މިޔަރާއި މިޔަރުން އުފައްދާ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި އެތަކެތި އެކްސްޕޯޓް ކުރުން 2010 ޖުލައި 1 ވަނަ ދުވަހުން ފެށިގެން މަނާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި މިކަން މިގޮތަށް ނިންމެވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރިޔާސަތު ބެލެހެއްޓެވި އެމަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ހުސްވި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި 2010 މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މުޅިން މަނާކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަމާގުޅޭ ކަރުދާހެއް ތައްޔާރު ކުރައްވައި 14 ދުވަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހަށް އަލުން ހުށަހެޅުއްވުމަށްވަނީ ނިންމަވާފައެވެ.
މި ގޮތުން ތައްޔާރުކުރެއްވި ކަރުދާހާބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދައްކަވައި، 2010 މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރެއްވުމަށް ނިންމަވައި އެ ނިންމެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކަނޑައެޅުއްވީ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ފާހަގަކުރެއްވިފައިވާ ފަރާތްތަކަށް، އިޤްތިޞާދީ އެހެން މަސައްކަތެއް ކުރުމަށް ނުވަތަ އެހެން ބާވަތެއްގެ މަސްވެރިކަމަކަށް އަހުލުވެރިކުރުވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމާއެކު، 2010 ޖުލައި 1 ގެ ފަހުން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއާއި އެކްސްޕޯޓް ކުރުން މަނާކުރެއްވުމަށް ނިންމެވީކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ގުއްސު ބުނި ސާއިދަތު ވިދާޅުވީ
ތާރީޚް:10/03/2010
ވާ ގޮތަކީ ދިވެހިން މިޔަރުގެ މަސްވެރިކަން ވެސް ކުރަނީ މިޔަރު ދަރިކޮޅަށް މާ ބޮޑު ގެއްލުމެއް ނުވާ ގޮތަށް. އެކަމަކު މިއުޅޭ މަސްވެރިކަން ކުރާ ބޮޑެތި ތަންތަނުން، ދާ އަޅާފަ ހުރިހާ އެއްޗެއް ކަހާލަނީ. ދެން އަހަރެމެން އެއްކަލަ ދެތިން ބުޅި އައްސައިގެން ލޭނު އަޅާލަން މި ނިކުންނަ ދެތިން މަސްވެރިން އެމިހުން ކާންބޯން ކުރާ މަސްކަތް ހުއްޓާލާފަ ތިމާވެށި ވެފަ ތިބެންވީ. އެއްކަލަ ތިމާވެށި ފަތުގަ ސޮއެކޮށްގެ ތިބޭ ބޮޑެތި ގައުމުތަކުން ރާއްޖެ ކައިރީގަ ދާ ޖަހައިލައިގެން ތިބެ ރާއްޖެ ވަންނަން ތިބި އެތިކޮޅަށް ދާނދެން ކަހާލާފަ މިލިޔަނުން ޑޮލަރު ހަދާލާނެ. އެ މި ވާގޮތަކީ. އަހަރެމެން ތިބޭ ތިމާވެށި ވެގެން. ބަލަ ތިމާވެށިވެގެން އިހަށް މި ކަނޑަށާ މަގަށާ ކުޅިޔަށާ ތަންތަނަށް މި އުކާލާ ކުނި ބުނި އުކައިނުލާ ގޮތަށް ދަރިން ތަރުބިއްޔަތު ކުރެވޭތޯ ބެލއްޔާ މާ ތާހިރޭނުން. ތިމާވެއްޓޭ ތިމާވެއްޓޭ ކީމަވީ. ދަރި އިންޓޯލު ބުއި ޕެކެޓުގަނޑު އެއްލާލަފާނެ ދަރިކުރިމަތީގަ މޫދަށް.