އިންފުލުއެންޒާ އޭ (އެޗް1 އެން1) އަކީ ކޮބާ؟
އިންފުލެއެންޒާ އޭ (އެޗް1 އެން1) އަކީ އިންފުލެއެންޒާ ވައިރަސް އަކުން އޫރުގެ ނޭވާލުމުގެ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ. އިންފުލުއެންޒާ އޭ (އެޗް1 އެން1) ޢާއްމުކޮށް އިންސާނުންނަށްޖެހޭ ބައްޔަކަށް ނުވިއަސް އިންސާނުންގެ ތެރޭގައިވެސް ފެތުރިދާނެ ބައްޔެކެވެ. މިގޮތުން މިހާރު ދުނިޔޭގެ ބައެއް ޤައުމުގެތަކުގައި މިބަލި ފެތުރެމުން އެބަދެއެވެ. އަދި މީގެ އެންމެ ނުރައްކާތެރި ގޮތްކަމަށްވާ އެކެއްގެ ގައިން އަނެކާގެ ގަޔަށް ބަލި ފެތުރެން މިހާރުވަނީ ފަށާފައެވެ.
އިންފުލުއެންޒާ އޭ (އެޗް1 އެން1) ފެތުރެނީ ކިހިނެތް؟
އިންފުލެލުއެންޒާ އޭ (އެޗް1 އެން1) ނުވަތަ ފްލޫ ފެތުރެނީ ޢާއްމުކޮށް ޖެހޭ އިންފުލުއެންޒާ ނުވަތަ އަރިދަފުސް ރޯގާވެސް ފެތުރޭގޮތަށެވެ. ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމު ފެތުރެނީ ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރެއިންނެވެ. އަދި ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭންގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލުމުންވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވާސިލުވެއެވެ.
ޖަރާސީމުން ސަލާމަތްވުމަށް ކުރެވޭނީ ކޮންކަމެއް؟
ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވުން ނުވަތަ މާބޮޑަށް ކައިރިވުމުން ދުރުހެލިވާށެވެ. ޖަރާސީމުގެ އަސަރު ހުރެދާނެ ހެން ހީވާ ތަންތަނުގައި އަތްނުލުމާއި ގިނަ ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމުގެ އާދަ އަށަގެންނެވުމަކީ މުހިންމު ކަމެކެވެ. ފުރިހަމައަށް ނިންޖާއި އަރާމު ހޯދުމާއި، ފައިދާ ހުރި ރަނގަޅު ކާނާ ކެއުމަކީ ވެސް މުހިންމު ކަންތަކެވެ.
ބަލި ޖެހުމުން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟
އިންސާނުންނަށްޖެހޭ އިންފުލުއެންޒާ އޭ އެޗް1 އެން1 އިން ރައްކާތެރިވުމުށްޓަކައި ވެކްސިން މާގިނަދުވަހެއްނެތި ލިބެންފަށާނެއެވެ. މީގެއިތުރުން ނޭވާލުމުގެ ނިޒާމަށް ވަންނަ މިފަދަ ޖަރާސީމުތަކުން ރައްކާތެރި ވުމަށް ކޮންމެ މީހަކަށްވެސް ދުވަހުން ދުވަހަން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
- ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު ޓިޝޫފަދަ ތެކެތިން އަނގަޔާއިނޭފަތް ނިވާކުރާށެވެ. އަދި ބޭނުން ކުރުމަށްފަހު ޓިޝޫ ކުނިއަޅާވަށިގަނޑަށް އެއްލާލާށެވެ.
- ޓިޝޫއެއް ނެތްނަމަ ކެއްސާ ކިނބިހި އަޅާއިރު އަތުން އަނގަޔާއި ނޭފަތް ނިވާކުރާށެވެ. އަދި އެއަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނާށެވެ. ކެއްސާ ކިނބިހިއަޅާ ކޮންމެ ފަހަރަކު މިގޮތަށް އަމަލުކުރާށެވެ.
- ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮންނާށެވެ. ޚާއްޞަކޮށް ކެއްސުމާއި ކިނބިހިއެޅުމަށް ފަހު އެވެ.
- ނޭފަތާއި، އަނގަޔާއި، ލޮލުގައި އަތްލުމުން ދުރުހެލިވާށެވެ. މިއީ ވަރަށް ފަސޭހައިން ޖަރާސީމު ފެތުރޭ މަގުތަކެކެވެ.
- ބަލިމީހުންނާއި ގައިގޯޅިވެ ނޫޅޭށެވެ.
- ބަލިވެއްޖެނަމަ ވަޒީފާއަށާއި ސްކޫލަށް ނުގޮސް ގޭގައި މަޑުކުރާށެވެ. ޖަރާސީމު ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި އެހެން މީހުންނާއި ބައްދަލުވެ އަދި ގައިގޯޅިވެ ނޫޅޭށެވެ.
ބަލި ވެއްޖެނަމަ ޢަމަލުކުރާނެ ގޮތް؟
އިންފުލުންޒާ އޭ އެޗް1 އެން1 އުޅޭކަން އެގިފައިވާ ރަށެއްގައި ދިރިއުޅޭ މީހަކު ބަލިވެ، އިންފުލުއެންޒާ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެނިއްޖެ ނަމަ އަދި ޚާއްޞަކޮށް ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ކަންބޮޑުވާފަދަ ޢަލާމާތެއްވާނަމަ ޞިއްޙީއެހީތަރިއެއްގެ ލަފާ ހޯދާށެވެ.
މިބަލީގައި ފެންނަ ޢާއްމު ޢަލާމާތްތައް
- ހުން އައުން
- ކެއްސުން
- ކަރުގައި ރިއްސުން
- ގައިގާ ރިއްސުން
މިބަލީގައި ނުރައްކާވެދާނެ ޢަލާމާތްތައް
- މާއަވަސް އަވަހަށް ނޭވާލުން ނުވަތަ ނޭވާލާން އުނދަގޫވުން
- ހަމުގެ ކުލަ އަޅި ނޫކުލައަކަށް ބަދަލުވުން
- އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ނުބުއިން
- ނިދިބުރަވުން ނުވަތަ ހިމޭނުންއޮތުން
- އަރިދަފުސް ރޯގާގެ ޢަލާމާތްތައް ކުޑަކޮށް ރަގަޅުވެފައި ހުރުމަށްފަހު އަލުން ހުން އައުމާއި އިހުނަންވުރެ ބޮޑަށް ކެއްސުމާއި އެކު ޢަލާމާތްތައް އެނބުރިއައުން
ބޮޑެތި މީހުންގެ ފަރާތުން ފެނިދާނެ ނުރައްކަލުގެ ނިޝާންތައް
- ނޭވާލާން އުނދަގޫވުން ނުވަތަ ނޭވާ ކުރުވުން
- މޭމައްޗާއި ބަނޑަށް ތަދުވުން ނުވަތަ ވާންވުން
- ކުއްލިއަކަށް އަނބުރައި ގަތުން
- ހާސްވެ ވާނުވާ ނޭގުން
އަތްދޮވުން އެންމެ ރަނގަޅީ ކޮންގޮތަކަށް؟
ގިނަގިނައިން އަތްދޮވުމަކީ ޖަރާސީމުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. ސައިބޯނި ލައިގެން ފެނުން އަތް ދޮންނާށެވެ. އެކަށީގެންވާގޮތަށް އަތްދޮވެވޭނީ ގާތްގަޑަކަށް 15 ސިކުންތާއި 20 ސިކުންތާއި ދެމެދުގެ ހިނދުކޮޅެއް ވަންދެން ސައިބޯނި ލައިގެން ރަނގަޅަށް ދެއަތް އުގުޅުމަށް ފަހު ތާފަނާ ފެނުން އަތް ދޮވުމުންނެވެ. ކެއްސާ ކިނބިހިއެޅުމަށްފަހު ނުވަތަ ތަޣައްޔަރުވަފައި ވާކަމަށް ޝައްކު ކުރެވޭ ތަނެއްގައި ނުވަތަ މީހެންގެ ގައިގައި އަތްލުމަށްފަހު މިގޮތަށް އަތްދޮވުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.
މައުލޫމާތު: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

މައިޒާން