Share

މޮޅުވާނެ ގޮތް (6)

މޮޅުވާނެ ގޮތް (6)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ކިޔަމަންތެރިކަން އަދާކުރުން

ޒުވާނާ ވަގުތުން ބުންޏެވެ. އަހަރެން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމެވެ. ބުއްދިވެރިޔާ ބުންޏެވެ. ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ނަމާދުކޮށް ރޯދަހިފާ އެނޫންވެސް ﷲ އަމުރުކުރެއްވި ކަންކަން ކުރަނީއެވެ.

އެކަމަކު ކޮއި ބައެއް ފަހަރަށް ދޮގު ހަދަމު ނޫންހެއްޔެވެ؟ ބައެއް ފަހަރަށް މީހުންނާ މެދު ހަސަދަވެރިވެ ޝައްކުކޮށް ނުރުހުންތެރި ވަމު ނޫންހެއްޔެވެ؟ އޭގެ އިތުރަށް ވެސް އެޒާތުގެ ކަންކަން ކޮށް އުޅެމުނޫންހެއްޔެވެ؟ އެހެންވީމާ ކޮޔަށް ވާޖިބުވެގެންވަނީ ކިޔަމަންތެރިކަން ދެބަޔަކަށް ބެހިގެންވާ ކަން ދަސްކުރުމެވެ.

ފުރަތަމަ ކަމަކީ އަމުރުވެވިގެންވާ ކަންކަން ކުރުމެވެ. އެއީ ނަމާދާއި ރޯދަ، ޒަކާތާއި ޙައްޖު އަދި އެނޫންވެސް ﷲ އަމުރުކުރައްވާފައިވާ އެންމެހާ ކަމެއް ކުރުމެވެ.

ދެވަނަ ކަމަކީ ނަހީކުރެއްވި ކަންކަން ދޫކޮށްލުމެވެ. އެއީ ﷲ ތަޢާލާ ނަހީކުރެއްވިހާ ކަމަކާ ފުރިހަމައަށް ދުރަށް ދިއުމެވެ. ވައްކަމާއި ޒިނޭއާއި ބަނގުރާއާއި ދުރުވެގަތުމަށް އެކަލާނގެ އަންގަވާފައިވެއެވެ. ސިނގިރޭޓޫ ބުއިން ފަދަ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރުވާ ކަންކަމުން ފޭވެގަތުމަށް އަންގަވާފައިވެއެވެ. އޭ ޒުވާނާއެވެ. ސިނގިރޭޓާއި ދުރުވެގަންނާށެވެ. ސިނގިރޭޓަކީ އިންސާނުން އެމީހުން އަމިއްލައަށް އެމީހުންގެ ނަފުސުތައް ހަލާކުރުމަށްޓަކައި އުފެއްދި އެންމެ ވިހަގަދަ އެކައްޗެވެ. ނުރައްކާތެރި އެތަކެއް ބައްޔެއްގެ ސަބަބުމެއެވެ. ސިނގިރޭޓު ބޯ މީހާއީ އޭނާގެ އަމިއްލަ ނަފުސުގެ އިތުރުން ވަށައިގެން ތިބިހާ ބަޔަކަށް އަނިޔާދޭ މީހެކެވެ. ސިނގިރޭޓުބުއިމާއި މުޅިން ވަކިވެގަންނާށެވެ. އެހެންނޫނީ އެކަމުގެ ސަބަބުން ދެދުނިޔޭގެ ޢަޒާބަށް ކޮއި ހުށައެޅިދާނެއެވެ. ކޮއިގެ ޢުމުރާއި ޒުވާންކަމާއި މުދަލާއި މެދު ﷲ ތަޢާލާ ސުވާލުކުރައްވާނެއެވެ. ކީރިތި މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “އެމީހެއްގެ ޢުމުރު ހޭދަކުރި ގޮތާއި އެމީހަކަށް ލިބުނު ޢިލްމަކުން ބޭނުން ހިފި ގޮތާއި އެމީހަކު އެއްކުރިހާ މުދާ ހޯދި ގޮތަކާއި ހޭދަކުރި ގޮތަކާއި އެމީހެއްގެ ހަށިގަނޑު ބޭނުންކުރި ގޮތާއި މި އެންމެހާ ކަމަކާ މެދު ސުވާލުވެވިއްޖައުމަށް ދާންދެން ޤިޔާމަތް ދުވަހުގައި އެއްވެސް އަޅަކުގެ ދެފައި ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ.” -ރަވާހުއްތިރުމިޛީ-

ތިބާ ކައި އުޅުނީ ބަނޑުހައިވާތީއެވެ. ބޮއި އުޅުނީ ކަރުހިއްކާތީއެވެ. ދުންފަތުގެ އިސްތިއުމާލުކޮށްއުޅުނީ ކޮން ސަބަބަކާ ހުރެތޯ ކޮޔާއި ސުވާލުކުރެވުނީމާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟

ޒުވާނާ ބުންޏެވެ. އެނގޭހެއްޔެވެ؟ ހަމައަސްލަށްވެސް މަށަކީ ދުންފަތުގެ އަޅަކީމެވެ. ބުއްދިވެރިޔާ ބުންޏެވެ. އަހަރެންގެ އަޑު ދަށުން ކިޔާށެވެ. އަހަރެންނަކީ ކުރީގައި ދުންފަތުގެ އިސްތިއުމާލުކުރި މީހަކީ މެވެ. ﷲ އަށް ޙަމްދުކުރަމެވެ. މިހާރުން ފެށިގެން އަހަރެން އެ އާދައާއި ދުރަށް ދިޔައީއެވެ.

ޒުވާނާ އަނެއްކާވެސް ބުންޏެވެ. އަހަރެން ހަމަ މި ވަގުތުން ފެށިގެން ދުންފަތުގެ އެންމެހާ ބާވަތެއް މުޅީން ދޫކޮށްލީއެވެ. ބުއްދިވެރިޔާ ބުންޏެވެ. ދުންފަތުގެ އެންމެހާ ބާވަތެއް ތިބާ ތިޔަ ދޫކޮށްލީ ﷲ ގެ ރުހިވޮޑިގަތުމަށްޓަކައެވެ. ދުންފަތް ތިޔަ ދޫކޮށްލީ ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. މާތް ﷲ އަށްޓަކައި ކަމެއް ދޫކޮށްފި މީހަކަށް އެޔަށްވުރެ ހެޔޮ ކަމެއް އޭގެ ބަދަލުގައި މާތް ރަސްކަލާނގެ ދެއްވައެވެ.

އޭގެ ބަދަލުގައި މުދަލާއި ފުރިހަމަ ސިއްހަތާއި ސާލިހު އަނތްބަކާއި ހަޔާތުގެ އުފާވެރިކަން މާތްރަސްކަލާނގެ ތިބާއަށް ދެއްވާށިއެވެ. އަދި ތިބާ އެބަޔަކު ދެކެ ލޯބިވާ އެބަޔަކު ތިބާ ދެކެ ލޯބިވާނޭ ރަހުމަތްތެރީން ކޮޔަށް ދެއްވާށިއެވެ. ޚިޔާލަށް ގެނެސްބަލާށެވެ. ތިބާ ﷲ އަށްޓަކައި ދީ އެކަލާނގެއަށްޓަކައި އެކަލާނގެ މަގުގައި ދޫކޮށް އެކަލާނގެއަށްޓަކައި އެކަލާނގެ މަގުގައި ލޯބިވެއްޖައީމުއެވެ. އެކަލާނގެ ތިބާއަށް އެއަށް ވުރެ މާ މޮޅެތި ކަންކަން މިންވަރުކުރައްވާނެއެވެ. ތިބާއަށް ހިތަށް ތިޔަ ގެނެވޭވަރަށް ވުރެ ގިނައިން ދެއްވަވާނެއެވެ. ޒުވާނާ ބުންޏެވެ. ﷲ އަށް ޙަމްދުކުރަމެވެ. އަހަރެން ދުންފަތާއި މުޅިން ވަކިވެ ދުރަށް ޖެހިއްޖައީމެވެ. ބުއްދިވެރިޔާ ބުންޏެވެ. އަދި ތިވަރަކުން ނުފުދޭނެއެވެ. ނުބައިކަން ބޮޑުވެގެންވާ ދުންފަތަށް ދެވިހިފައިވާ މީހުންނަށް އެމީހުން އެނުބައި އާދައިން ދުރުހެލިވުމަށްޓަކައި ތިބާއަށް އެހީތެރިވެވޭނޭ އެންމެ ބޮޑަކަށް އެމީހުންނަށް އެހީތެރިވެދޭންޖެހޭނެއެވެ. އާއެކެވެ. އަހަރެނަށް ކުޅަދާނަވެގެންވީ އެންމެ ބޮޑަކަށް އެ އާދަޔާއި މީހުން ދުރަށްޖެއްސޭތޯ މަސައްކަތްކުރާނަމެވެ. އެމީހުންނަށް އެކަމުގެ ނޭއްގާނީކަން ވިސްނި އެކަމާއި ދުރުހެލިވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހާސިލުކުރުވުމަށްޓަކައެވެ. އެކަމުގައި އެމީހުންނަށް ނުހަނު ގިނަ ފައިދާތައްވެއެވެ. އެންމެ ބޮޑު އެއް ފައިދާއަކީ ސިއްހަތު ސަލާމަތްވުމެވެ. ސަލާމަތް ސިއްހަތަކާ ނުލައި މަސައްކަތްކުރުމަށް ނުކުޅެދޭނެއެވެ. ގޮތް ކަނޑައެޅުމުގައި ބަލިކަށިވާނެއެވެ.

ނަމާދު

ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ވެސް އަހަރެމެން ވާހަކަދައްކަމުންމިދާ ކިޔަމަންތެރިކަމުގެ ތެރޭގައި ހިމެނޭ ކަމަކެވެ. ނަމާދުގައި މާތްރަސްކަލާނގެއާއި ފުރިހަމައަށް ގުޅިލާމެހިފައި ހުރުމީ ކޮންމެހެން ލާޒިމުކަމެކެވެ. ﷲ އަކްބަރް ކިޔާ ހަށަންބަންނަ އިރު ހަމަ ހަގީގަތުގައި ވެސް އެކަލާނގެ އެހެން ހުރިހާ އެއްޗަކަށްވުރެ މަތިވެރިވެގެންވާ ކަން ދަންނަންޖެހޭނެއެވެ. ނަމާދުކުރަން ފެށުމުގެ ކުރީގައި ކުރަން މިއުޅެނީ ކޮންކަމެއްކަން ތިބާ އަށް އެނގެންޖެހޭނެއެވެ. ނަމާދުކުރާއިރުގައި ސައްހަ ނަމާދެއް ކުރުން ކޮންމެހެން ވާޖިބެވެ. ތިބާގެ ވަގުތުން ބައެއް ކަމަކަށް ހޭދަކުރަނީ ނަމަ ރަނގަޅު ކަމެއްގައި އެވަގުތެއް ހޭދަކުރުން ކޮންމެހެން ލާޒިމެވެ. ޒަކާތްދޭ ނަމައީ ވެސް އެކަން ކުރަންވާނީ އެކަން ކުރާން އޮތް ސައްހަވެގެންވާ މޮޅު ގޮތަށެވެ. ޖާހިލަކު އެހެންނާ މަގުއޮޅިގެން އުޅޭ މީހަކު ފެނުނަސް އެމީހަކަށް އެހީތެރިވެ އަދި އެމީހާގައި ކިބައިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. އެފަދަ މީހެއްގެ ކިބައިން ފައިދާ ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟ އެމީހާއަށް އެހީތެރިވާށެވެ. އެއީ ސަދަގާތެކެވެ. އޭނާގެ ކުރިމަތީ ހިނިތުންވާށެވެ. އޭނާއަށް ކާމިޔާބު ދެއްވުމަށްއެދި މާތްރަސްކަލާނގެ ކިބައަށް ދުޢާދަންނަވާށެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިބާގެ އެކުވެރިޔާ ކުރިމަތީ ހިނިތުންވުމަކީ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންކަމަށް އަމުރުކުރާ ކުރުމާއި ނުބައިކަންކަން ނަހީކުރާ ކުރުމަކީ ވެސް ސަދަޤާތެކެވެ. މަގު އޮޅިފައިވާ މީހާކަށް ތިބާ ބުނެދޭ ބުނެދުނުމީ ވެސް ސަދަޤާތެކެވެ. ލޮލުގެ ފެނުން ދަށް މީހާއަށް ތިބާގެ ލޮލުންވެދޭ އެހީތެރިކަމީ ސަދަޤާތެކެވެ. އޮށްގަލާއި ކަށިފަދަތަކެތި މަގުމަތިން ހޮވާ ސާފުކުރާ ކުރުމަކީ ވެސް ސަދަޤާތެކެވެ. ތިބާއަށް ފެންބާލިދީއެއް ލިބިފައިވާހާލު ތިބާގެ އެކުވެރިޔާ ހުސް ބާލިދީއަކާ އެކުގައި އައުމުން އޭނާގެ ބާލިދީއަށް ތިބާގެ ބާލިދީން ފެން ފޮދެއް އަޅައިދިނުމީ ވެސް ސަދަޤާތެކެވެ.”-ރަވާހުއްތިރުމިޛީ- މިއިން ކަމެއް ތިބާ ކޮށްފިނަމައީ އެންމެ ކަމަކުން އެ ލިބެނީ ނިކަން ގިނަގުނަވެގެންވާ ސަވާބެވެ. މަތިވެރިވެގެންވާ ދަރުމައެވެ. ﷲ ގެ މަގުގައި ކުރާ ކޮންމެ ކަމަކީ ވެސް އެކަމުން ތިބާއަށް މަންފާކުރާނޭ ކަންކަމެވެ. އެހެނީ އޭރަށް ﷲ ތަޢާލާއާ ބޮޑަށް ކުއްތަންވެވެއެވެ. ބުއްދިވެރިޔާ ބުންޏެވެ. އަހަރެމެން ބުނި ކަންކަން ތަކުރާރުކޮށްލަމާހެއްޔެވެ؟

ޒުވާނާ ކިޔަންފެށިއެވެ. ފުރިހަމައަށް މާފުކުރުމެވެ. ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމެވެ. ޝަރުތެއް ނެތި ދިނުމެވެ. ﷲ އަށް އީމާންވުމެވެ. ބުއްދިވެރިޔާ ބުންޏެވެ. އިހަށް މަޑުޖައްސާލާށެވެ. ﷲ އަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިކަން ތިބާއަށް އެނގޭހެއްޔެވެ؟ އާއެކެވެ. އެނގެއެވެ. އެންމެ ރަނގެޅެވެ. އީމާންވުމަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ ވޮޑިގެންވާކަން ގަބޫލުކުރުމެވެ. ނޫނެކެވެ. ތިވަރަކުން އަދި ނުފުދޭނެއެވެ. ޒުވާނާ ބުންޏެވެ. އެހެންވީއިރު އީމާންވުމަކީ ކޮބައިހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ފުރިހަމައަށް އީމާންވުމުގެ ތެރޭގައި ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން އައި ކޮންމެ ކަމެއް ތެދުކުރުމާއި ކޮންމެ އުންމަތަކަށް ވެސް މާތްރަސްކަލާނގެ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވިކަމާއި ފޮތް ބާވާލެއްވިކަން ތެދުކުރަންޖެހޭނެއެވެ. އަހަރެންނާއެކުގައި ކިޔާށެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ހެކިކޮށް އަދި އިބަރަސްކަލާނގެ ޢަރުޝިފުޅު އުފުއްލަވާ މަލާއިކަތުންނާއި އެނޫންވެސް މަލާއިކަތުންނާއި އިބަރަސްކަލާނގެ ރަސޫލުންނާއި އިބަރަސްކަލާނގެ ހެއްދެވި އެންމެހާ މަޚްލޫޤެއް ހެކިކޮށް އީމާންވަމެވެ. އިބަރަސްކަލާނގެއީ ބައިވެރިޔަކު ނުވާ އެއްކައުވަންތަ ﷲ އެވެ. ފެށުމެއް ނެތި އިސްވެވޮޑިގެންވާ ނިމުމެއްނެތި ފަސްވެވޮޑިގެންވާ ފާޅާއި ސިއްރާއި އިހާއިފަހުގެ ވެރިރަސްކަލާނގެއެވެ. ދީލަތިވަންތަ މާތް ރަސްކަލާނގެއެވެ. ޖައްބާރުވަންތަ ގަދަފަދަ އަދި އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.

ކިޔެމުންދިޔަ ތަކެތީގެ ފޮނި އިހުސާސުން ޒުވާނާއަށް ރޮވިއްޖެއެވެ. ބުއްދިވެރިޔާ ފުރިހަމަކުރަމުންދިޔައެވެ. ސުވަރުގެ އާއި ނަރަކަ ވާ ކަމާއި ޤިޔާމަތް ދުވަސް އަންނާނެކަމަށް އަޅުހެކިވަމެވެ. އަދި މަލާއިކަތްބޭކަލުންނަށް އީމާންވަމެވެ. ﷲ ގެ ޙަޟްރަތުން އައި އެންމެހާ ކަމަކަށް ތެދުހިތުން އިޤުރާރުވަމެވެ. ޙަޤީޤީ މުއުމިނަކަށްވާނީ މިކަންކަން ގަބޫލުކުރުމުންނެވެ. ޒުވާނާ ބުންޏެވެ. އަހަރެން ﷲ އަށް އީމާންވެއްޖައީމެވެ. ބުއްދިވެރިޔާ ބުންޏެވެ. މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާއަދި ނަބިއްޔާ ކަމަށް ވެސް އީމާންވާށެވެ.

މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށާއި ސުވަރުގެ އާއި ނަރަކަ ވާ ކަމާއި ޤިޔާމަތް ދުވަސް އަންނާނެކަމަށް އަހަރެން ހެކިވެއްޖައީމެވެ. އަދި މަލާއިކަތްބޭކަލުންނަށާއި މާތް ރަސްކަލާނގެ ފޮނުއްވިހާ ރަސޫލުންނާއި ނަބިއްޔުންނަށާއި ބާވާލެއްވި ފޮތްތަކަށް އީމާންވެއްޖައީމެވެ. ބުއްދިވެރިޔާ ބުންޏެވެ. ކޮއި މިހާރު ﷲ އަށް އީމާންވެއްޖައީމުއެވެ. ﷲ ގެ ޙަޟްރަތުން ލިބުނު މޮޅު ހަތިޔާރުން ތިބާ ހަތިޔާރު އަޅައިފީމުއެވެ. ތިގޮތުގައި މީސްތަކުންގެ ތެރެއަށް ނުކުންނާށެވެ. ފުރިހަމައަށް މާފުކުރުމެވެ. ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމެވެ. ޝަރުތެއް ނެތި ދީއުޅުމެވެ. ﷲ އަށް އީމާންވުމެވެ. އެއަށްފަހު ބުއްދިވެރިޔާ މަޑުޖެހިލިއެވެ. ހިނިތުންވެލިއެވެ. ޒުވާނާ ބުންޏެވެ. ހީވާގޮތުން އަދިވެސް އިތުރަށް ކިތަންމެ ކަމެއް އެބަހުއްޓެވެ. ބުއްދިވެރިޔާ ބުންޏެވެ. އާއެކެވެ. މިކީ ހުރިހާ ކަމެއްވެސް ބޭނުމެވެ. ބޭނުންތެރިއެވެ. އެކަމަކު މިވަރަކުން އަދި ނުފުދޭނެއެވެ. ޒުވާނާ ބުންޏެވެ. ދެން އޮތް ކަމަކީ ކޮބައިހެއްޔެވެ؟

-ނުނިމޭ-

,

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. waliyyu‮ ‬ވިދާޅުވީ


    ތާރީޚް:22/03/2010

    ނަބީލު ވަރެއް ނެތް ހަމަ…މިހިރަ މިހިރަ ލިޔުންތައް ކިޔާލީމަ ޖޯރު ކެކި އަރައިގެނ ދޭ

  2. ޒަަހީދު‮ ‬ވިދާޅުވީ


    ތާރީޚް:22/03/2010

    މި އޮބިނޯވޭ އިނގޭ

  3. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:22/03/2010

    މޮޅުވާނެގޮތް ކިޔައި ނުދިނަސް ހެވޭ! ރަށުގައި ހިނގާ އެކިއެކި ކަންކަން ،ތާޒާކޮށް ގެނެސްދީބަލަ.އަޕުޑޭޓުވާލެއްވެސް ހާދަލަހޭ، މިހާރުވެސް ބޮޑުމުބާރާތެއްވެސް ރަށުގަ އެބަހިނގައޭ.

  4. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:23/03/2010

    ނަބީލަށް ބުނެލަން އޮތީ މި ހަމަ އެއްވަނަ އޭ. ތިދެއްވާ ފިލާވަޅު ތަކަކީ ވަރަށްވެސް މުހިއްމު ފިލާވަޅުތަކެއް. އަދި މިސިލްސިލާ ލިޔެވެމުންދަނީ ވަރަށްވެސް ޝައުގުވެރި ކުރުވާ ގޮތަކަށް.

  5. ތިބާގެ އަޚާ‮ ‬ވިދާޅުވީ


    ތާރީޚް:23/03/2010

    ޕިސްޕިސް ތީ ކާކު؟؟ އަމިއްލަ ރަށުގެ ހަބަރުތައް އަޕްޑޭޓް ކުރެވޭތޯ ބަލާބަ؟ މިރަށަށް ފާވެގެން ނޫޅެއްޗޭ؟

  6. ކާޓޫނަ‮ ‬ވިދާޅުވީ


    ތާރީޚް:23/03/2010

    ނަބީލޫ މިވަރަށް ފައްކާ!!!!!!!!!!!!!!!!!!!!!!!!!

  7. އަބޫ އުޒައިރު‮ ‬ވިދާޅުވީ


    ތާރީޚް:24/03/2010

    السلام عليكم

    ތިބާ ތިޔަލިމުންދާ ސިލްސިލާ “މޮޅުވާނެ ގޮތް” ކޮންމެވެސް ވަރެއްގެ މަންފާ އެއް الحمد لله ކުރަމުންދޭ..

    جزاك اللهُ خيراً

  8. ނާހިދު‮ ‬ވިދާޅުވީ


    ތާރީޚް:25/03/2010

    މި ލިޔުންތައް ވަރަށް ރަނގަޅު..: