Share

ކުރުވާހަކަ – ސޯސަންމަގު ލައިޓު

ކުރުވާހަކަ – ސޯސަންމަގު ލައިޓު
ބުންޒީލަ

މެންދުރު ފަހު ތިނެއް ޖަހަން ފައިކުރުކޮށްލާފައި ހުއްޓައި ފާއިޒް އޭނާގެ އަންހެނުން އިނާދާ އާއެކު އޭޑީކޭއިން ނުކުތް އިރު، ދެމީހުންވެސް ތިބީ އުފަލުން ގޮސް ފޮޅިފައެވެ. މިއީ ފާއިޒު އެންމެ ދެކެން ބޭނުންވި އެއްދުވަހެވެ. އިނާދާ މިއަދު އެއިނީ ފާއިޒުގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.

މީގެ ދެއަހަރެއްހައި ދުވަސް ކުރިން ހުރާ ތުނޑިމަތިން ދެމީހުން ބައްދަލުވެ، ދެމީހުންގެ ގުޅުން ބަދަހިވަމުން ދިޔައީ ނުހަނު ހަލުވި ކަމާއެކުއެވެ. ލިބިފައި ހުރި ރީތިކަމުގެ އިތުރުން އުޅުން ރަނގަޅު ކަމަށް މުޅި ރަށުގައިވެސް މަޝްހޫރު އިނާދާ އަށް ފާއިޒު ލޯބި ހުށަހެޅުމުން، އިނާދާ އެއްވެސް އިންކާރެއް ނުކުރެއެވެ. ދެމީހުން ރައްޓެހިވިތާ އަހަރެއްހާ ދުވަސްނުވަނީސް ކައިވެނީގެ ގޮށް ޖަހާލެވުނެވެ. ފާއިޒަކީ އަބަދުވެސް ތުއްތު ކުދިންނާ ވަރަށް ދޯޅު ފިރިއެއްކަން އިނާދާ އަށް އެނގެއެވެ. އެހެން ދެމަފިރިއެއް ތުއްތުކުއްޖެއް ގޮވައިގެން ދާމަންޒަރު ފެންނަ ކޮންމެ ފަހަރަކު ފާއިޒު އިނާދާ އަށް ބަލާލާގޮތުން ފާއިޒު ދަރިފުޅެއް ބޭނުންވާ ވަރު އިނާދާ އަށް އިޙްސާސް ކުރެވެއެވެ. ފާއިޒުގެ އެއުއްމީދު ވީހާވެސް އަވަހަށް ހާސިލް ކޮށްދޭން އިނާދާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

ޑިސެމްބަރު މަހު ބޮޑު ޗުއްޓީގައި މާލެއިން ޝޮޕިން ކޮށްލުމަށް ދެމަފިރިން މާލެއައީ މިދިޔަ ހަފްތާގައެވެ. ދެމީހުން މިއަދު މެންދުރު ފަހު ކައިގެން ތަށި ދޮންނަން ހުއްޓާ އިނާދާ މޭ ނުބައި ކުރަން ފެށިއެވެ. އަދި ދެތިން ފަހަރު ހޮޑު ލެވުމުން ފާއިޒު ގަސްދުކުރީ އިނާދާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. އޭޑީކޭއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން، އިނާދާ ބަލިވެއިން ކަމުގެ އުފާވެރި ހަބަރު ޑޮކްޓަރު ދެއްވިއެވެ. އޭޑީކޭއިން ނުކުތް އިރުވެސް ދެމީހުންގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. ދެމީހުން ހިނގާފައި ގޮސް ސޯސަންމަގު ލައިޓު ކައިރީގައި މަޑުކޮށްލީ ހިނގާ މީހުންގެ ލައިޓް ފެހި ވަންދެންނެވެ. ކުޑައިރުކޮޅެއް ފަހުން ހިނގާމީހުންގެ ލައިޓް ޖެހުމާއި އެކު ދެމީހުން ސޯސަންމަގު ހުރަސްކުރަން ހިނގައިގަތެއެވެ.

*************

18 އަހަރުގެ ނާޒްނީ ވަޒީފާ އަދާކުރަނީ ސޯސަންމަގު ކަންމަތީގައި ހުންނަ ސްޓަރ ކެމިސްޓްގެ ފާމަސިސްޓް އެހީތެރިޔަކަށެވެ. ނާޒްނީ އަކީ ސަކަމިޒާޖެއްގެ ކުއްޖެއްކަމުން މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުގައި އުޅުނު އިރު ކިޔެވުމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންކަމުން ނާޒްނީއަށް މާރަނގަޅު ނަތީޖާއެއް ޖީސީއީގައި ގެނެވިފައެއް ނުވެއެވެ. ނަތީޖާ ކަރުދާސް ލިބުމުން ނާޒްނީ ނިންމީ ފިހާރައެއްގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.

މިއަދަކީ ނާޒްނީގެ ކޮއްކޮ ނިލޫގެ 10 ވަނަ އުފަން ދުވަހެވެ. ނާޒްނީގެ އިތުރު އެހެން ކޮއްކޮއެއް ނުހުންނާތީ ނާޒްނީ ނިލޫދެކެ ވަރަށް ލޯބިވެއެވެ. ނާޒްނީ ނިންމައިގެން ހުރީ އަމިއްލަ މުސާރައިން ނިލޫއަށް ރަނގަޅު ބާތުޑޭ ޕްރެސެންޓެއް ދިނުމަށެވެ. އެކެއްޖެހިއިރު ފިހާރައަށް ދިޔައިރު ނާޒްނީ އައީ ހަވީރު ގެޔަށް އަންނައިރު ނިލޫއަށް ޕްރެސެންޓެއް ގެންނާނެކަމަށް ޕްރޮމިސް ކޮށްފައެވެ. ނާޒްނީ ނިންމީ އަޟްރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ތަނަކަށްގޮސް ހަދިޔާއެއް ގަތުމަށެވެ. އެހެންކަމުން 3 ޖަހަން ދެތިން މިނެޓަށް ވުމުން، ފާމަސިސްޓް ކައިރީގައި ބުނެލާފައި ނާޒްނީ ފިހާރައިން ނުކުތެވެ.

************

ފެކަލްޓީ އޮފް އިންޖިނައަރިންގ ޓެކްނޮލޮޖީގައި ޑިޕްލޮމާ ނިންމުމަށްފަހު އަޝްރަފް ސްޓެލްކޯއަށް ވަތްފަހުން އަދި މާގިނަ ދުވަހެއް ނުވެއެވެ. ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައި ޓެކްނީޝަނެއްގެ މަގާމުގައި މަސައްކަތް ކުރާ އަޝްރަފް ރޭ ބާރަ ޖެހިއިރު ޑިއުޓީ ނިންމާފައި މާލެ އައިއިރު މެންދަމު އެކެއް ޖަހަން އުޅެއެވެ.

މާލެއައިސް ޑީޑީޑެންޓަލްސް ކްލިނިކާއިން ވެގެން ހުރި ކުއްޔަށްދޭ ކޮޓަރި ބަރިން އަޝްރަފް ކުއްޔަށް ހިފައިފާހުންނަ ކޮޓަރިއަށް ދިއުމުގެ ކުރިން، އަޝްރަފް ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އިއްބެގެ އަތުން ޕެންޑްރައިވް އެއް ބަލައެވެ. އަޝްރަފް އިއްބެގެ ގެޔަށް ދިޔައިރު އިއްބެ އިނީ އެޗްބީއޯއިން ދައްކަމުން ދިޔަ “ޑައިހާޑް 4″ ބަލާށެވެ. ދެމީހުން ފިލްމުގައި ޖެހިފައި ތިއްބާ ދެގަޑި ބައިވިއިރުވެސް ނޭނގުނެވެ. ފިލްމު ނިމުމުން ބަލާއައި ޕެންޑްރައިވް ހިފައިގެން އަޝްރަފް ގެޔަށްގޮސް ނިދަން އޮށޯތުމުގެ ކުރިން މެއިލް ޗެކްކޮށްލާނަމޭ ހިތާ ކޮމްޕިއުޓަރު ކައިރީގައި އިށީނެވެ. މެއިލް ޗެކްކުރުމަށްފަހު ފަހަރަކު ސައިޓަކަށް ވަންނަމުން ދަނިކޮށް ފަތިސްވެއްޖެކަން އަޝްރަފަށް އެނގުނީ ބަންގީގެ އަޑު އިވުމުންނެވެ. އެހާލަސްވެދާނެކަމަށް އަޝްރަފް ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. އަވަސްއަވަހަށް ފަތިސް ނަމާދު ކޮށްލައިގެން އަޝްރަފް ނިދަން އޮށޯތެވެ.

އަޝްރަފަކީ ނިދި ގަދަ ޒުވާނެއް ކަމުން އަނެއް ދުވަހު ހޭލެވުން އިރު ދެގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ. އަޝްރަފް ގެ ޑިއުޓީ ޝިފްޓް ފެށޭގަޑިއަކީ ތިންގަޑި ބައި ކަމުން، ހުޅުމާލޭ 3 ޖަހާއިރުގެ ފެރީއަށް އޭނާ އަރަން ޖެހޭނެއެވެ. ދުވަހަކުވެސް އޮފީހަށްދާން ގަޑިޖެހިފައި ނުވާ އަޝްރަފް ހޭލުމަށް ފަހު އަވަސްއަވަހަށް ފާހާނާއަށް ވަދެ މަތި ހަދާލައިގެން ނުކުމެ، ސައިކަލަށް އަރާ ނައްޓާލި އިރު ތިނެއްޖަހަން ހުރީ އެންމެ ތިންމިނެޓެވެ. އަޝްރަފްގެ ވަންޓޫފައިވްގައި ބާރުބާރަށް ގޮސް ސޯސަންމަގަށް އެޅިއިރު ލައިޓު އިނީ ފެހިވެފައެވެ. ލައިޓު ނިވެން ވާއިރަށް މަޖީދީމަގު ހުރަސް ކުރުމަށް ސައިކަލުގެ ސްޕީޑް ފަންސާހުން ހަތްދިޔަށް ނެގިއެވެ. ނަމަވެސް މަޖީދީ މަގާ ހަމައަށް ނުދެވެނީސް ލައިޓް ފެހިން އޮރެންޖަށްވެ، އޮރެންޖުން ރަތަށް ބަދަލުވެއްޖެއެވެ. އަޝްރަފް ނިންމީ ލައިޓުގައި މަޑުނުކޮށް “ލައިޓު ފަޅާލައި” ހުރިސީދަލަށް ދާށެވެ. ދުއްވާ އެއްޗެހީގެ ލައިޓް ރަތްވުމުން ހިގާމީހުންގެ ލައިޓް އޭރު ހުރީ ފެހިވެފައި ކަމުން މަގުހުރަސް ކުރަން މަޑުކޮށްގެން ތިބިމީހުން އޭރު ހިނގައި ގަނެފިއެވެ.

ލައިޓު ހުރަސްކޮށް މަޖީދީމަގުގެ މެދާހަމައަށް ދެވުނުތަނާ ކުރިމަތިން މަގު ހުރަސްކުރަން ހިނގާފައި ދިޔަ ދެމީހަކު އަޝްރަފްގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު އެމީހުންގެ ގައިން ނައްޓަންވެގެން އައިބާރުމިނުގައި ވައަތް ފަރާތަށް ސައިކަލް ގެ ހުންގާނު އަނބުރާލުމާއެކު ސައިކަލް ކޮންޓްރޯލުން ނެއްޓި، ޓްރެފިކް ލައިޓް ކައިރީގައި ހުރި ޗެންޗޭނުގައި ސައިކަލް ޖެހުމާއެކު އަޝްރަފް ވިއްސައިގެން ގޮސް ކަންމަތީގައި ހުރި ބޭސްފިހާރައިގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ އާއެކު ބިއްލޫރިގަނޑުގައި ދެމީހުން ޖެހި ބިއްލޫރި ގަނޑު ތެޅި ހުރިހާ ބިއްލޫރިއެއް ކުދިކުދި ވެގެން ފޭބިއެވެ.

(ނިމުނީ)



,

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ