Share

ސިޔާސީ މަގާމުތަކަށް ނިމުމެއްނެތް!

ސިޔާސީ މަގާމުތަކަށް ނިމުމެއްނެތް!
ރަސްގެފާނު

ދާދި ފަހުން ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތައް މަދު ކުރުމަށް ސަރުކާރަށް ލަފާ އަރުވާފައިވާނެ ކަމަށެވެ. މާލީ ވަޒީރުގެ ޖަވާބުން އެނގުނު ގޮތުގައި ކުރީ ގެ ސަރުކާރަށްވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތައް ގިނައެވެ. މިސަރުކާރުން ސިޔާސީ މަގާމުތައް ދެމުން ގެންދާ ގޮތާއި މެދު ގައުމީ ޕާޓީންނާއި އެންމެ ބޮޑު އިދިކޮޅު ޕާޓީން ދަނީ ފާޑުކިޔުންތައް ސަރުކާރަށް އަމާޒު ވަމުންނެވެ.

ކުރީދުވަހު އަނެއްކާވެސް ސިޔާސީ ދެމަގާމެއް ވެދުމަށް އެރުވި ހަބަރު ހަވީރުން ލިބިއްޖެއެވެ. އެއްބޭފުޅަކަށް އިސްލާމީ މަރުކަޒެވެ. އަނެއް ބޭފުޅަކަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުކަމެވެ.

އިސްލާމިކް މިނިސްޓްރީގައި މިނިސްޓަރުގެ އިތުރުން ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އިސްލާމިކް މިނިސްޓްރީގެ ވަޒީރުކަން އަދާލަތު ޕާޓީ އަށް ލިބިފަވާއިރު، އަދާލަތު ޕާޓީގެ ދެ ވަޒީރުންނަށް އަމާޒުވާ ގޮތަށް އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ދަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. އަދި އަދާލަތު ޕާޓީގެ ވާހަކަ ތަކުން މިއަދު ގެ ސަރުކާރުގެ ތެރެއިން އަދާލަތު ނެރެ އެއްލާލަން އުޅޭކަމުގެ ފެހި ސިގްނަލް ވެސް ފެންނަން ފަށައިފި ކަމަށް ބައެއް މީޑިޔާ ތަކުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ދަނޑިވަޅުގައި އެމްޑީޕީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންދާ ހާފިޒް ޒަކީ އަށް އިސްލާމިކް މިނިސްޓްރީގެ މުރުޝިދު އާންމު ގެ މަގާމު ދެއްވައިފިއެވެ. އަނެއްކާވެސް ބޮޑު މުސާރައެކެވެ. އަނެއްކާވެސް ސިޔާސީ މަގާމެކެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އިސްލާމީ މަރުކަޒާ ގުޅޭ ހުރިހާ ކަމެއްވެސް ބަލަހައްޓަވާނީ މީގެ ފަހުން ޒަކީ އެވެ. ޒަކީ މިނިސްޓްރީގައި ކުރައްވާނީ އިސްލާމީ މަރުކަޒާ ގުޅޭ ކަންކަމެވެ. މިކަމަށް ބޮޑު މުސާރަ ދީފައި ސިޔާސީ މީހެއް ބޭނުންވާނެހެއްޔެވެ. މިހާރުވެސް މިނިސްޓަރާއި ދެ ސްޓޭޓް މިނިސްޓަރުން ނާއި ޑިރެކްޓަރ ޖެނެރަލުންނާއި އަދިވެސް ތަފާތު އެތައް މަގާމެއްގައި ބޭފުޅުން ތިއްބެވިއިރު އިސްލާމީ މަރުކަޒު ބަލަހައްޓަވާށޭ ބުނެ މަގާމެއް އިތުރު ކޮށްލުމަކީ މިދަނޑިވަޅުގައި ކުރުން އެންމެ ރަނގަޅު ކަމެއްބާވައެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީގެ ނައިބުކަމަށް ފަރުހަތު ހަމަޖެއްސެވި ކަމަށް ނޫސްތަކުން ހަބަރު ލިބުމާއެކު ކުއްލި ޝޮކެއް ލިބުނެވެ. ވާނީ ވެސް އެހެންތާއެވެ. އަނެއްކާވެސް ސިޔާސީ މަގާމެއް ވިއްޔާއެވެ. އަދި ހަމަ އެހެންމެ ދާދި ފަހުން މެދު ދެކުނު ޕުރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައި އޮފީހަށް ނުކުމެވަޑައިނުގަންވާތީ އެހެން ބޭފުޅެއް އެމަގާމަށް ހަމަޖައްސައިދިނުމަށް ހޯމް މިނިސްޓްރީން އެދިލައްވާފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރެއްވީތާއެވެ. ވަޒީފާ ދިންފަހުން ތިން މަހާ ގާތްކުރިއިރުވެސް އޮފީހަށް ނުވަތަ ވަޒީފާ އަށް ނުނިކުމެ ގޭގަ މަޑުކުރީމާ ހަދިޔާއެއްގެ ގޮތުން ޓްރާންސްޕޯރޓް މިނިސްޓްރީގެ ނައިބު ކަމެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި ނައިބުންނާއި ސްޓޭޓް މިނިސްޓަރުން “ބޯ” ކޮށް އޮތްއިރު އަދި މި ނާޒުކު ދަނޑިވަޅުގައި އަނެއްކާވެސް ސިޔާސީ މަގާމެކެވެ.

މާޒީގައި ހިފައިގެން މާޒީން ނެއްޓެން ނޭގިގެން އުޅުމަކުން ކުރިމަގު އުޖާލާއެއް ނުވާނެއެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކެނެރީގޭ މުހައްމަދު ނަޝީދަށް ވޯޓު ދިނީ އެދިގު ތިރީސް އަހަރު އިތުރަށް ތަކުރާރު ވެ ދިޔަ ނުދިނުމަށެވެ.

‮ ‬21‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ރަސްގެފާނު މިފަހަރު ތިދެއްކީ ވަރަށް ރަނގަޅު ވާހަކައެއް. އަދާލަތު ޕާޓީ ނެރެ އެއްލާލުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެބަކުރެވޭ މިހާރު. މިސަރުކާރު އުޅޭ ގޮތުން މިހާރު ހީވަނީ ވާނުވާ ނޭގިގެން ހާސްބޮޑުވެގެން އުޅޭ ސަރުކާރެއްހެން. ސިވިލް ސާރވިސް އަށް ހަމަ މުސާރަ ނުދެވިގެން އުޅޭ އިރުވެސް ހަބޭހަށް ސިޔާސީ މަގާމުތައް ދެނީ. ސަލާންޖަހާ ކޮންފަރެންސް އިން ލިބުނު 313 މިލިއަން ޑޮލަރ ވެސް ސިޔާސީ މަގާމުތަކަށް ދީ ހުސްކޮށްލާ. އަހަރެމެން ޕުރޮވިޑެންޓް ފަންޑަށްލީ ލާރިކޮޅުވެސް ދެނީކީ ނޫން. މީދެން ހާދަ އޯގާތެރި ހެޔޮވެރިކަން ކުރާ ސަރުކާރެކޭ. ކުޅުދުއްފުށީ ބޮޑު މުހައްމަދު މުހައްމަދު އަމީންގެ ދައުރުގައި އެ ހިންގި ކަންތައްތައް މަތިން ވަރަށް ހަނދާންވޭ މިހާރު. ނެތްތަ އެކަހަލަ ބޮޑު މުހައްމަދެއް މިހާރު.

  2. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ސިޔާސީ މަގާމުތަކުގެ ވާހަކަ ދައްކަވާ ބޭފުޅުންނަށް ވިސްނި ވަޑައިނުގަންނަވާ އެއްތަންކޮޅު އެބައޮތް. އެއީ، ކުރީގެ ސަރުކާރަށް ވުރެ، މިސަރުކާރު އައި އިރު އޮތް ޤާނޫނު އަސާސީން މާ ގިނަ ކޮމިޝަންތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވިކަން. އަދި އެތަންތަނުގެ ވެރިންނަށް އިންތިހާ ބޮޑު މުސާރަ ދެވޭކަން. ވެރިކަމަށް އެމްޑީޕީން އައިއިރު މައުމޫނު ސަރުކާރުން ދިވެހި ދައުލަތް އެކީ ހުސްކޮށްލާފައިވާ ކަމެއް ފާހަގައެއް ކުރަން ޖެހޭ. ދުނިޔޭގެ އިޤްތިޞާދު ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށްވެފައިވާކަން ވެސް ފާހަގަކުރަންޖެހޭ. އަދި މައުމޫނުގެ ފަހު 6 މަސް ދުވަހުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ދެއްވާފައިވާ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތަކަށް ފައިސާ ދައްކަން މިސަރުކާރަށް ޖެހިފައިވާކަމެއް ފާހަގަ ކުރަންޖެހޭ. ސަރުކާރު އައީ ޕާޓީ ސިސްޓަމްގެ ތެރެއިން ކަމާ އެމީހުންނަށް ވަޒީފާ ދޭން ޖެޙޭނެ ކަން ފާހަގަކުރަން ޖެހޭ. އަދި ސިޔާސީ މަޤާމުަތަކުގެ މީހުންގެ މުސާރައިން 20 އިން ސައްްތަ އުނިކުރިކަން ވެސް ފާހަގަކުރަންޖެހޭ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެވަރު ވެސް ނުކުރާކަން ފާހަގަކުރަން ޖެހޭ. ދައުލަތް އެކީ ހަފުސް ވެފައިވާކަން ވެސް ފާޙަގަކުރަންޖެހޭ. އެހެންވީމާ، މަޒުމޫނު ލިޔުއްވުމުގެ ކުރިން މިކަންކަމަށް ވިސްަނާވަޑައިގެން ލިޔުއްވިނަމަ، ތިޔަ މަޒުމޫނު ވަރަށް ފުރިހަމަ ވީސް ކަމުގައި ދަންނަވަން.

  3. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ޢަލީ މުޖުތަބާއަށް

    “ސަލާން ޖަހާ ކޮންފަރެންސް” އޭ ވިދާޅުވުމަކީ ވަރަށް ބޭއަދަބީ ދަށު ދަރަޖައިގެ ޖާހިލު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއީ އެފައިސާ ހޯދުމަކީ މިވަގުތު އަދި ފަހަށް ވެސް ދިވެހި ޤައުމަށް މުހިންމުކަމެއް. އަޅުގަނޑުމެން ކޮންމެ އެއްޗެއް ބުންޏަށް ބުނަންވާނީ ޒިންމާދާރުކަމާއެކު. ޚުދު ޑީއާރުޕީއާ އެނޫން ވެސް އިދިކޮޅު ޕާޓީތަކުން ވެސް އެހެން ވިދާޅެއް ނުވޭ. އެބޭފުޅުން ވެސް ވިދާޅުވަނީ ދިވެހިރާއްޖެއަށް ލިބޭ އެޙީއަށް މަރުޙަބާކިޔަމޭ. އެހެންވީމާ، ކޮންމެ ގައުމެއްގެ ކޮންމެ ސަރުކާރަކުން ވެސް އަދި އިދިކޮޅު ޕާޓީތަކުން ވެސް މިބާވަތުގެ ކަންކަމަށް މަރުޙަބާކިޔާ. ފައިސާ ހޯދުމަށް މިފަދަ ކޮންފަރެންސްތައް ބާއްވަން ޖެހެނީ އަޅުގަނޑުމެން އެއްވެސް މީހަކީ އަދި ގައުމަކީ ވެސް ދުނިޔޭގައި އެކަނިމާއެކަނި އުޅެވޭ ބަޔަކަށް ނުވާތީ އަދި އަނެކުންގެ އެހީއަށް ބޭނުންވާތީ. އަޅުގަނޑުމެންނަށް ވުރެ މާބޮޑެތި މާމުއްސަނދި ގައުމުތައް ކަމަށްވާ އިންޑިޔާ، ޕާކިސްތާނު އަދި ޗައިނާ ފަދަ ތަންތަނުން ވެސް މިބާވަތުގެ އެޙީ ހޯދާ. އެއީ ހުތުރު ކަމެއް ވެސް ނޫން. އެހެންވީމާ، “ސަލާން ޖަހާ ކޮންފަރެންސް” އޭ ވިދާޅުވީމާ، އެއީ ވަރަށް ދެރަ، ޖާހިލު ލަފްޒުތަކެކޭ އަޅުގަނޑު ދަންނަވާނީ. ދެން އޮތީ އެ މިންވަރަށް ފައިސާ ހޯދަން ޖެހެނީ ކީއްވެތޯ ބެލުން. އޭގައި ވެސް އެބަހުރި ސަބަބުތައް. ދިގު 30 އަހަރުގެ ވެރިކަމެއް ނިންމާލި ބަޔަކު ނެތޭ 2 މަސް ދުވަހުގެ ކާޑުގެ ފައިސާ ވެސް އެއްކޮށްފައެއް. ދައުލަތުގެ ޚަޒާނާ އޮތީ ހުސްކޮށްލާފައި. އެކަމަކު، އެ ވެރިކަމުގެ އެންމެ ދަށު ދާވަނީގައި ތިބި މީހުންގެ ގެދޮރަށް ދަންދެން އެހެރީ 10 ބުރިއަށް އަރާފައި. އަނެއްކޮޅުން، ކޮށްފައިވާ ވައްކަންތަކާއި ޚިޔާނާތުގެ ދަޢުވާތައް މިހާރު ވެސް އެދަނީ އެ މީސްމީހުންގެ މައްޗަށް ކުރެވެމުން. އެހެންވީމާ، “ސަލާން ޖަހާ ކޮންފަރެންސް” އޭ ވިދާޅުވީމާ އަޅުގަނޑު އަނެއްކާ ވެސް ދަންނަވާނީ، އަލީ މުޖުތަބާއޭ ކުޑަކޮށް ބައްލަވާލައްވައިގެން ވާހަކަތައް ވިދާޅުވާށޭ.

  4. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    “އަޅުގަނޑުމެން ސަރުކާރާ ހަވާލުވާއިރު ދައުލަތުގެ ހަޒާނާގައި އެންމެ ލޯ ލާރިއެއް ނެތަސް މިގައުމު ހިންގާނަން. މިގައުމަކީ ވަރަށް މުއްސަނދި ގައުމެއް. މިގައުމަށް ބޭރުގެ ލޯނުތަކާއި އެހީތައް ބޭނުމެއް ނުވާނެ. މިގައުމުގައި މިހުރި ރިސޯޓުތަކުން އެކަނި ވެސް މިގައުމު ހިންގޭނެ. އެންމެ ރިސޯޓަކުން ވެސް އަޅުގަނޑު ސަރުކާރު ހިންގާނަން. ކަންކަން ކުރަން ނޭގެނީ މިހާރުގެ ސަރުކާރަށް. އަޅުގަނޑު ވައުދު ވަން ދައުރުގެ މެދުތެރތެއިން އިންތިހާބެއް ބާއްވަން. އަޅުގަނޑު ވައުދުވަން ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެކަމަށް. އަޅުގަނޑު ވައުދުވަން ކަރަންޓްގެ އަގު ބޮޑު ނުކުރާނެކަމަށް. އަޅުގަނޑު ވެރިކަމަށް އައިފަހުން އިންފްލޭޝަން ރޭޓް ދަނީ ދަށަށް. ތަކެތީގެ އަގު ދަނީ ހެޔޮވަމުން.އަޅުގަނޑުގެ ސަރުކާރުން ޑޮލަރުގެ އަގު 10 ރުފިޔާ އަށް ތިރިކުރާނަން. ފަސް އަހަރުތެރޭ ރާއްޖޭގެ އެކި ހިސާބުތަކުގައި 75 ކިލޯމީޓަރު މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައިދޭނަން.” މިއީ ރައީސް ނަޝީދު މިދިޔަ 18 ވަރަކަށް މަސް ދުވަސް ތެރޭ ދައްކާފަ ހުރި ވާހަކަތައް. އެކި މުނާސަބަތުގައި. ސަލާންޖާހާ ކޮންފަރެންސް އެއީ އަޅުގަނޑު ދިން ނަމެއް ނޫން. އެއީވެސް ޚުދު މިހާރުގެ ރައީސް ނަޝީދު ދިން ނަމެއް. މައުމޫނުގެ ދައުރު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް އަންނި ކިޔަމުންދިޔައީ ސަލާންޖަހާ ފޯރަމެކޭ. ދެން މިހާރު ވަކި ސަލާންޖަހާ ކޮންފަރެންސަކަށް ނުވާންވީ ކީއްވެ. ހާޝިމަށް ހަޖަމު ނުވީ ދޯ…

  5. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ހާޝިމް ތިޔަ ވިދާޅުވާ ޖާހިލު ބޭއަދަބީ ދަށުދަރަޖައިގެ ކަމެއް ފުރަތަމަ މިގައުމުގައި ކުރީ ގ ކެނެރީގޭ މުހައްމަދު ނަޝީދު އާއި ޑީއޯ ސައްޕެ. އެދެމީހުން އެދުވަސްވަރު އެވާހަކަ ދެއްކީ. ސަލާންޖަހާ ފޯރަމްގެ ވާހަކަ. އެދުވަހު ހާޝިމަށް އެމައްސަލައަކަށް ނުވި. ތީ ރީނދޫހުން ޖެހުނީމަ ވާ ގޮތް. މާޒީ ހަނދާން ނެތޭގޮތްވުން. އަދި ކުރިން ހަޑި ގޯސް ހުތުރު ކަންކަން މިހާރު ރަނގަޅު ވުން. ނޫ ބަލި ޖެހުނަސް އެހެންވޭ. ހުދުމުހުތާރު މަތިން ހަނދާން ނެތޭ. މީވަރަށް ފައްކާ ލިޔުމެއް. މަގާމުތައް ހަމަ ބަހަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް. ދެން މިނިވަން މުއައްސަސާ ތަކާއި ކޮމިޝަން ތަކުގައި އެތިއްބަވަނީ ކީ ސިޔާސީ މަގާމުތަކުގައެއް ނޫނޭ. އެއީ މިގައުމު މިހާރު ފަންކްޝަން ކުރުމަށްޓަކައި ރައްޔިތުން ނިންމާފައިވާ ގޮތް. ރައްޔިތުން ވޯޓު ދިނީ ކުޑަ ސަރުކާރުގެ އުއްމީދުގައި.

  6. ނައީމް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ތިޔަހެންޏާ ނިކަން ބުނެ ބަލަ! ފޮޓޯގަނޑުގައި އެހުރީ ކާކު ދަރިއެއް؟

  7. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ޢަލީ މުޖުތަބާއަށް.

    ސަރުކާރަކީ އެންމެ މީހެއް ނޫން. ދައުލަތަކީ ވެސް އެންމެ މީހެއް ނޫން. ގައުމެއްގެ ނަޒަރުން ވިސްނަން ޖެހެނީ ހުރިހާ ރައްޔިތުންނަށް. އެހެންވީމާ، ސަރުކާރުގެ އެންމެ މީހަކު ބުނާ އެއްޗެއް، ވަކިން ޚާއްޞަކޮށް ސިޔާސީ ޕޯޑިއަމްތަކުގައި ބުނާ އެއްޗެހި އެއީ ސަރުކާރުގެ ބަހަކަށްވުން ލާޒިމެއް ނޫން. އަޅުގަނޑު ހުރިން ޑީއާރުޕީން ރިޔާސީ ވޯޓުގެ ކުރިން، އެމީހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި. އެއީ އެއްކަލަ ވާރޭ ވެހުނު ރޭ މާލެއަށް. އެރޭ ޑީއާރުޕީގެ އަހުމަދު ނިހާން ވިދާޅުވި މުޙައްމަދު ނަޝީދަކީ މި އުންމަތުގެ ދައްޖާލޭ ވެސް. އެކަމަކު، އެއީ ކޮންމެހެން ޑީއާރުޕީގެ ރަސްމީ ބަހަށް ވުން ލާޒިމެއް ނޫން. ސަރުކާރުގެ ވެސް އަދި ޕާޓީތަކުގެ ވެސް ރަސްމީ ބަހަކީ، އެމީހުން ލިޔުމުން، ޤަރާރުތަކެއްގެ ސިފައިގައި، ނޫނީ އެނޫން ވެސް ގޮތަކުން ނެރެ ޝާއިޢުކުރާ އެއްޗެހި. މައުމޫން ވިދާޅުވި ސައިކުރާ ނަޢީމް، މައުމޫނަށްޓަކާ ފިދާވީއޭ. އެއީ ޝަހީދެކޭ ވެސް. އެކަމަކު އެހެންތޯ އެކަން ވާނީ. ޢަބްދު ﷲ ޙަމީދު ކިތައް ފަހަރު ކުޅުދުއްފުށީ ފަޅުފުންކުރަން، ބަނދަރު ހަދަން ވަޢުދުވިތޯ؟ އެކަން ހިނގިތޯ؟ އެއީ ސިޔާސީ ކުޅިގަނޑުތަކެއް.
    ދެން އޮތީ ކަރަންޓްގެ ފީ ބޮޑުކުރުން އެއީ ސްޓެލްކޯ ދަރަނިވެރިނުވެ ހިންގުމަށްޓަކާ ކުރަން ޖެހޭ ކަމެއް. ސްޓެލްކޯ ދަރަނިވެރި ނުވާނީ، އެމީހުން ޑީސަލް ގަންނަ ފިއުލް ސަޕްލައި އަށް ތެޔޮ ބިލްތައް ދައްކައިގެން. ފިއުލް ސަޕްލައި އަށް އެ ފައިސާ ނުލިބެންޏާ އެ މީހުންނަށް ބޭރުން ތެލެއް ނުލިބޭނެ. ކަރަންޓަކީ ތެލާ ގުޅިފައިވާ ކަމެއް. ތެލަކީ ޢަރަބިންގެ ކޮންޓްރޯޅް ދަށުގައި އޮންނަ އެއްޗެއް. މި ސަރުކާރު ޙަވާލުވިއިރު އޮތް ތެލުގެ އަގުތޯ މިހާރު އޮތީ. އެހެންވީމާ، ކަރަންޓްގެ މައްސަލައިގައި އަޅުގަނޑުމެން އެއްޗެއް ބުނަންޏާ ބުނަންވީ، ޖުއްބާލައިގެން އުޅޭ އަރަބީންގެ ދަހިވެތި ޖާހިލުންނަށް ނޫންތޯ؟ ހަމަ ތެލާ ގުޅިފައިވާ ކަމެއް މަތިންދާ ބޯޓު ދަތުރުވެސް. ކިތައް ފަހަރު އައިލެންޑް އޭވިއޭޝަނުން ޓިކެޓް ބޮޑު ކުރިތޯ؟ ކީއްވެގެންވާ އެމީހުންނަށް އެއްޗެއް ނުބުނަނީ. ތެޔޮ އަގުބޮޑުވާއިރަށް ފިއުލް ސަޕްލައި އާ ދިމާއަށް ނުދަނީ؟ މިހިރީ ވިސްނަން ޖެހޭ ކަންތައްތައް. މިސަރުކާރަކީ ކުޑަ ސަރުކާރެއް ނޫނޭ ބުނެވޭނެ ގޮތެއް ވެސް ނެތް. ކެބިނެޓަށް ބެލިޔަސް އެކަން އެނގޭނެ. އަދި ކޮބާތޯ ކުރީގައި މައުމޫން ސަރުކާރުގައި ވަޒީރުކަން ކޮށްފިއޭ ދުވަހަކު ރާއްޖެއަށް ނާންނަ މީހުން ވެސް ކޮލި އަލިމަނިކުމެން ފަދަ. އެހެންތޯ މިހާރު. މިހާރު ކޮންމެ މީހަކީ ވެސް މަސައްކަތް ކުރަންޖެހޭ މީހެއް.

    ދެން ސަލާންޖަހާ ކޮންފަރެންސްއޭ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ، އަޅުގަނޑަށް އެނގިފައިވާ ކަމެއް ނޫން. އެހެން އޭނާ ވިދާޅުވިނަމަ، އެއީ އޭނާ ކުރެއްވި ދަށު ދަރަަޖައިގެ ކަމެއް ހަމަ. އޭނާ ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން.

  8. ކުލަބޮކި ފަތި (އަސްލު ނަމެއް ނޫން)‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    މާ ހާޝިމާ އެއްކޮޅު

  9. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    އެއީ ކުރިން މައުމޫނުގެ ދައުރުގައި އަތޮޅުވެރިކަން ކުރި މީހެއް. އެންމެ ފަހު ދުވަސްކޮޅު އެމްޑީޕީ އާ ގުޅުނީ. ފަރުހަތު ކިޔަނީ އޭނައަށް. އާދަމްގެ ދަރިއެއް އެއީ.

  10. ރަށުސޮރު‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    މިރަށުގައި މިހުރި ޕޮރޮވިންސް އޮފީހުގައިވެސް އަނެއްކާ އިތުރު ސިޔާސީ މަޤާމެއް އުފައްދާފި. އެއީ ކޮނެމެވެސް ޑިރެކްޓަރެކޯ (އަންހެނެއް). މިކަން އެނގުނީވެސް އެއްދުވަހު މަގެއްމަތިން ފެނިގެން މީހަކުކުރެން އެއީ ކޮންބޭކަނބަލެއްތޯ އެހީމައި.

    ކީރިތި ރަސޫލާ (ސއވ) ގެ ޙަދީޠެއެގައި ވާކަމަށް އަޅުގަނޑުގެ ހަނދާނަށް އާދޭ އަރަބިންދެކެ ރުޅިއަންނާނީ ތިމަންކަލޭގެ ފާނުންދެކެ ރުޅިއަންނަ މީހުންނޭ. މާފުކުރައްވާތި އިބާރާތުގައި ކުށްހުރެދާނެ. މީގެ ރަނގަޅު އެގިލައްވާ ދީނީ ޢިލްމުގެ ބޭފުޅަކު ހުރިނަމަ އިޞްލާޙު ކޮށްދެއްވާތި.

  11. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    މިތާ ކޮންމެހެން ހަދީސާ އޭގެ މާނަ ނޭނގޭ މީހުން ހަދީސް ލިޔަން އުޅޭނެ ކަމެއްނެތް.ސިޔާސީ މަގާމު ހެޔޮކިތަންމެ ގިނަވިޔަސް އެކަމަކު ގައުމު ފުޑާނުލާތި މައުމޫނު ހެދިހެން.ބޯހިކެންނެތޭ ދަރަނިން.

  12. ޝަހީދާ‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    އެކިޔަނީ ފަހެ ކިޔެކޭ؟ އިގުތިސޯދާ އެއްޗެހި ދަށަށް ގޮސްގެން، މައުމޫނު ގައުމު އިނދަޖައްސާލާ، ދަރަނި ބޮޑުކޮށްލި ވާހަކަ ހަނދާންކޮށްދޭ މީހަޔަށް ނުވިސްނެނީބާ ގައުމު އިނދަޖެހުނީމަ ދެންވަސް، ބޮޑެތި މުސާރަ ދީދީފަ ފާޑުފާޑުގެ މަގާމުތައް ނަހަދަންވީކަން؟ އާނ ރީނދޫ ހުން ޖެހުނީމަ ނޭނގެނީ ކިޔޭ އެއްޗެއް. ނޫފައި ގަތީމަ ވެސް ނޭނގޭނެ.

  13. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    ރަށު ސޮރަށް.

    އަޅުގަނޑު ގާތުގައި އިނގިރޭސިވިލާތުގެ ސިޔާސީ ޢިލްމުވެރިއަކު ވިދާޅުވި ވާހަކައެއް އަޅުގަނޑު ދަންނަވާލާނަން. އެއީ، ސިޔާސީ ކަމަކާ ގުޅުވައިގެން މީހަކު ދީނީ އެއްޗެއް ދޫކޮށްލާ ކަމަށްވަންޏާ ބަލާނެ ކަމެއް ނެތޭ އޭނާ ތާކުންތާކު ޖެހޭ ވާހަކައެއް އިތުރަށް ދެއްކެން ނެތީއޭ. ދީނީ ކާޑަކީ ސިޔާސީ މީހުން އެންމެ ފަހު ހަތިޔާރަކަށް ބޭނުންކުރާ އެތި ހުރިހާ ފަރާތަކުން ފަޟީޙަތްވެ ބެދުނީމާ. މިހާރު ރަށު ސޮރު ރަސޫލާގެ ޙަދީސެކޭ ކިޔާފައި ތިޔަ ގެންނެވި ވާހަކައަކީ ވެސް ހަމަ މިދެންނެވި ގޮޅީގެ ތެރެއަށް ފެތިގެންދާ ވާހަކައެއްް. އަޅުގަނޑު ދެންނެވީ ކަރަންޓް އަގުބޮޑުވުމުން، އަސްލުގައި ރުޅި އަންނަން ޖެހޭނީ ޢަރަބިން ދެކެއޭ. ސްޓެލްކޯ ނުވަތަ ޔުޓިލިޓީޒް ކުންފުނި ދެކެއެއް ނޫނޭ. އެހެން ދެންނެވީ، ކަރަންޓަކީ ތެލާ ގުޅިފައިވާ އެއްޗަކަށްވާއިރު، ކިތަންމެ ވަރަކަށް ތެޔޮ އަގު އަރައިގެން ދިޔަސް، ރަށު ސޮރުމެން ހީފުޅުވަނީ ކަރަންޓް އުފައްދާ މީހުން ހަމަ ނަގަމުން އަންނަ ކަރަންޓް ފީ އިން ދެކޮޅު ޖެއްސޭނޭ. އެއީ ކުށް ހީއެއް. އެކަމެއް ނުވާނެ. ކަރަންޓް އުފައްދާ މީހުންގެ މުސާރަ ވެސް ދޭން ޖެހޭ. އެހެންވީމާ، ހަމަ މީގައި ނުބައި ހަދާ ބަޔަކީ، އަނެއްކާ ވެސް ދެންނެވޭނީ ބަހުލޫލު ޢަރަބިންނޭ.

  14. ކޮޔޮޅު ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    މަވެސް ހާޝިމާ އެއްކޮ

  15. ރީދޫހުން‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    މި އުޅޭ ހާސިމަށް ނޫން މީހަކަށް ހަމަ އެކައްޗެއްވެސް ނޭގެނީތަ. ހާޝިމަކީ ހާދަ މޮޅު މީހެކޭދޯ. 2013 ވަނަ އަހަރު އެމް.ޑީ.ޕީން މިގައުމު ހަލާކުކުރަން ރައީސް ކަމަށް ކުރިމަތިލާން ހާޝިމްގެ ކިބައިން އަޅުގަނޑު އެދެން. ހާޝިމް ވަރުގެ މޮޅު މީހަކު މިދުނިޔޭގައި މިވަގުތަކު ހުރިހެއް ހިޔެއްނުވޭ. އަދި އޭނަވަރުގެ ހީވާގި ހިންގުންތެރި ގިނައިން ދަތުރުކުރި މީހަކުވެސް މިރާއްގެއަކު ނުހުންނާނެ. އޭނާ ނުކުރާކަމެއް ބައްދަލުނުވާ މީހެއް ނޭގޭ އެއްޗެއް ނެތް.މަ ބޭނުން ހާޝިމާއި ބައްދަލުކޮށްލަން ކިހެނެން އެކަންވާނީ. އެކަންކޮށްދީބަލަ. ޕުލީސް ……..

  16. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    މިތަނުގައި ހާޝިމް ތިދައްކަނީ މުޅިން ބޯ ހަމަ ޖެހޭ ވާހަކައެއް ނޫން، އޭގެ މިސާލަކަށް “މިސަރުކާރު އައި އިރު އޮތް ޤާނޫނު އަސާސީން މާ ގިނަ ކޮމިޝަންތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވިކަން. އަދި އެތަންތަނުގެ ވެރިންނަށް އިންތިހާ ބޮޑު މުސާރަ ދެވޭކަން.” އިތުރުވީ މަޖިސްލިސް މެމްބަރުން އެކަނި އިތުރު މިނިވަން މުވައްސަސާއެއް އިތުރެއް ނުވޭ، އަދި މިއީ ދައުލަތުން މުސާރަދޭން ޖެހޭ ސިޔާސީ މަޤާމްތައްކަމުގައިވެސް ނުގުނޭނެ، ސިޔާސީ މަޤާމް ނުދަންނަނީ ނަމަ ބުނެދޭނަން ސިޔާސީ މަޤާމަކީ ވެރިކަން ބަދަލުވުމާއި އެކު އެމީހަކަށް ގެއްލިގެންދާނެ ވަޒީފާތަކަކަށް ކިޔާ ނަމެއް، އެއީ އޭރުގެ ސަރުކާރަކަށް އެމީހަކު ޤާބިލުކަމަށް ބަލާ ސަރުކާރަށް ބަލަދު އަރާ ބަޔަކަށް ހަދިޔާކުރާ މަޤާމް ތަކެކޭވެސް ބުނެވިދާނެ، “ސަރުކާރު އައީ ޕާޓީ ސިސްޓަމްގެ ތެރެއިން ކަމާ އެމީހުންނަށް ވަޒީފާ ދޭން ޖެޙޭނެ ކަން ފާހަގަކުރަން ޖެހޭ.” މިއީ ވެސް އަރަތެއް ނޫންދޯ، ވެރިކަމަށް އައީ އެތަކެއް ޕާޓީތައް ކޯލިސަން ހަދައިގެން އެހުރިހާ ޕާޓީއެއްގެ ދަފުތަރުގައި ކިތައް މީހުން ތިބޭނެތޯ؟ އެހުރިހާ މީހުންނަށް ހާޝިމް ތިބުނަނީ ވަޒީފާ ދޭން ޖެހޭނެކަމަށް، އެހެން ވީމާ މިޤައުމުގައި 2013 ގައި ބާއްވާ އިލެކްޝަންގައި އެއްވެސް ޕާޓީ އަކުން ކުރިމަތިލާ މީހަކަށް ވޯޓް ލުމަކީ އަނެއްކާވެސް ޤައުމަށް ހުރި ނުރައްކަލެއް ކަމުން އެފަދަކަމެއް އެއްވެސް މީހަކު ނުކުރުން އެދެން . ހާޝިމް ހާދަ މޮޔަޔޭދޯ.

  17. Dog‮ ‬ވިދާޅުވީ


    ތާރީޚް:02/04/2010

    “ދައުލަތަކީ ވެސް އެންމެ މީހެއް ނޫން. ގައުމެއްގެ ނަޒަރުން ވިސްނަން ޖެހެނީ ހުރިހާ ރައްޔިތުންނަށް. އެހެންވީމާ، ސަރުކާރުގެ އެންމެ މީހަކު ބުނާ އެއްޗެއް، ވަކިން ޚާއްޞަކޮށް ސިޔާސީ ޕޯޑިއަމްތަކުގައި ބުނާ އެއްޗެހި އެއީ ސަރުކާރުގެ ބަހަކަށްވުން ލާޒިމެއް ނޫން.” މުބުނަނީ ކީކޭކަން ވިސްނަން އުޅެއުޅެ ނުވިސްނުނު، ސިޔާސީ ޕޯޑިއަމަކަށް ވަނީ ކިހިނެއް؟ އެތަނެއްގައި ސިޔާސީ ވާހަކަދެއްކުމުން ދެއްތޯ. އެހެން ވެއްޖެނަމަ ރާއްޖޭގެ ރައީސް ދައްކާ ވާހަކަތަކަކީ މުޅިވެސް ސިޔާސީ ވާހަކައަށް ބަލާ އެއެއަށް އެއްވެސް ގޮތަކަށް ރައްޔިތުން ތަބާ ވާކަށް ނުޖެހޭނެތާއެވެ. ވެރިކަން ހޯދުމަށް ރައްޔިތުން ބޮލަށް ވަނުމަށް ވާހަކަދައްކަމުން ދިޔައިރު އެތަންތަނުގައި ދެއްކި ވާހަކަތައް އެއީ ހަމައެކަނި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއް ނަމަވެސް މިހާރު އެމަނިކުފާނަކީ ރާއްޖޭގެ ރައީސް ކޮންމެ ތަނެއްގައި ވާހަކަދެއްކި ނަމަވެސް ބުނާނީ އެއީ ރާއްޖޭގެ ރައީސް ބުނިއެއްޗެކޭ، ވީމާ ދައްކާ ވާހަކަ ދިމާ ނުވަންޏާ ހަމަ އެކަނި ހުތުބާ ލިޔެފައި ބެހުމަށް އެމަނިކުފާނަށް ހާޝިމް ދަންނަވާދެއްވާ. ދެން ބުންތަ؟ އަޅުގަނޑުމެންނަކީ އިސްލާމުންކަމަށް ވާހިދު އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ މީހުން އަޅުގަނޑުމެން ވާހަކަދައްކާ ފޯރަމްތަކުގައި ބައިވެރި ނުވާތި. އަރަބިންނަކީ އަޅުގަނޑުމެންނާއި ހުރިހާ ގޮތަކުން ގާތް ބައެއް، މިދިޔަ ސަލާމްޖަހާ ފޯރަމަށްވެސް އެންމެ ގިނައިން އެހީވީ ތިބުނާ މީހުންކަމުގައި ޑރ. ސަހީދުވެސް ބުނި، މިހާރުގެ ރައީސް އާއި ހާޝިމް އަރަބިން ދެކެ ރުޅިއައިނަމަވެސް އަޅުގަނޑުމެންނަށް އެބައި މީހުން ދެކެ ރުޅިއެއް ނާދެވޭނެ، އެއީ އަރަބިންނަށްވެ އިސްލާމުންކަމަށް ވީތީއެއް، މައުހަދުން ކިޔެވި ކުދިންވެސް މިހާރު އަރަބިން ކައިރިއަށް ވީމަ ނުފޮނުވަނީ އެމީހުން ދެކެ ސަރުކާރުން ރުޅިއަންނާތިކަން ހާޝިމް ތިހެން ނުބުންޏަސް އެނގޭ.

  18. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:02/04/2010

    ސިޔާސީ ކޮންމެ މީހަކަށް ބޭންކުއޮފްމޯލްޑިވްސް އިން ބޮޑުލޯނެއްދޭންވީ މައުމޫނު ހެދިހެން އޭރުން ރަނގަޅުވާނެ ދޯ ޝަހީދާ.ގައުމުފުޑާލި ގޮތް ހަދާންކޮށްބަލަ.

  19. ރަށުސޮރު‮ ‬ވިދާޅުވީ


    ތާރީޚް:03/04/2010

    މީހަކާއި ޖަދަލުކުރީމޭ ބުނަން މޮޔައަކާއި ޖަދަލުކުރާކަށްނުވާނެ. އެހެންވީމާ ޖާހިލުންނާއި އިތުރަށް ޖަދަލުކުރާކަށް ނެތިން. ދިވެހި ހަރުބަހެއްގައި އޮވޭ “ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނޭ”

  20. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:03/04/2010

    ރަށުސޮރާ ކަލޭނޫން ދެން އެންމެންނަކީ ޖާހިލުންދޯ.

  21. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    ޑޯގު ކަލޭ މަރުމޯލުން ގޮވާކަހަލަ މޮޔަނުގޮވާ މިތާ،ޑޯގުގެ ޚިޔާލާ ދެކޮޅު ހިޔާލުގެންގުޅޭ ކޮންމެ މީހަކީ މޮޔައެއް ކަމަށް ވަންޏާ އެވަނީ ކިހިނެއް؟ މިސޮރު ފަހެ ހަމައިގަބާ!