Share

ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުޑަކުދީންނަށް ކުރެވިދާނެ ކަންތައްތައް

ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުޑަކުދީންނަށް ކުރެވިދާނެ ކަންތައްތައް

ޒުހުރީ

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ދިވެހީންނަށް ދެއްވާފައިވާ އެންމެ ބޮޑު އެއް ނިޢުމަތަކީ މިއަދު އަޅުގަނޑުމެން ވާހަކަ ދައްކާ މޫރިތި، ފަޞާޙާތްތެރި އަދި ބަލާޣާތްތެރި ދިވެހިބަހެވެ. އަޅުގަނޑުމެން ވާހަކަ ދައްކައި ލިޔެކިޔާނެ އަމިއްލަވަންތަ ބަހެއް ދެއްވުމެވެ. އެކަމަށްޓަކައި އެކަލާނގެއަށް ހާސްފަށުން ޝުކުރުވެރިވަމެވެ.

މިޔަދު އަޅުގަނޑުމެންގެ މި ދިވެހިބަސް އަޅުގަނޑުމެންގެ އަތުން ބީނުވެ ހިފެހެއްޓިފައި މިވަނީ ދިވެހި ބަހަށް ނުހަނު ލޯބިކުރި އަޅުގަނޑުމެންގެ ކާބަފައިން މި ބޮޑު އަމާނާތަށް ޚިޔާނާތްތެރިނުވެ އަމާނާތްތެރި ކަމާއެކު އެބޭފުޅުން، ފަހުގެ ޖީލުތަކަށް ހަވާލުކޮށްދެއްވައި ބަހަށް ލޯބިޖައްސާފައިވާތީއެވެ. ހެޔޮ ބުއްދީގެ ވެރި ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ފަދައިން މާދަމާ އެ ޤައުމެއްގެ އޮޑީގެ ހުންގާނުގައި ތިބޭނީ އެ ޤައުމެއްގެ ޒުވާނުންނެވެ. މިއަދުގެ ކުޑަކުދިންނެވެ. ހަމަ މި ބީދައިން މާދަމާ އަޅުގަނޑުމެންގެ މި ދިވެހިބަސް ދަމަހައްޓަން ތިބޭނީ މިއަދުގެ ކުޑަކުދީންނެވެ. ކުޑަކުދީންނަކީ އަޅުގަނޑުމެންގެ މި ދިވެހިބަސް ދެމެހެއްޓުމުގެ އެންމެ ބޮޑު ރައުސްމާލެވެ.

މިއަދު އަޅުގަނޑުމެންގެ ކުޑަކުދީންނަށް ހީވެފައި އޮންނަ ހީވުމެއް؛ އެ ކުދިން ދިވެހި ބަހަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެކަމަށް، ނަމަވެސް މިއީ އެ ކުދިންގެ ޚިޔާލު އެހާ ތަނަވަސް ނުވުމުގެ ސަބަބުން ހީވެފައި އޮންނަ ކުށް ހީއެކެވެ. ވީމާ އެކުދިން ހެޔޮމަގަށް ވިސްނައިދީ އެކުދިންނަށް ކުރެވިދާނެ ކަންތައްތައް އަންގައިދިނުމަށް ތިބޭނެ މީހުންނަކީ ހަމަ ޔަޤީނުން ވެސް އެފަދަ ދެވަނަ ބައެއް ނުވާ އެކުދިންގެ މައިންބަފައިންނާއި މުރުޝިދުންނެވެ.

އަޅުގަނޑު މިފަދަ ލިޔުމެއް ލިޔާން ޚިޔާލަށް އައީ ކޮންމެހެން ވެސް މި ސުރުޚީއަށް ލިޔުމެއް ލިޔަން ޖެހޭތީއެވެ. މިއަދު އަޅުގަނޑުމެންގެ ކުޑަކުދިންނަށް ވިސްނައިދެވޭތޯއެވެ. ވީމާ މިލިޔުން ކުރިޔަށް ގެންދާނަމެވެ.

ކުޑަކުދިން އަޅުގަނޑުމެންގެ މި ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ އެކުދީން އެކުދިންނަށް ނޭނގޭ ބަސްތައް އޮޅުންފިލުވައި އެބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ބަލައި އެ ބަހެއް ފަރިތަކުރުމެވެ. މިގޮތުން މިކަމަށް ޙާއްޞަކޮށްގެން ވަކި ފޮތެއް ބާއްވައި ނޯޓްކުރެވިދާނެއެވެ.

ދެވަނަ ކަމަކަށް ކުދީން ލިޔާ ލިޔުމުގައި ވީހާވެސް ބޮޑަށް ބަހުގެ ޤަވާޢިދުތަކާއި އެއްގޮތަށް ހަމަތަކަށް ފައްތައިގެން ލިޔުމަށް މަސައްކަތްކުރާނީއެވެ. އެންމެ ފުރަތަމަ ފިޔަވަޅުގައިވެސް ބޮޑެތި ބޭފުޅުން ލިޔުއްވައިފައި ހުންނަ ލިޔުންތަކާއި އެއް ފެންވަރަކަށް ލިޔަން މަސައްކަތް ނުކުރާށެވެ. ލިޔާ ލިޔުމުގައި އޮޅުން އަރާ ތަންކޮޅެއް ވާނަމަ ބެލެނިވެރިންގެ އެހީ އެއް ހޯދައިލުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ.

ތިން ވަނަ ކަމަކަށް ކުރެވިދާނެ ކަމަކީ ބަހަށް އަންނަ ހެޔޮ ބަދަލުތަކާއި އެއްގޮތަށް އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމެވެ. މިސާލަކަށް ދަންނަވަނީ ނަމަ ކުރިން އަޅުގަނޑުމެންގެ ދިވެހި ބަހުން ސާދަޔަށް ސައުދަ ކިޔުންފަދަ ކަންކަމެވެ. މި މިސާލަކީ އަޅުގަނޑަށް ދިވެހިބަހުގެ އަދީބެއް ހައްދަވާފައިވާ ޅެންބައިތަކުން ފެނިފައިވާ މިސާލެކެވެ. ނަމަވެސް މިހާރުވެސް ހަމަ މިހެން ދެކުނުގެ އަތޮޅުތަކުގައި މި ބަސް ބޭނުންކުރެއެވެ.

ދެން ކުރެވިދާނެ އަނެއް މުހިންމު ކަމަކީ ކުދީންގެ މުރުޝިދުން ދަސްކޮށްދެއްވި ގޮތާއި އެއްގޮތަށް އެއްވެސް ކަހަލަ ޖެހިލުމެއްނެތި ކުށެއްނެތް ސާފު ރީތި ބަހުން ވާހަކަ ދެއްކުމެވެ. މިކަން ކުރެވޭނީ ވަރަށް ރަނގަޅަށް މިކަމުގެ ތެރެޔަށް ވަދެގެންނެވެ. އިތުރަށް ހޯދި ވަރަކަށް ބޮޑަށް ދަސްވާނެއެވެ.

ކުޑަކުދީން ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ އަނެއް މުހިންމު ކަމަކީ މީޑިޔާގެ ޒަރިއްޔާއިން ރޭޑިޔޯ، ޓީވީ، ނޫސް މަޖައްލާތައް ކިޔައި އެ ލިޔުންތަކުގައި ކުށެއް ވާނަމަ އިޞްލާހުކޮށްލުންފަދަ ކަންކަމުން އެއީ ބަހަށް ތިމާގެ ފަރާތުން ދެވޭ ވަރަށްވެސް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެކެވެ. އަދި މި ރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ކޮށާލެވޭ އަލިގަދަ މަގެކެވެ.

ދެން ލިޔެލަން ޖެހެނީ އަޅުގަނޑުގެ ހިތަށް އޭގެ ސަބަބުން ވޭނާއި ކެކުޅުން ލިބޭ ކަމެއްގެ ވާހަކައެކެވެ. އެފަދަ ވާހަކަ ލިޔަން ޖެހިލުންވެސްވެއެވެ. ލަދުގަންނަމެވެ. މާދަމާގެ ޒުވާން ޖީލް މިއަދު އަޅުގަނޑުމެން ވާހަކަ ދައްކާ ފަށުވި ޢިބާރާތްތަކެއް ލިބިފައިވާ ސާފު ދިވެހިބަހަށް ބޭރުގެ އެހެނިހެން ބަސްތައް މަސްހުނިކުރުމެވެ. އެއްވެސް ސަބަބަކާއި ނުލާ މިބަސްތައް ބޭނުންކުރުން އެކުދިންނަށް ވެފައި އޮންނަނީ ފެޝަނަކަށްވެފައެވެ. މިހާރު ތިމާގެ އަމިއްލަ ނަން އިނގިރޭސި ބަހުން ނުވަތަ އެހެންވެސް ބޭރު ބަހަކުން އަޅަން ނޭނގެނީނަމަ އެކުއްޖަކަށް މަލާމާތްކުރާ ހިސާބަށް ވެސް ބައެއް ފަހަރަށް ގޮސްފައި އެބަވެއެވެ. ނަމަވެސް މިއީ ރަނގަޅުގޮތެއް ނޫނެވެ. ތިމާގެ އަމިއްލަ މާދަރީބަހުން ތިމާގެ އަމިއްލަ ނަން އަޅަން ނޭނގުން އެއީ މާ ބޮޑު މަލާމާތެކެވެ. ވީމާ ކުޑަކުދިން މި ދިވެހިބަސް ދަމަހައްޓަން ބޭނުންނަމަ މި ފަދަ ޚިޔާލުތަކާއި ދުރަށް ދާންޖެހެއެވެ.

ކުޑަކުދިން މި ދިވެހިބަސް ދަމަހައްޓަން އެދޭނަމަ ދެން ކުރެވިދާނެ އަނެއް މުހިންމު ކަމަކީ ބަސް ދަމަހައްޓައި ކުރިއެރުވުމަށްޓަކައި ބަހާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތައް ބަލައި އެޔާއި އެއްގޮތަށް ބަހާއި އަމަލުން އެކަންކުރުމެވެ. އެހެންނޫންނަމަ މި ދިވެހިބަސް އަޅުގަނޑުމެންގެ އަތުން ބީވެގެން ދާން މާގިނަ ދުވަހެއް ނުނަގާނެއެވެ.

މާތްﷲ އަޅުގަނޑުމެންގެ މިދިވެހިބަސް ރައްކާތެރިކުރައްވާށި އަދި މި ޤައުމުގެ ކުޑަކުދިން މިބަސް ދެމެހެއްޓުމުގެ ތައުފީޤު ދެއްވާށި!

, ,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:15/02/2010

    މިހާރު ހާދަ އަޕްޑޭޓް ވާންމިފެށީ ކިހިނެތްބާ މިވީ؟ އަނެއްކަ އިހުހުރިވަރު ދައްކާލަން ދޯ ތިއުޅެނީ. އަބަދުވެސް ތިގޮތުގައި ތިބޭތި.

  2. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:16/02/2010

    ފާނަ އެބުނީ ވަރަށް ބޮޑު ތެދެއް، މިފަހަރު ބޮޑުނަގުލަށް ދިޔަ ނުދޭތި….ކޮބައިތަ އެއްކަލަ ހާސިމް، އެސޮރު ލިޔުން ވާހަކައާ، އޭ އަދި އެއްކަލަ އެއްހާސް ރުފިޔާ ކަންތައް…..؟؟؟

  3. hehvaa‮ ‬ވިދާޅުވީ


    ތާރީޚް:17/02/2010

    އެބުނާހެން.ހާޝިމްގެ ވާހަކަ ކޮބާތަ؟މިސައިޓް އަލުން އަޕްޑޭޓް ވާންފެށީ ޒުވާނުންގެ ދިރުން މާކުރިއަށް ޖައްސަން ފެށީމަތަ؟އަސްލު މިހާރު ދެބައި މީހުނަށްވެސް މާރަނގަޅަށް ސައިޓް ކުރިއަށް ގެންދެވޭނެ. ވާދަކުރާނެ ބަޔަކު ލިބުނީނު ދޯ! އެކަމަކު ބުނަންތަ،، ދެބައިމީހުން ވާދަކުރިއަށް އެހީތެރިކަން ފޯރުކޮށްދެންޏާ ދެބައިމީހުނަށްވެސް ފައިދާވާނެ.ކުރިއަށްދޭ..

  4. ސަމީރު‮ ‬ވިދާޅުވީ


    ތާރީޚް:17/02/2010

    ތިޔަ ބުނާ ސައިޓެއްގައި ތިބީ މިރަށު ބަނދަރުގައި އުޅޭ ސޮރުމެން. އެސޮރުމެން އެތިބެނީ ހަބަރެއް ނުލިބިފަ ޖަހާނެ. ކުރީ ދުވަހުވެސް އިން އަމީރު އަމީން ސްކޫލް ފާރުގައި ކުލަލައިފިއޭ ކިޔާފަވެސް ހަބަރެއް ޖަހާފަ. މީހަކު އަނގައިން ވައެއް ނިކުތަސް އެބަޖަހާ ހަބަރެއް ގޮތުގަ. ދެން މި ސައިޓުގައ ހަބަރު ނެތަސް ސަޅި ރިޕޯޓް އެބަހުރޭ. ކުޑަކޮށް ހަބަރު ބައި ރަނގަޅު ކޮށްފިއްޔާ އެބުނާ ޒުވާނުންގެ ދިރުމަށް ވަންނާނެ މީހަކު ނުވާނެ.