Qauntum

Share

މޮޅުވާނެ ގޮތް (3)

މޮޅުވާނެ ގޮތް (3)
ތަރުޖަމާ: ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ބުއްދިވެރިޔާ ބުންޏެވެ. ކޮއިގެ ވަށައިން ނަޒަރު ހިންގާލަ ބަލާށެވެ. ކޮއިފުޅު ތިޔަ ހުރީ އެ މަގުގައެވެ. މޮޅުވުމުގެ މަގުގައެވެ. އެކަމަކު ތީ މޮޅު މީހެއް ކަމެއް ތިޔަހުރެވުނީ މޮޅު މީހުންގެ މަގުގައި ކަމެއް ކޮއިފުޅަކަށް ނޭނގެއެވެ. އެއަށްފަހު ބުންޏެވެ. އެންމެ ފުރަތަމަ މި ތަނަށް އައި ފަހަރު އައުމުގެ ކުރިން އެއްވެސް ރޭވުންތެރިކަމެއް ގެންގުޅުނީމުހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އާއެކެވެ.

ވިސްނީމުހެއްޔެވެ؟ މަސައްކަތްކުރީމުހެއްޔެވެ؟ ޔަގީނުންވެސް އާއެކެވެ.

މުދާއެއްކުރީމުނޫންހެއްޔެވެ؟ އާއެކެވެ.

ކަނޑައަޅާފައިވާ އަމާޒެއް ވޭނޫންހެއްޔެވެ؟ ހަމަ ޔަގީނުންވެސް އާއެކެވެ.

އެހެންވީމާ ބޯޓަށް އަރައިގެން މި ތަނަށް ދަތުރުކުރީމުއެވެ. ނުވެސް ދަންނަ ރަށަކަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަން ދެނެހުރެމެ އައީމު ނޫންހެއްޔެވެ؟ އާއެކެވެ.

ބޯޓެއް ނުލިބުން ނަމަ މި ތަނަށް އަންނާނޭ އެހެން ކޮންމެވެސް ވަސީލަތެއް ހޯދާނަމޭނޫންހެއްޔެވެ؟ ބޯޓުން ފޭބި ގޮތަށް ކާރެއް ނުލިބުން ނަމަ އަހަރެމެންގެ ފަރުބަދައާ ހަމައަށް ހިނގާފައި އަންނާނަމޭނުންހެއްޔެވެ؟ ޒުވާނާ ބުނަމުންދެއެވެ. ޔަގީނެވެ. އާއެކެވެ.

މި ފަރުބަދައަށް އެރުމުގެ މަސައްކަތް ކުރި އިރު މި ދެވެނީ ކޮންތާކަށް ކަމެއް ކޮއިފުޅަށް ނޭނގޭ ނޫންހެއްޔެވެ؟ އާއެކެވެ.

ދެން މި ހިސާބަށް ވާސިލުވެވިފައި އެއްވެސް ކުރިއެރުމެއް ނުލިބި ދާންޖެހުމުން ކުރެވުނީ ކޮން ކަހަލަ އިހުސާސެއް ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ބޮޑުވެގެންވާ ނާކާމިޔާބެކެވެ. ބުއްދިވެރިޔާ ބުންޏެވެ. އެ ނާކާމިޔާބު ކޮއިގެ މައްޗަށް ކުރާނެ ހުކުމެއް ކުރަންދެން ކޮއި ހުރީމުހެއްޔެވެ؟ ހަމަ ޔަގީނުން ނޫނެކެވެ. ދެން ކުރީ ކީއްހެއްޔެވެ؟ ފުރަތަމަ ކޮޅު ވަރަށް ރުޅި އައެވެ. އެހެނަސް ވިސްނީމެވެ. ހަމަޖެހުނީމެވެ. އަލުން މަސައްކަތްކުރީމެވެ. ފައިސާ ހަމަކުރީމެވެ. ކިތަންމެ ބޮޑު އަގަކަށް ވެސް ބުއްދިވެރިޔާ އާ ބައްދަލުކުރުމަށް ކަނޑައެޅީމެވެ.

ދެން ދެވަނަ ފަހަރަށް ވެސް މިތަނަށް އައުމަށްފަހު އެއްވެސް ފައިދާއެއް ނެތި ދާންޖެހުމުން ކުރެވުނީ ކޮން އިހުސާސެއްހެޔެވެ؟

ދެވަނަ ފަހަރު ކުރިއަށް ވުރެ ރުޅިގަދަވިއެވެ. އަދި ހިތާމަޔާ މޮޅިވަރުކަމުގެ އުނދަގޫ މަރުހަލާއެއް ކަޑައްތުކުރާން ޖެހުނެވެ. އެއްވެސް ކަމެއް ކުރުމެއް ނެތި ދުވަސްތަކެއް ވޭތިވެގެން ދިޔައެވެ. އެކަމަކު ދެވަނަ ފަހަރަށް އަނެއްކާ ވެސް އަހަރެންގެ މަސައްކަތް ފެށީމެވެ. އަދި ކޮންމެ ގޮތެއް ހަދާފައިވެސް ބުއްދިވެރިޔާއާ ބައްދަލުކުރުމަށް ޢަޒުމް ކަނޑައެޅީމެވެ. ފައިސާ އެއްކުރީމެވެ. އެކަމަކު ބުއްދިވެރިޔާއާ ބައްދަލު ނުވާނެ ކަމުގެ ޝުޢޫރެއް އެފަހަރުވެސް ގެންގުޅުނީމެވެ. ހަމަ ހަގީގަތުގައި ވެސް އެފަހަރަކު ވެސް ބައްދަލެއް ނުވިއެވެ. އެކަމަކު ކަނޑައަޅާ ގަޑިއަށް ވުރެ އަވަހަށް އައުމަށް އެފަހަރު ވިސްނި، އަހަރެންގެ އުންމީދު އަލުން އާވެ ތާޒާވެގެންދިޔައެވެ. އެކަމަކު ކަނޑައެޅިފައިވާ ގަޑީގެ އެއް ހަފުތާ ކުރިން އައިސް އިންތިޒާރުގައި ގޭގެ ބޭރުގައި ހުންނަން ޖެހުމުން އަހަރެންގެ ހިތަށް އެރިއެވެ. އެއްވެސް ފައިދާއެއް ނުކުރިއެވެ. އަހަންނަށް ކޮންމެވެސް އިރަކުން ބުއްދިވެރިޔާ ފެންނާނެއެވެ. އެކަމަކު އަހަންނަކީ ވެސް އިންސާނެއްވިއްޔާއެވެ.

އަހަރެންގެ އުންމީދުތަކުގެ ދޮރުގައި އިރުއިރުކޮޅާ މާޔޫސްކަން އައިސް ޓަކިދެއެވެ. ވަރަށް ހިތި ކަރުނަޔާ އެކު ރުއިމެވެ. ހިތާމައިގެ ނިހާޔަތުގައި ދެލޯ މަރާލީމެވެ. ﷲ ގެ ހަޟްރަތަށް ކުއްތަންވީމެވެ. ދެންނެވީމެވެ. މާތް ރަސްކަލާކޮ!

އަހަރެންނަށް ﷲ ގެ ވަޙީ ބަސްފުޅު “ޢަމަލުތައް ފުރިހަމަކޮށްފި މީހާގެ އަޖުރު ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ގެއްލެނި ނުކުރައްވާ ހުށީމެވެ.”-ކަހަފު ސޫރަތުގެ 30 ވަނަ އާޔަތް- ހަނދާންކުރީމެވެ.

އަހަރެން ފުރިހަމައަށް މަސައްކަތްކޮށްފީމެވެ. މިތަނަށް އަތުވެއްޖައީމެވެ. ބުއްދިވެރިޔާއާ ބައްދަލުކުރުމަށް ބޭނުންވެގެންނެވެ. އެހިނދު އަހަރެންގެ ކޮނޑުގައި ފިރުމާލީ ބުއްދިވެރިޔާއެވެ. އެހިސާބުން ވަރަށް މުހިންމު އެއްޗެއް އަހަންނަށް ވިސްނުނެވެ. އެއީ މާތް ރަސްކަލާނގެ އަހަރެމެންނާ ނުހަނު ގާތުގައި ވޮޑިގެންވާ ކަމެވެ. އަދި އެކަލާނގެއީ ދުޢާ އައްސަވާ އިޖާބަކުރައްވާ ރަސްކަލާނގެ ކަމެވެ.

ދެން ބުއްދިވެރިޔާ ޒުވާނާއަށް ބުންޏެވެ. ކޮޔަށް ތިޔަ ބަޔާންކުރެވުނީ މޮޅުމީހަކަށް ވުމުގެ މަގެވެ. ކޮޔަށް ވެފައި ތިހުރި ގޮތަކީ ވަރަށް ގިނަ މީހުންނެކޭ އެއްގޮތަށް މޮޅުވުމުގެ މަގުގައި ހިނގާފައި ދެވޭއިރުވެސް އެކަން ނޭނގޭނީއެވެ؟ އުފާވެރިކަން ލިބިފައިވާ ހާލު، އުފާވެރިކަން ހޯދަމުގައި މުޅި ޢުމުރު ފަނާކޮށްލާ މީހުން ފަދައިންނެވެ. ކާމިޔާބު ލިބިހުރެ ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ މީހުން ފަދައިންނެވެ.

އެއަށްފަހު ކުއްލިއަކަށް ބުންޏެވެ. އޭ ދަރިފުޅާއެވެ. އަހަރެންނަށް ތިޔަ ހާމަކޮށްދިނީ މޮޅުވުމުގެ މަގެވެ. އެކަމަކު އަހަރެން ހަމަ އެކަނި އެ ކަންކަން ދަރިފުޅަށް ތަރުތީބުކޮށްލަދޭނަމެވެ. އެއީ ހަރުފަތަކުން ހަރުފަތަކުން އަރަމުން ގޮސް މޮޅުކަމާ ހަމައަށް ވާސިލުވުމަށްޓަކައެވެ. ކޮއިގެ ހަރުދަނާކަމާއި ސާބިތުކަމަށްޓަކައި މޮޅުވުމުގެ މަގަށް ގެންގޮސްދިނުމުގައި އަހަރެން ކޮޔަށް އެހީތެރިވާނަމަވެ.

ބުއްދިވެރިޔާ ޒުވާނާގެ ދެލޮލަށް ބަލާލާފައި ބުންޏެވެ. މޮޅުވުމުގެ މަގު ފެށެނީ ސަބަބުތަކުންނެވެ. ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަހަރެން ބޭނުންވަނީ މޮޅު މީހަކަށް ވާށެވެ. ބުއްދިވެރިޔާ ބުންޏެވެ. ތިޔަ ޖަވާބުދެނީ ވަރަށް ޝާމިލު ގޮތެއްގައެވެ. ހަމަ ކޮންމެ މީހަކުވެސް މޮޅުމީހަކަށް ވާން ބޭނުންވާނެއެވެ. އެކަމަކު ކޮއިގެ އަމާޒަކީ ކޮބައިހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަމާޒަކީ ކޮންއެއްޗެއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. އެއީ މަގުގެ ކޮޅެވެ. މަގުގެ ނިމުމެވެ. އެހެންވީމާ ކޮއިގެ އަމާޒަކީ..؟ ކޮއި ހިނގަމުން ތިދާ މަގުގެ ނިމޭ ހިސާބަކީ ކޮބައިހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އެއީ އަހަރެންނަށް މޮޅު މީހަކަށް ވެވޭ ހިސާބެވެ.

ބުއްދިވެރިޔާ ބުންޏެވެ. ތިޔަ ޖުމުލަ މީގެ ކުރިން ވެސް އަޑުއިވިއްޖެއެވެ. ދެން އެ ޖުމުލަ ތިޔަހެން ތަކުރާރުކުރަނީވިއްޔާ އަހަރެން ތިބާ ދޫކޮށްލާނީއެވެ. އެހެންވީމާ ތިބާ ކަނޑައަޅާފައިވާ އަމާޒު ބުނެދޭށެވެ. ބޭނުންވަނީ ކޮން ކަމެއް ހާސިލުވުމަށްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަހަރެން ގަސްދުކޮށްފައިވަނީ އަހަރެންގެ އަމިއްލަ ކުންފުންޏެއް އުފެއްދުމަށެވެ. ކޮން ދާއިރާއެއްގެ ކުންފުންޔެއްހެއްޔެވެ؟ އިލެކްޓުރޯނިކް ދާއިރާގެ ކުންފުންޏެކެވެ. އެއީ ކީއްވެހެއްޔެވެ؟ އެއީ ދުނިޔެ ދަނީ ޢިލްމީ ގޮތުން ވަރަށް ބާރަށް ކުރިއަރަމުންނެވެ. އަހަރެން ބޭނުންވަނީ ކުރިއަރާފައިވާ ދުނިޔޭގެ މީހަކަށްވާށެވެ. އަދި މޮޅުމީހަކަށް ވާށެވެ.

އެހެންވީއިރު ރަނގަޅެވެ. ތިޔައީ ކޮއިގެ އަމާޒެވެ. އެކަމަކު ތިޔަ އަމާޒަށް ވާސިލުވާން ބޭނުންވަނީ ކިތައް އަހަރުގެ ތެރޭގައިހެއްޔެވެ؟

ފަސްއަހަރު ތެރޭގައެވެ.

އެހެންވީއިރު އެފަސް އަހަރުތެރޭ ކުރާނީ ކޮން ކަމެއްހެއްޔެވެ؟ ފަސް އަހަރު ނިމޭއިރު ތިޔަ އަމާޒަށް އޮންނަންވާނީ ވާސިލުވެވިފައެވެ.

އަމާޒާއި ލަނޑުދަނޑީގެ ތަފާތު ބުއްދިވެރިޔާ ޒުވާނާއަށް ވިސްނައިދޭން ފެށިއެވެ. އޭޒުވާނާއެވެ. އަހަރެންގެ ބަސްތަކަށް ކަނުލައި އަޑުއަހައިގެން އިންނާށެވެ. އަމާޒާއި ލަނޑުދަނޑީގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އަމާޒަކީ ލަނޑުދަނޑިއެވެ. ނަމަވެސް ހަގީގަތުގައި ލަނޑުދަނޑިއަކީ އަމާޒުގެ ބައެކެވެ. އަމާޒަކީ މަގުގެ ކޮޅެވެ. ނަމަވެސް ގިނަ މީހުން މަގުގެ ނިމޭ ހިސާބަކީ އެމީހުންގެ ލަނޑުދަނޑިކަމުގައި ދެކެއެވެ. އެކަމުގެ ސަބަބުން މާޔޫސްކަމާ ކުރިމަތިލާންޖެހެއެވެ. އެއީ އޭނާ އެވަގުތު ހުރި ހިސާބާއި ހުންނަން ބޭނުންވާ ހިސާބާއި އަޅާކިޔައެވެ. އެހިސާބުން މާޔޫސްކަމާ ކުރިމަތިލާންޖެހެއެވެ. މަގުގެ ދިގުކަމަށްޓަކައެވެ. ލަނޑުދަނޑީގެ ދުރުކަމަށްޓަކައެވެ. އެކަމަކު އަހަރެން ކޮއި މިހާރުން ފެށިގެން ހިނގަންވީ ރަނގަޅު މަގު މި ބުނެދެނީއެވެ.

އަމާޒަކީ ލަނޑުދަނޑިތަކުގެ ނިމޭ ހިސާބެވެ. އެއީ ބޭނުންވެގެން އުޅޭ ކުންފުނި މިލްކުވާ ހިސާބެވެ. އެކަމަކު ލަނޑުދަނޑިއަކީ ފުރަތަމަ ހަރުފަތެވެ. ފުރަތަމަ ހަރުފަތުން ދެވަނަ ހަރުފަތަށް ވާސިލުވެވެއެވެ. މޮޅުވުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ އަމާޒު ދެނެގަތުމެވެ. އެއަށްފަހު އެ އަމާޒު ލަނޑުދަނޑިތަކަކަށް ބަހާލުމެވެ. އެއިން އެއް ލަނޑުދަނޑި އެޔާ ޖެހިގެން ވާސިލުވާންޖެހޭ ލަނޑުދަނޑިއަށް މަގުފަހިކޮށްދޭ ގޮތުގައެވެ. ކޮންމެ ލަނޑުދަނޑިއެއްމެ އަމާޒާ ދިމާއަށް ތިބާ ގެންދާނޭ ގޮތުގައެވެ. އަދި އެއްފަހަރު ބުނެދީބަލާށެވެ. ކޮއިގެ އަމާޒަކީ ކޮބައިހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ޑރ ނިޔާބުގެ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަކީ އަހަރެންގެ އަމިއްލަ ކުންފުންޏަކަށް ހެދުމެވެ. ބުއްދިވެރިޔާ ބުންޏެވެ. އެހެންވީއިރު ފުރަތަމަ ހާސިލުކުރަންޖެހޭ ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އިލެކްޓުރޯނިކް ދާއިރާއަށް އަހުލުވެރިވުމެވެ.

ދެވަނަ ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ އެކި ބަސްބަހުން ބަސްމޮށޭން އުނގެނުމެވެ.

ކީއްވެހެއްޔެވެ؟ ބަހަކީ އިންސާނަކާ އެއްފަދައެއްޗެކެވެ. “ކޮންމެ ބަހަކީ ދުލެކެވެ.” އެއްބަޔަކު އަނެއް ބަޔާކާ ގުޅުވާ ދޭ އެއްޗެކެޗެވެ.

ބުއްދިވެރިޔާ ބުންޏެވެ. އަދި ތި މަރުހަލާގައި މީހުންނާ ގުޅުމުގެ ފަންނު ވެސް ކޮންމެހެން ތިބާ ދަސްކުރަންޖެހޭނެއެވެ. އެންމެ ރަނގަޅެވެ. އިލެކްޓުރޯނިކަށް އަހުލުވެރިވެ އިތުރު ބައެއް ބަސްބަސް ވެސް ދަސްކުރެވުނީއެވެ. ދެން އޭގެ ފަހުގައި ކުރާނީ ކީއްހެއްޔެވެ؟ އޭގެ ފަހުގައި މީހުންނާ ގުޅިގެން އުޅުމުގެ ފަންނު ދަސްކުރާނީއެވެ. ކީއްވެހެއްޔެވެ؟ އެއީ މީހުންނާ ގުޅިގެން އެމީހުންނަށް އެންމެ ރަނގަޅަށް އެއްޗެހި ވިއްކާނޭ މަގު ދެނެގަތުމަށްޓަކައެވެ. އޭގެ ފަހުގައި ކޮން ކަމެއްހެއްޔެވެ؟ އޭގަފަހުގައި މާކެޓުކުރުމުގެ ފަންނެވެ. ކީއްވެހެއްޔެވެ؟ އެއީ މީސްތަކުންގެ ބާޒާރަށްތަކެތި ނެރޭނެ ގޮތް ދެނެގަތުމަށްޓަކައެވެ. އޭގަ ފަހުގައި ގަނެވިއްކުމުގެ ފަންނު ދެނެގަތުމެވެ. އޭގެ ފަހުގައި ވިޔަފާރިކުރާ މީހުންނަށް ޚިދުމަތްދޭނެ ގޮތެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެހެންވީމާ އަމާޒަށް ވާސިލުވުމަށްޓަކައި ކޮއިގެ ފުރަތަމަ ލަނޑުދަނޑިއަކީ އިލެކްޓުރޯނިކާ ބެހޭ ހުރިހާ އެއްޗެއް ދެނެގަތުން ނޫންހެއްޔެވެ؟ އާއެކެވެ. އެ ލަނޑުދަނޑި ކޮއިގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވޭހެއްޔެވެ؟ އާއެކެވެ. އެ ލަނޑުދަނޑި ތިބާ ގެންގޮސްދެނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އެކި ބަސްބަހުން ބަސްމޮށޭން ދަސްކުރަންޖެހޭ ހިސާބަށެވެ. އެއީ ކޮއިގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވާނެ ކަމެއްހެއްޔެވެ؟ އާއެކެވެ.

ފުރަތަމަ ލަނޑުދަނޑި ދެވަނަ ލަނޑުދަނޑިއަށް މަގު ތަނަވަސްކޮށްދޭ ފަދައިން އަމާޒަށް ވާސިލުވުމުގައި ވެސް އެހީތެރިވެދެއެވެ. އެހެންވީމާ ހުރިހާ ލަނޑުދަނޑިއެއް ވެސް ތިބާ ގެންދާނީ އަމާޒާ ދިމާއަށެވެ. އެއީ ހަރުފަތްތަކެކެވެ. އެއް ހަރުފަތުން އަނެއް ހަރުފަތަށް ތިބާ ގެންދެއެވެ. މިއަށް ކިޔާނީ މޮޅުވަމުން ގޮސް މޮޅުވުމެވެ. ކުރިއަރަމުން ގޮސް ކުރިއެރުމެވެ. އެއް ކަންތައް އެޔާ ޖެހިގެން އޮތް ކަންތަކަށް ތިބާއަށް މަގުފަހިކޮށްދެއެވެ. އަދި އެއިން ކޮންމެ ކަމެއްމެ ތިބާގެ އަމާޒަށް ވާސިލުވުމުގައި އެހީތެރިވެދެއެވެ. މިއީ ކޮއި މޮޅުވުމުގެ މަގެވެ. މިހިސާބުން ފަށާށެވެ. މިހިސާބުން ތިބާ ފަށައިފި ކަމުގައިވާ ނަމަ އަހަރެންގެ ހިތްހަމަޖެހުމަށްޓަކައި އަހަރެންނަށް ސިޓީއެއް ފޮނުވާށެވެ. އޭރުން ދެން އޮތް މަރުހަލާއަކީ ކޮބައިކަން ބަޔާންކޮށް އަހަރެން ސިޓީއެއް ފޮނުވާނަމެވެ.

ޒުވާނާއަށް އަދިވެސް އޭނާއަށް މޮޅުވުމުގެ މަގަށް ވާސިލުވެވިއްޖެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ޒުވާނާ އޭނާގެ ރަށަށް އެނބުރިއައެވެ. އަދި އޭނާގެ ފުރަތަމަ ލަނޑުދަނޑި ކާމިޔާބު ކުރުމަށްޓަކައި އެހާ ހިސާބުން މަސައްކަތް ފެށިއެވެ.

ހަމަ ހަގީގަތުގައިވެސް އިލެކްޓުރޯނިކް ޢިލްމު އޭނާ ވަރަށް ރަނގަޅަށް ހާސިލުކޮށްފިއެވެ. އެފަހުގައި އިލެކްޓުރޯނިކް ކުންފުނިތައް ހޯދަންފެށިއެވެ. އެތަންތަނަށް ގޮސް ދިރާސާތައް ކުރަންފެށިއެވެ. އަދި އެންމެ ފަހުން އެތަނުން ކޮންމެވެސް އެއް ކުންފުންޏަކާއެކު ކުރިއަށް ދިއުމަށް ކަނޑައެޅިއެވެ. އަދި އެދުވަސްވަރު ކުންފުނިތަކާ ބެހޭ މަޢުލޫމާތު ރަނގަޅަށް ދިރާސާކުރަމުން ދިޔައެވެ. އަދި ކުންފުންޏެއް އުފެއްދުމުގެ ގާބިލުކަން ލިބިގަތެވެ. އެކަމުގެ ޢިލްމާއި ހުނަރު ހޯދައިގަތެވެ. އޭރު އޭނާ ހުރީ އިލެކްޓުރޯނިކް ދާއިރާއަށް ހަމަ ރަނގަޅަށް އަހުލުވެރިވެފައެވެ.

އެފަހުގައި އެކި ބަސްބަސް ދަސްކުރަންފެށިއެވެ. އޭނާގެ މަސައްކަތް ކުރިއަރަމުންދާތީ އުންމީދު ވަނީ އާވެފައެވެ.

އެއްވެސް މީހަކަށް އެމީހެއްގެ މަސައްކަތުގައި ކުރިއަށްދެވޭ ކަމުގެ އިހުސާސްކުރެވިއްޖެ ނަމަ ކުރިއަށްދިއުމުގެ ރޫހު އާލާވާންފަށައެވެ.

ޒުވާނާ ކަނޑައެޅި ގޮތަށް އޭނާ އިލެކްޓްރޯނިކާ ބެހޭ ޢިލްމު ލިބިގަތުމަށްފަހު އެކި ބަސްބަސް ދަސްކުރިއެވެ. އެއަށްފަހު ގުޅުމުގެ ފަންނެވެ. އެއީ އޭނާ އޭނާގެ އަމިއްލަ ނަފުސާއި މެދުގައްޔާއި މީސްތަކުންނާ އޭނާއާ އޮންނަ ގުޅުން ރަނގަޅުކުރުމަށެވެ. ކޮންމެ ލަނޑުދަނޑިއެއް ވެސް އޭގެ ފަހަތުގައި އޮންނަ ލަނޑުދަނޑިއަށް ގެންގޮސްދެމުން ދިޔައެވެ. އޭގެ ފަހުގައި އަމިއްލަ ޒާތަށް ޙުކުމްކުރާނެ ގޮތް ދަސްކުރިއެވެ. އެއީ ކޮންމެ ފަދަ ގޮންޖެހުމެއް ކުރިމަތިވިޔަސް އޭނާގެ އަމިއްލަ ޒާތުގެ މައްޗަށް އޭނާ އަމިއްލައަށް ޙުކުމްކުރުމަށްޓަކައެވެ.

އެހުރިހާ ކަމެއް ކުރެވުނު އިރު ވަގުތު އޭގެ ހަލުވިކަމާއެކު ގޮސް ފަސް އަހަރު ހަމަކޮށްފިއެވެ.

މިހާރު އޭނާ އެހުރީ ކުންފުންޏެއް އުފެއްދުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި ފައިސާ ވެސް ހޯދައިގެންނެވެ.

ކުންފުނި ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބޭއްވުނެވެ. އެހާމެ ގިނަ މީހުންނަށް ދަޢުވަތު ދެވުނެވެ.

ނަމަވެސް އެންމެ ދެމަސް ދުވަހުގެ ތެރޭގައި ކުންފުނި މުޅީން ބަނގުރޫޓުވެއްޖެއެވެ. އެއީ ހަމަ ޔަގީނުންވެސް އޭނާ އެއްވެސް ވަރަކަށް ހީކޮށްގެން ހުރި ގޮތެއް ނޫނެވެ. އެހެނީ އޭނާ އެކަމަށް ލާޒިމުވެގެންވާ ހުރިހާ ކަމެއް ކުރިއެވެ. ހުރިހާ ސަބަބުތަކެއްގައި ހިފިއެވެ. އުނދަގޫތައް ތަހައްމަލުކުރިއެވެ. ރޭވިއެވެ. ވިލަރެސްކުރިއެވެ. ތަންފީޒުކުރިއެވެ. ކެތްތެރިވިއެވެ. ސާބިތުވެ ދެމިހުރިއެވެ. އޭނާގެ ކިބައިގައި ހުނަރު ހުއްޓެވެ. ހުރިހާ އެއްޗެއް ވެސް ހުއްޓެވެ. ވީއިރު މިހާ ބޮޑު ނާކާމިޔާބެއް ލިބުމުގެ ސަބަބަކީ ކޮބާހެއްޔެވެ؟

-ނުނިމޭ-

,

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:20/02/2010

    ތަންކޮޅެއް ލިޔުން ދިގަސް، ނަބީލުގެ މި ސިލްސިލާ ވަރަށް ކިޔާހިތުން ކިޔާ މިލަނީ. ވަރަށް ފުރިހަމަ މައުލޫމާތު ތަކެއް މިއީ. މިއީ ހަމަ އަހަރެމެން ކިޔަވާ މޯޓިވޭޝަނަލް ފޮތްތަކުގަވެސް ހުންނަ ވާހަކަ. ކޮންމެ ކަމެއްގައިވެސް ވިޝަން އަދި މިޝަން. އެއަށްފަހު އޮބްޖެކްޓިވް ތަކެއް ހުންނާނެ ވިޝަން އާއި ހަމައަށް ދިއުމަށް. ކޮންމެ މީހަކު ވެސް އަމާޒެއް ކަނޑައަޅަން ޖެހޭނެ.

    މިސާލަކަށް މީހަކު ކައިރީ ބޭނުންވަނީ ކޮންކަމެއް ކުރަންހޭ އެހީމަ ބުނެފާނެ “ބޭނުންވަނީ މުއްސަންޖަކަށް ވާށޭ”…މިއީ އަމާޒަކަށް ނުފުދޭނެ. މުއްސަންޖަކަށް ވުން މާނަކުރަނީ ކިހާވަރެއް ވީމަތޯ؟ އެއީ ބީއެމްޑަބްލިއު ކާރެއް ގަނެވުނީމާތޯ، ނޫނީ 10 ބުރީގެ ގެއެއް ހެދުނީމާތޯ، ނޫނީ ރިސޯޓެއް ގެ ވެރިޔަކަށް ވީމާތޯ. މިހާވަރަށް ސްޕެސިފިކް ވުމަކީ ވަރަށް މުހިއްމު ކަމެއް.

    ކުޅުދުއްފުށީ މީހުންވެސް މިކަންކަމާ ވިސްނަބަލަ. މިއަދު ދިމާވި ރައްޓެއްސެއްވެސް ބުނި އަދިވެސް މިރަށުމީހުން ހާދަ ނާތަހުޒީބޭ. ދެރަވެސްވި އިންގޭ.

  2. ކުޅުދުއްފުށީ މީހުން‮ ‬ވިދާޅުވީ


    ތާރީޚް:21/02/2010

    ކަންނެއްސޮރާ! މިރަށު މީހުން ނާތަހުޒީބީ މިރަށުގަ މާރާމާރީ އެހެންރަށްރަށާ އަޅާބަލާއިރު މަދުވީމާތަ؟ މަސްތުވާތަކެތި ބޭނުން ކުރާމީހުން މަދުވީމަތަ؟ ސިޔާސީ ހަމަނުޖެހުން ކުޑަވީމަތަ؟އެކަކު އަނެއް ކަކަށް އަޅާލާ ބަޔަކު އަދިވެސް މިތާ އުޅޭތީތަ؟ ލިބޭ މިންވަރުން ފުއްދާލައިގެން ތިބޭމީހުން ގިނަވީމަތަ؟ އެހެންވިޔާމުން ނާތަހްޒީބް މަށަށް މާރަގަޅު

  3. ސަމީރު‮ ‬ވިދާޅުވީ


    ތާރީޚް:22/02/2010

    ކައްނެއްސޮރު އެބުނަނީ ހަމަ ރަނގަޅަށް. މަވެސް މީ ހަމަ މިރަށަށް އުފަން ދަރިއެއް. އެކަމަކު މަވެސް ހަމަ ބުނާނީ ކުޅުދުއްފުށީ މީހުން އަދިވެސް ހަމަ ތަހުޒީބެއް ނުވެޔޭ. ހަގީގަތް ވާނީ ހަމަ ހަގީގަތަކަށް. މާރާމާރީ އާއި ޑްރަގްސްގެ ވަބާ އަކީ އަދި ތަފާތު އެއްޗެއް. އެކަމަކު ތަހުޒީބު މާނަ މިކުރަނީ ހޭލުންތެރިކަމުގެ މައްޗަށް. ހޭލުންތެރިވުން އަދިވެސް ވަރަށް ދަށް. ހޮޅުއަށި ތަކުގައޔާއި ހޮޓާ ކެފޭ ފަދަ ތަންތަނަށް ވަނުމުން އަދިވެސް ހަމަ ސިފަ ވެގެން ދަނީ 70 ގެ އަހަރުތަކުގެ މީހުން. ފިރިހެނުންވެސް ހަމަ ރަނޑު އަންހެނުން ދައްކާކަހަލަ ވާހަކަތައް ދެއްކުމުގައި ތިބެނީ.