Share

ސިޔާސީ މައުޟޫއަށް ދިޔުމުގެ ކުރިން…!

ސިޔާސީ މައުޟޫއަށް ދިޔުމުގެ ކުރިން…!
މުހައްމަދު އިސްމާއިލް

މައުމޫނުގެ ވެރިކަން ނިމިއްޖެވެ. ނޫ ގާނުނު އަސާސީވެސް އުވިއްޖެއެވެ. އާވެރިކަމެއް އާ ރައީސެއް އަތުވެއްޖެއެވެ. އާ ގާނޫނު އަސާސީ އަކާއި އާމަންޒަރުތަކެއް ފެންނަން ފަށައިފިއެވެ. ކަންކަން ބަދަލު ވަމުންދާއިރު ތާރިޚު އިޔާދަ ވުމަކީ އާ ކަމެއް ނޫނެވެ. މާކުރީ ޒަމާނެއްގައި މީހުން ނަށް ނުރަނގަޅުވި ކަންކަން މިއަދު ހަމަ އެމީހުންނަށް ރަނގަޅު ވާން ފަށައިފިއެވެ. އެމީހުންނަށް އެކަންތައްތައް ކަމު ގޮސްފިއެވެ.

ސިޔާސީ މައުޟޫއަކަށް ލިޔަން ފެށުމުގެ ކުރިން ސިޔާސީ މައުޟޫތަކަށް ލިޔުމުގައި ހުރި ނުރައްކާ އެނގިލައްވާތޯއެވެ. މައުމޫނުގެ ދައުރުގައި ހާއްސަކޮށް މައުމޫނުގެ ފަހު ހަތަރު ވަރަކަށް އަހަރު ތެރޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބުނެވެ. ގަލަން ގެންގުޅުއްވާ ބޭފުޅުންނާއި ސިޔާސީ ވިސްނުމުގެ އަހުލުވެރިން ތޮށިގަނޑު ފަޅާލާފައި ނުކުތެވެ. ލިބުނު މިނިވަންކަމުގެ ބޭނުން ހިފުނު ގޮތަކަށް ހިފާށެވެ.

އެދުވަސްވަރު މައުމޫނުގެ ސަރުކާރުގެ ސިޔާސަތަކަށް ފާޑު ކިޔައިފިނަމަ އެމީހަކު ލޭބަލް ކުރަނީ އެމްޑީޕީ މީހެއްގެ ގޮތަގައެވެ. ގައުމަށް ހިޔާނަތްތެރިވި މީހެއްގެ ގޮތުގައެވެ. ރީނދޫ ބަލި ޖެހިފައިވާ މީހެއްގެ ގޮތުގައެވެ. މައުމޫނުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައެވެ. އެދުވަސްވަރު އެމްޑީޕީގެ ސިޔާސަތު ތަކަށް ތާއީދު ނުކުރިޔަސް އަދި އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެ ހުރިކަމުގައި ވިޔަސް މައުމޫނުގެ ސަރުކާރުގެ ކަމަކާ ބެހެފިނަމަ ނުވަތަ އެސިޔާސަތު ރަނގަޅުކުރަން ބުނި މީހަކުވިޔަސް އެމީހަކު ވެގެންދަނީ އެމްޑީޕީ މީހެއްގެ ގޮތުގައެވެ. ރީނދޫ ބަލި ޖެހި ސަރުކާރު ވައްޓާލަން އުޅޭ ބާޣީއަކަށެވެ. އެދުވަހު އަޅުގަނޑުވެސް ވީ އެމްޑީޕީ މީހަކަށެވެ. އަންނި އަށް ތާއީދު ކުރާ މީހަކަށެވެ. ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ މީހަކަށެވެ.

މިއަދު މިއޮތީ ގައުމު ޑިމޮކްރަޓިކް އިންތިހާބަކަށް ފަހު ވެރިކަން ޕާޓީ ނިޒާމުން ހިންގާ ވެރިކަމަކަށް ބަދަލުވެފައެވެ. އާ ގާނޫނު އަސާސީ އެއްވެސް ލިބިފައެވެ. މިއަދުވެސް ހިތާމަކުރަންޖެހެނީ ހަމަ އެއް ކަމަކާމެދުގައެވެ. ސިޔާސީ މައުޟޫއަކަށް ލިޔެފިނަމަ ލޭބަލް ކުރާ ކުރުމާ މެދުގައެވެ. މިއަދުގެ ސަރުކާރުގެ ސިޔާސަތަކާބެހި އިސްލާހު ކުރުމުގެ ވާހަކަ ދައްކާ ކޮންމެ މީހަކުމެ ވަނީ ޑީއާރުޕީގެ މީހަކަށެވެ. މިސަރުކާރުން ކުރާ ގޯސް ކަމެއް ނުވަތަ މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކޮންމެ މީހަކު ވެގެންދަނީ ބޯދާ ވިސްނުމުގެ މީހަކަށެވެ. ޑިމޮކްރަސީ ނޭގޭ މީހަކަށެވެ. ހުދުމުޚުތާރު ވެރިކަމުގެ ސަގާފަތުގައި ޖެހިފައިވާ މީހަކަށެވެ. އެވަރުން އަދި ނިމުނީކީ ނޫނެވެ. މިވެރިކަން ވައްޓާލާ ގައުމުގައި ހަމަނުޖެހުން ހިންގައި ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން ނަގާލާ މީހަކަށް ވެގެންދެއެވެ. ލިބުނު މިނިވަންކަން ކޮބައި ހެއްޔެވެ؟

އެމްޑީޕީ ވެރިކަމަށް ގެނައީ އެޕާޓީ އަށް ވެރިކަން ހޯދައިދިނުމުގެ މަގުޞަދުގައެއް ނޫނެވެ. އެޕާޓީން ހުށަހެޅި ކަންކަން ރައްޔިތުންނަށް ކަމުގޮސް އާ ބަދަލަކަށް ރައްޔިތުން ބޭނުންވެފައި ތިބީމައެވެ. އެއްވެސް ހާލެއްގައި ވަކި މީހަކު ނަގާ ބޮޑު ގޮނޑީގައި ބައިންދާކަށް ނޫނެވެ. ކަންމިހެން އޮތްއިރު މިވެރިކަމުގައި ވެސް ހުރި ގޯސްކަންކަން މިއަދުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ވެސް ފެންނަންޖެހެއެވެ. ތާއީދު ކުރާ ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކީ ވަކި ކުލައެއްގެ މީހެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ޑިމޮކްރަޓިކް މުޖުމައަކުން ފެންނަން ޖެހޭ ސިފައެއް ނޫނެވެ. ލޯބިވާންވީ ޕާޓީ ދެކެއެއް ނޫނެވެ. ގައުމާ ރައްޔިތުން ދެކެއެވެ. ހެޔޮ އެދެންވާނީ މުޅި ގައުމަށެވެ. ތިމާ ނިސްބަތްވާ ޕާޓީއަކަށް ނޫނެވެ. ފެންނަންޖެހޭނީ އިދިކޮޅު ޕާޓީގެ ޒައީމު ކަމެއް ކުރީމައެއް ނޫނެވެ. އަދުގެ ސަރުކާރުގެ ވެރިން ވެސް ފެންނަން ޖެހެއެވެ.

މިއީ މިއަދު ސިޔާސީ މައުޟޫއަށް ގަލަން ހިންގާލުމުގެ ކުރިން ވިސްނުމަށް އައި ދެތިން ހިޔާލެކެވެ. އަބަދުވެސް ސިޔާސީ މައުޟޫތަކަށް އިންސާފު ކުރުމަކީ ވަރަށް ކެރިގެން ނޫނީ ނުކުރެވޭނެ މަސައްކަތެކެވެ. އަދުގެ ސަރުކާރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެވި ބަޔަކު ހިމެނޭ ސަރުކާރެކެވެ. އެކަން އެ ޕާޓީގެ އެންމެ މެމްބަރުންވެސް ގަބޫލު ކުރެއްވުމަކީ މުހިއްމުކަމެއް ކަމަށް ދެކެމެވެ.

‮ ‬13‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަސަން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:25/03/2010

    ރަނގަޅު ލިޔުމެއް. ލިޔުމުގައި ހުރިކަންކަމާމެދު ބުނާނެ އިތުރުވާހަކައެއްނެތް. ނަމަވެސް، ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ، ސަރުކާރަށް ތާއީދުކުރާ ބައެއްމީހުންވެސް، ސަރުކާރުގެ ބައެއް އުސޫލުތަކާއި ދެކޮޅުކަން. ޚިޔާލުތަފާތުވުމަކީ މައްސަލައެއްނޫން. ލިޔުމުން އެކަންހާމަ ކުރުމަކީވެސް މައްސަލައެއްނޫން. ތިމާ، ލިޔާލިޔުމެއްގެ ސަބަބުން ތިމާލޭބަލް ވުމުގައި ތިމާލިޔުމުގައި ގެންގުޅޭ ބަހުރުވަވެސް ބޮޑުބައެއް ކުޅޭ.

  2. ކުލަބޮކިފަތި (އަސްލު ނަމެއް ނޫން)‮ ‬ވިދާޅުވީ


    ތާރީޚް:25/03/2010

    ތިޔާ ކިޔަނި ހެޔޮކޮށް، ހިޔާލު ފާޅުކުރަންވާނީ ޒާތީ ތައައްސުބުން އެއްކިބާވެގެން، ކަނުލޯބީގެ ކުނިން ސާފުވެގެން، ހަސަދައިގެ ބަލީން މިންޖުވެ ތިބެގެން، އެހެންނޫނީ ވާނެ ގޮތަކީ މައުމޫނު ސިޔާސާ ހަޔާތްނިންމަވާ ލެއްވީމަވެސް ، ތިޔަކީ އާކަމެއް ނޫނޭ، ކަލޭ ކޮންމެހެން މާ މުހިންމެއް ވެސްނޫނޭ، މި ބާވަތަތުގެ އެއްޗެހި ގޮވޭ ތަން އަތުވެދާނެ،
    މިއޅޭ ޑީއާރުޕީ ބައިވަރަށް މިހާރު ކަމުދޭ މަޖިލީހުގައި ތަޅާ ފޮޅަންވެސް، އާ އޭ އަދި ވާހަކައަކީ ….މަޖިލީހަކީ މިހާރު ސިފައިން ގޮސް ތަޅާ ބުރުއްސާލަންވެފަ އޮތް ގޭންގަކަށް ވެއްޖެ.

  3. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/03/2010

    މި މަޒުމޫނުން ފާހަގަކޮށްލެވޭ ދެ ތިން ތަންކޮޅު ދަންނަވާލާނަން
    1. “އާޤާނޫނު އަސާސީއެއް” (ޕރ 1) މިއީ ރަނގަޅު ގޮތެއް ނޫން. ރަނގަޅު ގޮތަކީ އިޞްލާޙުކުރެވުނު ޤާނޫނު އަސާސީ. އޭގެ ސަބަބަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވުނީ ޤާނޫނު އަސާސީ އިޞްލާޙުކުރަން. މަޖްލީސް އެއްކުރައްވައި، ރައީސް މައުމޫނު ފޮނުއްވި ސިޓީފުޅުގައި ވެސް އޮތީ އެހެން. “އާ ޤާނޫނު އަސާސީ” މި ލަފްޒު ނުކުތީ، ފަހުން މައުމޫނު ވެރިކަމަށް ކުރިމަތިލައްވަން ވެގެން އޮޅުވާލެއްވި އޮޅުވާލެއްވުމުގެ ތެރެއިން.

    2. “މައުމޫނުގެ ފަހު ހަތަރު ވަރަކަށް އަހަރު ތެރޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބުނެވެ.” (ޕރ 2) މިއީ ވެސް ރަނގަޅު ވާހަކައެއް ނޫން. މައުމޫނުގެ ފަހު ހަތަރު ވަރަކަށް އަހަރު ތެރޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބުނީކީ ނޫން އެއްގޮތަކަށް ވެސް. އެ މިނިވަންކަން އެއީ ރައްޔިތުން ކުރުނުކޮށްގެން، އަދި ކުރި ބުރަ މަސައްކަތުން ރައީސް މައުމޫނު އަތްޕުޅުން ރައްޔިތުން ހޯދި މިނިވަންކަމެއް. ރައީސް މައުމޫނު ދެއްވަން ދެކޮޅު ހެއްދެވި މިނިވަން ކަމެއް. ރައްޔިތުންނަށް ލިބުނު އެއްޗެއް ނޫން. ހޯދި އެއްޗެއް.

    3. “މިއަދުގެ ސަރުކާރުގެ ސިޔާސަތަކާބެހި އިސްލާހު ކުރުމުގެ ވާހަކަ ދައްކާ ކޮންމެ މީހަކުމެ ވަނީ ޑީއާރުޕީގެ މީހަކަށެވެ.” ޕރ 4) މިއީ ވެސް މުޅިން ރަނގަޅު ވާހަކައެއް ނޫން. ސަރުކާރުގެ ސިޔާސަތާ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވެސް ބެހިވަޑައިގެން. އެކަމަކު އެބޭފުޅާ ވެވަޑައިގެންފައެއް ނުވޭ ޑީއާރުޕީ ބޭފުޅަކަށް. އެހެންވީމާ މިއީ ވެސް މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން.

    މި ފާހަގަކޮށްލި ކަންކަން ފިޔަވާ، ދެން ހުރި ހުރިހާ ވާހަކަތައް ޖުމްލަކޮށް ރަނގަޅު ކަމުގައި އަޅުގަނޑަށް ފެންނަ ވާހަކަ ދަންނަވަމުން، މުޙައްމަދު އިސްމާޢީލަށް މަރުޙަބާ ދަންނަވަން.

  4. ރަށުސޮރު‮ ‬ވިދާޅުވީ


    ތާރީޚް:25/03/2010

    ކޮނެމެހެން މީހަކު ލިޔާލިޔުމެއް ޙާޝިމަށް ކަމުދާކަށް ނުޖެހެޔޭ

  5. ހުސެން މޮހޮންމަދު (ނަލަ)‮ ‬ވިދާޅުވީ


    ތާރީޚް:26/03/2010

    ތަޢައްސުބުކީ ވަރަށް ނުރައްކާތެރި ބައްޔެއް. މިހާރު މިފެންނަ މަންޒަރު ނިމުމަކަށް އަންނާނީ އަހަރެމެންނަށް ކާފަ ކިޔާ ޖީލު ގައުމާ ހަވާލުވާ ހިސާބުން. އަހަރެމެންގެ ޖީލު ދާނީ އެމީހެއްގެ ޕާޓީއަށް އެމީހަކު ކަނު ތައައްސުބުގައި ހަލާކުވެގެން. އަހަރެމެންގެ ދަރީންގެ ޖީލު މިއަށްވުރެން ތައްކަތުވާނެ. އެކަމަކު ކާފަދަރީން ތިބޭނީ މުޅިން އޯޕަންވެފަ.

  6. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:26/03/2010

    މިހާރު ޑީއާރުޕީ މީހަކަށް ވާނީ މަޖުލީހުގައި ހިންގާ މާރާމާރީތަކަށް ސަޕޯޓުކުރަންޏާ، އެހެންނިއްޔާ ވާނީ އެމްޑީޕީމީހަކަށް.

  7. ހަން ޓޯޓޯ‮ ‬ވިދާޅުވީ


    ތާރީޚް:27/03/2010

    ހާޝިމް އަށް؛ ވެރިޔާ ފާހަގަ ކޮށްފައިވާ ފުރަތަމަ ޕޮއިންޓް ވަރަށް ރަނގަޅެވެ. ނަމަވެސް 2 ވަން އަދި 3 ވަރަ ޕޮއިންޓް އެއީ ވެރިޔާގެ އަމިއްލަ ހިޔާލުކަމަން ފާހަގަކުރެވެއެވެ.ބަޔަކު ތަޅާމަރަގެން ކަމުގައިވިއަސް، ބިރުދައްކައިގެން ކަމުގައިވިއަސް މައުމޫންގެ ފަހު 4 އަހަރުގައި ހަމަ ހަމަ އެކަން އޮތީ އެގޮތަށެވެ. އަދި 3 ވަނަ ޕޮއިންޓް ގައިވެސް އޅުގަނޑު ތާއީދު ކުރާނީ ލިއުމުގައި ވާގޮތަށެވެ. މިއީ އަޅުގަނޑުގެ ހިޔާެލެވެ. ވެރިޔާވެސް ވެރިޔާގެ އަމިއްލަ ހިޔާލެއްނޫން ގޮތުގައި ވަކިކަމެއް ވަކިގޮތަކަށް ސިދާ ނިންމަވާނަމަ އެކަމެއް ޕުރޫފް ކޮށްދިނުމަށް ދަންނަވަމެވެ. އަދި މިފުރުސަތުގައި ވެރިޔާގެ ހިޔާލްތައް ވަކިކޮޅަކަށް ޖެހިފައި ހުނާނަކަމަށް ފާހަގަކުރެވޭ ވާހަކަ ދަންނަވަމެވެ. – ލިޔުމުގައި ކުށެއް ވާނަމަ މައާފަށް އެދެމެވެ.

  8. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:27/03/2010

    ހާޝިމް ތިޔަބުނާ ވާހަކަ ހަމަ ބަރާބަރު، މިލިއުމަކީ އެއްވެސް ދިރާސާ އެއްނުކޮށް ލިޔެފައިވައި ލިއުމެއް. މައުމޫނުގެ ފަހު 4 އަހަރު ވާހަކަ ލިޔުނު އިރު ފަހުހަތަރު އަހަރު މިކަންކަން ކުރަންޖެހުނީ ކީއްވެގެންކަން ނެތްލިޔެފައެއް!ހަންޓޯޓޯ ތިޔަ ބޭނުން ވާ ޕުރޫފަކީ މީ މިކަންތަށް ކުރަންޖެހުނު ސަބަބު. މައުމޫނުގެ އަމިއްލަ ރައުޔަށް ކުރާކަމެއްނަމަ އެހުރިހާ ދުވަހަކުން ނޫން ކުރާނީ އެއް.

  9. ރަށު ގަމާރު‮ ‬ވިދާޅުވީ


    ތާރީޚް:28/03/2010

    ޕިސްޕިސް މެންނަށް ހާދަ ވާނުވާއެއް ނޭގެއޭ. ފަހު ހަތަރުގެ ވާހަކަ ހަމައެކަނި އޮތީ. އެލިޔުމުގަ އޮތް ކޮންމެ އެއްޗެއް ނެތް އޭގެ އެންމެ ފުން މާނައަށް ގޮސް. ޕިސްޕިސް ބުނާ ގޮތަށް ލިޔާނަމަ ދެން ހާދަ ދިގުވާނެޔޭ އެލިޔުން. ޕިސްޕިސް ވަކި ޖުމްލައެއްގެ މާނައަކަށް ނޫން ބަލަންވީކީ. ބަލަންވީ މުޅި ލިޔުމުގެ މަފްހޫމް.

  10. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/03/2010

    ހަންޓޯޓޯއަށް.

    އަޅުގަނޑުގެ ޚިޔާލު ވަކި ކޮޅަކަށް ޖެހިފައި ހުރުން އެއީ އިއްތިފާޤެއް ނޫން. އެއީ އެކަން އޮތް ގޮތް. ކަން ހިނގާ ގޮތް. އެއީ، ޚުދު އަޅުގަނޑުގެ ކުރިމަތީގައި، ފެންނަ ފަށުގައި ކަން ހިނގާ ގޮތް. އެގޮތަކީ ބައެއް ބޭފުޅުން ޤަބޫލުކުރައްވަން ބޭނުންފުޅު ގޮތަކަށް ނުވުމަކީ ވެސް އިއްތިފާޤެއް ނޫން. އެހެން ވެސް ވެދާނެ ސަބަބުތައް ގައިމު ވެސް ހުންނާނެ.

    ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. ރައީސް މައުމޫނުގެ އިސްތިޢުފާއަށް ގޮވާ އެންމެ ފުރަތަމަ ބެނާ އުފުލާލި މީހާ މައުމޫން ސަރުކާރުން ގެންގޮސް ލީ ޖަލަށް. އެތަނުގައި އޭނާ 8 މަސް ދުވަހު ބޭއްވި އެކަމުގެ ސަބަބުން. އެ ބެނާ އުފުލާލައިގެން. މިއީ އަޅުގަނޑުގެ ލޮލުކުރިމަތީގައި ހިނގިކަމެއް 2005 ވަނަ އަހަރު. އެހެންވީމާ، ދެންނެވޭނެތޯ މައުމޫނު ދެއްވި އެއްޗެކޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ؟ ނުދެންނެވޭނެ. ދަންނަވައިފިނަމަ އެއީ ބޮޑު ޤައުމީ ޚިޔާނާތެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. މިހާރު އެހެންތޯ؟ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ ބޭފުޅަކަށް އިސްތިޢުފާއަށް ގޮވާލުމަކީ ކުށެއް ވެސް ފާފައަކަށް ވެސް އަދި މީހުން ޖެހިލުންވެ ފިނިވާކަމަކަށް ވެސް ނުވޭ. ކޮބާތޯ އޭގެ ސަބަބަކީ؟ އެއީ، މައުމޫން އަތްޕުޅުން ގަދަބާރުން ދިވެހި ރައްޔިތުން އެކަން ހޯދުން. މައުމޫނު ބަލިކޮށް، މައުމޫނުގެ ހަރުކަށި އަމުރު މައުރޫފުތައް މުގުރާލައި ބިރު ފަހަނަ އަޅައިދިއުމުން، މައުމޫނަށް ދޫކޮށްލަންވަން ޖެހިވަޑައިގަތް ކަމެއް އެއީ. ދިވެހިން މައުމޫނު އަތްޕުޅުން ފިރުކައިގަތް ކަމެއް އެއީ. މައުމޫނު ދެއްވަންޏާ އެކަން ދެއްވާނީ 2005 ގައެއް ނޫން ދެއްތޯ. 1978 ގައި ދެއްވަން ވާނެ.

  11. ހަންޑިގަނޑާރަ‮ ‬ވިދާޅުވީ


    ތާރީޚް:30/03/2010

    އިސްލާހު ކުރެވުނު ކަމުގައި ވިޔަސް، މިހާރު މިޢަމަލު ކުރެވެމުންދަނީ މުޅިން އާ ޤާނޫނު އަސާސީ އަކަށް ކަމަށް އަހަރެންވެސް އިޢުތިރާފުވަން،

    ލިޔުމުގައި އެވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން (ކޮންމެ ގޮތަކުން) ނަމަވެސް ލިބުނު ވާހަކަ. އެފުރުޞަތުގެ ބޭނުން ރައްޔިތުން ފުޅާ ދާއިރާ އެއްގައި ކުރި ވާހަކަ. އެއިބާރާތާމެދު ޖަދަލުކޮށް ނަފީކުރާނެ ޖާގައެއް ނެތް ހެން ހީވަނީ.

    ދެން، ސަރުކާރުގެ ސިޔާސަތަކާބެހި އިސްލާހު ކުރުމުގެ ވާހަކަ ދައްކާ ކޮންމެ މީހަކުމެ ވަނީ ޑީއާރުޕީގެ މީހަކަށޭ ބުނެފަ އޮތް ޖުމްލައިގެ ޝަރަހަ އޭގެ ފަހުގެ ޖުމްލަ ތަކުގައި ލިޔުންތެރިޔާ ގެނެސްދީފައި އެބައޮތް. އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫނޭ ބުންޏަސް އެއީވެސް ޙަޤީޤަތް. ސަރުކާރުން ދެކޭގޮތުގައި މިސަރުކާރުން ކުރައްވަނީ، އަދި ފެންނަންޖެހޭނީ މުޅީންވެސް (އެއްވެސް އިސްލާހެއް ބޭނުންނުވާ) ރަނގަޅު ކަންތައް

  12. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ހަންޑިގަނޑާރައަށް.
    މުޅިން އާ ޤާނޫނުއަސާސީއެއް ނޫން މިއީކީ. މި ޤާނޫނު އަސާސީ ހެދަން އެއްކުރި މަޖިލީސް އެއްކުރީ ވެސް ޤާނޫނުއަސާސީ އިޞްލާޙުކުރާށޭ ކިޔާފައި އޮތް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން. އެހެންވީމާ، އެކަމަށް އިތުރު ބަޙުސެއް އޮންނާނެކަމަކަށް އަޅުގަނޑު ނުދެކެނެް.
    އަދި ދަންނަވަންތޯ ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބުނު ޤާނޫނުއަސާސީއަކީ ވެސް ހަމައެކަނި މިހާރު އަމަލުކުރަމުން މިދާ ޤާނޫނު އަސާސީއެއް ނޫން. ޚުދު 1932 ވަނަ އަހަރުއްސުރެ ކޮންމެ ޤާނޫނުއަސާސީއެއްގައި ވެސް އެވާހަކަ ވަނީ ލިޔެފައި.
    ދެން އޮތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުން ބޭނުންކުރި ވާހަކަ. އެކަމެއް އަޅުގަނޑު ނަފީއެއް ނުކުރަން. އަޅުގަނޑު ނަފީ ކުރީ ދިވެހިންނަށް ލިބުނު ކަމެކޭ އޮތީމާ އެތަންކޮޅު. އަޅުގަނޑު ދެންނެވީ އެއީ ދިވެހިން ހޯދައިގަތް އެއްޗެކޭ.
    ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިޢުލާންކުރެއްވި މިސަރުކާރަށް ފާޑުކިޔާށޭ. ހަޖޫ ޖަހާ ފުރައްސާރަ ކުރާށޭ. ފްލެޓް ދޮންބެއޭ ވެސް ކިޔާށޭ. މިހާ ފާޅުކަން ބޮޑު ގޮތެއްގައި މި މިނިވަންކަން ދެއްވަން ކެރިވަޑައިގަތް ވެރިއަކީ މިޤައުމުގެ ތާރީޚުގައި ކޮބާތޯ؟

  13. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    އަދި އެސޮރުމެން ލޯހުޅުވި މިގައުމުގައި ކަންހިގާގޮތް އެނގެން ދުވަސްކޮޅެއްނަގާނެ. މުހއްމަދު އިސްމާލުމެން އަދި ތަންކޮޅެއްޅައީ. އަދި ރަނގަޅުވާނެ.