Share

މޮޅުވާނެ ގޮތް (4)

މޮޅުވާނެ ގޮތް (4)
ތަރުޖަމާ: ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ބުއްދިވެރިޔާ ބުންޏެވެ. އެހެންވެސް ގިނަ މީހުންނަށް ކުރެވޭ ކުށް ކޮޔަށް ވެސް ކުރެވުނީއެވެ. މޮޅުވުމުގެ މަގުގައި ތިބާ ހިނގާފައި ދިޔައީ މޮޅުވުމުގެ މަގަށް ވާސިލުކޮށްދޭނެ އަސްލުތައް ނޭނގިހުރެއެވެ. ކޮއި އަހަރެންގެ ގާތުން އެދުނީ މޮޅުވުމުގެ މަގުދައްކައިދިނުމަށެވެ. އަހަރެން ކޮޔަށް މޮޅުވުމުގެ މަގު ދައްކައިދިނީމެވެ. ތިބާ ބޭނުންވީ މޮޅުމީހަކަށް ވާށެވެ. ކޮއި ބޭނުންވަނީ ކޮން ކަމެއްތޯ އަހަރެން ސުވާލުކުރީމެވެ. ތިމަންނަ ބޭނުންވަނީ އިލެކްޓުރޯނިކް ކުންފުންޏެއް މިލްކުކުރުމަށް ކަމުގައި ތިބާ ބުނީމުއެވެ. އަސްލުގައި އެއީ މޮޅުވުމުގެ މަގެއް ނޫނެވެ. އެއީ އެކަމެއް ނިމުމުން އެންމެ ފަހުގެ ލަނޑުދަނޑިއަށް ވާސިލުވެވޭނޭ މަގެވެ. ތިބާ ހަގީގަތުގައި ވެސް ފެށީމުއެވެ. އަދި ހުރިހާ ލަނޑުދަނޑިއެއް ކަޑައްތުކޮށް އަމާޒަށް ވާސިލުވީމުއެވެ. އެހެންވިއްޔާ ކުންފުނި ބަނގުރޫޓުވީހިނދު ތިބާއަށް ތިބާގެ އަމިއްލަ ނަފުސުގެ މައްޗަށް ޙުކުމްކުރެވުނު ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ނޫނެކެވެ. އެހެންވީއިރު ތިބާއަށް އެދަނޑިވަޅުގައި ނަފުސުގެ ހަމަޖެހުން ރަނގަޅަށް ލިބުނުހެއްޔެވެ؟ ނޫނެކެވެ.

ތިބާ އުނގެނުނު ބަސްތަކާ މެދު އަމިއްލަ ނަފުސު ދުށީ ކިހިނަކުންހެއްޔެވެ؟ ގޯސްކޮންނެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެހެންވީމާ ކޮއި އުނގެނި ދަސްކުރި އެއްޗެހި ތި ބޭނުންކުރީ އަމިއްލަ ނަފުސާއި އިނދިކޮޅަށެވެ. ސަބަބުތަކާ ހުރެ ފިތުނަވެރިވެއްޖެ މީހާ އެސަބަބުތަކާ ހުރެ ހަލާކުވަނީ އެހެންވެއެވެ. އެއަށްފަހު އޭނާ އޭނާގެ މާހައުލަށް ބަލަނީ ރުޅިވެރިކަމާއި އަޅާކިޔުމުގެ ލޮލުންނެވެ. މަލާމާތާއި ޝައްކުގެ ނަޒަރުންނެވެ. ﷲ ގެ ބަސްފުޅު ހަނދާން ނައްތާފައެވެ. “އެއްވެސް ބަޔަކު އެބައިމީހުން އަމިއްލައަށް އެބައިމީހުންގެ ހާލަތު ބަދަލުކޮށްފުމަށް ދާންދެން ހަމަކަށަވަރުން ﷲ އެބައިމީހުން ބަދަލުނުކުރައްވާނެއެވެ.” ސޫރަތުއްރަޢުދު 11. މި އާޔަތް ހަނދާން ނެތުމުން އަހަރެމެން އަމިއްލައަށް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލައެވެ. މީސްތަކުން ކުރެ ގިނަ މީހުން ކުރާ ކުށަކީ ކޮއި ވެސް ތިޔަ ކުރި ކުށެވެ. ސަބަބުތަކުގައި ހިފުމަށްފަހު ސަބަބުތަކުގެ ވެރި މާތްރަސްކަލާނގެ މަތީން ހަނދާން ނައްތާލައެވެ.

ދަރިފުޅާއެވެ! އަލުން ފެށުމަށް އަވަސްވެގަންނާށެވެ. މުޅިއަކުން އަލަކަށް ވެސް ނޫނެވެ. އެހެނީ ތިބާ ވަނީ ސަބަބުތަކުގައި ހިފާފައެވެ. އެ ސަބަބުތައް އަދިވެސް ފިލާނުގޮސް އެބަހުއްޓެވެ. އެކަމަކު ވަރަށް މުހިންމު ކަމެއްގެ މަތީން ކޮޔަށް ހަނދާންނެތުނީއެވެ.

ކާމިޔާބުވުމަށްޓަކައި ހަމަކޮންމެހެންވެސް ނާކާމިޔާބުވާންޖެހެއެވެ. ނާކާމިޔާބަކީ ކާމިޔާބުގެ ފެށުމެވެ. ވަރުބަލިކަމަކީ އަރާމުގެ ފެށުމެވެ. ދުވާލުގެ ފެށުމަކީ ރޭގަނޑުކަމުގައި ވީ ފަދައިންނެވެ. އެހެންވެ ތިބާއަށް އެއްވެސް އެއްޗެއްގެ ފުރިހަމަ ރަހަ އޭގެ އިދިކޮޅު ރަހަ ލިބުމަކާއި ނުލައި އިހުސާސެއް ނުކުރެވޭނެއެވެ.

ޒުވާނާ މިހާ ހިސާބުން ސުވާލުކުރިއެވެ. އެހެންވީމާ އަހަރެން ކުރަންވީކީއްހެއްޔެވެ؟ ފަށަންވީ ކިހިނެއްހެއްޔެވެ؟ ދާންވީ ކޮންތާކަށް ހެއްޔެވެ؟ އަހަންނަށް މިހާރު ސަބަބުތައް އެނގެއެވެ. އެ ސަބަބުތަކުގައި ހިފޭނެ ގޮތްވެސް އެނގެއެވެ. އަދި ރާވާ ތަންފީޒުކުރަންވެސް އެނގެއެވެ. އަމާޒުކަނޑައަޅާނެ ގޮތް ވެސް އެނގެއެވެ. އަދި ސާބިތުވާންވީ ގޮތާއި ނުވާންވީ ގޮތް ވެސް އެނގެއެވެ. އަދި އަމާޒަށް ވާސިލުވުމުގައި ދެމިހުންނަ ގޮތާއި އެނޫންވެސް ސަބަބުތައް އެނގެއެވެ. އެހެންވީމާ ދެން މިހާރު އަހަރެން ކުރަންވީ ކޮން ކަމެއްހެއްޔެވެ؟

ބުއްދިވެރިޔާ ހިނިތުންވެލިއެވެ. އެންމެ ފަހުން މިހާރު ތިޔަ ކުރީ އަސްލުކުރަންވީ ސުވާލެވެ. އެއީ މޮޅުމީހަކަށް ވުމުގެ މަގުގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މޮޅުވުމުގެ އަސާސްތަކުގައި ހިފުމެވެ. މޮޅުވުމުގެ ފުރަތަމަ އަސާސަކީ ﷲ އާއި ގުޅިފައިވުމެވެ.

އެ ގުޅުމަކީ އެތަކެއް ޖަވާހިރަކުން ގަތާލެވިފައިވާ އަބާރަނަކޮޅެކެވެ. އެންމެ ފުރަތަމަ ޖަވާހިރަކީ މާފުކުރުމުގެ މާތް ސިފައެވެ.

މާފުކުރުން:

އެންމެހާ މީސްތަކުންނަށް މާފުކުރުމެވެ. އެނޫނީ ތިބާގެ ހިތާއި މޭ ފުރިބާރުވެފައި ހުންނާނީ ރުޅިޔާއި ހަސަދައެވެ. ޝައްކާއި ވަހުމެވެ. އޭރުން ތިބާގެ ނަފުސު އުފުލަމުން އެދަނީ އެއްވެސް ބޭނުމެއް ނެތް ގެއްލުންދެނިވި ބުރައެކެވެ.

ޒުވާނާ ބުންޏެވެ. މާފުކުރާނީ ކިހިނެއްހެއްޔެވެ؟ އެއްވެސް ސަބަބަކާ ނުލައި ބައްޕަ އަހަރެންގެ ގައިގައި ތަޅާފައި އެބަހުއްޓެވެ. މަންމަ އަބަދާ އަބަދު އަހަރެންނާ ދިމާއަށް އެއްޗެހި ގޮވާ އަޑުލައި ހަދާފައިވެއެވެ. ބޭބެމެން ދައްތަމެންނާއި ކޮއްކޮމެން އަހަރެންނަށް އެތަކެއް އުނދަގޫތައް ކޮށްފައިވެއެވެ. އެމީހުންނަށް މާފުކުރާނީ ކިހިނެއްހެއްޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. ތިވާހަކަތައް ތިހެން ދައްކާއިރު ކުރެވެނީ ކޮންކަހަލަ އިހުސާސެއްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ނުރަނގަޅު އިހުސާސެކެވެ. ބުއްދިވެރިޔާ ސުވާލުކުރިއެވެ. މޮޅު މީހަކަށް ވެވޭނެ ގޮތަކީ ތިޔައީހެއްޔެވެ؟ ޒުވާނާ ހިމޭންވެލިއެވެ. އަދި ބުންޏެވެ. އެމީހުން އަހަރެންނަށް އެކުރި ހުރިހާ އަނިޔާއަކާ އެކުވެސް އެމީހުންނަށް މާފުކުރުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް ކަމެއްހެޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. ދަރިފުޅާއެވެ. މާފުކުރުމަކީ ބާރުގަދަ މީހުންގެ ސިފައެކެވެ. މާފުކުރަންޖެހޭނީ ﷲ އަށްޓަކައެވެ. މީސްތަކުންނަށްޓަކައެއް ނޫނެވެ. އެކަންވަނީ ތިބާއާއި ﷲ ތަޢާލާއާއި ދެމެދުގައެވެ.

ތިބާ ނަމާދުކޮށް، ﷲ ތަޢާލާއަށް ދުޢާ ދަންނަވަމުއެވެ. ޢަފޫކޮށްދެއްވުމަށް އެދިއެވެ. ތިބާއަށް ކުށްކުރެވެއެވެ. ފާފަ ކުރެވެއެވެ. އަހަރެމެން އެންމެންނަށް ވެސް ނުހަނު ގިނައިން ކުށް ކުރެވި ފާފަތަކަށް އަރައިގަނެވެއެވެ. އެކަމަކު ވެސް ފުއްސަވައިތޯ ޢަފޫކޮށްދެއްވައިތޯ ﷲ ތަޢާލާއަށް ދަންވަމެވެ. އަނަސް ބިން މާލިކް ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. ﷲ ތަޢާލާ އެންގެވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ. ހަމަކަށަވަރުން އިބަ އަޅާ ތިމަންރަސްކަލާނގެ ޙަޟްރަތަށް އުންމީދުކޮށް ދަންނަވައިފި ނަމަ އިބަގެ ފާފަތައް އެއްވެސް ފަސްޖެހިވޮޑިގަތުމަކާ ނުލައި ތިމަންރަސްކަލާނގެ ފުއްސަވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. އިބަގެ ފާފަތައް އުޑުގެ ވިލާތަކާ ހަމައަށް ފޯރުމުން ދެން ފުއްސެވުމަށް އެދި ތިމަންރަސްކަލާނގެއަށް ދެންނެވިއަސް އެއްވެސް ފަސްޖެހިވޮޑިގަތުމެއް ނެތި އިބައަށް ފުއްސަވައިދެއްވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ބިންގަނޑު ފުރޭހާ ފާފަޔާއި އެކުގައި ތިމަންރަސްކަލާނގެ ޙަޟްރަތަށް އިބަ އައިސް ތިމަންރަސްކަލާނގެއާ ބައްދަލުކުރީ ތިމަންރަސްކަލާނގެއަށް ޝަރީކުކުރުމެއް ނުވާ ހާލުކަމުގައި ވަނީ ނަމަ، ބިންފުރޭހާ ފުއްސެވުމާއިގެން ތިމަންރަސްކަލާނގެ ތިބާގެ ގާތުގައި ވޮޑިގަންނަވާހުށީމެވެ.”

އޭ ޒުވާނާއެވެ. މިހާރުދެން އަދިވެސް އެމީހުންނަށް މާފުކުރާކަށް ނުވޭހެއްޔެވެ؟ ޒުވާނާ އިސްއުފުލާ ބަލާލާފައި ބުންޏެވެ. އެމީހުންނަށް މާފުކުރުމަށް އަހަރެން ނިންމައިފީމެވެ. ބުއްދިވެރިޔާ ބުންޏެވެ. ދެ ލޯމަރާލާފައި ފުން ނޭވާއެއް ލާށެވެ. މަޑުމަޑުން ނޭވާ އެތެރެއަށް ދަމާލުމަށްފަހު، އެއަށްވުރެ ލަސްލަހުން ދޫކުރަމުން ގޮސް ނޭވާ އެއްކޮށްދޫކޮށްލާށެވެ. އޭރަށް ހަމަޖެހުމުގެ މަރުހަލާއަކަށް އާދެވޭނެއެވެ. މަޑުމަޑުން ނޭވާ އެތެރެއަށް ދަމާލާށެވެ. އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ހަމަޖެހުން ލިބޭނޭހެން ލަސްލަހުން ނޭވާ ބޭރުކޮށްލާށެވެ. މާޒީއަށް ފިކުރުގެންދާށެވެ. މަންމައާބައްޕައާ މެދު ވިސްނާލާށެވެ. އެމީހުންނަށް މާފުކުރާށެވެ.

ޒުވާނާއަށް ރޮވިއްޖެއެވެ. ބުއްދިވެރިޔާ ސުވާލުކުރިއެވެ. ރޮވުނީ ކޮންކަމަކާހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އެއީ އެމީހުންގެ ހައްޤުގައި އަނިޔާވެރިވީ އަހަރެންކަމުގެ އިހުސާސްކުރެވުނީމައެވެ. ހަގީގަތުގައި ވަރަށް ގިނަ މައްސަލަތައް ޖެހުމުގެ ސަބަބަކީ ހަމަ އަހަރެންނެވެ.

ދެން ބޭބެދައްތަމެންނާއި ކޮއްކޮމެންނަށް ވެސް މާފުކުރާށެވެ. އަހަރެން މިހާރު އެމީހުންނަށް މާފުކޮށްފީމެވެ.

އެމީހުންނަށް ތިޔަ މާފުކުރެވުނީ ކީއްވެކަން އެނގޭހެއްޔެވެ؟ އެއީ ތިބާއަށް މާފުވެރިވާން ފެށުމުން އެކަމުގެ މީރުކަން ލިބުނީއެވެ. ތިބާއަށް ރޮވޭގޮތްވީ ތިބާގެ ނަފުސުގައި އުފެދިފައިހުރި ނުރަނގަޅު ބާރު ނަފުސުން ނުކުމެ އޭގެ މަހައްލުގައި ރޫޙާނީ ބާރެއް ހަމަޖެހުނީމައެވެ. ހަގީގަތުގައި ކުރީގައިވެސް މާފުވެރިވެގެން އުޅުން ތިބާއަށް މާ ފަސޭހަވީހެވެ. ދެން އެންމެހާ މީސްތަކުންނަށް މާފުކުރާށެވެ. ނަފުސުގެ ބާރުގައި ހުރި ދަމިލަތައް ސާފުކޮށްލާށެވެ. އެފަހުގައި އިސް އުފުލާ ބަލާލަބަލާށެވެ.

ކުޑައިރުކޮޅެއް ފަހުން ބާއްޖަވެރި ހިނިތުންވުމަކުން ޒުވާނާގެ މޫނު އުޖާލާކޮށްފިއެވެ. އުފާވެރިކަމުގެ ކަރުނައިން ދެލޯ ފުރާލައިފިއެވެ. އަހަރެންކަށް މީގެ ކުރިން ދުވަހަކު ވެސް މާފުކުރުމުގެ މީރުކަން އިހުސާސެއް ނުކުރެވެއެވެ. އެހެނީ ކުރީގައި އަބަދުވެސް ހުރެވެނީ ކަމަކާ ރުޅިއާދެވިފައެވެ. އަބަދުވެސް ސަމާލުކަންދެވެނީ ރުޅިވެރިކަމާއި މެދުގައެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެއީ ޝައިޠާނާ ނަފުސުތަކަށް ވަދެ އުޅޭ ބާގަނޑެކެވެ. ތިބާ ރުޅިއައިސްފައިވާ ވަގުތުގައި ޝައިޠާނާ ތިބާގެ ނަފުސުގެ ތެރެއަށް ވަދެގަނެއެވެ. އަދި އެތެރޭގައި މައްސަލަގަނޑު ބޮޑުކޮށްލައެވެ. ބުނެއެވެ. އޭނަ އެހެރީ ކަލެޔަށް މިހެންވެސް ހަދާފައެވެ. އެހެންވެސް ހަދާފައެވެ. ހަގީގަތުގައި ޝައިޠާނާ ބޭނުންވަނީ ﷲ ތަޢާލާއާ މެދުގައި އޮންނަ ގުޅުމާއި ކޮއި ދުރަށް ޖައްސާށެވެ. އެކަލާނގެއަށް އީމާންވުމާއި އެކަލާނގެއަށްޓަކައި ލޯބިވުމާއި ފެޔަށް ޖައްސާށެވެ. ޝައިޠާނާ ކުރާ މަސައްކަތަކީ އެއީއެވެ. ތިބާ ރުޅިވެރިކަމާއެކު ހުންނަ ނަމަ، އެއީ މޮޅުވުމުގެ މަގުގައި ކުރިއަށްދާއިރު ތިބާގެ ނަފުސުގެ ތެރެއަށް ޝައިޠާނާ ވަދެގެންނާނޭ ބާގަނޑެކެވެ. އެހެންވީމާ ﷲ ތަޢާލާ އާ ގުޅިފައިވުމަށްޓަކައި ފުރިހަމައަށް މާފުކުރުމުގެ އަގުމާތްވި ޖައުހަރުން ހަމަކޮންމެހެން ގަހަނާއަޅަންޖެހެއެވެ. ކޮޔަށް މިހާރު ﷲ އާއި ގުޅިފައިވުމަށްޓަކައި ފުރަތަމަ ކަންތައް ފަށައިގަނެވުނީއެވެ. ޒުވާނާ ސުވާލުކުރިއެވެ. ދެވަނަ ކަމަކީ ކޮބައިހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ﷲ ގެ މަގުގައި ލޯބިވުމެވެ.

-ނުނިމޭ-

,

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ލަމޭ‮ ‬ވިދާޅުވީ


    ތާރީޚް:05/03/2010

    ނަބީލޫ! ގަދަ ކަލޭ