އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ
އެރޭގައި ޒުވާނާ މުޅިން ހޭދަކުރީ ހަދާނެ ގޮތަކާ މެދު ވިސްނުމުގައެވެ. އޭނާ އެވަނީ ނުހަނު ގިނަ ފައިސާއަށް ބޭނުންވެފައެވެ. އެހެން ނަމަވެސް މަސް ދުވަހުގެ ތެރޭގައި ބުއްދިވެރިޔާއާ ބައްދަލުކުރުމަށް އޭނާ އަމިއްލަ ނަފުސަށް ކަނޑައެޅިއެވެ.
ޒުވާނާ ބުއްދިވެރިޔާއަށް ސިޓީއެއް ފޮނުވިއެވެ. އޭގައި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބަޔާންކުރިއެވެ. ބުއްދިވެރިޔާ ސިޓީގެ ޖަވާބުގައި އެ ބައްދަލުވުމަށް މަރުހަބާ ކިޔާފައިވެއެވެ.
ޒުވާނާ ދަތުރަށް ތައްޔާރުވާން ފެށިއެވެ. ދަތުރަށް ދިއުމަށްޓަކައި ލާރިއެއް ލިބެން އޮތް ކޮންމެ ކަމެއް ވިއްޔާ ކުރަމުން ދިޔައެވެ. އޮފީސްތަކާއި އެތަން ތަނުގެ ގޮނޑި މޭޒު ސާފުކުރުމެވެ. ރޭގަނޑު ދަމަށް ތަންތަނުގެ ފާރަވެރިކަން ބަލަހައްޓައިދިނުމެވެ. ހަމަ ކުޑަވެސް ވަގުތުކޮޅެއް ބޭކާރުކޮށްލުމެއް ނެތި ޖެހުނުހާ މަސައްކަތެއް ކުރަމުންދިޔައެވެ. މިހުރިހާ މަސައްކަތެއް ކުރަމުން ދިޔައިރުވެސް އޭނާގެ ޔުނިވަސިޓީގެ ފިލާވަޅު ދޫކޮށެއް ނުލައެވެ. ފުރަތަމަ ޑިގްރީ ހާސިލުވީއިރު ދަތުރަށް ދެވޭހާ ލާރި އެއްކުރެވިއްޖެއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ގިނަ ފައިސާ އެއްކުރެވުނީތީ ގަބޫލުކުރަން ވެސް ދަތިވިއެވެ.
ނަމަވެސް އޭނާ އުންމީދު ކުރި ފަދައިން ބުއްދިވެރިޔާއާ ބައްދަލުކުރުމަށްޓަކައި ދަތުރު ފެށިއެވެ.
ބޯޓުގައި ހަމަޖެހިލުމަށް ފަހު ދެ ލޯ މަރާލިއެވެ. އޭނާ މޮޅުމީހަކަށްވެފައިވާ މަންޒަރު ލޯމައްޗަށް ސޫރަވިއެވެ. އަދި މިހާރު މި ހުރެވުނީ މޮޅުވުމުގެ މަގުގައިކަން އިހުސާސްކުރެވުނެވެ.
ދެ ލޯ ހުޅުވާ ބޭރު ބަލާލި ހިނދު ވިލާތަކުގެ ފުރިހަމަ މަންޒަރުގެ ތެރެއަށް އޭނާގެ ޚިޔާލާއި ފިކުރާ އެކީ ގެނބިގެން ދިޔައެވެ.
އެހިސާބަށް އައުމަށް މާތް ﷲ އޭނާއަށް ފުރުސަތު ތަނަވަސްކޮށްދެއްވި ގޮތާ މެދު ވިސްނާލިއެވެ.
ނަމަވެސް ޒުވާނާއަށް އަދި ވެސް ބުއްދިވެރިޔާއާ ބައްދަލުކުރެވިދާނެ ކަމެއް ގަބޫލެއް ނުކުރެވެއެވެ. އަދި ހިނދުކޮޅުތަކެއް ފަހުން މޮޅުވުމުގެ މަގަށް ބުއްދިވެރިޔާ އޭނާ ވާސިލުކޮށްދޭނެ ކަމަކަށް އެއްބަހެއް ނުވެވެއެވެ.
ކުޑަ އިރުކޮޅެއް ތެރޭގައި ބޯޓުން ފޭބިއްޖެއެވެ. މާ ގިނަ ލާރިތަކެއް ނެތަސް ކުލީ ކާރެއްގައި ބުއްދިވެރިޔާ އިންނަވާ ފަރުބަދައާ ހަމައަށް ދެވިއްޖެއެވެ.
ފަރުބަދައިގެ ބިޔަކަމާއި ބޮޑުކަމާއެކު ކުއްލި ސިއްސައިގަތުމަކުން ސިހިއްޖެއެވެ. އެތަނުގެ އެންމެ އުހަށް އެރުމަށްޓަކައި ބަރާބަރު އެއް ދުވަސް ހޭދަކުރަން ނުޖެހޭނެ ކަމެއް ވެސް ނޭނގެއެވެ.
އެހެނަސް އޭނާގެ ވަގުތު ބޭކާރުކޮށެއް ނުލައެވެ. ދަތުރުގައި ބޭނުން ޖެހޭނޭ ހުރިހާ އެއްޗެއް އަޅާފައިވާ ދަބަހާ އެކު ފަރުބަދައަށް އެރުމުގެ މަސައްކަތް ފަށައިފިއެވެ. ބަރާބަރު އެއް ދުވަހުގެ ފުރިހަމަ މަސައްކަތާ އެކު ފަރުބަދައިގެ ކުންނަށް އެރިއްޖެއެވެ. އެތަނުގައި ކުޑަ ކުޑަ ގެއެއް ހުއްޓެވެ. އެގޭގެ ދޮރާ ހަމައަށް އާދެވުން އިރުވެސް އޭނާއަށް ބުއްދިވެރިޔާއާ ހަމައަށް އާދެވުން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކުޑަ ހިނދުކޮޅެއް ފަހުން ބުއްދިވެރިޔާއާއި މޫނާ މޫނު ދިމާވާނެ ކަމަކަށް އެއްބަހެއް ނުވެވެއެވެ.
ދޮރުގައި ޓަކި ޖަހާލިއެވެ. އަށްޑިހަ އަހަރަށް ދާ މުސްކުޅި އަންހެނަކު ދޮރު ހުޅުވާލާފައި އޭނާގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ޒުވާނާއަށް ބަލާލުމަށް ފަހު ސުވާލުކުރިއެވެ. ކަލެއަކީ ކާކުހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަހަރެންވާނީ ވަރަށް ކުރީއްސުރެ މިއަދަށް ބުއްދިވެރިޔާއާ ގަޑި ހަމަޖައްސާފައެވެ. އެކަމަށް އެދި ސިޓީ ފޮނުވި ޒުވާނާއަކީ އަހަރެންނެވެ. އަހަރެންނަށް މިހާރު ބުއްދިވެރިޔާއާ ބައްދަލުކުރެވިދާނެހެއްޔެވެ؟
އަންހެން މީހާ ބުންޏެވެ. ކަލޭ ގަޑި ޖެހިއްޖެއެވެ. ޒުވާނާ ވަގުތުން ޖަވާބުދިނެވެ. އަހަރެން ގަޑިއެއް ނުޖެހެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަހަރެން މިއައީއެވެ. އަންހެން މީހާ ބުންޏެވެ. ބުއްދިވެރިޔާ އެއް މަހަށް ވުރެ ގިނަ ދުވަސް ވަންދެން އެއްވެސް ތާކު މަޑު ނުކުރައްވާނެއެވެ. އަހަރެމެންނާ އެކު މި ތަނުގައި ދޮޅު މަސް ދުވަހު ހުންނެވުމަށް ފަހު ވަޑައިގަންނަވައިފިއެވެ. އެހެންވީމާ ކަލެއަށް އޮތީ މިހާރު އެނބުރި ދިއުމެވެ. އަދި މިއަދުން ފެށިގެން އެއް މަސް ފަހުން އައުމެވެ. ގަޑި އަށް ފަރުވާތެރިވާށެވެ.
ޒުވާނާ އޭނާ އެހުރިހާ ދުވަސްވަންދެން އިންތިޒާރުކުރި ފުރުސަތު ގެއްލުމުން މާޔޫސްކަމުން ފުރިގެންވާ ލޮލަކުން މުސްކުޅި އަންހެން މީހާއާ ދިމާއަށް ބަލާލިއެވެ. ހިތާމަޔާއި މޮޅިވެރިކަމުގެ ނިހާތުގައެވެ. ނަމަވެސް އިތުރު ގޮތެއް ނެތެވެ. ފަރުބަދައިން ފައިބައިގެން އޭނާގެ ރަށަށް އެނބުރި އައެވެ.
ދެން އޭނާ ކުރާނީ ކީއްހެއްޔެވެ؟ މިހާރު އޭނާގެ އަތަކު އެއްވެސް ފައިސާއެއް ނެތެވެ. އުންމީދު މުޅިން ގެއްލެން ފެށިއެވެ. ނަމަވެސް އޭނާގެ ނަފުސުން އޭނާއަށް ބުނާއަޑު އިވެއެވެ. “މާޔޫސްނުވާށެވެ. މާޔޫސްކަމާއެކު ޙަޔާތެއް ނުވެއެވެ. ޙަޔާތާ އެކު މާޔޫސްކަމެއް ނުވެއެވެ.”
އެހިސާބުން އަނެއްކާ ވެސް ވިސްނަން ފެށީ ދެވަނަ ފަހަރަށް އޭނާގެ މަސައްކަތް ތަކުރާރުކުރުމަށެވެ. ހަމަ ހަގީގަތަށް ވެސް އަނެއް ފަހަރު ފަށައިގަނެއްޖެއެވެ. ރެޔާއި ދުވާލު ފައިސާ އެއްކުރުމުގެ މަސައްކަތްކުރަން ފަށައިފިއެވެ. ވަގުތުން އެއްވެސް ހިނދުކޮޅެއް ނަގާލުމެއް ނެތިއެވެ.
ދަތުރަށް ދެވޭވަރަށް ލާރި އެއްކުރެވިއްޖެއެވެ. ބުއްދިވެރިޔާއާ ބައްދަލުކުރާ ގަޑި ޖެހިއްޖެއެވެ.
ބޯޓަށް އަރައިގެން ދަތުރު ފެށިއެވެ. މި ފަހަރުވެސް ކުރިއެކޭ އެއްގޮތަށް “ގަބޫލުނުކުރުމުގެ” ދަތުރެކެވެ. އޭނާ ޝައުޤުވެރިވެއެވެ. އެހެނަސް އުންމީދެއް ނުކުރެއެވެ.
ވަކީން ޚާއްސަކޮށް މި ފަހަރު އޭނާ ކަޑައެޅިފައިވާ ބަރާބަރު ގަޑިއަށް ވާސިލުވެއްޖެއެވެ. އޭނާގެ ދަބަހާއެކު ފަރުބަދައަށް ދެވަނަ ފަހަރަށް ވެސް އެރީއެވެ.
ދޮރުގައި ޓަކި ދިން ހިނދު ނުކުތީ ހަމަ ކުރީ ފަހަރުވެސް ނުކުތް މުސްކުޅި އަންހެން މީހާއެވެ. ހަމަ ނުކުތް ގޮތަށް ނުކުމެ މި ފަހަރުވެސް ބުންޏެވެ. ކަލޭ މާ ލަސްވެއްޖެއެވެ. ބުއްދިވެރިޔާ އެއްވެސް ތާކު މަހަކަށް ވުރެ ގިނަ ދުވަސްވަންދެން މަޑެއް ނުކުރައްވައެވެ. މިތަނުގައި ނިކަން ދިގު މުއްދަތަކަށް ހުންނަވައިފިއެވެ. ކަލޭ މާ ލަސްވެއްޖެއެވެ. ޒުވާނާ ބުންޏެވެ. އެކަމަކު އަހަރެން އަންނާނެ ގަޑި ބަޔާންކޮށް ކަލޭމެންނަށް ސިޓީ ފޮނުވީމު ނޫންހެއްޔެވެ؟ މުސްކުޅި އަންހެން މީހާ ބުންޏެވެ. އެކަމަކު ކަލޭ ގަޑިޖެހުނީއެވެ. ބުއްދިވެރިޔާ މަޑެއް ނުކުރައްވާނެއެވެ. ކަލެޔަށް އޮތީ އަނެއްކާ ވެސް އެއް މަސް ދުވަސް ފަހުން އައުމެވެ.
އެހިނދު އަންހެން މީހާއާ ދިމާއަށް ޒުވާނާ ބުންޏެވެ. ތިޔައީ މޮޔަކަމެކެވެ. އެމީހާ އެއީ ބުއްދިވެރިޔަކަށް ވާނެ އެއް ގޮތެއް ވެސް ނޯންނާނެއެވެ. އޭނާ ވަޢުދެއް ނުފުއްދައެވެ. ވަގުތަށް ވަފާތެރިއެއް ނުވެއެވެ. ކިއެއްހެއްޔެވެ؟ އެހެން މީހުންނަށާއި އެހެން މީހުންގެ ވަގުތުތަކަށް ވެސް އޭނާ އިހުތިރާމެއް ނުކުރެއެވެ. އޭނާ ބޭނުން ގޮތަކަށް ގޮސްގޮސްފައި އެނބުރި އަންނަނީއެވެ. އަހަރެން އޭނާއަށް ސިޓީ ފޮނުވަމެވެ. އަހަރެން ފަހެ ދެން ކުރާނީ ކީއްހެޔެވެ؟ ކުރަންވީ ކީއްހެއްޔެވެ؟ އަންހެން މީހާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ ޒުވާނާ ސުވާލުކުރަމުން ދިޔައެވެ.
މުސްކުޅި އަންހެނާ މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. ރުޅިވެސް އާދެވިދާނެއެވެ. ދެރަވެސް ވެވިދާނެއެވެ. އެއަށް ވުރެ ބޮޑުވަރުވެސް ވެދާނެއެވެ. ނަމަވެސް އެކަން ކަމަކުން އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެނބުރިދާށެވެ. އަދި ވިސްނާށެވެ. މުނާސަބު ވަގުތުގައި އަންނާށެވެ. އެއަށްފަހު އަންހެން މީހާ ދޮރު ލައްޕާލިއެވެ.
މިފަހަރު ޒުވާނާ އެނބުރިއައީ ވަރަށް ރުޅިވެރިކަމާއެކުއެވެ. އަނެއްކާ ވެސް ހަމަ އެއްވެސް ފައިސާއެއް ނުވާ ހާލުގައެވެ. ދެން ބުއްދިވެރިޔާއާ ބައްދަލުކުރުމަށް ނުދާން ނިންމައިގެންނެވެ. އެއީ ދެން ދިޔަ ނަމަވެސް ހަމަ ވާނީ ކުރިއެކޭ އެއްގޮތް ކަމުގައިވާތީއެވެ. މި ގޮތުގައި ހަފުތާއެއް ހޭދަކޮށްލިއެވެ. ނަފުސާނީ ކެކުޅުންތަކާއެކުއެވެ. މީހަކާ އަނގައިން ބުނުމެއް ނެތިއެވެ. އެއްވެސް މީހަކަށް ބައްދަލުކުރުމުގެ ފުރުސަތުވެސް ނުދީއެވެ. މި ގޮތުގެ މަތީން ރުއިމާއި ހިތާމަކުރުމުގައި އޭނާގެ ދުވަސްތައް ހޭދަކުރިއެވެ.
އެންމެ ފަހުން އަނެއްކާ ވެސް އޭނާގެ ތަޖުރިބާ އަލުން ތަކުރާރު ކުރަން ނިންމިއެވެ. އަދި ރެޔާއި ދުވާލު ހުއްޓާނުލައި ލާރި އެއްކުރުމުގެ މަސައްކަތް ފެށިއެވެ. އެކަން ހާސިލުވުމަށް ދާންދެއް އެއްވެސް ވަގުތެއް ނަގާނުލައެވެ.
އަނެއްކާ ވެސް ބުއްދިވެރިޔާގެ ފަރުބަދައަށް ދަތުރުކޮށްފިއެވެ. ވަރަށް މަސައްކަތުން ފަރުބަދައިގެ ކުރިއަށް އަރާ ގޭގެ ދޮރުގައި ޓަކި ދިން ހިނދު ލިބުނު ކުއްލި ސިހުމަކީ ހަމަ އެއްކަލަ އަންހެން މީހާއެވެ. އެބުނީއެވެ. ކަލޭ ތިޔައީ ބަރާބަރު ހަތަރުގަޑިއިރު ފަހުންނެވެ. ބުއްދިވެރިޔާ ހިނގައްޖެއެވެ. ޒުވާނާ އިހުނަށް ވުރެ ރުޅިގަދަވެފައި ބުންޏެވެ. ތިޔައީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ އެމީހާގެ ކިބައިގައި އެއްވެސް ވައްތަރެއްގެ ޙިކުމަތެއް ހުރުމަކީ މުސްތަޙީލު ކަމެކެވެ. އަންހެންމީހާ ބުންޏެވެ. ކުށްވެރިކުރުމުގެ ބޭނުމެއް ނެތެވެ. ޒުވާނާ ބުންޏެވެ. ނޫނެކެވެ. އެމީހާ ކޮންމެހެންވެސް ކުށްވެރިކުރަން އެބަޖެހެއެވެ. މީހުންނާ މެދު އެއްވެސް އިހުސާސެއް އޭނާގެ ކިބަޔަކު ނުވެއެވެ.
އަންހެން މީހާ ބުންޏެވެ. ކަލޭ އަލުން ދިއުމަށްފަހު އެނބުރި އައުން ނޫން އެހެން އެއްވެސް އިޚްތިޔާރެއް ކަލެޔަށް ލިބިގެން ނުވެއެވެ. ދެން ވެސް އަންނަނީއްވިއްޔާ ކޮންމެހެން ވެސް ގަޑިއަށް ސަމާލުވާށެވެ. އެއީ ބުއްދިވެރިޔާ އަށް އިންތިޒާރުކޮށް އޭނާއާ ބައްދަލުކުރުމަށްޓަކައެވެ.
މިފަހަރު ފާހަގަކުރެވުނު ކަމަކީ އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން އެނބުރި އައުމަށް އަންހެން މީހާ ބުނި ނަމަވެސް އަންހެންމީހާ އޭނާއަށް މަގު ދައްކައިފިއެވެ. ކުރަންވީ ކަންތައް ބުނެދީފިއެވެ. އުންމީދުގެ ދޮރެއް ހުޅުވައިދީފިއެވެ.
ޒުވާނާ އަނެއްކާ ވެސް އޭނާގެ ރަށަށް އެނބުރި ދިޔައެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެށިއެވެ. ރެޔާއި ދުވާލު ގަދައަޅާ ހިތްވަރުކުރިއެވެ. ފައިސާ ހަމަކުރިއެވެ. ފަރުބަދައަށް ދަތުރުކުރިއެވެ. ފަރުބަދައިގެ ކުންނަށް އަރާ ބުއްދިވެރިޔާގެ ގޭގައި ޓަކިދިނެވެ.
މިފަހަރު އޭނާ މިހިސާބަށް މިއައީ ގަޑިޖެހުމުގެ ބަރާބަރު އެއް ހަފުތާ ކުރިންނެވެ. އަދި ބުއްދިވެރިޔާގެ ގޭގެ ކައިރީ ނުހަނު ގިނަ އުނދަގޫތަކާއެކު ބަރާބަރު އެއް ހަފުތާ އިންތިޒާރުކޮށްފިއެވެ.
އެއް ހަފުތާވެއްޖެއެވެ. ބުއްދިވެރިޔާ ފެނިއްޖެއެވެ. ވާހަކަދެއްކުމަށް ބުއްދިވެރިޔާއާ ކައިރިއަށް ދިއުމަށް ޒުވާނާ އަވަސްވެގަތެވެ.
އެއްކަލަ އަންހެން މީހާ އޭނާ ކުރިމައްޗަށް ހުއްޓިފައި ބުންޏެވެ. ކަލޭ ހީކުރަނީ ބުއްދިވެރިޔާއަށް އިންތިޒާރުކޮށްގެން ތިހުރީ ކަލޭ އެކަނި ކަމަށްހެއްޔެވެ؟ ކަލެޔަށް ހަމަޖެހިފައި އޮތް ވަގުތު އަންނަންދެން އިހަށް މަޑުކުރާށެވެ.
އަނެއްކާ ވެސް އިތުރު ހަތަރު ގަޑިއިރު ޒުވާނާ ފަރުބަދަ މަތީގައި މަޑުކުރީއެވެ.
އިންތިޒާރު ދިގުވީހިނދު އެތަނަށް ތިރިވެވިއްޖެއެވެ. ލޯ މަރާލެވުމާއެކު ޒުވާނާއަށް ގަދައަށް ރޮވިއްޖެއެވެ.
ފަހަތުން ކޮޑުގައި ފިރުމާލީ ޙިކުމަތުގެ އަތެއްކަން ގައިމު ވީހިނދު ދެލޯ ހުޅުވާ ބަލާލެވުނެވެ. ބުއްދިވެރިޔާ އަމިއްލަފުޅަށް ވަޑައިގެން ހުންނެވީ އޭނާގެ ގާތުގައެވެ.
ބުއްދިވެރިޔާ ހަމަ ފެނުމާއެކު އޭނާއާ ބައްދަލުކުރުމަށް ޒުވާނާ އުފުލި ވޭނާއި ކެކުޅުން ހަނދާން ނެތި ފިލާ ދިޔައީއެވެ. އިންސާނާގެ ޠަބީޢަތަކީ މިއީއެވެ. ކާމިޔާބަކާ ހަމައަށް ދެވުމުން ދެން ފަސް އެނބުރި ކިތަންމެ ވަރަށް ބެއްޔަސް އެކާމިޔާބު ހާސިލުކުރުމަށް އުފުލި ވޭނެއް ކެކުޅުމެއް އިހުސާސެއް ނުކުރެވޭނެއެވެ. ހޯދުނު ފޮނި ކާމިޔާބު ނޫން އެހެން ހުރިހާތަކެއްޗެއް ހަނދާން ނެތިދާނެއެވެ. ބުނާނެއެވެ. އަހަރެން މި ކަމަށް އެދި ކުރި މަސައްކަތުގައި ވަރުބަލިވެއްޖެއެވެ. އެހެންވީމާ އަހަރެންނަށް މި ކާމިޔާބު ޙައްޤުވެއްޖެއެވެ.
ބުއްދިވެރިޔާ އޭނާއަށް ބުންޏެވެ. އޭ ޒުވާނާއެވެ. ބޭނުން ވާ ކަމަކީ ކޮބައިހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ. ނުހަނު ގިނަ އުނދަގޫތައް އުފުލިއްޖެއެވެ. ބުއްދިވެރިޔާ ބުންޏެވެ. އަހަރެންނަށް އެކަން އެނގެއެވެ. ޒުވާނާ ބުންޏެވެ. އަހަރެން ބޭނުންވަނީ އަހަރެންނަށް މޮޅުމީހަކަށް ވުމުގެ މަގު އުގަންނައިދިނުމެވެ.
-ނުނިމޭ-


މާލިޝް ވިދާޅުވީ
ތާރީޚް:13/02/2010
ސާބަހޭ ނަބީލޫ… އަހަރެމެން ގޯތި ނަބީލު ޅިޔެލާފަ މިއޮތީ ހާދަ ފައްކާ ލިޔުމެކެވެ.ކަލެޔާ ބުނާކަށް ވ ފަށްކާ އިނގޭ.މަދުވެގެން ހަފްތާ އަކު ދެފަހަރު ނަބީލުގެ ލިޔުމެއް ފެންނަން ވާނެ … އަހަންނަށް ނިކަން ނަބީލުގެ ލިޔުން ކަމުދޭ.ނަބީލުގެ ތިޔަ ކަހަލަ ލިޔުން ތަކުން އަހަރެމެން ރަށަށް ވ.ފައިދާ ކުރާނެ އިރާދަ ކުރެއްވިއްޔާ.އަހަރެންގެ އުންމީދަކީ އަހަރެމެން ރަށުގެ މީހުން ނަކީ މަސައްކަތް ތެރި،ޢިލްމީ އަދި ހޭލުން ތެރި ބައެއް ކަމުގައި ވުން… ފާތުމަ ދައިތަ އަށް އަހަން ސަލާން ބުނާތި..