް ތަޙުނިޔާ ކިޔަން
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:03/12/2009
މި ކިޔާލީމަ ހަނދާންވީ އަހަރެމެން އަމީރު އަމީނުގަ ޖިމުނާސްޓިކު ހެދި ހަނދާން.. ބުރުބުރު އަޅާލަމޭ ފިސާރި ފައްކަލައް.. ބޯބޯމަތިން. ފަހަރިދައިތަޔަށް އަމީނު އަތްޕުޅުން އިނާމުވަސް ލިބުނޭ.. އެމިހަޔަށް އޭރުވާނީ ނުވަ އަހަރުބާ؟!! އެހެން މަހިތުން.. ހޯ..
އެކްސް ކެޑޭޓް ބުރެވި ވިދާޅުވީ
ތާރީޚް:03/12/2009
ސަޢީދު އަހުމަދު، އެތަނުގެ ކެޑޭޓަށް ކަމެއް ކޮށްދޭކަމެއް މަ ނުދެނެ ހުރިން. މަވެސް މީ 3 އަހަރު އެތަނުގެ ކެޑޭޓްގައި އުޅުނު މީހެއް. ޕްރައިވެޓަކަށްވެސް ނޫން އުޅުނީކީ. އިންސްޓްރަކްޓަރ ސޯ އާއި ދެން އަހަރެމެން އަމިއްލައަށް އަސްލު އެކަމާ އުޅެނީ.
އެކްސް ކެޑޭޓް ބުރެވި ވިދާޅުވީ
ތާރީޚް:03/12/2009
އަހަރެމެން އުޅުނު އިރު އިންސްޓްރަކްޓަރ ސޯ އަކީ އަޚްމީމް. އަބަދުވެސް އަމިއްލަޔަށް ވަރަށް ގިނައިން ސްކޫލަށް ގޮސް ކަންކަން ކޮށްގެން މޮޅުވަނީ އޭރުވެސް. މިހާރުވެސް ކުދިން އުޅެނީ ހަމަ އެގޮތަށް އަމިއްލަޔަށް. ކެޑޭޓް އިންސްޓަރަކްޓަރަށާއި ކުދިންނަށް ސުކުރު އަދާނުކޮށް ދެން ކާކަށް ސުކުރުއަދާކުރަންވީ؟
DOg ވިދާޅުވީ
ތާރީޚް:03/12/2009
މަރުހަބާ! ތިކަހަލަ ކާމިޔާބުތަކުން މިރަށް ޒީނަތްތެރިކޮށްދެއްވާ ކުދިންނަށް އަދިވެސް އެއްފަހަރު މަރުހަބާ. ހަމަ މިބީދައިން ސްކޫލުގެ ވެރިންނަށާއި މުވައްޒަފުންނަށް އަދި ދަރިވަރުންނަށްވެސް.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:04/12/2009
ވަރަށް ބޮޑަށް މަރުހަބާ ކިޔަން ސައުޝަންއަށް. އެ ކޮން ގޯއްޗަކު ކުއްޖެއްކަން އެނގޭތެ އެއްވެސް މީހަކަށް. ޖަލާލުއްދީންގަ އުޅެމުން ވަރަށް ގިނަ މިފަދަ މަގާމުތައް ހޯދާ ކުދިން. ދެން އޭގެ ފަހުން އެކުދިންގެ ހަބަރެއް ނުވޭ.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:04/12/2009
ޔާސިރުވެސް ހޯދި ހަނދާންވޭ އެސޮރުމެން އިރު މިކަހަލަ ވަނައެއް. އެއީ އަމާޒަށް ބަޑި ޖެހުމުގެ ބަޔޭ ހަނދާން ވަނީ. އޭގެ ކުރިން ޕަޗީ މެންގޭ އިރުޝާދުވެސް ބަޑި ޖަހައިގެން ވަނަ ގެނައި.
ސާމާނުބެ ވިދާޅުވީ
ތާރީޚް:04/12/2009
ކާމިޔާބީ ހޯދި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއްކިޔަމެވެ. ދެން އަދި ސުކޫލުގެ ހިންގުންތެރިންގެ ތެރެއިން އެމް އެޗް ސާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ އެއަކީ އެމްއެޗްސާ ކެޑޭޓް ކަމެއްކުރައްވާތީއެއްނޫނެވެ. ނަމަވެސް އެބޭފުލާގެ އެހުންނަ ބަރާބަރު ވަންތަކަމުގެ ސަބަބުންނެވެ. އަދިވެސް އެއްފަހަރު ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުންނަށް ވަރަށްހޫނު މަރުހަބާއެއް ކިޔަމެވެ.