Qauntum

Share

ކުރުވާހަކަ – ފުރަތަމަ ނަޒަރު

ކުރުވާހަކަ – ފުރަތަމަ ނަޒަރު
ހާޝިމް

ފުރަތަމަ ނަޒަރުން ލޯބިވެވިދާނެ ހެއްޔެވެ؟ ފުރަތަމަ ނަޒަރުން ހިތް ދެވިދާނެ ހެއްޔެވެ؟ ފުރަތަމަ ނަޒަރުން އިންތިޒާރު ކުރެވިދާނެ ހެއްޔެވެ؟

އެކަންކަން އެހެންވާކަމަށް މީހުން ބުނެ އުޅެއެވެ. އެހެންނަމަވެސް، އަހަރެން އެކަމެއް ޤަބޫލެއް ނުކުރަމެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ.

އަހަރެންނަށް އިނާޔާ ފެނުނު އެންމެ ފުރަތަމަ ފަހަރު ވެސް ވީ ފޫއްސެވެ. އައީ ރުޅިއެވެ. ހިތަށް އެރީ ސަހަރޯއެވެ. އަދި އެންމެ ފަހުން ނިމުނީ، އަހަރެންގެ މުޅި ދުވަސް އެކީ ޚަރާބު ވެސް ވެގެންނެވެ. އެންމެ ކަމެއް، ދެކަމެއް ވެގެންނެއް ނޫނެވެ. ކޯނިކޯންޏަށް އައި އެތައް ކަމަކާ ހުރެއެވެ. އިނާޔާއާ ހުރެއެވެ.

އެދުވަހަކީ، އަހަރެންނަށް ވަކާލާތުކުރުމުގެ ހުއްދަ ލިބިގެން، މައްސަލައެއްގައި އެންމެ ފުރަތަމަ ކޯޓަށް ދިޔަ ދުވަހެވެ. އަހަރެންގެ ޤާނޫނީ ޙަޔާތް ފެށުނު ދުވަސް ވެސް މެއެވެ. އެދުވަހު، އަހަރެންނަށް އިނާޔާގެ މުސީބާތް ލައިގަތީ، ހެނދުނު 8 ވެސް ނުޖަހަނީހެވެ. އަހަރެން ނިދިން ރަނގަޅަށް ހޭ ވެސް ނުލަނީހެވެ. އޭނާ ކުރި ފޯނުކޯލަކުންނެވެ.

“އައްސަލާމް ޢަލައިކުމް. ހެލޯވ. މިއީ އިނާޔާ ޙަމީދު. މަދަނީ ކޯޓުގެ ސެކެއްޓަރީ. އަޅުގަނޑު މިގުޅުއްވަނީ މަދަނީ ކޯޓުގެ އަރިހުން. މިއަދު 10 ޖަހާއިރު އޮތް ތިބޭފުޅާގެ މައްސަލަ ކެންސަލްވި ވާހަކަ ވިދާޅުވީ އިނގޭތޯ. އަލުން މައްސަލައިގެ ޗިޓް ތިބޭފުޅާއަށް ހަމަ މިއަދު ފޮނުވާނަން. މަޢުލޫމާތަށްޓަކާ އަޅުގަނޑު މިވާހަކަ ވިދާޅުވީ. އޯކޭ؟ ކަޓް.”

އަހަރެންނަށް، ޖަވާބުގައި އެކައްޗެއް ވެސް ނުބުނެވެނީސް، އޭނާ ފޯނު ޖެހީއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ވަރެއްގެ އަންހެނެއްތާއެވެ! ބަހުގެ ހަމަތައް އޮޅުވާލައިގެން، އެހާ ރުންކުރުކޮށް ފަތިވަރެއް ދަމާލުން އެއްކިބާގައި ބާއްވާފައި، އަހަރެންނަށް އެއްޗެއް ބުނުމުގެ ފުރުސަތު ދިން ނަމަވެސް އެންމެ ރަނގަޅުތާއެވެ! ހާދަހާވާ ދަށް ފެންވަރުގެ ކުއްޖެކެވެ. ބަހުގެ ހަމައާއި ފޯނުގެ އަދަބުތައް ވެސް ނޭނގެނީބާވައެވެ؟ ކާކު ވަޒީފާ ދިން ކުއްޖެއް ބާވައެވެ؟ ކޮންތާކު ޖާހިލެއް ބާވައެވެ؟

އަހަރެން ގަޑި ބަލާލީމެވެ. އޭރު 7:45 ވެއްޖެއެވެ.

އަހަރެން އެނދުމަތީގައި އޮވެ ވަގުތުން، ނައުޝާދަށް ގުޅީމެވެ. އަދި އޭނާގެ ސަރިޔަތް ކެންސަލްވި ވާހަކަ ބުނީމެވެ. އެކަމުންވީ ފަސޭހައަށް ވުރެ ބޮޑަށް އަހަރެންނަށް ކުރެވުނީ ލަނޑެއް ލިބުމުގެ އިޙްސާސެވެ. އެއީ، ފަތިސް ވަންދެން ހޭލާ ހުރެގެން، އެމައްސަލައަށް އެވަރަށް ތައްޔާރުވެފައި، ސަރިޔަތް ކެންސަލުވުމުން، ކުރީރޭ ހަތަރުދަމު ކުރި މަސައްކަތް ބޭކާރުވީތީއެވެ. އެސަރިޔަތް ކެންސަލްނުވިނަމަ، އަލުން އެކަމާ އުޅޭކަށް، އަދި ތައްޔާރުވާކަށް ނުޖެހުނީސް ވިއްޔާއެވެ. އެއާއެކު، ވެފައިވާ ވަރުބަލިން އަހަރެން އަނެއްކާ ވެސް ނިދޭތޯ ބެލީމެވެ.

ދެން ވެސް ހޭލެވުނީ ފޯނުކޯލެއްގެ އަޑަށެވެ.

“އޭ ވަރަށް ސޮރީ އިނގޭ… އިނާޔާ އިނގޭ މީ. އަޅުގަނޑަށް އޮޅުނީއޭ… ވަރަށް ސޮރީ. ތިބޭފުޅާގެ މައްސަލަ އެބައޮތް 10 ޖަހާއިރަށް… އަވަހަށް އާދޭ. ޤާޟީ ވެސް އެބަ އާދޭ އިރުކޮޅަކުން.”

އަނެއްކާ ވެސް އިނާޔާގެ އަޑެވެ. އެހެންނަމަވެސް، މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް މައިތިރިކޮށެވެ. އޭނާގެ އަޑުގައި ހާސްކަމެއް ވެސް އެކުލެވިގެންވެއެވެ. އެފޯނުކޯލުން އަހަރެންގެ ގާތަށް އައީ ރުޅިއެވެ. ކޯޓުތަކުގެ މުވައްޒަފުންގެ ފެންވަރު ދަށްކަމުންނާއި، މިފަދަ ދެއުޅިއެއް ނުވާ ކަމެއް ކުރީތީއެވެ. އެހެންނަމަވެސް، އަހަރެންނަށް އެއްޗެއް ބުނުމުގެ ފުރުޞަތެއް މިފަހަރު ވެސް ނުދީ އޭނާ ފޯނު ބޭއްވީއެވެ. އަހަރެންނަށް ދަތްކުޑި ވިކިއްޖެއެވެ.

އަހަރެން ގަޑި ބަލާލިއިރު، 10 ޖަހަން ހުރީ ވިއްސަކަށް މިނެޓެވެ. އެހެންވެ، ވަގުތުން އެނދުން ފުންމާލީމެވެ. އަދި އަނެއްކާ ވެސް ނައުޝާދަށް ގުޅާ، ސަރިޔަތް އޮތް ވާހަކަ ބުނީމެވެ. އޭނާ ފުރަތަމަ ވެސް ކަނޑާލީ ޗޮކެކެވެ.

“އާނ. އެކަމަކު، ސަރިޔަތް ކެންސަލްވި ވާހަކަ ރާމިޒު، ބުނުއްވީމަ، އަޅުގަނޑު މިހިރީ ތައްޔާރު ވެސް ނުވެ. އަނެއްކާ 10 ޖަހަން މިހާރު ތިހިރީ 15 ވަރަކަށް މިނެޓް. އެކަމަކު ވެސް މިދަނީ އިނގޭތޯ.” ނައުޝާދުގެ އަޑުން، މިކަމާ ނުރުހުންވެފައިވާކަން ފާހަގަކުރެވުނެވެ.

އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. އެއީ ނައުޝާދަކީ އަހަރެންގެ ފުރަތަމަ މުވައްކިލަށްވެފައި، އަހަރެންގެ ވަކާލާތުކުރުމުގެ ޙަޔާތް މިފަދަ ލައިނުގަތުމަކާއެކު ފެށުމުން، އޭނާގެ އިތުބާރު އަހަރެންނާ މެދު ކުޑަވެދާނެތީއެވެ. އަނެއްކޮޅުން، އާވަކީލުންގެ ތަޖުރިބާ ނުހުންނާނެތީ، އެމީހުންނަށް މީހުން ކުރާ އިތުބާރު ވެސް ކުޑަވުން އެއީ ޠަބީޢީކަމެކެވެ. އެހެންވެ، ވަކީލެއްގެ އާކޮޅުގައި، އޭނާގެ މުވައްކިލުންނަށް މިފަދަ ގޯހެއް ފެންނަން އެއްވެސް އާވަކީލަކު ބޭނުމެއް ނުވާނެއެވެ.

ސަރިޔަތް ފެށުމުގެ 2 މިނެޓް ކުރިން، އަހަރެމެން، މަދަނީ ކޯޓުގެ ކައުންޓަރަށް ޗިޓް ޙަވާލުކުރީމެވެ. އެވަގުތު އެތެރެއިން ނުކުމެގެން އައި ކުއްޖަކު “އެތެރެއަށް ދުރުވޭ!” ބުނެފިއެވެ. ރުންކުރު އަޑަކުންނެވެ.

އެއީ، އިނާޔާކަން އަހަރެންނަށް ޔަޤީންވިއެވެ. އަދި ވަގުތުން އަހަރެންގެ މޫނު ކުނި ކޮށްލެވުނެވެ. ހިތުން ރުޅި އާދެވުނެވެ. ވީ ފޫއްސެއް ބުނަން ވެސް ނޭނގެއެވެ. އޭނާގެ ފޯނުކޯލު ނައިނަމަ، މިހެން ލައިނުގަނެގެން އުޅޭކަށް ނުޖެހުނީހެވެ. އަދި ނައުޝާދުގެ ކުރިމަތީގައި އަހަރެން މިހެން ލަދުގަންނާކަށް ވެސް ނުޖެހުނީހެވެ. ހުރިހާ ވެސް ނުބަޔަކީ، އިނާޔާއެވެ. އޭނާގެ ސުންޕާކަމެވެ.

އަހަރެންމެން އޭނާގެ ފަހަތުން ހިނގަމުން ދިޔައިރު، އޭނާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް އަހަރެން ބަލާލީމެވެ. އިސްކޮޅުން ކުރެވެ. އެއީ ވެސް ގޯހެކެވެ. އިސްތަށިގަނޑު ވެސް ފޫކޮޅާ ހަމައަށް ދިގެވެ. އެއީ އަދި އަމުދުން އަހަރެން ވަރަށް ނުރުހޭ ސްޓައިލެކެވެ. އޭނާ ލައިގެން ހުރީ ޕާކިސްތާނު ހެދުމެކެވެ. ކޮނޑުގައި ދޯޕައްޓާއެއް އަޅާފައިވެއެވެ. އެއީ، އަހަރެން ދުވަހަކު ވެސް ޤަބޫލުކުރާނެ ހެދުމެއް ނޫނެވެ. ދިވެހިން މާ “އިންޑިޔާވަންތަ” ބަޔަކަށް ހަދާ ހެދުމަކަށްވާތީއެވެ.

އަހަރެންނަށް ރުހެވޭނެ އެއްވެސް ކަމެއް، ސިފައެއް ވެސް އޭނާގެ ކިބައިންނެއް ނުފެނުނެވެ. އަދި އަހަރެންގެ ހިތަށް އެރިއެވެ. މީ ކޮންތާކުން އައިސްގެން އުޅޭ އަންހެނެއް ބާވައެވެ؟

ސަރިޔަތް ކުރާ ކޮޓަރިއަށް އަހަރެމެން ވެއްދުމަށްޓަކާ އޭނާ ދޮރުހުޅުވާދިނެވެ. އަދި އަހަރެން އެކޮޓަރިއަށް ވަނުމަށް ފިޔަވަޅު އެޅިތަނާ، އޭނާގެ އިނގިލިން ނޭފަތްކޮށްޓާލިއެވެ. އަހަރެންގެ ފަކުރުން ހަލާކުވިއެވެ. އަދި ހިތަށް އެރިއެވެ. މީހާދަހާ ގޮތެއް ވެސް ނެތް އަންހެނެކެވެ. އަދަބެއް ސަދަބެއް ނެތް މަރުމޯލެކެވެ.

އަހަރެމެން ސަރިޔަތް ކުރާ ކޮޓަރިއަށް ވަދެ ގޮނޑީގައި އިށީނީމެވެ. އެއާއެކު، އޭނާ އެދޮރު ލައްޕާފައި އައިތާކަށް ޣާއިބުވެއްޖެއެވެ.

އަހަރެމެން މަޑުކޮށްގެން ތިބީމެވެ. ގަޑިން 10:05 ހިނގައިފިއެވެ. އަހަރެން އިނީ ކުޑަކޮށް ހިތް އަވަސްވެފައެވެ. އަލަށް ވަކާލާތުކުރެވޭ ދުވަސް ކަމަށްވާތީ ކުޑަކޮށް ހިތް ބިރު ވެސް ގަނެފައެވެ. އެހެންނަމަވެސް، އަހަރެން، ނައުޝާދަށް އެކަން ފާހަގަވިޔަކަ ނުދެމެވެ.

އަހަރެމެން މަޑުކޮށްގެން ތިބީމެވެ. ޤާޟީގެ އިންތިޒާރުގައެވެ.

ގަޑިން 10:30 ވެއްޖެއެވެ. އަހަރެންގެ ހާސްކަން އިތުރުވަމުންދެއެވެ. ނިތްކުރިން ކުޑަކޮށް އޮށްދާ ވެސް ހިއްލަން ފަށައިފިއެވެ. އެއްވެސް މީހަކު އެކޮޓަރިއަކަށް ނާދެއެވެ. ނައުޝާދު ވެސް އެއްޗެއް ނުބުނެ އިނެވެ. އެންމެ ފަހުން ގަޑިން 11:15 ހިނގައިފިއެވެ. އެހިސާބުން ނައުޝާދުގެ ކެތްތެރިކަން ކޮޅުންލިއެވެ.

“ރާމިޒު ތިޔަހެން އިންނަވަނީތޯ؟ މިއީ 10 ޖަހާއިރު އޮތް ސަރިޔަތެއް. މިހާރު ބައްލަވާ ގަޑި. ކޮންމެ ވެސް ކަމެއް ކުރައްވަންވީ ނޫންތޯ؟ އަޅުގަނޑުމެން ވަކީލަކަށް ފީއެއްދީގެން މިއުޅެނީ، މިކަމުގެ ބޮލުގެ ރިހުން އަޅުގަނޑުމެން ނުނަގަންވެގެން. އެކަމަކު ރާމިޒު ވެސް ހަމަ ތިޔަ އިންނަވަނީ. ކައުންޓަރަށް ވަޑައިގެން މިވާގޮތެއް އައްސަވަންވީ ނޫންތޯ؟” ނައުޝާދު އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

އަހަރެން އެއްޗެކޭ ނުބުނެ ގޮނޑިން ތެދުވީމެވެ. އަދި އެކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުންނަން ފިޔަވަޅު އެޅިތަނާ ގައިގައި އައިސް ލައިގަތީ އިނާޔާއެވެ. އޭނާ ޖެހިގަތް ގޮތުން އަހަރެންގެ އައިނު ބިންމައްޗަށް ވެއްޓި ތެޅިއްޖެއެވެ.

އަހަރެންގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން އިނާޔާ ދިމާއަށް ބަވައިގަތީމެވެ.

“ތީ ހާދަހާ ގޮތެއް ނެތް މީހެކޭ! އަހަރެމެންނަށް ހެނދުނު ގުޅާފައި ސަރިޔަތް ކެންސަލްވީ ވާހަކަ ބުނެފައި، އަނެއްކާ ނީސްތާއްޓަށް އަހަރެމެން އަރުވާފަ މިތަނަށް ގެނެސް، ކޮޓަރިއަށް ވައްދާފައި، ކިހިނެތް ހަދާނަމޭ ހިތާތަ ކަލޭ ތިއުޅެނީ؟ މިހާރު ތި ތަޅާލީ މަގޭ އައިނު. ފުކެއް ބޮޑުވަރެއްނު. މީތަ މިތަނުގައި އުޅޭ މީހުންގެ ފެންވަރަކީ. ކަންކަން ކުރަން ނޭނގެންޏާ ތިބެބަލަ ގޭގަ. ކަލޭމެން އޮފީސްތަކަށް ވަދެގެން ތިއުޅެނީ ކޯއްޗެއް ހޯދަންތަ؟ ކަންކަން ކުރަން ނޭނގެންޏާ ދޭބަލަ އައި ރަށަށް އަނބުރާ!” އަހަރެން ހުރީ ހަމައިން ނެއްޓިފައެވެ. އަދި އަހަރެންގެ އަޑު ބާރުކަމުން، އެވަގުތު ކޯޓު ތެރޭގައި ތިބި ހުރިހާ އެންމެން އަހަރެންނާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ.

“ވަރަށް ބޮޑަށް މާފުކުރައްވާ… އަޅުގަނޑަށް އޮޅުނީ… ފަހަރެއްގައި ވެސް މިހެން ވާނެ ކަމެއް ނޭނގޭ… މިއީ އަޅުގަނޑުގެ ވެސް ފުރަތަމަ ދުވަސް މިއޮފީހުގައި… އަޅުގަނޑު ތިބޭފުޅާއަށް އައިނެއް ހައްދައި ދީފާނަން… މާފުކުރައްވާ…” އިނާޔާ ރޯން ފެށިއެވެ.

އެއާއެކު، ނައުޝާދު ސަރިޔަތް ކުރާ ކޮޓަރިން ނުކުމެގެން ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ. އަހަރެން ވެސް އިނާޔާ ރޯން ބަހައްޓާފައި ހިނގައިގަތީމެވެ. އައިނު ނެތުމުން، މީހެއްގެ މޫނު ވެސް، ތަނެއް ވެސް އެހާ ސާފެއް ނުވެއެވެ.

“ބައްލަވާ ރާމިޒު. އެހެރަ ގަމާރު އަހަރެމެން ގެންގޮސް އެވެއްދީ ނުބައި ކޮޓަރިއަކަށް. ޤާޟީ ސަރިޔަތަށް ވަޑައިގެން، އަހަރެމެން ޙާޒިރުނުވާ ކަމަށް ނިންމަވާ ވަޑައިގެންފިއޯ. އަހަރެމެންނަށް ކިހާ ބޮޑު ގެއްލުމެއް މިލިބުނީ؟ ކިހާ ވަގުތެއް މިދިޔައީ؟ މިހިރަ އަންހެނާއަކީ ބޮޑު މުރައްކަބު ޖާހިލެއްނު ރާމިޒު؟” ނައުޝާދުގެ އަޑުގައި ވެސް ވަނީ ރުޅިވެރިކަމެވެ.

އިނާޔާ ހުއްޓާނުލާ ރޮމުން ގެންދިއައެވެ. ކޯޓުގެ އެހެން ކުއްޖަކު އޭނާ ކައިރިއަށް ގޮސް، އޭނާ އެތެރެއަށް ވެއްދިއެވެ. މުޅި ކޯޓުގައި ތިބި ހުރިހާ އެންމެންގެ ސަމާލުކަން އަހަރެމެންނާ ދިމާއަށް ހުއްޓިފައިވެއެވެ. އަހަރެންގެ ހިތުގައިވަނީ އަދި ވެސް އިނާޔާއާ ދިމާއަށް ބަވާލުމެވެ.

ނައުޝާދާއި އަހަރެން ކައުންޓަރުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުމަށްފަހު، ކޯޓުން ނުކުތީމެވެ. އަހަރެންގެ އައިނު ނެތުމުން، ވަރަށް އުނދަގޫވިއެވެ.

އަހަރެން ގެއަށް ދިޔަ ގޮތަށް ގޮސް އެރީ އެނދަށެވެ. އަންހެން ކުއްޖަކާ ދިމާއަށް އެގޮތަށް ބަވާލުމަކީ މޮޅުކަމެއް ބާވައޭ އަހަރެން ވިސްނާލީމެވެ. އެހެންނަމަވެސް، އަހަރެންނަށް ވިސްނުނީ، މިހުރިހާ ކަމަކީ ވެސް އޭނާގެ ކުށް ކަމުގައެވެ. އޭނާއާ ދިމާއަށް ރުޅިއައިސްގެން ހަޅޭއްލަވައިގަތުން ހަމަ ޙައްޤު ކަމުގައެވެ.

އެހެން ނަމަވެސް، އަހަރެންގެ ހިތަށް ދެން އެރީ، އަހަރެންގެ ހަމަ އެއްވެސް ކުށެއް މިކަމުގައި ނެތީބާވައެވެ؟ އަހަރެން ރޭ ހަތަރު ދަމު ނުނިދާ ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ނައުޝާދު މިމައްސަލަ އަހަރެންނާ ހަވާލުކުރިތާ މިހާރު 2 ހަފްތާވީއެވެ. އަހަރެން އެންމެ ފަހު ވަގުތާ ހަމައަށް ތައްޔާރުނުވެ ހުރީ ކީއްވެގެން ހެއްޔެވެ؟ ކޯޓަށް ދާން ޖެހޭކަން އެނގޭ އިރު ވެސް ހެނދުނު ނުހޭލާ ހުރީ ކީއްވެގެން ހެއްޔެވެ؟ އަދި ކޯޓަށް ދާން އޮތަސް ނެތަސް، ވަކީލުންނަކީ އަދި އެނޫން ވެސް މީހުންނަކީ ހެނދުނު ނިދާފައި ތިބެން ޖެހޭ ބައެއް ހެއްޔެވެ؟ އަހަރެންގެ ރުޅި މައިތިރި ނުވި ސަބަބަކީ އެއީ ނޫންބާވައެވެ؟ އަދި ކުއްޖެއްގެ އިސްކޮޅުން، ލާފައި ހުންނަ ހެދުމަކުން، އޭނާ ދެކެ ރުޅިއަންނަން އަހަރެންނަކީ ކާކު ހެއްޔެވެ؟

ކޮންމެއަކަސް، މުޅި އެ ދުވަސް ހޭދަވެގެން ދިޔައީ، އެކަހަލަ ގޮތަކަށެވެ. އަހަރެންގެ މޫޑުވަނީ މުޅިން ޚަރާބުވެފައެވެ. ކާހިތެއް ވެސް ނުވިއެވެ. އަހަރެންގެ ވަކާލާތުކުރުމުގެ ޙަޔާތް ފެށުނުލެއް ގޯސްކަމުންނެވެ.

އެހެން އޮވެ ނިދުނުކަމެއް ވެސް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންނަށް ނިދިން ހޭލެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ.

“ހެލޯވ ރާމިޒު… މިއީ އިނާޔާ. އަޅުގަނޑު މިގުޅުއްވީ ރާމިޒުގެ އައިނު ހައްދައިދޭން. އަޅުގަނޑާ ބައްދަލުކުރައްވާ މާލޭ އޮޕްޓިކަލްސް ކުރިމަތިން މިރޭ 8 ޖަހާއިރު. އަޅުގަނޑު ހުންނަވާނަން އެތަނުގައި…”

އަނެއްކާ ވެސް ބަހުގެ ހަމަތައް އޮޅުވާލައިގެން އިނާޔާ ވާހަކަ ދެއްކިއެވެ. އެކަމަކު، މިފަހަރު އޭނާގެ ރާގާއި، އަޑު ވެސް ތަފާތެވެ. އަދި ފޯނު ވެސް ނުބޭއްވިއެވެ.

“އެންމެ ރަނގަޅު. އަޅުގަނޑު ދާނަން.” އަހަރެން ބުނީމެވެ.

އެރޭ އަހަރެން އިނާޔާއާ ބައްދަލުކުރީމެވެ. އެހެންނަމަވެސް، އޭނާގެ އަތުން އައިނު ހެއްދުމުގެ ޚަރަދެއް ނުހޯދަމެވެ. އޭގެ ބަދަލުގައި، އޭނާ ގޮވައިގެން ދިޔައީ ކޮފީއަކަށެވެ. އަދި، އެދުވަހު ވީ ހުރިހާ ކަމަކާ އަހަރެން މާފަށް އެދުނީމެވެ.

އިނާޔާ ވެސް އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އަދި އޭނާގެ ވަނަވަރު ވެސް އަހަރެންނަށް ކިޔައިދިނެވެ.

އެރޭގެ ކޮފީ ނިމިގެން ދިޔައީ އަހަރެމެން ދެމީހުން ދެ އެކުވެރިންނަށް ވެގެންނެވެ.

އޭގެ ފަހުން އައި ދުވަސްތަކުގައި އަހަރެންނާ އިނާޔާއާ ކޯޓުން ވަރަށް ގިނައިން ދިމާވެއެވެ. އަދި އަހަރެމެންގެ އެކުވެރިކަން ވެސް އާލާވަމުން ދިޔައެވެ. އަދި އަހަރެންނަށް އޭނާ ދަސްވަމުން ވެސް ދިޔައެވެ. އޭނާ ގޮވައިގެން ތަންތަނަށް ދިޔުން ވެސް ޢާންމުވިއެވެ. އޭނާގެ ކިބައިން އަހަރެންނަށް ފެނުނު ނުރުހެވޭ ކަންތައްތައް މަޑުމަޑުން ބަދަލުވަމުން ދެއެވެ. އަދި އަހަރެން ބުނާ ގޮތަށް އޭނާ ހަދާ ވެސް މެއެވެ.

އެދުވަސްތަކުގައި އަހަރެންނަށް ދަސްވީ، އޭނާއަކީ، އަހަރެން ހީކުރިހާ ގޯސް ކުއްޖެއް ނޫންކަމެވެ. އޭނާގެ މައިންބަފައިން ވަކިވެފައިވުމުގެ ސަބަބުން، ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިނެތީއެވެ. އެހެންނަމަވެސް، އަހަރެންގެ ކިބައިން އޭނާ ވަރަށް އަވަހަށް ކަންތައްތައް ދަސްކުރަމުން ގެންދިޔައެވެ.

އަހަރެމެންގެ އެކުވެރިކަން ބަދަހިވެ ތަރައްޤީވަމުން ދިޔައެވެ. އަދި އަހަރެންނާ އޭނާއާ އެންމެ ފުރަތަމަ ދިމާވިތާ ތިން އަހަރުވާން ގާތްވެފައިވަނިކޮށް އައި ކުޑަ ޢީދު ދުވަހެއްގައި އަހަރެމެން ދެމީހުން ކައިވެނިކުރީމެވެ. ކުޑަކުޑަ ޙަފްލާއެއްގައެވެ. އެތަނުގައި ނައުޝާދު ވެސް ހުއްޓެވެ.

“ކޮބާ ތީ ކޯޓު ތެރެއިން އުފެދުނު ލޯބިދެއްތޯ؟ މީހުން ބުނޭ ނުރުހުމަކީ ލޯބީގެ ފެށުމޭ.” ނައުޝާދު ސަމާސާކޮށްލިއެވެ.

“އާދެ، އެކަމަކު މިއީ ހަމަ ގައިމު ވެސް ފުރަތަމަ ނަޒަރުން އުފެދުނު ލޯތްބެއް ނޫން ދެއްތޯ؟ އެކަން ނައުޝާދަށް ވެސް އެނގިވަޑައިގަންނަވާނެ” އަހަރެން ވެސް ރައްދުގައި ސަމާސާކޮށްލީމެވެ.

އެއާއެކު، އިނާޔާ އަހަރެންގެ އުނަގަނޑުގައި މަޑުމަޑުން ޖެހިއެވެ.

**********

,

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:24/02/2010

    ހާޝިމްގެ ލިޔުމެއް ފެނުނީމަ ވަރަށް އުފާވެފަ މީނީ، ހުއްޓައި ނުލައި ކުރިއަށް ގެންދަވާނެކަމަށް އުންމީދެއް ނޫން ޔަގީންކުރަން

  2. އިޝްގީ‮ ‬ވިދާޅުވީ


    ތާރީޚް:25/02/2010

    ޕެހެލީ ނަޒަރުމޭ ކޭސަ ޖާދޫ ކަރ ދިޔާ، ….
    ފުރަތަމަ ނަޒަރުން، ތިޔަސޫރަ މި ހިތުގައި ބިންވަޅު ނެގުނޭ….