ސުވާލު:
ﷲ ތަޢާލާ ލުޤުމާން ސޫރަތުގެ 34 ވަނަ އާޔަތުގައި ބަޑުގައިވާ ދަރިފުޅުގެ ކަންތައްތަކުގެ ޢިލްމަކީ ޢައިބުގައިވާ ޢިލްމުތަކުން ޢިލްމެއްކަމަށް ވަނީ ވަޙީކުރައްވާފައެވެ. އަދި ޢައިބުގައިވާ ކަންތައް ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެގިގެނެއްނުވެއެވެ. ނަމަވެސް މިއަދުގެ ކްރިސްޓިއަނުން ބުނާގޮތުގައި ޑޮކްޓަރުން އެކިއެކި ސްކޭންތަކުގެ އަލީގައި ބަޑުގައިވާ ދަރިފުޅުގެ ޖިންސު (އަންހެން/ފިރިހެން) ދެނެގަނެއެވެ. އަދި އެކަން އެމަގުން ހިގާވެސްމެއެވެ. ވީމާ އިންސާނުންނަށް ހޯދާގަނެވޭ ކަމެއް ޢައިބުގައިވާ ޢިލްމަކަށް ވަނީކިހިނަކުންތޯ؟ މިއީ ގުރުޢާނުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމެއްނޫންތޯއެވެ؟
ޖަވާބު:
الحمد لله والصلاة والسلام على رسول لله وعلي اله ومن والاه وبعد:
ދަންނާށެވެ! ޢައިރު މުސްލިމުން ޤުރުޢާނުގެ ޞައްޙަ ކަމާމެދު އެކިއެކި ޝައްކު އުފެއްދި ކަމުގައިވިޔަސް، މިއަދާ ޖެހެންދެންވެސް އަދި ކުރިއަށްއޮތް ތަނުގައިވެސް ޤުރުޢާނުގައި ވާރިދުވެފައިވާ ބަސްފުޅަކާއި އެމީހުން ކުރިމަތި ކުރާ ޝައްކުތަކާއި ޝުބުހާތު ތަކުގައި އެއްވެސް ތަޢާރުޟުވުމެއް ފުށުއެރުމެއް ނުވެއެވެ.
ނަމަވެސް ބައެއް ފަހަރަށް ޚުދު އަޅުގަނޑުމެން މުސްލިމުންނަށް އެފަދަ ތަޢާރުޟުވުންތައް ހުންނަކަމަށް ހީވެއެވެ. އަދި ހިތުގައި ޝައްކުއެފެދޭވެސް މެއެވެ. ޤުރުޢާނުގައި ވާރިދުވެފައިވާ ބަސްފުޅުގެ ޞައްޙަ ޞަރީޙަ މާނަ ނޭގުމުގެ ސަބަބުންނެވެ. ނުވަތަ ނިޔަތް ނުބައި ވުމުގެ ސަބަބުންނެވެ.
ލުޤްމާން ސޫރަތުގެ 34 ވަނަ އާޔަތް
{ إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ }
މާނައީ:
ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢިލްމު ވަނީ ﷲ ތަޢާލާގެ ޢިލްމުގެތެރެއިންނެވެ. އަދި ވާރޭ ވެއްސެވުންވެސް ވަނީ އެފަދައިންނެވެ. އަދި ބަޑުގައިވާ ދަރިފުޅުގެ ޢިލްމާއި، ނަފްސަކު މުސްތަޤުބަލުގައި ހޯދާނެ ރިޒްޤުގެ ޢިލްމާއި، ނަފްސެއްގެ މަރު ގަންނަވާނީ ކޮން ބިމެއްގައި ކަމުގެ އިލްމު މޮޅަށް ދެނެ ވޮޑިގެން ވަނީ ﷲ ތަޢާލާއެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ޢަލީމުވަންތަ (ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާ) ޚަބީރުވަންތަ އިލާހެވެ.
1- އިމާމް އިބްނި ކަޘީރް ( رحمه الله ) މިއާޔަތުގެ ތަފްސީރުގައި ވިދާޅުވަނީ: ”…….އަދި ހަމަ އެފަދައިން މައި މީހާގެ ބަޑުގައިވާ ދިރިފުޅު ޚަލްޤު ކުރައްވާނެގޮތެއް ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކައް އެގިގެނެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ ފިރިހެން ކުޖަކަށް ނުވަތަ އަންހެން ކުއްޖަކަށް ނުވަތަ ދަތި އުދަގޫ ދިރިއުޅުމެއްގެ ވެރިޔަކަށް ނުވަތަ ފާގަތި ތަނަވަސް ކުއްޖަކަށް ވުމަށް އަމުރުކުރައްވާފިނަމަ އެމަރުކުރައްވައި އެކަން މަތިކުރެއްވި މަލާއިކަތާއަށް އެކަން އެގޭނެތެވެ. އަދި ﷲ ތަޢާލާ އިރާދަކުރެއްވި އަޅަކަށް އެކަން އެގޭނެތެވެ. …..” (ތަފްސީރް އިބްނި ކަޘީރް )
2- ޝޭޚް މުޙައްމަދު އިބްނި ޢުޘައިމީން ( رحمه الله ) ވިދާޅުވަނީ: ބަޑުގައިވާ ދަރިފުޅާއި ގުޅޭ ޣައިބީ ކަންތައްތަކަކީ: މަންމަގެ ބަޑުގައި ދަރިފުޅު އޮންނާނެ މުއްދަތާއި އޭނަ ދިރިހުރުމާއި ކުރާނޭ މަސައްކަތާއި އޭނާއަށް ލިބޭނެ ރިޒްޤާއި ތަޙައްމަލު ކުރަންޖެހޭ ދަތި އުދަގުލާއި އުޅޭނޭ ތަނަވަސްކަމާއި ފާގަތިކަމެވެ. އަދި ޚަލްޤުކުރެއްވުމުގެ ކުރިން ފިރިހެނަކަށްވުމާއި އަންހެނަކަށްވުމެވެ. ނަމަވެސް ޚަލްޤު ކުރައްވައި ފިރިހެނެއްކަމުގައި ނުވަތަ އަންހެނެއްކަމުގައި ލެއްވުމަށްފަހު އެކަމުގެ ޢިލްމު އެއީ ޣައިބުގެ ޢިލްމުތަކުން ޢިލްމެއް ނޫނެވެ…………… އަދި އާޔަތުގައިވެސް އަންހެނެއްކަމުގައި ނުވަތަ ފިރިހެނެއްކަމުގައިވުން ޞަރީޙަ ޢިބާރާތުން ވާރިދުވެގެނެއްނުވެއެވެ. ހަމަ އެފަދައިން ސުންނަތުގައި (ޙަދީޘެއްގައި) ވެސް އެފަދައިން ވާރިދުވެގެނެއްނުވެއެވެ.
( مجموعة فتاوي ورسائل – للشيخ ابن عثيمين – 1 / 68-70 )
3- ކިތާބް އިޢްޖާޒުލް ޢިލްމީ ފިލް ޤުރްޢާނިލް ކަރީމްގައި : ”މޫރިތި އާޔަތް ބިނާވެގެން ވަނީ ހަމައެކަނި ދަރިފުޅުގެ ޖިންސުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު އާޔަތުގައި އެވާ (( ما )) އަކީ އުޞޫލީންގެ އަރިހުގައި އާންމު ލަފްޒެކެވެ. އެހެންވީމާ މި އާންމު ލަފްޒު (( ما )) ގައި ދަރިފުޅު ފިރިހެން ކުއްޖަކަށް ވުމާއި އަންހެން ކުއްޖަވުން، އިސްކޮޅު ދިގު ކުއްޖަކަށް ވުމާއި ކުރު ކުއްޖަކަށް ވުން، ވިސްނުން ތޫނު ކުއްޖަކަށްވުމާއި ވިސްނުން ކޮށީ ކުއްޖަކަށްވުން، ކެއްތެރިއަކަށް ވުމާއި ނުވުން، ދީލަތި ވުމާއި މުއްބާރުވުން، ދިރިއުޅުމުގައި ތަޙައްމަލު ކުރާނެ ދަތި އުދަގުލާއި – ތަނަވަސްކަމާއި ފާގަތިކަން އަދިވެސް މިނޫން ކަންތައްތަކެވެ……………”

ހަން ޓޯޓޯ ވިދާޅުވީ
ތާރީޚް:26/02/2010
ވަރަށް ފުރިހަމަ – ޞުކުރިއްޔާ
ސާމާނުބެ ވިދާޅުވީ
ތާރީޚް:26/02/2010
ވަރަށްފުތިހަމަ ދިރާސާއެކެވެ. ނަމަވެސް ހިތާމަޔަކީ މަފަދަ އަގުހުރި ލިޔުންތަށް މިސްބާޙްމެން ފަދަބޭފުޅުން ލިޔުއްވީމައިވެސް ކިޔާނެ މީހަކު ނުވާކަމެވެ. ެކަންއެންގެނީ މިލިޔުމަށް ކޮމެންޓް ކުރައްވާފައި އެއްވެސް ބޭފުޅކުނެތުމުންނެވެ. އަޅުގަނޑުމެންގެ ވިސްނުން ރަށުގޮނޑުދޮށުން އަތޮޅުތުނޑިން އަދި މުޅިރާއްޖޭގެ އަސްދަނޑިން ބޭރަށްނެރެ މިބާވަތުގެ ޢިލްމީ ދިރާސާތަކުން ޢިބްރަތް ލިބިގަންނަމާތޯއެވެ.
ތުއްތުނާ ވިދާޅުވީ
ތާރީޚް:27/02/2010
ޢައިބެއް ނޫން ދޯ ޣައިބު އެ ޓައިޕިން ކުށެއް ކަމަށް ހީވަނީ