އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ
އެއްބަޔަކު ނިކަން މޮޅު ބަޔަކަށް ވާއިރު އަނެއް ބަޔަކު ދެރަ ބަޔަކަށް ވާ ސަބަބަކީ ކޮބައިބާވައެވެ؟ އެއްބަޔަކީ ކާމިޔާބު ބަޔަކަށް ވީއިރު އަނެއް ބަޔަކު ނާކާމިޔާބު ވަނީ ކީއްވެބާވައެވެ؟ އެހެން މީހުންނަށް ވުރެ ތަނަވަސްކަންމަތީ އުޅޭ މީހުން އުޅެއެވެ. ކަނޑައަޅާ ކޮންމެ ލަނޑުދަނޑިއަކަށް ވާސިލުވާ، ކޮންމެ ހުވަފެނެއް ހަގީގަތަކަށް ހަދާ މީހުން އުޅެއެވެ. އޭގެ އިދިކޮޅުވެސް ފެނެއެވެ. އެންމެ ތަނަވަސްވެގެންވާ ގޮތުގައި ނުވަތަ ލަނޑުދަނޑިތަކަށް ވާސިލުވުމެއް ނެތި ހުވަފެންތައް ހަގީގަތަށް ބަދަލުކުރަން މަސައްކަތް ނުކުރާ މީހުންނަކީ އުފާވެރިން ކަމުގައި ވުމަށް ބޭނުން ނުވާ ބަޔަކީހެއްޔެވެ؟ މޮޅު ބަޔަކަށް ވާން އެދޭ ބަޔަކު ކަމުގައި އެމީހުން ނުވަނީހެއްޔެވެ؟ ހަމަ ޔަގީނެވެ. ނޫނެކެވެ.
އާދަމްގެފާނުން ފެށިގެން މިއަދާ ހަމައަށް ވެސް މި ބިންމައްޗަށް ފޮނުއްވުނު އެންމެނަކީ ހަތަރު ކަމެއްގައި އެއްގޮތް ވެގެންވާ ބަޔެކެވެ. އެކައްޗަކީ ހިއްސުތަކެވެ. އަނެކެއްޗަކީ ވަގުތެވެ. ތިން ވަނަ އެއްޗަކީ ފިކުރެވެ. މާތްރަސްކަލާނގެ އަހަރެމެން އެންމެންނަށް ވެސް ވަނީ އިންސާނީ ބުއްދިއާއި މޮޅު ފިކުރާއި އަދި ވިސްނުމާއި ތަހުލީލުކުރުމުގެ ކުޅަދާނަކަން ދެއްވާފައެވެ. ހަތަރުވަނަ އެއްޗަކީ މި ބުނި މޮޅު ވިސްނުމާއި ބުއްދިއާ ތަހުލީލުގެ ނަތީޖާއިން ނެރޭ ބާރެވެ.
މި ހުރިހާ އެއްޗެއް ހަމަ ކޮންމެ މީހަކަށް ވެސް ލިބިފައިވާ އިރު އެއް ބަޔަކު މޮޅު ބަޔަކަށް ވެފައި އަނެއް ބަޔަކު ދެރަ ބަޔަކަށް ވަނީ ކީއްވެހެއްޔެވެ؟ ހަމަ ކޮންމެ މީހަކަށް ވެސް އަސަރުކުރަނީ ޒަމާނާއި ތަނާއި ތިމާގެ އެތެރޭގައި ހުރި އެއްޗަކާއި ހޯދައިގަންނަ ބާރުން ކަމަށް ވީ ހިނދު އެއް ބަޔަކު މޮޅު ބަޔަކަށް ވެފައި އަނެއް ބަޔަކު ދެރަ ބަޔަކަށް ވަނީ ކީއްވެހެއްޔެވެ؟ “އަމުދުން އިސްވެ ބުނެވުނު އެންމެން އެއްގޮތްވާ ހަތަރު އެތިން އެއްބައި މަދުން ލިބިފައިވާ މީހުންގެ ގޮތުގައި އަހަރެމެން ފާހަގަކުރާ ނުކުޅެދޭ މީހުން ގިނަ ފަހަރަށް ކުޅެދޭ މީހުންނަށް ވުރެ މޮޅު ވަނީ ކީއްވެހެއްޔެވެ؟”
ޖަވާބު ވަރަށް ފަސޭހައެވެ. އެއީ މޮޅެތި މީހުން އެމީހުންނަށް ލިބިފައިވާ ހިއްސުތަކާއި ވަގުތާއި ފިކުރުގެ ބާރާއި އޭގެ ނަތީޖާ މޮޅު މީހަކަށް ވުމަށްޓަކައި ބޭނުންކުރަނީއެވެ. އަދި އުފާވެރިކަމަށް ގެންގޮސްދޭނެކަމަށް ގަބޫލުކުރާ އަމަލުތައް ކުރުންމަތީ ދެމިހުންނަނީއެވެ.
ކިޔެވުމަށް އަހަންމިއްޔަތު ކަމެއް ނުދޭ އެންމެ ކުޑަ މިނުން އިސްކޫލަށް ވެސް ނުދާ ކިޔަވާކުއްޖަކު ފެނުމަކީ ހަމަ އާދައިގެ ކަމެކެވެ. އަދި ﷲ ގެ ރުހިވޮޑިގަތުމެއް ލިބުމެއް ނުވާ ގޮތުގައި މަސައްކަތްކުރާ މީހުން ފެނުމަކީ ޢާންމު ކަމެކެވެ. އަބަދުވެސް އެމީހުން ޝަކުވާކުރާނެއެވެ. ނުވަތަ ﷲ އެބަޔަކަށް ދުނިޔެ ފަތަހަކޮށްދެއްވާފައިވާ މީހުންނާ އަމިއްލަ ނަފުސާ އެމީހުން އަޅާ ކިޔާނެއެވެ. އަދި މޮޅެތި މީހުންނަށް ފާޑުކިޔާ ނުވަތަ އޭނާގެ ގަދަރުން ކުޑަކުރުމުގައި ވަގުތުތައް ނަގާލާނެއެވެ. އެހެނަސް މޮޅެތި މީހުން އެމީހުންނަށް ލިބިފައިވާ ހިއްސުތަކާއި ވަގުތާއި ފިކުރުގެ ބާރާއި އޭގެ ނަތީޖާ މޮޅު މީހަކަށް ވުމަށްޓަކައި ބޭނުންކުރެއެވެ. އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އޭގެ ހައްލާމެދު އެމީހުން ވިސްނައެވެ. ގޮންޖެހުމެއް ކުރިމަތިވެއްޖެ ނަމަ އެކަމަކާއި ކުރިމަތިލާނެ ގޮތް އެމީހުން ހޯދައެވެ. އަދި ﷲ އަށް ވަކީލުކުރެއެވެ. ﷲ އެމީހުންނަށް ދެއްވާފައިވާ ދެއްވުންތަކާ މެދު ރުހެއެވެ. އެހެނަސް ކުރީގައި ބުނެވުނު ވައްތަރު މީހުން ހަސަދަވެރިވުމުގައި ދެމި ތިބެއެވެ. ލިބިފައިވާ މިންވަރަށް އިންކާރުކުރެއެވެ. ﷲ ދެއްވި މިންވަރަށް ނުރުހުންތެރިވެއެވެ.
ރުހުމޭ މިތަނުގައި މި ބުނެވުނު ބަހުގެ މާނައަކީ ﷲ އޭނާއަށް ދެއްވި މިންވަރަށް ރުހޭ ވާހަކައަށެވެ. ހަމަ އެޔާ އެކުހެން ކުރިއެރުމަށް އޭނާ މަސައްކަތްކުރެއެވެ. މި ހިސާބުން ޚިޔާލަށް އަންނަނީ ޅަ ޒުވާނެއްގެ ވާހަކައެވެ.
އެ ޒުވާނާ ޔުނިވަސިޓީގައި އުޅުން އިރުވެސް އޭނާގެ ޢާއިލާއާ އަހުލުވެރިންނާ މެދު ނުރުހުންތެރިވެއެވެ. އޭނާ އުޅޭ އަވަށާ މެދު ވެސް ހިތް ހަމައެއް ނުޖެހެއެވެ. ކިއެއްހެއްޔެވެ. އޭނާގެ މުޅި ޙަޔާތާ މެދު ވެސް އޭނާ ރުޅިއަރައެވެ. އޭނާގެ ހަޔާތް އޭރު ވެފައިވަނީ މައްސަލަތަކެއްގެ ސިލްސިލާއަކަށެވެ. ހާސްކަމާއި ވަރުބަލިމުގެ ޝިކާރައަކަށެވެ. އެހެނަސް އޭނާގެ އެތެރޭން އަންނަ ރޫހެއް އޭނާއަށް ބުނެދެނީ އޭނާއަކީ މޮޅު މީހެއް ކަމަށެވެ. އެކަމަކު އެ ޒުވާނާއަކަށް މޮޅު މީހަކަށް ވާނެ ގޮތެއް ނޭނގެއެވެ. ކޮންތާކު ކިހިނެއްވާ ކަމެއްކަން އޮޅުމެއް ނުފިލައެވެ.
އެއް ދުވަހެއްގައި ގޮނޑު ދޮށުގައި މާޔޫސްކަމާއެކު ވަޔާ ހޫރެމުން ދަނިކޮށް ފަހަތުން އައި މީހެއްގެ އިހުސާސާއެކު ފަހަތަށް ބަލާލެވުނެވެ. ހަމަ އޭނާގެ ޢާއިލާގެ މެންބަރެކެވެ. ޒުވާނާ އެމީހާއަށް ބުންޏެވެ. އަހަރެން މި އުޅެނީ ހިތް ހަމަ ނުޖެހިގެން ހަދާނެ ގޮތެއް ނޭނގިގެންނެވެ. އެހިނދު އެމީހާ ބުންޏެވެ. ކަލޭގެ މުޅި ދިރިއުޅުމުގައިވަނީ ނުތަނަވަސްކަމާއި ގޮތްހުސްވުންކަން އަހަރެން ދެނެހުރީމެވެ. ޒުވާނާ ބުންޏެވެ. އަހަރެންގެ ނަފުސާ މެދު އަހަރެން ހިތް ހަމައެއް ނުޖެހެއެވެ. ކުރަންވީ ކީއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެހެނަސް އަހަންނަށް އެނގޭ ކަމަކީ އަހަރެންނަށް ވަރަށް މޮޅު މީހަކަށް ވެވިދާނެ ކަމެވެ. އެހެންނޫނީ މޮޅެތި މީހުންނަށް އެމީހުންގެ މުދާވެރިކަމުގައި އަދި ތަޢުލީމީ ޙަޔާތުގައްޔާއި އަމިއްލަ ޒާތީ ދިރިއުޅުމުގައި އަދި އިޖުތިމާޢީ ގުޅުންތަކުގައި ކާމިޔާބު ހޯދުނީ ކީއްވެހެއްޔެވެ؟ އެމީހުންނަށް ކާމިޔާބު ހޯދުން އިރު އަހަންނަށް ކާމިޔާބު ނުހޯދެންވީ ކީއްވެހެއްޔެވެ؟ ވަސީލަތްތަކުގެ އަހުލުވެރިން އެހުރިހާ އެއްޗެއް މިލްކުކޮށްފައިވާއިރު އަހަރެންނަށް ވެސް އެ ތަކެތި މިލްކު ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ އަހަންނަށް އެނގޭ ކަމަކީ އަހަންނަށް ކާމިޔާބު ހޯދިދާނެ ކަމެވެ. އަހަންނަށް ގެއްލިފައިވަނީ ހަމައެކަނި އިރުޝާދު ދޭނެ ފަރާތެކެވެ. މަގުދައްކައިދޭނެ އާރުކާޓީއެކެވެ.
ދެން އެމީހާ ޒުވާނާއަށް ބުންޏެވެ. ކޮންމެ މީހަކީ ވެސް މޮޅު މީހެކެވެ. މާތް ރަސްކަލާނގެ އަހަރެމެން ހައްދަވާފައިވަނީ މޮޅުވެގެންވާ ގޮތުގައެވެ. “ހަމަ ކަށަވަރުން އެންމެ ފުރިހަމަ ގޮތުގައި ތިމަން ރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.”(ސޫރަތުއްތީން 4) އެހެންވެގެން އުޑާއި ބިމާއި އެ ދެމެދުގައިވާ ހާ ތަކެއްޗެއް އަހަރެމެންގެ ޚިދުމަތުގައި ލެއްވެވިއެވެ. “ތިޔަބައިމީހުންނަށް ނުފެނޭހެއްޔެވެ؟ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންނަށްޓަކައި އުޑުތަކުގައިވާހާ އެއްޗަކާއި ބިމުގައި ވާހާ އެއްޗެއް ލައްވަވާފައިވާ ތަނެވެ. އަދި ފާޅުވެގެންވާ ނިޢުމަތްތަކާއި ފޮރުވިގެންވާ ނިޢުމަތްތައް އެކަލާނގެ ތިޔަބައިމީހުންނަށް ތަނަވަސްކުރައްވާ ފުރިހަމަކުރެއްވިއެވެ.” (ސޫރަތު ލުޤްމާން 20)
އެހެނަސް ޙަޔާތުގެ ގޮންޖެހުންތަކާ ހުރެ މި ހުރިހާ ކަމެއް ހަނދާން ނެތޭ ގޮތްވަނީއެވެ. އަހަރެމެން އެންމެންވެސް ބޭނުމެވެ. އެހެނަސް އަހަރެމެން ކުރެ ގިނަ މީހުން އެމީހުން ބޭނުންވާ އެދުމެއް ހާސިލުކުރުމަށްޓަކައި މަސައްކަތެއް ނުކުރެއެވެ. އެއަށްފަހު އެމީހާ ޒުވާނާއާ އިހުނަށްވުރެ ކައިރިވެލާފައި ޒުވާނާގެ ދެލޮލަށް ފުން ނަޒަރަކުން ބަލާލާފައި ބުންޏެވެ. އޭ ދަރިފުޅާއެވެ. މޮޅު މީހަކަށް ވުމުގެ މަގު އަހަރެމެންގެ ކުރިމަތީގައި އެބަ އޮތެވެ. އެހެނަސް އަހަރެމެންނަކަށް އެ މަގެއް ނުފެނެއެވެ. އެހެނަސް ﷲ ގެ އިރާދަފުޅުން އަހަރެން ކޮއިފުޅަށް އެހީތެރިވެދޭނަމެވެ. ނަސްރާއި ކާމިޔާބު އެކުލެވިފައިވާ މޮޅުވުމުގެ މަގު ކޮއިފުޅަށް ދައްކައިދޭނޭ ފަދަ ބުއްދިވެރިއަކު އަހަރެން ދަންނަމެވެ. އެހެނަސް އޭނާގެ ގާތަށް ދާން ބޭނުން ނަމަ ނުހަނު ގިނަ އުނދަގޫތައް ކޮޔަށް އުފުލަންޖެހޭނެއެވެ. ޒުވާނާ ވަގުތުން ޖަވާބު ދިނެވެ. މޮޅު މީހަކަށް ވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ފަދަ ކަމެއް ކުރުމަށްޓަކައި ވެސް އަހަރެން މި ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެހިނދު އެމީހާ ބުންޏެވެ. ބުއްދިވެރިޔާ އުޅެނީ ފަރުބަދައެއްގެ ކުންނުގައި ހުންނަ ގެއެއްގައެވެ. ފައި މަގުގައި ނޫން ގޮތަކަށް އެހިސާބަކަށް ނުދެވޭނެއެވެ. ޒުވާނާ ބުންޏެވެ. އަހަރެން އެތަނަށް ހިނގާފައި ދާނަމަވެ. އަދި ފަރުބަދައަށް އަރާނަމެވެ. ބުއްދިވެރިޔާއާ ހަމައަށް ފޯރަންދެން އެންމެހާ ވޭނަކަށް ކެތްތެރިވާނަމެވެ. އެމީހާ ބުންޏެވެ. އެއީ ވަރަށް ދުރުގައިވާ ތަނެކެވެ. ކޮޔަށް ޖެހޭނީ އެތަނަށް ދާން ދަތުރެއް ހަދާށެވެ. ޒުވާނާ ބުންޏެވެ. ދަތުރެއް ކުރަން ވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެމީހާ ބުންޏެވެ. ނިކަން ގިނަ ލާރި ޚަރަދުވާނެއެވެ. ޒުވާނާ ބުންޏެވެ. ބުއްދިވެރިޔާއާ ހަމައަށް ވާސިލުވުމަށްޓަކައި އަހަރެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަމެވެ.
ދެން އެމީހާ ޒުވާނާއަށް ބުއްދިވެރިޔާ ގެ ޖަގަހަ ކިޔައިދީ އޮޅުން ފިލުވައިދިނެވެ. އެއީ އެތައް މޭލެއްގެ ދުރުގައި ވާ ތަނެކެވެ. މަތިންދާ ބޯޓުގައި އެހިސާބަށް ދިއުމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. އަދި އެހުރިހާ ކަމަކަށްޓަކައި ރޭވުންތެރިކަން ބޭނުންވާނެއެވެ. އެއަށްފަހު އެމީހާ ޒުވާނާއަށް ބުންޏެވެ. އަސްލުގައި ވެސް މި ކަމަކީ ބުރަ އެހާމެ އުނދަގޫ ކަމެކެވެ. އެހެނަސް މޮޅުވުމުގެ މަގު ހޯދުމަށްޓަކައި ބުއްދިވެރިޔާއާ ބައްދަލުކުރުމަށް މި ވޭންތަކާއި އުނދަގޫތައް އުފުލުން ހައްގެވެ.
އެމީހާއަށް ޒުވާނާގެ ޢަޒުމްގެ ވަރުގަދަކަން އިހުސާސްކުރެވުނެވެ. ބުއްދިވެރިޔާއާ ބައްދަލުކުރުމަށްޓަކައި އުފެދިފައިވާ ޝައުޤުގެވެރިކަމުގެ ވިދުވަރު ޒުވާނާގެ ދެ ލޮލުން ސާފުކޮށް ފެނުނެވެ.
ޒުވާނާ އެމީހާއަށް ޝުކުރުވެރިވިއެވެ. (ނުނިމޭ)



މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:08/02/2010
ޑރ އިބްރާހިމުލް ފިއްގީ ލިޔުނަސް ނަބީލު ލިޔުނަސް ހަމަ ރަނގަޅު ވާހަކަ ހަމަ ވާނީ ރަނގަޅު ވާހަކައަށް. ވަރަށް ދުވަސްކޮށްލާފައި ފެންނަން ފެށީތީ ޝުކުރިއްޔާ. ކޮންމެ ހަފްތާއަކު ދެދުވަހު ނަމަވެސް މީގެ ނަސޭހަތް ކޮޅެއް ގެނެސްދޭންވާނެ ނަބީލޫ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:08/02/2010
ކުޅުދުއްފުށީގަ ވެސް ވާގޮތަކީ ގުރޭޑް 10 ނިންމީމަ އެދެން ނިމުނީ. އިތުރަށް ކިޔަވަން ވިސްނަނީ މަދު ކުއްޖެއް. ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން ނޫނީ މިޒަމާނުގައި އެއްވެސް މޮޅެއް ނެތް. މިފަދަ ވަސީލަތްތައް ގިނަ ޒަމާނެއްގައި އިންޓަނެޓާއި އެއްޗެހި ބޭނުންކޮށްގެން އިތުރު މައުލޫމާތު ހޯދާ ތިމާގެ ނޮލެޖް އިތުރު ކުރަންޖެހޭނެ. އަދި ވެސް ގައުމު ހިންގުމުގެ ސަފާ ހިސާބުގައި މިރަށު ކުއްޖެއް ނެތް. ފަހަތަށް ނުޖެހި ނުކުމެވޭތޯ އުޅޭ. މާތް ﷲ ދެއްވާ ފައިވާ ބުއްދީގެ ބޭނުންކޮށް ރަނގަޅު ގޮތެއް ވޭތޯ އުޅެމާ ދޯ.
ނަބީލްގެ ލިޔުމަށް ޝުކުރިއްޔާ. އަވަސް އަވަހަށް އަޕްޑޭޓް ވާނެކަމަށް އުއްމީދު ކުރަން.
މަ ވިދާޅުވީ
ތާރީޚް:08/02/2010
ތިކަމުގައި ކަންނެތްސޮރާ މަ މުޅީން ދެކޮޅު. ކިއަވަން ބޭނުންވެ، ނަމަވެސް ކިއެވޭނެ ގޮތެއް ނެތިގެން ގިނަ ކުދިން ތިބެނީ. ރަށުގެ މުއްސަނދިން ކީއްތަވާނީ އެހީވެދިނިއްޔާ. ކޮންމެ މީހަކުވެސް އުޅޭނީ އެމީހެއްގެ ބޮނޑި އަށް ގިނަ ކުރަން. މި އޮތް ބޮޑު ރަށުގަ ނެތް އެމީހެއްގެ ސްޕޮންސަރ ގަ މޮޅެތި ކުދިން ކިއަވަން ފޮނުވަން ކެރޭ މީހެއް. އެންމެ ދެރަވެގެން މަ ވެސް މިހިރީ ކިއެވޭނެ ގޮތެއް ނެތިގެން ނުކިއެވިފަ
ރޮޒައިނާ ވިދާޅުވީ
ތާރީޚް:09/02/2010
މި ހާދަ ފައްކަލޭ..ނަބީލު ވަރެއް ހަމަ ނެތޭ!!