“ކަލޯޔަށް ފަހެ ތިޔާ ނޫން ކަމެއް ނޯންނަނީތަ؟ ހެނދުނު ހޭލާގޮތަށް ތިޔައިގެ ކައިރީ އިއްތާ ކުއްޖަ ތެދުވަނީ ރޭގަނޑު ނިދަންވީމަ ވިއްޔާ! މި މަހުވެސް ކަރަންޓް ބިލު…. ކިޔެކޭ ދެން ބުނާނީ!” އެއިވެނީ މަންމަޔަކު އޭނާގެ ދަރިފުޅަށް އެވަރަށް ޓީވީ ނުބަލާށޭ ބުނެ ނަސޭހަތްދޭއަޑެވެ. ކޮންމެ ގެޔަކުންވެސް އިވޭ އަޑެކެވެ. މި ބަހުރުވައިން ނޫންކަމުގައި ވެދާނެއެވެ. މިއަޑު އިވުމުން އަޅުގަނޑުގެ ޚިޔާލުގެ ފީތާއިން ސިފަވެގެން އައީ މީގެ ވިއްސަކަށް އަހަރު ކުރީގެ ބައެއް މަންޒަރުތަކެވެ.
އެންމެ ފުރަތަމަ ހޭލެވޭނީ ރޭޑިއޯއިން ހެނދުނުގެ ހާގޮވާ އަޑަށެވެ. އެއަޑާއި އެކުވެގެން އިވޭނީ މަންމަ ކާއްޓެއް ބިނދެލާ އަޑާއި ސައިކުރާ ދޮވެލާ އަޑެވެ. ދެން އެވީ ތެދުވާށެވެ. ކުޑަގޮތަކަށް މޫނު ދޮވެލައިގެން ދަތްއުނގުޅާނެންޏާ އުނގުޅައިގެން ދެން އެވީ ހޫނުރޮށިކާން ބަދިގެ ކައިރިޔަށް ދާށެވެ. އެހެން ދާއިރު ކުރީން ދުވަހު ކިޔަންގެންގުޅުނު “ސައިފް ރަސްގެފާނު ވާހަކައިގެ ކުޑަ ފޮތް” އަތުގައި އޮންނާނެ އެވެ. އެއިގައި ހުންނަ ފިލި ނުޖަހާ ޢަރަބި ބަސްތައް މަންމަޔަށް ދައްކައިގެން ކިޔަން ދަސްކުރާނެއެވެ. މުނިޔަތުއް ނުފޫސްއެވެ. ޙަކީމާ އަޤުލާއެވެ. ބަރުނޫހުއް ސާޙިރެވެ. ވާހަކައިން ކޮންމެވެސް މިންވަރެއް މަންމަޔަށް ކިޔައިވެސް ދޭނެއެވެ.
ބާއްޖަވެރި ހެނދުނެއްގެ ބޮޑުބެރު ލަވަ ޖަހާއިރު ޢާއްމުކޮށް އިންނާނީ “ބޮޑުސައި” ބޯށެވެ. ދެން ޔުނިފޯމު ލައިގެން އެވީ އިސްކޫލަށް ދާށެވެ. އަންނާނީ އެންމެ މުދައްރިސެކެވެ. ގްރޭޑް އެކެއް ދެޔެއްގައި އެ އައިވަރުގެ، ކުދީންގެ ޝައުޤުވެރިކަން ދަމައިގަންނަން އެނގޭ، ކުދީންނާއި ރައްޓެހި ގޮތަކަށް ކިޔަވައިދެއްވާ މުދައްރިސުންނެއް އަޅުގަނޑަކާއި ދިމަލެއް ނުވެއެވެ.
ސްކޫލު ނޯންނަ ދުވަހަކު ވިއްޔާ ހެނދުނު ސައިބޮއެގެން އެވީ އެދިމާލު ފުއްޓަރު އާނުގަނޑުމައްޗަށް، ނިކަން ކުޑަ ކުޑަ ކަންވާރު ފުކެއްގައި، ހީރާސް ބުޅިއެއް ލައިގެން، ދިއްގާ ދަނޑިބުރިއެއްގައި އެ އައްސައިގެން، ދެގަނޑު ބަރަވަލިފޫޅު އަތަށް ލައިގެން މަސް ބާނަންދާށެވެ. ހެނދުނު އަވިލިބިގެން ހަރަކާތްތެރިވާ ވިޓަމިނެއް ވިއްޔާ ޙަރަކާތްތެރިވާން ވިއްޔެވެ. އޭރަކު ދެން އެޔެއް ނޭނގެންޏާއެވެ. ފާނަގަނޑެއް ބެވިއްޖެންޏާ ގޯއްޗަށް ގެންނަމެވެ. ކައްޓަފުޅި އުޅެންޏާ ހިފައިގެން ގެނެސް ފެން އަޅާ އަޅާ މަރާލަމެވެ. ނަސީބެއްހުރި ދޭއްޗެއް ފެނަށް ރޯވެދާނެ ވެސްމެއެވެ.
މެންދުރުވީމާ ދެން ފުއްޓަރުގައި ކެތް ނުވީމައި އެވީ ގޯއްޗަށް އަންނާށެވެ. މާ ގިނައިރު ވަންޏާ މަންމަ ބަލައިވެސް އަންނާނެއެވެ. ދާތަނެއް ނޭނގިޔެއް ނޯންނާނެ ވިއްޔާއެވެ. ގޯއްޗަށް އައިސް ރައްޓެހިން އެއްކޮށްގެން އެވީ ހިރި ކުޅޭށެވެ. ޓޮއް ކުޅޭށެވެ. ޖަރުމަނޯ ކުޅޭށެވެ. ބުރާސްފަތި ނޫނީ ހުކުރެއްވިއްޔާ ކޮންމެވެސް ބޮޑުމީހަކާއެކީ ރަޖަބުމަގު އޮޅުގަނޑަށް ނޫނީ ހާޖީމަގަށް މޫދަށްދާނެއެވެ. މެންދުރު ކައިގެން ކުޅެން އުޅެފައި ފަހަރެއްގައި މަންމަމެން އޮޅަށް ދަންޏާ ނޫނީ ދަރަށް ދަންޏާ ގެންދާނެއެވެ. އަންނާނީ ހަވީރު އެވެ.
ހަވީރު ވީމާ އެވީ ފެންވަރާށެވެ. ދޮން ވެލިން ދަތް އުނގުޅާށެވެ. އަތުގައި އޮންނަ އެންމެ ރީތި ހެދުން ލައިގެން މަންމަޔާ އެކީ ބޭރަށްދާށެވެ. ބޮލުގައި ލާނީ މަންމަ އަމިއްލަޔަށް ހަދާ ކާށިތެލެވެ. އާއިލާ މީހުންގެ ގޯތިގޯއްޗަށް ގޮސްލާނެއެވެ. ނޫނީ ބޮޑެތި މީހުން ފުޓުބޯޅަ ކުޅޭތަން ބަލާލަން ބޯޅަދަނޑު ކައިރިޔަށް ދާނެއެވެ. އޭރަކު ބޯޅަބަލަން ދާ މީހުން ތިބެންޖެހެނީ ރަތްދަކަ އަވީގައި ލޯ ޗުއިކޮށްގެންނެއް ނޫނެވެ. ވަށައިގެން އޮންނަ ރުއްތަކާއި ގަސްތަކުގެ ހިޔަލުގައި ގޮނޑި ބަހައްޓައިގެން، ނޫނީ ގޯނި އަޅައިގެންނެވެ. ކުޑަކުދީންތައް ދިއްގަލާއި ހިރުނދު ގަސްގަހަށް އަރައިގެން ދުވާނެއެވެ.
ދޮޅަހަގިން އިރުއޮއްސޭ ބަންގި ގޮވާއަޑު ނިކަން އީއްޗަށް ބޯޅަދަނޑަށް އިވޭނެއެވެ. ދެން އެވީ ގޯއްޗަށް އަންނާށެވެ. އިތުރު ކަމެއް ނުކޮށް އެންމެ ފުރަތަމަވެސް ޖެހޭނީ ޔާސީނާއި ތަބާރަ ސޫރަތް ކިޔަވާށެވެ. ކިޔަވަން ޖެހޭނީ ބާރަށެވެ. މަންމަ، ރޭގަނޑު ކާން ހުންނަ ދިޔަ އެތި ހޫނު ކުރަން އޮވެގެން، އަޅުގަނޑު ޖަހާ ކުށްތައް ރަނގަޅު ކޮށްދޭނެއެވެ. ކޮންމެ ރެޔަކު ބުންޏަސް “ތިންފަހަރު ކިޔަވަންޖެހޭ އާޔަތް” ނުކިޔަވާ ވޭތޯ ބަލާނެއެވެ. އަވަސްކުރަން ވެގެންނެވެ. އެކަމަކު ނުކިޔަވައެއް ނުވާނެތާއެވެ.
ދެން އިރުކޮޅަކުން ކައިގެން އެވީ ނިދާށެވެ. މަދިރިގެ ވައްޓާލަން ވީމައި މޭޒުމަތީ ފަންކާ ޖަހާލައިފައި ދެތިން ވައިރޯޅިއެއް މަދިރިގެ ތެރެއަށް ޖައްސާލާފައި ފަންކާ ނިއްވާލީމައި، އެއޮތީ އެއާކޯން ވެފައެވެ. ހޫނެއް ނުވެއެވެ. ވާރެވެހެންޏާ ހީވެސް ކަރުވައެވެ. އެގާރަ ޖެހީމައި ކަރަންޓް ނިވާލާކަން އެނގުނީވެސް ތަންފުކެއް ބޮޑުވީ ފަހުންނެވެ.
އެއީ މީގެ ވިއްސަކަށް އަހަރު ކުރިން ހައެއްކަ އަހަރުގެ ކުޑަކުޑަ ކުއްޖެއްގެ ދުވާލުގެ ކަންތައް ހުންނަގޮތެވެ. ޓީވީއެއް ނުހުރެއެވެ. ގޭމެއް ނުހުރެއެވެ. ކޮމްޕިއުޓަރެއް ނުހުރެއެވެ. އެކަމަކުވެސް އަބަދުވެސް ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލަ ކުޅެލައި ހުރެއެވެ. މާގިނަ ހެދުންތަކެއް ނުހުރެއެވެ. ދުވާލު ލައިގެން ހުންނަ ގަމީސްގަނޑުގެ ކުލަވެސް ގިނަފަހަރަށް ނޭނގޭނެއެވެ. މަތީ ދެގޮށް މަދުވާނެއެވެ. އެކަމަކު އަބަދުވެސް ހުންނަނީ ހިތްހަމަޖެހިފައެވެ. އަތާއި ފައިގައި އޮންނާނީ ހިރަފުހެވެ. ހަންގަނޑު ހުންނާނީ އަވީގައި އުޅުމުގެ ސަބަބުން އަނދާފައެވެ. އެކަމަކު ބޮޑު ހުންގަނޑެއްގައި ލައްވައި ނުލިއްޔާ ބައްޔެއް ނިކަން ނުވާނެއެވެ. ފިލާވަޅެއް ހަދާށޭ ގޮވާނެ މީހަކު ނުވާނެއެވެ. ގޮވާކަށް ނުޖެހެއެވެ. އެކަމަކު އަބަދުވެސް ފާސްވެއެވެ. މަގުމަތީގައި ކިތައްމެ ހަލަނިކޮށް އުޅުނަސް، މުދައްރިސް ފިލާވަޅު ކިޔައިދޭ ގަޑީގައި ހަޑި އެއްޗެހި ގޮވައި، ލައިޓަރު ހިލަ ގޮށްވާ، ޗޯކު އުކައެއް ނަހަދާނެއެވެ. ކުޑަކުދީން އެކަންޏެއް ނޫނެވެ. ހަޔެއް ހަތެއްގެ ކުދީންވެސް ފެންބޯން ނޫނިއްޔާ ނިކުންނަތަނެއް ނުފެންނާނެއެވެ.
ނަމަވެސް މިއަދު، އެއިގެ ހަމަ އެންމެ ވިހި އަހަރު ފަހުން ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. މިހާރު ކުއްޖަކު މަގުމައްޗަށް ކުޅޭކަށް ނުނިކުންނާނެއެވެ. އެއް ޓިއުޝަނަކަށްފަހު އަނެއް ޓިއުޝަނެއްގައި އުޅެ އުޅެ ތިއްބާ އިރު އޮއްސިދާނެއެވެ. ބަންދު ދުވަހެއް ވިޔަސް ހެނދުނު ހޭލާގޮތަށް ޓީވީ ބެލުންނޫން ކަމެއް ނުކުރާނެއެވެ. އަންހެން ކުދީން ވިއްޔާ މަންމަޔާ އެކީ ހެނދުނު “ދިލްހަން” ބަލާނެއެވެ. ހަވީރު “ކުމް ކުމް” ނޫނީ “ކަހާނީ ގަހރް ގަހރްކީގެ” ރިޕީޓް ބަލާނެއެވެ. ފިރިހެން ކުދީން ރެސްލިން ބަލާނެއެވެ. ނޫނީ، ވީ ޓީވީ ތޯޗެކެވެ. ރޭގަނޑަށް ހެދި ޗިލީ ޗިކަން ކޮޅު ހޫނުކޮށްލަން ބަދިގޭގައި އޮންނަ އިރު ހޫނ ހޫނ އެއްގެ ސިފައިގައި މަންމަ ކިޔާލާނީ “އޯމް ޖަޔަ ޖަގްދޭޝް ހަރޭ. ސްވާމީ ޖަޔަ ޖަގްދޭޝް ހަރޭ… ބަހކްތް……..” ނޫންތޯއެވެ؟ ޔާސީން ކިޔަވާ އަޑު އިވޭ ގޯއްޗެއް ވިއްޔާ އެއީ “ތުނބުޅިގަނޑު” ގޯއްޗެކެވެ! ކިހާ ހެއްވާ ހެއްޔެވެ؟ އަދި މާ ގިނަ ދުވަހެއް ވިއްޔެއް ނޫނިއްޔާއެވެ. އެންމެ ވިހި އަހަރުން އަޅުގަނޑުމެންގެ ރާއްޖެތެރޭކަން ކެނޑި ހާދަ “މާލެ” ވެއްޖެއެވެ.
ކޮންމެ ގެޔެއްގައި ޓީވީ ހުރެއެވެ. ކުދީން ލާނޭ ގަމީހާއި ފަޓުލޫނު ހުރެއެވެ. ކާން ގަރުދިޔަޔާ ރިހާކުރާ ނޫނަކަސް އެތައް އެއްޗެއް ހުރެއެވެ. ސްކޫލުގައި ޓީޗަރުން މަލްޓި މީޑިޔާ ގެންދެއެވެ. ކޮންމެ ކުއްޖަކަށް ޕްލާސްޓިކް ގޮނޑިއަކާ މޭޒެއް ހުރެއެވެ. ކްލާސް ޑިޒައިން ކުރެވެނީ “ކުދީންނާއި ރައްޓެހި” ގޮތަށެވެ. ކޮންމެ ތިރީސް ފަސް މިނެޓަކުން ޓީޗަރުން ބަދަލު ވެއެވެ. އެކަމަކު އެކުދީންގެ މޫނުމަތީން ފެންނަން ޖެހޭ އުފާވެރި ހިނިތުންވުމެއް ނުފެނެއެވެ. ކުޑަކުދީންގައި އެ ހުންނަންޖެހޭ މައުޞޫމު ގޮތެއް ނުހުރެއެވެ. ނުވަ ދުވަހުން ތިބެނީ ބޮޑެތިވެފައެވެ. ސާދަ އަހަރު ނުވަނީސް ކުދީންނަށް އަނެއް ޖިންސުގެ ކުދީންގެ ބޭނުން ޖެހެންފަށައެވެ. މަންމަމެންނާ އެކީ ބޭރަށްދާން ލަދުގަންނަން ފަށައެވެ. ބެލެނިވެރީންގެ ޙާލަތަކީ ތޯއެވެ؟ އެއިން ކުއްޖަކު ދެކެ ވާލޯބިން އެއްޗެކޭ ބުނާކަށް ނުކެރެއެވެ. ރޭގަނޑު “އެގެޔަށް” ގޮސްފައި އައިމައި ހާދަ ލަސްވެއްޖޭ ނުބުނެވިގެން އުޅެނިކޮށް “ފުއްވާލާފައި” ދޮރުގަނޑު ޖަހާނީ މޫނުމަތީގައެވެ. މަންމަ ހުންނާނީ ދަރިފުޅަށްވުރެ ތިންގުނަ ދަށުގައެވެ. ވާނީވެސް އެހެންތާއެވެ. މަންމަޔަކަށް ބެލެންޝީޓެއް ދިނީމައި ރޭޝިޔޯ ހަދާލާކަށް ނޭނގެއެވެ. މަންމަމެންގެ ޖީލު ތިބެނީ އިވޮލިޔުޝަންގައި ދަރީންނަށްވުރެ އެއް ހަރުފަތް ތިރީގައިކަން މިކުދީން ދަނެއެވެ.
ވެދާނެއެވެ. އަޅުގަނޑުމެން ކުޑައިރު “ރާއްޖެތެރޭކަމުން” ކުޅަނދެއް މަދީއެވެ. ކުދި ކުދި ކަންތައްތަކާއި، ޤުދުރަތީ ރީތި މަންޒަރުތަކުން އަޅުގަނޑުމެންގެ ހިތަށް ފިނިކަންލިބުނީ އެހެންވެ ކަންނޭނގެއެވެ. އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ހިތްގައިމުވީ އެހެންވެ ތޯޗެކެވެ. ވާރޭވެހޭ ދުވަހެއްގައި ގޭގައި މަޑު ނުވެވެނީ އެހެންވެ ތޯޗެކެވެ. މަދިރީން ސަލާމަތްވެގެން ކިޔަވަން އިންނަން ގޮބުގަހެއްގެ ކުރި ކަމުދަނީ އެހެންވެ ތޯޗެކެވެ. އަމިއްލަޔަށްގޮސް ރާކަންޏެއް، ހަންދައެއް ނޫނީ ގާބޮލެއް ހިފައިގެން އައިސް ފިހެލައިގެން ކާލާއިރު، ރެސްޓޯރަންޓަކުން ކާލީމައި މިއަދު ކުދީންނަށް އެލިބެޔޭ ބުނާކަހަލަ އުފާ އެ ލިބެނީ އެހެންވެ ކަންނޭނގެއެވެ.
ކޮންމެޔަކަސް، އެންމެ ފުރަތަމަ އޭނާގެ ދަރިފުޅަށް ނަސޭޙަތްދެމުން ގެންދިޔަ މަންމަ އެ ބުނިހެން ކަރަންޓު އަގު ބޮޑުވާނީ ކޮންދުވަހަކު ކަމެއް ނޭނގެއެވެ. މިއަދު ނުވިއްޔާ މާދަމާ ބޮޑު ވާނެއެވެ. އޭރުންވެސް ހަމަ ޓީވީ ބަލާނީ ބާވައެވެ؟ އޭރުންވެސް ހަމަ ޚަރަދު ކުޑަކޮށްލުމަށް މެންދުރުގަޑީ މަގުމައްޗަށް ނިކުމެ ވައިޖައްސާލާނޭ މީހަކު ނުވާނެބާވައެވެ؟ ރޭގަނޑުދާ ހަތަރުދަމު ކޮފީބުއިމުގެ ބަދަލުގައި އަވަހަށް ނިދާލާނޭ މީހަކު ހަމަ ނުވާނޭ ބާވައެވެ؟ މޫދަށް އެރިލާ މަޖާކޮށްލާ ހަދާނޭ މީހަކު ހަމަ ނުވާނެބާވައެވެ؟ ގައިމު ހާޖީ މަގާއި ރަޖަބު މަގާއި ދެމެދުގައިވެސް އެޔޮތީ، ހަންދަޔާ ރާކަންޏާ ބޯވަޔާ އިއްސަޔާ ވިއްޔާއެވެ!
ހަމަ ޔަގީނުންވެސް މިހާރު ވިސްނައިލުމުން އެއިރު އެއުޅުނު ރާއްޖެތެރޭގެ ސާދާ ދިރިއުޅުން އަޅުގަނޑަށް މާ ކަމުދާ ކަމުގައި ފެނެއެވެ. އެގޮތަށް ބަދަލުވާށެކޭނޫނެވެ. އެއިރު ކޮށްއުޅުނު، ޖީބަށް ލުއި، ހަށިގަނޑަށް ރަނގަޅު. ހިތަށް ފަސޭހަ ބައެއް ކަންތައް އަނބުރާ އިޔާދަކުރަމާ ހިނގާށޭ ބުނެލަން ބޭނުންވީއެވެ!


ހުސޭނު ވިދާޅުވީ
ތާރީޚް:13/02/2010
ސައިޓްގެ އެޑްމިނަށް
ފިކުރު ހުސްވެފައި، ގަބުވެފައި ނުހުރެ، ސައިޓްގައި ކުރިން ޖެހި ސަޅި ލިޔުންތައް ނަގާ ޖަހާލަބަލަ. އޭރުން މާޒީ ހަނދާން ވެދާނެ. ސައިޓްގެ މާޒީ ހާދަ ފޯރިގަދަވިޔޭ.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:13/02/2010
މިދެން ފައްކާވާން ފެށީތަ؟ މުހައްމަދު އަލީ އުޅެނީ ސިންގަޕޫރުގަދޯ.
އަހަންނަށްވެސް ބޮޑަށް ހަމަ ކަމުދަނީ އެ ރާއްޖެތޭ ގޮތްގަނޑު. މީގަ މިއޮތީ ކުޑަކުއްޖެއްގެ ދުވަސް ހުންނަ ގޮތްތާ. ޒުވާނުން ލޯބިވެގެން އުޅޭ ގޮތްވެސް އޭރު އަދި މާފައްކާވާނެ. އެވާހަކަ ލިޔެލާނެ ކުއްޖެއް ނެތްތަ؟ ކޮބާ އެއްކަލަ އަންކަލް. އަންކަލް ވަރަށް މިސްވޭ.
ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:13/02/2010
މާޒީ ކިތަންމެ ވަރަކަށް ހަނދާން ކުރިޔަސް، ދެން އެގޮތަކަށް ނޫޅެވޭ. ދުނިޔެ ތަރައްގީ ވަމުންދާ ބާރުމިނުގައި އަހަރެމެންވެސް އެގޮތަށް ނުހޭނެނީ ހަމަ ދިރިއުޅުމުގެ ރޭހުގައި ވަރަށް ފަހަތަށް އަހަރެމެން ވެއްޓިގެން ހިނގައިދާނެ.
ތުއްތުނާ ވިދާޅުވީ
ތާރީޚް:13/02/2010
ތަރައްގީވުމަކީ އަދި އުސް އިމާރާތްތަކެއް ބިނާވުމެއް ނޫން ދެއްތޯ، އަހަރެމެންގެ ތިމާވެއްޓާ ގުޅޭފަދަ ގޮތަކަށް ރާއްޖޭގެ ކުރިމަގު ބިނާކުރުމާ މެދު ވިސްނަން ޖެހޭ، މިހާރު ވެސް ތަރައްގީތަކެއް ވެފައިހުރި އިރު އަނެއްކޮޅުން ވެފައި ހުރި ފަސާދަ އެހާ ގިނަ، ހަގީގީ ތަރައްގީއަކީ އެތަނެއްގެ ވެއްޓާ ސަގާފަތާ ގުޅޭގޮތުން އެތަނެއްގެ އަމިއްލަ ސިއްތިލައިޒޭސަން ހަރުދަނާކޮށް ކުރިއެރުވުން، މި ލިޔުމުގައި ވެސް އެދައްކަނީ އެވާހަކަ ނޫންކަމަށް ހެދިގެން މި ކަހަލަ ލިޔުންތެރިން ނިކަން މޮޅޭ މަށަށް ހަމަ…..އެކަމަކު އެއްޗެއް ކިޔަކަސް އަދި އޭގެ މާނަތައް ފެލާލަން ނޭނގެންޏާ ހީވާނީ މި ކަހަލަ ލިޔުންތައް މީ ނާތަހުޒީބަށް ގޮވާ ލިޔުންތައް ކަމަށް އެހެންވެ އެކަހަލަ މީހުން ދެކޮޅު ހަދާނެ ދިވެހި ބަހުން ފަށާ ތަޢުލީމު ދޭންވެސް، އެކަމަކު ކަމާބެހޭ މާހިރުން އެބުނަނީތާ އޭގެ ވެސް ހެޔޮގޮތާ މޮޅު ގޮތާ
ތުއްތުނާ ވިދާޅުވީ
ތާރީޚް:13/02/2010
ފޭސްބުކު ފާނަޔަށް މިލިޔުމުގެ މަގުސަދު މޭރުން ނުވާ ކަމަށް ހީވޭ
ރިލްވާން ވިދާޅުވީ
ތާރީޚް:18/02/2010
ވަރަށް ފުރިހަމަ މިލިޔުން ކޮޅު ކިޔާލި ހިނދު ހީވަނީ އަޅުގަނޑުގެ ޅަފަތުގެ ދައުރު ސްކްރީނުން ފެންނަހެން . ލިޔުން ތެރިޔާގެ މިފަންނުވެރިކަން އެބަހުރި ހަވީރު ނޫސް ކަހަލަ މަޖައްލާ އަކުން މުހަންމަދު އަލީގެ މިފަދަ ލިޔުމެއް ކިޔާލެވޭނެ ކަމަށް އުންމީދުކުރަން