(އެއްވަނަބަޔާއި ގުޅޭ)
ކޮންމެއަކަސް ބެންތަމްގެ ހެޑްނޮސްޓިކް ކަލްކިއުލަސްއިން ސަރުކާރު މުވައްޒަފުންގެ މުސާރަކުޑަކުރުމަކީ އެކަމުގެ ސަބަބުން ގެއްލުން ހުރިކަމެއްތޯ ފައިދާ ލިބޭނެކަމެއްތޯ ބަލަންޖެހޭ ވަގުތު އައީއެވެ. ފުރަތަމަ ކަމަކަށް މުސްކުޅި މީހާއަށް އުފާވެރިކަން ލިބޭނީ 15 އަހަރުއެވެ. އެއީ އޭނާއާއި އޭނާގެ ދަރިއާއި އަދި ލޯބިވެރިޔާއަށެވެ. ދެން އޮތީ ހަބީބެއެވެ. ހަބީބުގެ އައުލާދުންނަށް ލިބޭ ގެއްލުން އިންތިހާއެވެ. އަދި މުއްދަތަށް ބަލާއިރުވެސް 20 އަހަރެވެ.
ކޮންމެއަކަސް ބެންތަމްގެ ނަޟަރިއްޔާތު ހުރިގޮތުން މުސާރަކުޑަ ކުރުމަކީ ރަގަޅުކަމެއްނޫނެވެ. އަޅުގަނޑު “މުސާރަ ކުޑަ ކުރާ” މިސާލު ނެގީ ތަންކޮޅެއް ފަސޭހައިން މީހުންނަށް އެކަން ދޭހަވާނެތީއެވެ. އެއްވެސް ހާލެއްގައި ސިޔާސީ ބޭނުމެއްގައެއްނޫނެވެ. އެހެންކަމުން މިލިޔުމާއި ސަރުކާރުގެ ސިޔާސީ ފިކުރަކާއި ނުގުޅުވުމަކީ އަޅުގަނޑުގެ އެދުމެކެވެ. މުސާރަ ކުޑަކުރީ ފައިސާ ނެތިގެން ކަމަށް ވާނަމަ މިނަތީޖާއަށް ބަދަލުއަންނާނެއެވެ.
ބެންތަމްގެ މިތިޔަރީ ބުނާގޮތުގެ ޖުމްލަ މިސާލެއް ގެނެސްދޭނަމެވެ. ޔުޓިލިޓީ ކުންފުނިން މިދިޔަމަހުގައި މުސާރަ ބޮޑު ކުރާނެކަމަށް ހުރިހާ މުވައްޒަފުންނަށް އެންގިއެވެ. އެހެންނަމަވެސް މުސާރަ ބޮޑެއް ނުކުރިއެވެ. އެކަމުގެ ސަބަބުން މުވައްޒަފުން މާޔޫސްވެ، ދެރަވެ، މަސައްކަތަށް ފަރުވާކުޑަވެ، ކޮމިޓްމަންޓް މުޅިން ގެއްލިއްޖެއެވެ. ދެން ހުރީ އެތަނުގެ ވެރިންނެވެ. ސަރުކާރެވެ. ސަރުކާރުންވެސް މިކަމާއި ވިސްނިއިރު އެމީހުންނަށް ވެފައިވާ ގޮތުން ރަށްރަށް ކަރަންޓް ނުދެވި، އަސާސީ ހިދްމަތް ފޯރުކޮށްނުދެވުމުގެ ސަބަބުން ރައްޔިތުން މިހާރު ނުތަނަވަސްވެފައިވާތަން ފެނެއެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް ވަޢުދުވީފަދައިން މުވައްޒަފުންގެ މުސާރަ ބޮޑުކުރީއެވެ.
އެހެންވީމާ ބެންތަމްގެ މި ނަޟަރިއްޔާ މިއީ ޢަމަލީ ގޮތުން ކުރެވޭނެކަމެއް ހެއްޔެވެ؟ ބެންތަމް އަބަދުވެސް ބުނަނީ ވީހާވެސް ގިނަ ބަޔަކަށް އެންމެ ބޮޑު އުފަލެއް ލިބޭ ކަންތައްތައްއެއީ ރަގަޅު ޢަމަލުކަމުގައެވެ. މިސާލަކަށް މާލޭގައި ވަރަށް ޕާޓޭން ގިނައެވެ. ވައްކަންވެސް ގިނައެވެ. އެވައްކަންތައް ކުރާމީހުން ބަންދުކޮށް ތަޙްޤީޤުގައި މަރަނީއެވެ. އެއީ އެމީހުން ވައްކަން ކުރާތީ މީހުންގަނޑު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާތީއެވެ. ފުލުހުން ބުނަނީ މިހާރު ރައްޔިތުން އުފާވޭ ނޫންހެއްޔެވެ؟ މެރީމަ ނިމުނީ ނޫން ހެއްޔެވެ؟ އެއިން އާއްމުންގެ ގިނަ ބަޔަކަށް ބޮޑު އުފަލެއް ލިބިއްޖެއްނޫންހެއްޔެވެ؟ ބެންތަމް ބުނަނީ ރަގަޅެވެ. އެބޭފުޅާގެ ޕްރިންސިޕަލަކީ އެއީއެވެ. އެހެން ނަމަވެސް ބެންތަމްއަށް ވާގިވެރިވާ އެހެން މަޝްހޫރު ފިލޯސަފަރެއްކަމަށްވާ ޖޯން ސްޓެއަޓް މިލް (1873-1806) ބުނަނީ ތިޔައީ “އޫރުގެ ތިޔަރީ”އެވެ. މިލް ބުނަނީ ” އޫރެއް ހިތްހަމަ ޖެހުމަށްވުރެ މީހަކު ހިތް ހަމަ ނުޖެހުންވެސް މާރަގަޅެވެ. އަދި ” މޮޔައެއް ހިތްހަމަ ޖެހުމަށްވުރެ ސޮކްރޭޓްސް ހިތްހަމަ ނުޖެހުން މާރަގަޅެވެ”.
މިލްއަކީވެސް ނަފަޢިއްޔާތަށް ތާޢީދުކުރާ އަދި އެހެނަސް އެއިން ބަޔެއް ޤަބޫލުކުރާ އަދި އޭނާގެ އަމިއްލަ އުސޫލުތަކަކުން ނަފަޢިއްޔާތުގެ ހަމަތައް ބަދަލުކޮށް ގެނެސްދީފައިވާ ބޭފުޅެކެވެ. ހަޤީޤަތުގައި މިލް އަކީ ބެންތަމްގެ މިތިޔަރީއަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަންތައް ރަގަޅުކޮށްލުމަށް އުސޫލުތައް އެކަށައެޅި ބޭފުޅެކެވެ. މިލް ބުނާގޮތުން އަހަރުމެންގެ ތެރޭގައި ހަދާފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަކީވެސް ނަފަޢިއްޔާތުގެ ބައެކެވެ. އެއީ އުސޫލީ ނަފަޢިއްޔާތެވެ. ކުރިން އިސްވެ ދިޔައީ ބެންތަމްގެ ޢަމަލީ ނަފަޢިއްޔާތެވެ. މިލްބުނާގޮތުން “މަތީ އުފަލަކާއި” މާނައަކީ ހަޔަރ ޕްލެޒަރ އަކާއި “ދަށު އުފަލެއް” ވެއެވެ. މަތީ އުފާ ގޮސް ގުޅެނީ އިންސާނާގެ ސިކުޑިއާއި ދަށު އުފަލަކީ އިންސާނާގެ ޖިސްމެވެ. އެހެންވީމާ ސިކުނޑިން ވިސްނައިގެން ރަގަޅު ހަމަ އުސޫލު ބެލުމަކީ ކޮންމެ ކަމެއްކުރުމުގެކުރިންވެސް އެމީހެއްގެ މައްޗަށް ކުރުން ލާޒިމް ކަމެކެވެ.
މިސާލަކަށް ޑޮކްޓަރަކާއި މިލިޔުން ކިޔާ މީހާގެ ބައްޕައާއި ދެމީހުން އާޓިފިޝަލް ބީޗަށް މޫދަށް ގޮސް އުޅެނިކޮށް ދެމީހުންވެސް ގެނބުނީނެވެ. މިލިޔުން ކިޔާމީހާއަށް ސަލާމަތް ކުރެވެން އޮތީ އެކަކެވެ. ޑޮކްޓަރު އަތުގައި ވަރަށް ގިނަ ބަލިތަކުގެ ބޭސްތައް ހުއްޓެވެ. އޭނާ މަރުވެއްޖެ ނަމަ އެއިން އެއްވެސް އެއްޗެއް ބޭނުންކުރެވޭކަށް ނޯންނާނެއެވެ. އެހެންވީމާ މިލިޔުން ކިޔާމީހާ ސަލާމަތް ކުރާނީ ކާކު ހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ނޫނީ ޑޮކްޓަރ ހެއްޔެވެ؟ މިލް ބުނަނީ ސަލާމަތްކުރަން ޖެހޭނީ ޑޮކްޓަރު ކަމަށެވެ.
މިއީވެސް ދުނިޔޭގެ ނަން މަޝްހޫރު ފިލޯސަފަރުންގެ ވިސްނުމުން އަޅުގަނޑުމެންނަށް ނެރެވޭނެ އަޡަރުތަކެވެ. ބެންތަމްގެ މިނަޡަރިއްޔާއަކީ ޑިމޮކްރެސީއެވެ. ޑިމޮކްރަސީއަކީ ގިނަ ބައެއް އެދޭގޮތެވެ. އެހެންކަމުން މިތިޔަރީގައި މަޝްހޫރު ފިލޯސަފަރު ރޫޒޯ (1778-1712)ގެ ތިޔަރީއެއްކަމަށްވާ “ކަލެކްޓިވިޒަމް”އާއި އެއްގޮތް ކަމެއް ހުރި ތިއަރީއެކެވެ. ވިސްނާ ފިކުރުކުރުމަކީ ތަނަވަސްކަމުގެ މަގެކެވެ.
(ނިމުނީ)



ރިޕޯޓު