Share

ނަސޭހަތެއް

ނަސޭހަތެއް
މުހައްމަދު އިސްމާއިލް

ސައްތައިން ސައްތަ މުސްލިމުން އުޅޭ ޤައުމެއް ކަމަށް އަޅުގަނޑުމެން ވަކާލާތު ކުރަމުންދާއިރު ސައްތައިން ސައްތަ އިސްލާމީ ގައުމަކުން ފެނިގެން ނުވާނެ އެތައްކަމެއް މިއަދު ދަނީ ފެންނަމުންނެވެ. ދިވެހި ރަށްވެއްސަކަށް ވެވެނީ އިސްލާމަކަށް ވެގެން ކަމަށް ވީހިނދު އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައިވާ ހިނދު އަޅުގަނޑުމެން މިއަދު މި ތަޖުރިބާ ކުރަމުންދާ ދިވެހި މުޖުތަމައުގައި މިވަނީ އިސްލާމްދީނާއި ބީރަށްޓެހި ކުލަ ތަކެއް ޖެހެން ފެށިފައެވެ.

އެންމެ ފުރަތަމަ ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވުމުން އެކުއްޖާއަށް މުސްލިމް ނަމެއް ކިޔުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރާތަން ފެނިގެން ނުދަނީ ކިތައް އާއިލާއިން ހެއްޔެވެ؟ ތުއްތު ކުއްޖާ އަށް ހަތް އަހަރުވެ ދިހަ އަހަރުވާއިރުވެސް މެންދުރު ނަމާދުގައި އޮންނަނީ ކިތައް ރަކުއަތް ކަންވެސް ނޭގެއެވެ. މިއީ ކުޅުދުއްފުށީގެ ހާލަތު ކަމުގައި ނުވިޔަސް މިއީ މިއަދު މިގައުމުން ފެންނަމުންދާ ކަންކަމެވެ. މަންމަ އާއި ބައްޕަ ދަރިފުޅަށް ދަސްކޮށްދެނީ އިސްލާމީ އަޚްލާގެއް ނޫނެވެ. ހުޅަނގުގެ އިސްލާމީދީނާ ފުށުއަރާ ޘަޤާފަތުގެ ތެރެއަށް ތުއްތު ކުއްޖާ ވައްދާ އެގޮތަށް “ހާނުވައެވެ”.

ފުރާވަރު ކުއްޖަކަށް ވެއްޖެއެވެ. ޒުވާންކަމުގެ އެންމެ ޖޯޝް އަރާ ދުވަސްވަރު ނުބައި ކަންކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރާ ކިތައް މީހުން މިމުޖުތަމައުގައި އުޅޭބާވައެވެ. ޒުވާންކަމުގެ ދުވަސްވަރު އެޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބޭނެކަން ކަށަވަރެވެ. މިއީ ދީނީ ދަރުސް ތަކުން އަބަދުމެ އަޑުއަހާ ވާހަކައެވެ. އެހެނަސް މިއަދު ފެންނަމުންދާ ހަގީގަތަކީ ފުރާއުމުރުގެ ކުދިންގެ ލަދު ހަޔާތް ނުހުންނަ ކަމެވެ. ދީނަށް ލޯބި ކުރުމެއް ނެތްތަނުގައި މައިން ބަފައިންނާއި އާއިލާގެ އެހެން މީހުންނަށްވެސް އިހުތިރާމް ނުކުރާ ތަނެއެވެ. ކިޔަވަދޭ މުދައްރިސުންނަށާއި ތިމާއަށް ވުރެ ބޮޑެތި މީހުންނަށްވެސް އިހުތިރާމް ކުރުމެއް ނެތެވެ. ވާނީ ވެސް އެހެންނެވެ. އިހްތިރާމާއި ގަދަރާ ރިވެތި ހުލްޤު ލިބޭނީ އިސްލާމް ދީނުގެ ތެރެއިންނެވެ.

ޒުވާން އުމުރު ކުރާ އެންމެ ނުބައި އެއް އަމަލެއްކަމަށް މުޖުތަމައުގައި އަޑު ފެތުރިފައިވަނީ މަސްތުވާ ތަކެތީގެ މައްސަލައެވެ. އެހެނަސް ޒިނޭ ކުރުމާއި މައިން ބަފައިންނަށް ހެޔޮ ކޮށް ނުހިތުމާއި މަކަރާއި ހީލަތް ހެދުން އެއީ މިހާރު ޒުވާނުންގެ ތެރޭގައި އާއްމު ވެފައިވާ ކަމެކެވެ. ޒިނޭ ކުރުމާއި މައިންބަފައިންނަށް ކަމޭ ނުހިތުމަކީ އެންމެ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ތިމާ ޒިނޭ ކުރާ ހާލު އެހެންމީހުން މަސްތުވާތަކެތި ބޭނުންކުރާ ވާހަކަ ދައްކަނީ މަދެއްކޮށެއް ނޫނެވެ. އެއީ ޒިނޭ ކުރުމުގައި ހުރި ނުބައިކަން ނޭގިގެން ބާވައެވެ؟
ނަމާދަކީ ހަމައެކަނި ހުކުރު ދުވަހުގެ މެންދުރު ހުކުރު ނަމާދު ކުރުން ކަމުގައި ދެކޭ ބަޔަކުވެސް މަދެއް ނޫނެވެ. ނުވަތަ އެގޮތަށް އަމަލުކުރާ މީހުންވެސް މަދެއް ނޫނެވެ. ނަމާދަކީ ކޮންމެ ދުވަހަކުމެ ފަސް ވަގުތު ކުރުމަށް ފަރުޟު ކުރައްވާފައިވާ އަޅުކަމަކަށް ވީހިނދުވެސް ހުކުރު ދުވަހު ހުކުރު ނަމާދު ކުރުން ފިޔަވައި އެއްވެސް ނަމާދެއް ނުކުރެއެވެ. އަދި ނުވިތާކަށް ދަރިފުޅު ނަމާދު ނުކުރިޔަސް އެކަމާ އެއްވެސް މައްސަލައެއް ނުޖައްސައެވެ. ނަމާދު ކުރަން ދަސްކޮށްދިނުން މިހާރު ނޯވެއެވެ. ސްކޫލުން ދަސްވި އެއްޗެއް ދަސްވީއެވެ. އިސްލާމް މާއްދާއިން ފާސްވަނިކޮށް އެނިމުނީއެވެ. ނަމާދު ކުރުމެއް ނަމާދަށް ފޮނުވުމެއް ނެތެވެ. ހެޔޮވާނެތޯއެވެ. އަޅުގަނޑުމެންގެ ޅަދަރިންގެ ކުރިމަގު ހަލާކުވެގެން ދާތަން ބަލަން ކެތްކުރެވޭ ހެއްޔެވެ. ދީނީ ތަރުބިއްޔަތުން ދަރިފުޅު ތަރުބިއްޔަތު ކުރުމަކީ ބޯދާ ކަމަށް ވީހެއްޔެވެ؟ މިހާރު “ސްޓައިލް” އަކަށް ނުވަނީ ހެއްޔެވެ؟

އުމުރުން 50 އަހަރުވެއްޖެވެ. އަދިވެސް އުޅެނީ ޒުވާން ކަމުގެ ޖޯޝުން ނުނެއްޓެވިގެންނެވެ. ޒިނޭ ކުރުން އާދައަކަށް ހަދައިފިއެވެ. ދުލުން ހަޑި ހުތުރު ބަސްތައް ބޭނުންކުރުމާއި ދުވާލާއި ރޭގަނޑުގެ ވަގުތުތައް އެކުވެރިންނާއެކު މަޖަލުގައި ހޭދަކުރުން މަދެއް ނުވެއެވެ. މަރުވާނެ އިރެއް އެނގެނީ ކާކަށް ހެއްޔެވެ؟ ކުރިން ކުރެވުނު ކަންކަމާއި މެދު ދެރަވެ ތައުބާ ވުމުގެ ބަދަލުގައި އެކަންކަން ތަކުރާރު ކުރަމުން ދަނީއެވެ. ހޮޅުއަށި ތަކުގައި އަދި ހޮޓާ ތަކުގައިވެސް ދުލުން ހަޑިހުތުރު ބަހެއް ނޫނީ ބޭނުމެއް ނުކުރެއެވެ. ދޫ ރައްކާތެރި ކޮށްފި މީހަކީ ހާދަހާ ނަސީބުގަދަ މީހެކެވެ. ދުލާއި ލަދުވެތި ގުނަވަން ރައްކާތެރި ކޮށްފި މީހަކަށް ހުރި ނިޢުމަތެއްގެ ބޮޑުކަމާއެވެ.

64 ވަނަ އުފަން ދުވަހެއެވެ. އުފަލާ މަޖަލުގައި އާޚިރަތުގެ މަތިން ހަނދާން ނައްތާލުމަށް ފަހު ވޭތު ކުރީ ކިތައް އަހަރު ހެއްޔެވެ؟ އަދިވެސް އިސްލާހު ވާކަށް ނުވޭހެއްޔެވެ؟ ބަލިވެ ބަލި އެނދުގައި އޮށޯތުމަށް ފަހުވެސް ދުލުގެ ބޭނުން ހިފަނީ ރަނގަޅު ގޮތުގައި ހެއްޔެވެ. އުމުރުން 64 އަހަރު ވީއިރު ޒަކާތް ދެއްކީ ކިތައް އަހަރު ހެއްޔެވެ. ކުރެވުނު ނަމާދު ތައް އަތުގެ އިނގިލިން ގުނާ ނުލެވޭ ހެއްޔެވެ؟ ޞަދަޤާތް ކުރުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ކީރިތި މޫރިތި ޤުރުއާނުގެ އެންމެ ސޫރަތެއްވެސް ހިތުން ކިޔަން އެނގޭ ބާވައެވެ.

އޭ ލޮބުވެތި އެކުވެރިންނޭވެ. އަވަހަށް ތައުބާ ވެ ﷲ އަށް ތަޤުވާވެރި ވާށެވެ. ކާމިޔާބު ލިބުން އޮތީ އެގޮތުންނެވެ. ދަރީން ތަރުބިއްޔަތު އިސްލާމީ ދީނުގެ އަޚްލާގު ދަސްކޮށް ދެއްވާށެވެ. ނަމާދު ކުރުމަށް ފަރިތަ ކުރުވާށެވެ. މައިން ބަފައިން ނަށް އިހްތިރާމު ކުރުމަށް ދަސްކޮށްދެއްވާށެވެ. ޒުވާން އުމުރު ގެއްލުވާ ނުލާ ޒުވާންކަމުގެ ޖޯޝުން ދީނީ ކަންކަމުގައި މަސްއޫލުވެ އުޅޭށެވެ. ގައިގައި ބާރުހުރި ދުވަސްވަރު ރޭއަޅުކަން ކުރުން ގިނަ ކުރާށެވެ. ދީނުގައި މަގުގައި ހޭދަކުރުން އިތުރުކޮށް ހަށިގަނޑުގެ ބުންވަރު ހެޔޮގޮތުގައި ބޭނުން ކުރާށެވެ. ތިމާއަށް ލިބިފައި ހުރި ރީތި ކަމަކީ ﷲ ދެއްވި ނިޢުމަތެއް ކަން ޤަބޫލުކޮށް އެނިޢުމަތްތަކުގެ ބޭނުން ހެޔޮ ގުތުގައި ކުރުމަށް އަވަސްވެގަންނާށެވެ. އެ ނިޢުމަތް ތަކުގެ ބޭނުން ފާހިޝް ކަންކަން ކުރުމަށް ހުޅުވިފައިވާ މަގަގަށް ނުހައްދަވާށެ. ދުވަސްވީ މީހުންވެސް ގިނަ ވަގުތު ނަމާދު ކުރުމާއި ގުރުއާން ކިޔެވުމުގައި ހޭދަކުރާށެވެ. މިބިންމައްޗަކީ ހެޔޮ ޢަމަލު ކުރުމަށް އޮތް ތަނެވެ. މިބިންމަތީ ހެޔޮ ކަންކަން ކުރުމުން ދެން ލިބެން އޮތް ނިޢުމަތް ހިތަށް ވެސް ނުގެނެވޭއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބިގަތުމަށްޓަކައި ހަޔާތުގެ ހުރިހާ ކަމެއްވެސް ހެޔޮ ގޮތުގައި ކުރަމުން ގެންދާށެވެ.

‮ ‬7‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:01/02/2010

    ވަރަށްބަރާބަރު އަގުހުރި ނަސޭހަތްކޮޅެއް. ވަރައްބޮޑަށް ޝުކުރިއްޔާ މުޙައްމަދު އިސްމާއިލްއަށް

  2. ޅަބޭބެ ޕުލަސް ބޮޑުބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:01/02/2010

    ވަރަށް ގައްޑާ، އަދި މުހަންމަދު އިސްމާލު ގެ ސިޔާސީ އިޖުތިމާޢީ ލިޔުންތަކުގެ އިންތިޒާރުގައި އިނީމު

  3. hehe‮ ‬ވިދާޅުވީ


    ތާރީޚް:01/02/2010

    ކޮންތާކުންތަ އިސްމާލާ ކަލޯ ތިޔަ ނުކުތީ…ހާދަ ދުވަހެއް ކޮށްފައޭ…އޭ އަދި ކޮބާ ރޯދަމަހުގެ 2 ހާސް ރުފިޔާ އަށްވެސް ދަރާފަ އިނގޭ ތިތިބީ ކައެ މެން….ދެން ލަލަލަ…

  4. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:02/02/2010

    ކަލޯމެނޭ ކޮބާ މުސާރަކޮޅަށް މިވީ ކިހިނެއްތަ މިފަހަރު؟

  5. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:02/02/2010

    ކިތަންމެ ގިނައިން ނަސޭހަތް ދިނަސް ހަމަ އެއްކަންފަތުން ވަދެފަ އަނެއް ކަންފަތުން ނުކުމެގެން ދާނީ. މަގުފުރެދިއްޖެ މީހެއް ދެން އިތުރަކަށް އަނބުރާ ގެނެވޭނީ ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން.

  6. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:03/02/2010

    މިތާނގަ އަދިވެސް ދިރުން އެބަހުރިތަ؟ ވީހާވެސް އަވަހަކަށް ރޯދަމަހު ގެނެސްދިން ކުއިޒުގެ ނަތީޖާ ގެނެސްދިނުމަށް ގޮވާލަން………..

  7. ސިވިލް މީހަ‮ ‬ވިދާޅުވީ


    ތާރީޚް:04/02/2010

    ހާދަ ޒަމާނެއް ކޮށްލާފަ. އަލުން އަޕުވާންފެށީ މި ދޮއްތޮ؟