އިމާމު ޙަސަނުލް ބައްނާ އުފަންވީ 17 އޮކްޓޯބަރ 1906 ވަނަ އަހަރު މިޞްރުގެ މުޙާފަޒަތުލް (ސްޓޭޓް) ބުޙައިރާ ގެ މަޙްމޫދިއްޔާ ކިޔާ ރަށެއްގައެވެ. ފުރިހަމަ ނަންފުޅަކީ ޙަސަން އަހްމަދު ޢަބްދުއްރަޙްމާން މުޙައްމަދުލް ބައްނާއެވެ.
ތަޢުލީމީ ޙަޔާތާއި މަސައްކަތުގެ މައިދާނުގައި
ޙަސަނުލް ބައްނާ ބޮޑުފުޅުވީ ދީނީ ތަރުބިއްޔަތެއްގެ މަތީގައި ދީންވެރި އާއިލާއެއްގެތެރޭގައެވެ. އެހެންކަމުން އެމަނިކުފާނުގެ ތުއްޕުޅުއިރު ޤުރުޢާނުގެ ދެބައިކުޅަ އެއްބައި ހިތު ދަސްކުރެއްވިއެވެ. އަދި ބޮޑުފުޅު ވުމަށްފަހު މުޅި ޤުރުޢާން އެއްކޮސް ހިތު ދަސްކުރެއްވިއެވެ.
ޙަސަނުލް ބައްނާ ކިޔަވާ ވިދާޅުވި މަދަރުސާތަކުގެ ތެރޭގައި މަދަރުސަތުއް ރަޝާދުއް ދީނިއްޔާ ، މަދަރުސަތުލް އިޢްދާދިއްޔާ ، މަދަރުސަތުލް މުޢައްލިމީނަ އަލްއައްވަލިއްޔާ ހިމެނެއެވެ. އެމަނިކުފާނު ތަޢުލީމީ ޙަޔާތް ނިންމަވާލެއްވީ މިޞްރުގެ ދާރުލް ޢުލޫމްގައި 1927 ގައެވެ.
އެއްއަށްފަހު އެމަނިކުފާނު އައްޔަންކުރެވުނީ މުޙާފަޒަތު އިސްމާޢީލިއްޔާގެ މަދަރުސަތުލް އިބްތިދާއިއްޔަލް އަމީރިއްޔާ ގެ ޢަރަބި ބަހުގެ މުޢަލިއްމެއްގެ ގޮތުގައެވެ. ޓީޗަރެއްގެ ގޮތުގައެވެ. 1946 ގައި އެމަޤާމުން އިސްތިއުފާދެއްވަންދެން އެވަޒީފާގައި ދެމިހުންނެވިއެވެ. އެއަށްފަހު އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރެއްވީ ”އިޚްވާނުލް މުސްލިމީން” ގެ މަސައްކަތަށެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ އެސަބަބަށްޓަކައެވެ.
އިޚްވާނުލް މުސްލިމީން އުފެއްދެވުން
19 ވަނަ ޤަރުނަށް ދުނިޔެ އަލިވިލުނުއިރުވެސް އިސްލާމީ ދުނިޔެ އޮތީ ބަލިކަށިވެފައި އޮތް އުޘްމާނީ ޚިލާފަތުގެ ދަށުގައެވެ. ޢުޘްމާނީ ޚިލާފަތުގެ އެކި ސަރަޙައްދުތައް އޮތީ ބައިބައިވެ މުސްތަޢުމިރުންގެ އަތްދަށުވެފައެވެ. ނުވަތަ މުސްތަޢުމިރުންނަށް އެރަށްރަށަށް އެރުނަ ނުދިނުމަށްޓަކައި ހަނގުރާމަ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެދުވަސްވަރަކީ މިނިވަން ވުމަށާއި އިސްތިޤުލާލަށް ގޮވާލެވޭ ގޮވާލުންތައް ގިނަވި ދުވަސްވަރެއްމެއެވެ. އަދި މިޞްރަށާއި އިސްލާމީ އުންމަތަށް އިޞްލާޙާއި ތަރައްޤީ ގެނައުމަށް ގޮވާލެވުނު ދުވަސްވަރެކެވެ. އިޙްތިޖާޖު ކުރުމާއި މުޒާހިރާ ކުރުމުގެ ތެރެއިން ބައްނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޠަނީ ޙަރަކާތްތަކުގައި ބައިވެރިވެ މައިދާނުގައި ފައިތިލަ ޘާބިތުކޮށްފައެވެ.
އެދުވަސްވަރުގެ ދީނީ އިޞްލާޙީ ފިކުރުގެ އަހުލުންގެ ތެރެއިން ނަގާކިޔާ ޝަޚުޞިއްޔަތުންގެ ތެރެއިން ޖަމާލުއްދީން އަލް އަފަޢާނީއާއި އައްޝޭޚް މުޙައްމަދު ޢަބްދު އަދި މުހައްމަދު ރަޝީދު ރިޟާ ފަދަ ދީނީ އިޞްލާޙީ ފިކުރުގެ ބޭބޭފުޅުންނަކީ ޙަސަނުލް ބައްނާގެ އެންމެ ގާތް އަރިސް ބޭފުޅުންނެވެ. ވަކީން ޚާއްޞަގޮތެއްގައި މުޙައްމަދު ރަޝީދު ރިޟާ ފާހަގަކޮށްލެވެއެވެ. އެހެނީ އިޚްވާނުލް މުސްލިމީންގެ ދަޢުވަތުގެ ފިޤްހީ އަދި ފިކްރީ ވިސްނުމުގެ އަސްލު ރުޖޫޢަވަނީ މުޙައްމަދު ރަޝީދު ރިޟާ ގެ ފިޤްހީ އަދި ފިކްރީ ފަލްސަފާއަށް ކަމަށްވާތީއެވެ. މިހެންވެ އިޚްވާނުލް މުސްލިމީންގެ ފިޤްހީ ޢަޤީދާގެ އަސާސެއްކަމަށް ވެފައިވަނީ މެދުމިނުގެ ސިޔާސަތެވެ. ތަޠައްރުފާއި ހަރުކަށި ކަމާއި ދުރު ، ޢަލްމާނިއްޔަތާއި ދެކޮޅު މެދުމިނުގެ ސިޔާސަތެވެ.
ހަމައެފަދައިން މުންކަރާތްތަކާއި ދެކޮޅައް މަސައްކަތްކުރާ ވަރަށްގިނަ ޖަމްޢިއްޔާ ޖަމާޢަތްތަށް އުފެއްދެވުމުގައި ބައިވެރެވިވަޑާއިގެންނެވިއެވެ. އެގޮތުން އުޅުއްވުމުގެ ތެރޭގައި 1927 ގައި ޖަމްޢިއްޔަތުއް ޝުއްބާނުލް އިސްލާމީ އުފެއްދެވިއެވެ. އެއަށްފަހު 1928 ގައި އިސްމާޢިލިއްޔާގައި (މިޞްރުގެ ސްޓޭޓެއް) ޖަމްޢިއްޔަތުލް އިޚްވާނުލް މުސްލިމީން އުފެއްދެވިއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި
ނޫސްވެރިކަމުގެ ދާއިރާގައި ބަންނާ ޙަރަކާތްތެރިވުން ވެގެން ދިޔައީ އެމަނިކުފާނުގެ ޝަޚްޞިއްޔަތު ބިނާވެ، އެޝަޚްޞިއްޔަތު އާންމުންނާއި ހަމައަށް ފޯރުކޮށްދިން ވަޞީލަތް ކަމުގައެވެ. މިގޮތުން މުޙިއްބުއް ދީން އަލް ޚަޠީބު ނެރުއްވި ”އަލްފަތްޙު” މަޖައްލާގެ މަންދޫބެއްގެ ގޮތުގައި ބައްނާ މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު އިޚުވާނުލް މުސްލިމީންގެ ނަމުގައި ދުވަހު ނޫހެއް ނެރުއްވާންފެއްޓެވިއެވެ. އޭރު މުޅި ނޫސްހެން ތައްޔާރު ކުރައްވަނީ ބަންނާއެވެ. އެއްފަހު އިތުރު ނޫހެއް ނެރުއްވާންފެއްޓެވިއެވެ. އެއީ މަޖައްލަތުއް ނަޒީރުގެ ނަމުގައި ނެރުއްވި ނޫހެވެ. އެނޫހުގެ އެޑިޓަރުކަން ދެއްވީ ޞާލިޙުލް އަޝްމާވީއަށެވެ. އަދި ޝޭޚު މުޙައްމަދު ރަޝީދު ރިޟާ އަވަހާރަވުމުން ޝޭޚުގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެމުންއައި ”އަލްމަނާރު” ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވިއެވެ.
ޖަމްޢިއްޔާ އުވާލުމާއި އަވަހާރަކޮށްލުން
1948 ވަނަ އަހަރު ގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭރުގެ މިޞްރުގެ ބޮޑުވަޒީރު މަޙްމޫދު ފަހްމީ ، ޖަމާޢަތުލް އިޚްވާނުލް މުސްލިމީން ރޫޅާލުމަށް ޤަރާރު ނަންގަވައި އެކަން އިޢްލާން ކުރެއްވިއެވެ. އަދި އެޖަމާޢަތުގެ ނަމުގައި ހުރިމުދާ ހިފެހެއްޓުމަށް އަމުރުކުރެއްވިއެވެ. އަދި ޖަމާޢަތަށް ނިސްބަތް ވާ އެތަކެއްބަޔަކު ކުޑަ ގޮޅިއަށްލެވުނެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން 1949 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ޖަމްޢިއްޔަތުއް ޝުއްބާނުލް މުސްލިމީންގެ މަޤައްރު ކުރިމަތީގައި ޙަސަނުލް ބަންނާ ގެ ހަށިކޮޅަށް ބަޑިޖަހާ ޒަޚަމް ކޮށްލެވުނެވެ. އެތަނުން ބައްނާ ގެންދެވުނީ ޤަޞްރުލް ޢަނީ ހަސްފަތާލަށެވެ. މަންޒަރު ދުއް މީހުން ބުނާގޮތުން ބަންނާ އަވަހާރަވީ ފަރުވާ ނުކުރެވި ގިނައިރު ވުމުގެ ސަބަބުން ހަށިކޮޅުން ގިނަޢަދަދަކަށް ލޭފޭބެމުންނެވެ. ފަރުވާ ނުދެވި ލަސްވީ އެކަން އެމަގުން ގެންދިއުމަށްޓަކައި ޑޮކްޓަރުންނަށް އެކަން މަނާކޮށްފައި އޮތުމުންނެވެ.
ބަންނާއަށްފަހު އިޚުވާނުލް މުސްލިމީން
ހަޤީޤަތަކީ އިޚްވާނުލް މުސްލިމީންގެ ޙަރަކާތްތައް ފުޅާވެ މިޞްރުގައި އިޚްވާނުންނަށް ބޮޑު ސަޕޯޓެއްލިބި ކާމިޔާބު ލިބެންފެށުމުން އޭރުގެ ވެރީންނަށް އެކަން ބަލައިގަންނަން ދަތިވީއެވެވެ. ނަމަވެސް ބަންނާ އަވަހާރަކޮށްލުމަކުން އެކަން ކުރިބައެއްގެ މަޤްޞަދު ޙާޞިލްވިކަމަކަށް ނުފެނެއެވެ. އެހެނީ މިއަދާޖެހެންދެންވެސް ބަންނާގެ އެ މަންހަޖުގެ މަތީގައި އިޚްވާނުލް މުސްލިމީން ދެމިއޮތުމެވެ. ޖަމާޢަތް ފުޅާވެ އެތަކެއް ގުނަންތަކެއް އެކުލެވޭ ބިޔަ އޯގަނައިޒޭޝަނަކަށް ބަދަލުވުމެވެ. ޤާނޫނު ހަދާ މަޖިލީހުގެ ގޮޑިތައް ކާމިޔާބު ކުރުމެވެ. ފިއްތުންތަކާއި ގޮންޖެހުންތަކާއެކުވެސް އިޚްވާނުލް މުސްލިމީން، މިޞްރުގައި ކާމިޔާބު ހޯދަމުން ދާކަމެވެ.
———
ނޯޓު: މިއީ އަލްޖަޒީރާ އަރަބި ޗެނަލުން 2004 ވަނަ އަހަރު ގެނެސްދިން ރިޕޯޓެއް އަޞްލަކަށް ބަލައިގެން ލިއެފައިވާ ލިއުމެކެވެ. ޝޭޚް ބަންނާއަށް ހަމަލާދިންގޮތުގެ ވީޑިއޯ ބެއްލެވުމަށް މިލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.


ޕިސްޕިސް ވިދާޅުވީ
ތާރީޚް:14/02/2010
އަހަ ކޮބައިހޭ ރޯދަމަހު ގެނެސްދިން ކުއިޒު މުބާރާތުގެ ނަތީޖާ، މިހެން ކިއާފަ ކޮމެންޓެއްލިއާ އިރަށް އެކޮމެންޓު އެބަނަގާ.
ތުއްތުނާ ވިދާޅުވީ
ތާރީޚް:15/02/2010
މިއީ އަދި އެހެންޏާ ނުފެންނަ ކުއްޖެއް، މިސްބާހު މިއީ، ހާދަ ރަނގަޅު މައުލޫމާތުކޮޅެކޭ މިއީ، އަދި ނިކަން ގިނަ އެއްޗެހި ލިޔާތި،
އަދި ބޭބެމެންނަށް އިތުރު މި ފަދަ ހަރަކާތްތެރި ސޭހުންގެ މައުލޫމާތުކޮޅުތައް ގެނެސްދޭތި، މި ކަހަލަ ހަރަކާތްތެރި ބުއްދިވެރި ސޭހުންމަދުވީމަ އޭ މައްސަލާކީ