Qauntum

Share

މޮޅުވާނެ ގޮތް (5)

މޮޅުވާނެ ގޮތް (5)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ﷲ ގެ މަގުގައި ލޯބިވުން

ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުން ކަލޭގެ މައްޗަށްވެއެވެ. ޒުވާނާ ބުންޏެވެ. އެހެންވީމާ އަހަރެން ކުރަންވީ ކީއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ﷲ ގެ މަގުގައި މީސްތަކުން ދެކެ ލޯބިވާންވީއެވެ. މީހެއްގެ ގާތުގައި “އަހަރެން ﷲ ގެ މަގުގައި ކަލޭ ދެކެ ލޯބިވަމޭ” ކޮއި ބުނާއިރު އެބުނެވެނީ ކިހާ ރީތި ޢިބާރާތެއްހެއްޔެވެ؟ ﷲ ތަޢާލާވަނީ އެކަލާނގެ މަގުގައި ލޯބިވެ އުޅޭމީހުންނަށް އެކަލާނގެ ލޯބިވެވޮޑިގަތުން ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.

މުޢާޛު ބިން ޖަބަލް ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. ﷲ ތަޢާލާ އެންގެވިއެވެ. ތިމަންރަސްކަލާނގެ އަށްޓަކައި ލޯބިވެއުޅޭ މީހުންނަށާއި ތިމަންރަސްކަލާނގެއަށްޓަކައި ޖަލްސާކުރާ މީހުންނަށާއި ތިމަން ރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކޮށްއުޅޭ މީހުންނަށާއި ތިމަންރަސްކަލާނގެއަށްޓަކައި ހަދިޔާބަދަލުކޮށްއުޅޭ މީހުންނަށް ތިމަންރަސްކަލާނގެ ލޯބިވެވޮޑިގެންނެވުން ވާޖިބުވެއްޖެއެވެ.

މީހަކު އެހެން މީހަކާ ދިމާއަށް ނުވަތަ އަނބިމީހާ ފިރިމީހާއާ ދިމާއަށް ނުވަތަ ފިރިމީހާ އަނބިމީހާއާ ދިމާއަށް އެހެން އެއްވެސް ފަރާތަކަށް ވުރެ ބޮޑަށް ތިމަންނާ ކަލާ ދެކެ ލޯބިވެޔޭ ބުނާއިރުގައި އެހެން އެބުނަނީ މާތް ﷲ ހަނދުމަނެތިކޮށްލާފައެވެ. އޭގެ ނަތީޖާއަކަށްވާނީ ﷲ ތަޢާލާ އެބައިމީހުންގެ ކިބައިން ހުށަހޮޅިވޮޑިގެންނެވުމެވެ. ދެން އެ ދެމެދުގައި މައްސަލަތައް ޖެހޭގޮތްވެ ދެމީހުން ވަކިވާންޖެހިދާނެއެވެ. އެމީހުންގެ ހަޔާތް ދަތިވެ އުނދަގޫވެދާނެއެވެ. އެހެނީ ލޯބި އޮންނަން ޖެހޭނީ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައެވެ. ފިރިމީހާ ހަމަ ކޮންމެހެންވެސް އަނބިމީހާއާ ދިމާއަށް އަހަރެން ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ކަލާ ދެކެ ލޯބިވަމޭ ބުނަންޖެހޭނެއެވެ. އަނބިމީހާ ވެސް ހަމަ އެފަދައިން ފިރިމީހާއާ މުޚާތަބުކޮށް ބުނަންޖެހޭނެއެވެ. އަހަރެން ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ކަލާ ދެކެ ލޯބިވަމެވެ. އެކަލާނގެ ތިބާ މެދުވެރިކުރައްވާ އަހަރެންނާ މެދު އޯގާތެރިވެވޮޑިގެންނެވިއެވެ. އެކަލާނގެ ދެއްވި މި ބޮޑު ނިޢުމަތަށްޓަކައި އަހަރެން ޝުކުރުވެރިވަމެވެ.

އެއަށްފަހު ބުއްދިވެރިޔާ ޒުވާނާއަށް ބަލާލިއެވެ. އޭ ޒުވާނާއެވެ. ޙަޤީޤީ ލޯތްބަކީ މިއީއެވެ. ޒުވާނާ ބުންޏެވެ. އަދި މަށަށްވެސް މިއިނދެވުނީ ބުއްދިވެރިޔާދެކެ ﷲ ގެ މަގުގައި ލޯބިވަމޭ ނުބުނެވިއެވެ. ބުއްދިވެރިޔާ ހިނިތުންވެލިއެވެ. އަހަރެންވެސް ﷲ ގެ މަގުގައި ކޮއިފުޅުދެކެ ލޯބިވަމެވެ.

މިހިސާބުން ޒުވާނާއަށް ހަމަ އަސްލަށް ވެސް ލޯބީގެ އިހުސާސްކުރެވިއްޖެއެވެ. ޙަޤީޤީ ލޯބީގެ އިހުސާސެވެ. ﷲއަށްޓަކައި ވެވޭ ރީތި ލޯތްބެވެ. ސާފު ހިތްހަމަޖެހުމެވެ. ދެފުށުގެ ސަލާމަތްތެރިކަމެވެ. އެތެރެޔާއި ބޭރުގެ އަމާންކަމެވެ. ޙަޤީޤީ ލޯތްބެވެ. ﷲއަށްޓަކައި ވެވޭ ލޯތްބެވެ.

ޒުވާނާ ބުއްދިވެރިޔާއަށް ބަލާލިއެވެ. އަހަރެން ކިތަންމެ ވަރަކަށް ޝުކުރުއަދާކުރިޔަސް ތިޔަ ދޭ މަޢުލޫމާތަށް ޙައްޤު ޝުކުރު ބުއްދިވެރިޔާއަށް އަދާކޮށްދޭނެ ގޮތެއް ވެސް ނޭނގެއެވެ.

ބުއްދިވެރިޔާ ބުންޏެވެ. މި ބާރުތައް ކޮއި ބޭނުންކުރަންވާނީ ﷲ އަށްޓަކައެވެ. އެހެނީ ﷲ ތަޢާލާ އަހަރެން ލެއްވީ ކޮއި މޮޅުވުމުގެ މަގަށް ވާސިލުކޮށްދޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައެވެ. ޙަޤީޤަތުގައި އެއީ ﷲ ގެ މަގަށް ވާސިލުކޮށްދޭނޭ ގޮތެވެ. ކޮއި މިހާރު އެ މަގުން ހިނގަން ފަށައިފީމެވެ. ހަނދާންކުރާށެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ﷲ އާއި ގުޅިފައިވުމެވެ. ޒުވާނާ އަވަސްވެ ޖަވާބު ދިނެވެ. އެމަރުހަލާގައި އެންމެ ފުރަތަމަ ކަމަކީ ފުރިހަމައަށް މާފުކުރުން ކަމާއި ދެވަނަ ކަމަކީ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުން ކަން ވެސް ދަސްކޮށްފީމެވެ. އޭގެ ފަހުގައި އޮތީ ކޮން ކަމެއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ޝަރުތެއް ނެތި ދީއުޅުމެވެ.

ޝަރުތެއް ނެތި ދިނުން

މި މަރުހަލާގައި ތިންވަނައަށް ކޮއި ދަސްކުރަންވީ ކަމަކީ ޝަރުތެއް ނެތި ދިނުމެވެ. އަހަރެން އޭނާއަށް މިވެނި އެއްޗެއް، މީނާ އަށް އެވެނި އެއްޗެއް ދިނީމެވެ. އެކަމަކު އެމީހުން އަހަރެންނަކަށް އެއްވެސް އެއްޗެއް ނުދެއެވެ. މިހެން ނުބުނާށެވެ. އަހަރެން އަބަދުވެސް އަހަރެންގެ އެކުވެރިންނަށް އަވަށްޓެރީންނަށް އެއްޗެހި ދީ އުޅެމެވެ. އެކަމަކު އެއިން މީހަކު ދުވަހަކު ވެސް އަހަންނަކަށް އެއްޗެއް ނުދެއެވެ. މިހެން ނުބުނާށެވެ. އަބަދުވެސް ހަނދާންކުރާށެވެ. ކޮއި އެހެން މީހުންނަށް ދޭ އުޅޭ ނަމައީ ﷲ ތަޢާލާ ތިބާއާ މެދު ގަބޫލުވެވޮޑިގަންނަވައެވެ. އެކަމަކު އެ ގޮތަށް ކަލަ ގޮވަނީ ނަމަ އެ ގަބޫލުވެވޮޑިގަތުން ނެތިގެންދާނެއެވެ. އަދި އެހެން ގޮތެއް މެދުވެރިކުރައްވާ ﷲ ތަޢާލާ އެމީހުންނަށް ލިބެންޖެހޭ އެއްޗެހި ދެއްވާނެއެވެ. އެހެންވީމާ ތިބާ ޝަކުވާކުރަނީ ނަމަ މީހުންނަށް ދީއުޅުމުގެ މީރުކަން އިހުސާސެއް ނުކުރެވޭނެއެވެ. މިއީ ﷲ ތަޢާލާއާ ގުޅިފައިވުމަށްޓަކައި ކުރަންޖެހޭ ތިންވަނަ ކަންތަކެވެ. އެއީ ﷲ އަށްޓަކައި މީހުންނަށް ދިނުމެވެ. މީސްތަކުންނަށްޓަކައި ދޭ ދިނުން ދޫކޮށްލުމެވެ. އަދި ﷲ ތަޢާލާ ތިބާއީ މީހުންނަށް އެއްޗެހި ލިބުމުގެ ވަސީލަތެއް ކަމުގައި ލެއްވިކަން ދަތުމެވެ. ﷲ ތަޢާލާ ތިބާއީ ދީލަތި އިހުސާންތެރި މީހަކު ކަމުގައި ލެއްވެވި ކަމެވެ. އެކަލާނގެ ކޮޔަށް ރިވެތި ސިފަތަކުގެ ތެރެއިން ސިފައެއް ދެއްވިއެވެ. އިހުސާންތެރިން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.

ﷲ އާ ގުޅިފައިވުމަށްޓަކައި ބޭނުންވާ މައިގަނޑު އަސާސީ ތިން ކަންތައް މިހާރު އަހަރެމެންނަށް ދެނެގަނެވުނީއެވެ. އެއީ ފުރިހަމައަށް މާފުކުރުމެވެ. އަދި ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމެވެ. އަދި ޝަރުތަކާ ނުލައި ދިނުމެވެ.

ޒުވާނާ ދެލޯ ބޮޑުކޮށްލާ ބުއްދިވެރިޔާގެ ލޮލަށް ނަޒަރެއް އެއްލަމުން ބުނެލިއެވެ. ތި ދައްކަނީ ވަރަށް ރީތި ވާހަކަތަކެކެވެ. ތި ވާހަކަތަކުގެ މީރުކަމާއި ރީތިކަން އަހަރެންނަށް އިހުސާސްކުރެވެއެވެ. އަދި މާތްރަސްކަލާނގެއާ އިތުރަށް ގާތްކޮށްދޭނޭ ބާރެއް އަހަރެންގެ ރޫހުގައި އަށަގެންފިއެވެ. މޮޅުވުމުގެ މަގުން ހިނގަން ފެށިއްޖެކަން ޔަގީންވާން ފަށައިފިއެވެ. ބުއްދިވެރިޔާ ހިނިތުންވަމުން ޒުވާނާގެ ކޮޑުގައި ފިރުމާލަމުން ބުނެލިއެވެ. އެކަމަކު އަދި ނުނިމެއެވެ. ޒުވާނާ ބުންޏެވެ. އެކަމަކު މަ މިހުރީ މިހާރު މޮޅުވެފައެވެ. ބުއްދިވެރިޔާ ވަގުތުން ބުންޏެވެ. ނޫނެކެވެ. ޒުވާނާ ބުންޏެވެ. ފުރިހަމައަށް މާފުކުރުމާއި ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމާއި ޝަރުތަކާ ނުލައި ދީއުޅެން ދަސްވުމަށް ފަހުގައި ދެން އިތުރަށް ކޮން ކަމެއްހެއްޔެވެ؟

ބުއްދިވެރިޔާ ޖަވާބުދިނެވެ. އަދި ﷲ އަށް އީމާންވުން ވެސް އެބައޮތެވެ.

ﷲ އަށް އީމާންވުން

ވަގުތުން ޒުވާނާ ބުންޏެވެ. އަހަރެން ﷲ އަށް އީމާންވަމެވެ. ބުއްދިވެރިޔާ ބުންޏެވެ. ތިބާއީ މުއުމިނެއްކަން ހަނދާންކުރާށެވެ. އީމާންކަމުގެ ޢަލާމާތްތަކުގެ ތެރޭގައި އީމާންކަމުގެ މީރުކަން އިހުސާސްވުން ހިމެނިގެންވެއެވެ. އީމާންކަމުގެ މީރުކަން އިހުސާސްވުމުގެ ތެރޭގައި ތިބާގެ ނަފުސަށާއި ސިއްހަތަށް އަދި އެންމެހާ މީސްތަކުންނަށާއި އެބައިމީހުންގެ ޢަބުރާއި މުދަލަށް އަމާންކަން ދިނުން ހިމެނިގެންވެއެވެ. މުއުމިނުން ވައްކަމެއް ނުކުރާނެއެވެ. ދޮގެއް މަކަރެއް ޔަހޫއްޖެއް ނުމެހަދާނެއެވެ. މުއުމިނުންގެ އަޚުލާޤު ރިވެތިވެފައި ސާފުވާނެއެވެ. ﷲ ގެ ޙަޟްރަތާއި ތިބާގެ ނަފުސާއި ފުރިހަމައަށް ގުޅުވާލެވިއްޖެ ކަމުގައިވާ ނަމަ ތިބާއަށް އީމާންވެވެއެވެ. އެއީމާންކަން އަދި އިތުރަށް ﷲ އާއި ތިބާ ގާތްކޮށްދެއެވެ. މުއުމިނުން އެހެން މީހުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވާނެއެވެ. އޭޒުވާނާއެވެ. ބުނެދީބަލާށެވެ. ތިބާއީ މުއުމިނަކީމުހެއްޔެވެ؟ އާއެކެވެ. އަހަންނަކީ މުއުމިނެކެވެ. އެކަމަކު ތިޔަ ބުނާ ގޮތަކަށް ނޫނެވެ. މީހުންގެ މުދަލުން ވައްކަން ކުރާ މުއުމިނެއް ވެސް ހުރުމަކީ ހަމައެކަށީގެންވާ ކަމެކެވެ. އޭނާ ނަމާދުކޮށް ރޯދަހިފާވެސް އުޅެދާނެއެވެ. ބުއްދިވެރިޔާ ތިޔަ ދަސްކޮށްދިނީ ވަރަށް މުހިންމު ކަމެކެވެ. ބޭރުފުށުން މީސްތަކުންނާ މެދު ރަނގަޅަށް މުޢާމަލާތުކޮށް ނަމާދުކޮށް ރޯދަހިފާ އެކަމަކު ވައްކަންކޮށް ޚިޔާނާތްތެރިވާ މީހުންނަކީ އުޅޭ ބައެކެވެ. ޙަގީގަތުގައި އެމީހުންގެ ކިބައިގައި މުނާފިގުންގެ ސިފަތަކުގެ ތެރެއިން ސިފައެއްް ހުންނަނީއެވެ. އަޅުންގެ މެދުގައި ރިޒްޤުތައް ބައްސަވަނީ ﷲއެވެ. ކޮންމެ ފާފައެއް ވެސް އެކަލާނގެ ފުއްސަވައެވެ. އެކަމަކު މީހެއްގެ ހައްގަކަށް އަރައިގަތް ނަމަ އެ ހައްގުގެވެރިޔާގެ ކިބައިން މާފަށް އެދި ހިތްހަލާލު ހޯދަންޖެހެއެވެ. އަދި މޮޅުވާނެ ގޮތް ހާސިލުކުރަން އެދެނީ ނަމަ ﷲ ގެ މަގަށް ވާސިލުވާން ބޭނުން ނަމަ ޙައްޤަށް ތަބާވާންޖެހެއެވެ. ﷲ ތަޢާލާއީ އެންމެ ދީލަތި އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އެއްވެސް ހާލެއްގައި އެކަލާނގެ ރުހިވޮޑިނުގަންނަވައެވެ. އިމާމްމުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްގައި ވާފަދައިންނެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ އެންގެވިއެވެ. “ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! އަނިޔާވެރިވުން ތިމަންރަސްކަލާނގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ހަރާންކުރައްވައިފީމެވެ. އަދި އެއީ ތިޔަބައިމީހުންގެ މެދުގައި ވެސް ހަރާންކަމެއް ކަމުގައި ކަނޑައަޅުއްވައިފީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ.”

ތިބާ މޮޅުވުމުގެ މަގުގައި ހުރިހާ ހިނދެއްގައި މީސްތަކުންގެ ހައްގުތައް އެމީހުންނަށް އަދާކޮށްދޭންޖެހޭނެއެވެ. އެއީ ޝަރުތެއް ނެތި ދިނުމުގެ ތެރޭން ހިމެނިގެންވާ ކަމެކެވެ. އަދި މީސްތަކުންގެ ސިއްރުތަކަށް ރައްކާތެރިވާންޖެހޭނެއެވެ. ޣީބަބުނުމާއި ދެބައޮޑުވުމުން ދުރުވެގަންނަންޖެހޭނެއެވެ. އެކަންކަން ހިމެނިގެންވަނީ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމާއި ޝަރުތެއް ނެތި ދިނުމާއި މި ދެ އަސާސުގެ ތެރޭގައިވެސްމެއެވެ. އެވާހަކަތައް އަދި ތަންކޮޅެއް ތަފުސީލާއި އެކުގައި ފަހުން ދައްކާނަމެވެ.

އަހަރެމެން އަދި ވެސް މި ދައްކަނީ ﷲ އާއި ގުޅިފައިވުމުގެ ވާހަކައެވެ. ފުރިހަމައަށް މާފުކުރުމާއި ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމާއި ޝަރުތެއް ނެތި ދިނުމާއި އީމާންވުމުގެ ވާހަކައެވެ. އީމާންވުމުގެ ސަބަބުން ވަރަށް މުހިންމު ހިސާބަކަށް ތިބާގެ ގެންގޮސްދޭނެއެވެ. ޒުވާނާ ބުންޏެވެ. އެއީ ކޮން ހިސާބެއް ބާވައެވެ؟ އަހަރެންނަށް ކުރިން ނުލިބޭ ހަމަޖެހުމެއް އިހުސާސްކުރެވެމުން މިހާރު މިދާ ސަބަބަކީ ފަހެ ކޮބައިބާވައެވެ؟ މިހާރު މިހުރެވެނީ މޮޅުވުމުގެ މަގުގައި ކަން އަހަރެންނަށް ޔަގީންކުރެވެއެވެ.

ބުއްދިވެރިޔާ ބުންޏެވެ. އެހެންވެސް ބައެއް މީހުން ކަންތައް ކުރާ ފަދައިން މީގެ ކުރީގައި ތިބާ ބަރޯސާވެގެންހުރީ ސަބަބުތަކުގެ މައްޗަށެވެ. ކާމިޔާބާއި ހަމައަށް ވާސިލުކޮށްދޭ އަސްލު އަސާސްތަކާ މެދު ސަމާލުވުމެއް ނެތިއެވެ. އޭގެ ފެށުން އަންނަނީ ﷲ ގެ ޙަޟްރަތުންނެވެ. އަހަރެން އަދި ވެސް އެއްފަހަރު ތިބާގެ ހަނދާނުގައި ހަރުލެއްވުމަށްޓަކައި ތަކުރާރުކޮށްލަންބޭނުމެވެ. އެންމެ ފުރަތަމަ ކަމަކީ ކޮބައިހެއްޔެވެ؟ ފުރިހަމައަށް މާފުކުރުމެވެ. އޭގެ ފަހުގައި ކޮން ކަމެއްހެއްޔެވެ؟ ﷲ ގެ މަގުގައި އެކަލާނގެއަށްޓަކައި ލޯބިވުމެވެ. އޭގެ ފަހުގައި؟ ޝަރުތެއް ނެތި ދީއުޅުމެވެ. މާނައަކީ ތިބާ މީހުނަންނަށް ދިނުމާއެކު އެހެން މީހުން ނުދިނަސް އެކަމާ ޝަކުވާ ނުކުރުމެވެ. އޭގެ ފަހުގައި؟ ﷲ އަށް އީމާންވުމެވެ. އަދި އަހަރެންނާ އެކުގައި ވާ އެންމެހާ މީސްތަކުންނަށް އަމާންކަމާއި ސަލާމަތްތެރިކަންދިނުމެވެ. މީސްތަކުންގެ މައްޗަށް ރައްކާތެރިވުމެވެ. އެމީހުންގެ ސިއްރުތަކާއި މުދަލަށް ހުރުމަތްތެރިކޮށްހިތުމެވެ. އަދި އަހަރެންގެ ވިޔަފާރީގައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ދަސްކޮށްދެއްވި ފަދައިން މަސައްކަތްކުރުމެވެ. އެކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިޔާއެވެ. ﷲ ގެ އިރާދަފުޅާއެކު ތެދުވެރި އަމާނާތްތެރިއަކަށް އަހެރެން ވާނަމެވެ.

ބުއްދިވެރިޔާ ބުންޏެވެ. މިހާރު ތިބާއަށް ކުރިއަށް ތިޔަ ދެވެނީ މޮޅުވުމުގެ މަގުގައެވެ. ﷲ އާއި ގުޅިފައިވުމަށްޓަކައި އެކަލާނގެއަށް އީމާންވާ ހިސާބުން ތިބާއަށް އިހުސާސްވުމެއް ނެތި ނުވަތަ އެއްވެސް ބުރައެއް ތަހައްމަލުކުރުމަކާ ނުލައި ވެސް އެކަލާނގެއަށް ކިޔަމަންގަތުމުގެ މަރުހަލާއަށް އާދެވޭނެއެވެ.

-ނުނިމޭ-

,

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކާޓޫނަ‮ ‬ވިދާޅުވީ


    ތާރީޚް:14/03/2010

    ނަބީލޫ މިވަރަށް ފައްކާ! މިކަހަލަ އަސަރު ގަދަ ވާހަކަ ކަހަލަ އެއްޗެހި ވެސް ލިޔެލަބަލަ!

  2. ކާޓޫނަ‮ ‬ވިދާޅުވީ


    ތާރީޚް:14/03/2010

    މިވަރަހ ކަމުދޭ! ސާބަހޭ ނަބީލު!!!!!!!!!!

  3. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:14/03/2010

    ތެދެއް މި ވަރަށް ފައްކަލޭ ނަބީލޫ! އިތުރު ގޮލައެއް ވެސް ލިޔެލަބަލަ!