ޤައުމީދުވަހު ހެނދުނު، މިރަށުގެ ދެ ޖަމުއިއްޔާއަކާއި ރަށުއޮފީސް ގުޅިގެން ބަނދަރު ފެހިކުރުމަށް އެއް އަހަރުދުވަހުގެ މަޝްރޫޢެއް ފެށިކަން ރަނގަޅެވެ. ހީވާގޮތުން، އަހަރެއްފަހުން މިހާރު ދޮންވެލިގަނޑެއްގެ ގޮތުގައި އޮތް ސަރަހައްދު އޮންނާނީ ރުކުން ފުރިފައެވެ. ހަމަ ބޮޑު ރުއްފަލަކަށްވެފައެވެ.
ރުއް އަހަންނަށް ކިތަންމެ ރީއްތިކަމަށްވިޔަސް، ރުކަކީ ތަނެއްފެހިކުރުމަށް، އަހަންނަށް އެހާ ހިތްގައިމު އެއްޗެއްނޫނެވެ. ފެހިކުރުމަށް، އަހަންނަށް ހަމަ އެންމެރީތީ ހިޔާދޭ ބިޔަ ގަސްގަހެވެ. ފެހިކުރުމަށް ފެށި މަސައްކަތުގައި ރުއް އިންދުމުން އަހަންނަށް ވިސްނުނީ، ވެށްޓަށް ލޯބިކުރާ، ފެހިކަމާއި ގަޔާވާ، ކުޅުދުއްފުށީ މީހުންވެސް ގަބޫލުކުރަނީ، ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންފަދައިން، ބަނދަރެއްގައިވިއްޔާ އިންދަންވާނީ، ރުއްކަމަށެވެ.
ރާއްޖެތެރޭގެ ގިނަ ރަށްރަށުގެ ބަނދަރުގައި އިންދާފައިވަނީ ރުކެވެ. ކުޅުދުއްފުށީ ބަނދަރު، ފެހިވެފައި އޮންނައިރު އަހަރެން ދެކެން ބޭނުންވަނީ، ރާއްޖެތެރޭ އެހެން ރަށްރަށުގެ ބަނދަރުތަކާއި ތަފާތުކޮށެވެ. ކުރިންވެސް ބުނިގޮތަށް، ރުކަކީ ތަނެއް ފެހިކުރަން އިންދަން އެންމެ އެކަށީގެންވާ ގަހެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ރުކުގެ ހިޔަލަކީވެސް، ރުއް ސާފުނުކުރާނަމަ، ބޭނުންކުރެވޭނެ ހިޔަލެއް ނޫނެވެ. ތަނެއްފެހިކުރުމުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހިޔަލުން އެލިބޭ ހިތްހަމަޖެހުމެވެ.
ރުއްބަރިއެއް އިންދައި، މުޅި ބަނދަރު ސަރަހައްދު ރުއްފަލަކަށް ހެދުމުގެ ބަދަލުގައި، ވައި ނިވަލަކަށް ފުރަތަމަ ފިތުރޯނު ކަހަލަ ލޮނަށްގަދަ، އަވަހަށް ހެދި ބިޔަވާ ގަސްބަރިއެއް ޖެހުމަށްފަހު، އާއްމުކޮށް ރާއްޖޭގައިހެދޭ، އުސްކޮށް ބިޔަވާ ޒާތުގެ ގަސް، ވަކިތަރުތީބަކުން އިންދާނަމަ ބަނދަރު ސަރަހައްދު، އެއް އަހަރުފަހުން އޮންނާނީ ހާދަ ހިތްފަސޭހަކޮށް، ނަލަކޮންނޭ ހިތަށްއަރައެވެ.
އަހަރެން ރުއް އިންދުމާއި ސަތޭކަ ޕަސެންޓް ދެކޮޅުވެރިކަން ދައްކަނީއެއް ނޫނެވެ. އެކަމަކު، ރުއްފަލަކަށް ބަނދަރު ސަރަހައްދު ބަދަލުކޮށްފާނެތީ ނުރުހެވެނީއެވެ. ފަހަރެއްގައި، ޤައުމީދުވަހު ފެށި މަޝްރޫއަކަށްވާތީ ޤައުމީ ގަސް އިންދީ ކަމަށްވެސްވުން ގާތެވެ.
އުންމީދުކުރަނީ، ބަދަރު ސަރަހައްދުން ހިރުނދާއި، ކާންޏާއި ބިޔަ ރަނިކަގަހާއި ޅޮސްވެސް ފެންނާނެކަމަށެވެ. ފިތުރޯނުވެސް ފެންނާނެކަމަށެވެ. ރަށުގެ ބަނދަރާއި ދިމާ މަލަމަތި ވަރަށް އުސްކޮށް ފެހިކޮށް ފެންނާނެ ކަމަށެވެ. ބިޔަ ގަސްތަކުގެ ތެރެއިން ރުއްރުކުގެ ފަންތައް ހެލިލާތަންވެސް ފެންނާނެކަމަށެވެ.
ބަނދަރުފެހިކުރަން ބަޔަކު އިސްނަގައި މަސައްކަތް ފެށީތީ ޝުކުރިއްޔާއެވެ.

ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:17/02/2010
އެބުނާހެން ހުޅުމާލޭގަ ހުންނަހެން ފިތުރޯނު އިންދާލީމަ މާ ފުރިހަމަ ވާނެ. އަދި ސަޅިވެސް ވާނެ. ބާރަށް ހެދޭނެ. ދެން ޖަމިއްޔާތަކުން ތިކުރިމަސައްކަތުގެ އަގު ވަޒަން ކުރަން އިންގޭ. އެއްގޮތަކަށްވެސް ދެރަނުވާތި. އެކަމަކު ފިތުރޯ އިންދަބަލަ ނިކަން ގައުމީ ދުވަހެއް ނޫނަކަސް.
ހާޝިމް ވިދާޅުވީ
ތާރީޚް:17/02/2010
ކުޅުދުއްފުށީގައި ގަސް ޖެހުން މިހާރު ވެސް ލަސްވެއްޖެ. ރަށަކީ ވަރަށް ވެސް ހޫނު ގަދަ ރަށެއް. އެހެންނަމަވެސް އެއީ ޤުދުރަތީ ގޮތުން ވެފައިވާ ކަމެކޭ ބުނުމުގެ ބަދަލުގައި، މީހުންގެ ސަބަބުން ވެފައިވާ ކަމެކޭ ބުނުމުން މާއިންސާފުވެރިވާނެ. އަޅުގަނޑު ވެސް ދިޔައިން ވަރަށް ފަހުން ކުޅުދުއްފުށްޓަށް. އަދި، ރަށް ފިނިކުރުމުގެ މުހިންމުކަން އިޙްސާސްކުރެވޭ. އަޅުގަނޑުގެ ނަޒަރުގައި މިފެށުނީ ވަރަށް ރަނގަޅު، ވަރަށް މުނާސަބު ކަމެއް. މިކަން ދެމެހެއްޓެނިވި ގޮތެއްގައި ހިންގައިފިނަމަ، މިއީ ވަރަށް އެދެވޭ ބަދަލެއް ކުޅުދުއްފުށިން ފެންނާނެކަމެއް.
ތުއްތުނާ ވިދާޅުވީ
ތާރީޚް:17/02/2010
ދެން ފިރުރޯނު އެކަނި ނޫނަސް ދޯ، މި ކަހަލަ ލިޔުންތައް ގިނަކުރަންވީ ހަމަ، މިކަހަލަ ކިތައް ކަންތައް އެބަ ހިނގާތަ އަހަރެމެން ރަށުގާ، މަށަކަށް ދޯ ނޭނގޭނެއްޔާ ލިޔާކަށް،
ހޯހޯ ވިދާޅުވީ
ތާރީޚް:18/02/2010
ރުށް އިންދަނީ ކަންނެތްކަމުން، ގަސްއިންދީމައި ކުނިކަހަން ޖެހޭނެތީ