Share

މޮޅުވާނެ ގޮތް (7)

މޮޅުވާނެ ގޮތް (7)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

އިޚްލާސްތެރިކަން

ދެން އޮތް އަނެއް ކަމަކީ އިޚްލާސްތެރިކަމެވެ. ޒުވާނާއެވެ. ކޮއި ރަނގަޅަށް ވިސްނައިފި ނަމަ އީމާންކަން ކިޔަމަންތެރިކަމުގެ ތެރެއަށް ކޮއި ވައްދައިދޭކަން ޔަގީންވާނެއެވެ. ހަމަ އެފަދައިން ކިޔަމަންތެރިކަން އިޚްލާސްތެރިކަމުގެ ތެރެއަށް ކޮއި ވައްދައިދޭ ކަމެވެ. އެއްވެސް މީހަކު ގެ ކިބައިން ކޮއި ބޭނުންވާ ކަމެއް ކުރުމުގެ ގާބިލުކަން އޭނައަށް ލިބިފައިވާކަން ކޮޔަށް ޔަގީންވުމުގެ ކުރީގައި އެއްވެސް މީހަކަށް އިތުބާރުކޮށް އޭނާ ބުނާ ގޮތެއް ހެދުމަކީ ކޮޔަށް ކުރެވޭނޭ ކަމެއް ނޫނެވެ. މިސާލަކަށް ގާނޫނީ ވަކީލަކު ޚިޔާރުކުރާއިރު އޭނާއަށް ކޮއިގެ ދިފާޢުގައި ވާހަކަދެއްކުމުގެ ކުޅަދާނަކަން ހުރިކަން ކޮޔަށް އެނގެއެވެ. އެހެންވެ އޭނާއަށް އިތުބާރުކޮށް އޭނާ ބުނާ ގޮތް ހަދަމުއެވެ. ތިބާ ޑޮކްޓަރަށް ދިއުމުން އޮޕަރޭޝަން ކުރަންވީ ވަގުތު ކަނޑައަޅާ ޑޮކްޓަރު އެކަނޑައެޅި ވަގުތުގައި ކޮއި އޮޕަރޭޝަން ކުރެއެވެ. މިހުރިހާ ކަމެއްގައި ތިބާ ހުންނަނީ ޑޮކްޓަރަށް ކިޔަމަންވެގެންނެވެ. އޭނާ ކޮންމެ ކަމަކަށް އަމުރުކުރިޔަސް އެކަމެއް ތަންފީޒުކުރަމުއެވެ. އޭނާ ބޭސްދީގެން ތިބާ ހޭނައްތުވައެވެ. އޭނާގެ ބަސްތައް ގަބޫލުކުރަމުއެވެ. މިގޮތަށް އޭނާ ކޮއިގެ ހިތް ފަތަހަކުރެއެވެ. ތިބާ އެޔާ ވިއްދައިގެން އެއްޗެއް ނުބުނަމުއެވެ. އެއީ އޭނާގެ ކުޅަދާނަކަމަށް ތިބާ އިތުބާރުކުރާތީއެވެ. އޭނާގެ ހުނަރުވެރިކަމާ މެދު ޔަގީންކުރާތީއެވެ. އެހެންވީމާ ﷲ އަށް އީމާންވުން އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ތެރެއަށް ތިބާ ވައްދައިދެއެވެ. ކިޔަމަންތެރިކަން އެޔާ ވިދިގެން އޮތް މަގަށް ތިބާ ގެންގޮސްދެއެވެ. އެއީ އިޚްލާސްތެރިކަމެވެ. ތިބާ ﷲ އަށް އީމާންވެ ކިޔަމަންތެރިކަން ﷲ އަށް ޚާލިސް ނުކުރަނީ ނަމަ ކިޔަމަންތެރިކަން ފުރިހަމައެއް ނުކުރެވޭނެއެވެ. އިޚްލާސްތެރިކަން އޮންނަންވާނީ ﷲ އަށެވެ. އެކަލާނގެ ވަޙީކުރައްވާ އަންގަވައެވެ. “ފަހެއެކަލާނގެއަށް ދީން ޚާލިސްކުރާހާލުގައި ފަހެ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. ކާފަރުން ނުރުހުނު ކަމުގައި ވިޔަސްވެހެވެ.” –ސޫރަތުލްޣާފިރު 14- އަދި ވަޙީކުރެއްވިއެވެ. “ފަހެ އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުކުރަންޖެހޭނޭކަން ޔަގީންކުރާ މީހާ ހެޔޮ ޢަމަލުކުރާހުށިކަމެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއަށް ކުރާ އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ.” –ސޫރަތުލްކަހްފު 110- އަދި ވަޙީކުރައްވިއެވެ. “އަދި ޝިރުކުން ސާފުވެގެން އެކަލާނގެއަށް ދީން ޚާލިސްކުރާ ހާލު ﷲ އަށް އަޅުކަންކުރުމަށާއި ނަމާދުޤާއިމުކުރުމަށާއި ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެން ނުވެއެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ.”-ސޫރަތުލްބައްޔިނާ5-

ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. “ޢަމަލުތަކުގެ ވައްތަރު ކަނޑައެޅެނީ ނިޔަތްގަތްގޮތެއްގެ ބާވަތުންނެވެ. ހަމަ ކޮންމެ މީހަކަށް ވެސް (އެމީހަކު ކުރި ޢަމަލެއްގެ) ޖަޒާލިބޭނީ އެމީހަކު ނިޔަތް ގަތް ގޮތެއްގެ މަތީންނެވެ. ފަހެ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި މީހާ އެ ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައެވެ. (މާނައަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި ކަމުގެ ސަވާބު އޭނާއަށް ލިބޭނެއެވެ.) އަދި ދުނިޔޭގެ ކޮންމެވެސް ބޭނުމަކަށް އެހެންނާ އަންހެނަކާ ކައިވެނިކުރުމަށް ހިޖުރަކުރި މީހާގެ ހިޖުރަ ވަނީ އޭނާ އެ ހިޖުރި ކުރިކަމަކަށެވެ.”-މުއްތަފަޤުން ޢަލައިހި-(މާނައަކީ އޭނާގެ އެހިޖުރައިން ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި ކަމުގެ ސަވާބެއް ނުލިބޭނެއެވެ. އަދި ނުބައި ކަމެއްގެ ނިޔަތުގައި ހިޖުރަކުރި ނަމަ ނޫނީ ފާފައެއް ވެސް ނުލިބޭނެއެވެ.) އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ހަށިތަކާއި ސޫރަތަކަށް ބައްލަވާވޮޑިނުގަންނަވައެވެ. އެހެނެއްކަމަކު އެކަލާނގެ ބައްލަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.”-ރަވާހު މުސްލިމް-

އިޚްލާސްތެރިކަމަކީ މިއީއެވެ. ފަހެ ތިބާ ﷲ އަށްޓަކައި އިޚްލާސްތެރިއަކު ކަމުގައި ވީ ނަމަ އިޚްލާސްތެރިކަމުން ތިބާ ސިފަލިބިގަންނާނީ އޭގެ ފުރިހަމަ ސިފައިންނެވެ. އޭރުން ﷲ ތިބާއަށް ކާމިޔާބުދެއްވާނެއެވެ. އިޚްލާސްތެރިކަމެއް ނެތި ކުރާ ކޮންމެ ކަމެއް ނުކުރާ ފަދައެވެ. އެހެނީ ކުރާ ކަމެއްގެ ފޮނިކަން އިހުސާސްކުރެވޭނީ އިޚްލާސްތެރިކަމާއެކު ﷲ އަށް ކުއްތަންވެވިފައިވާކަން ރަނގަޅަށް އިހުސާސްވުމުންނެވެ. ކިޔަމަންތެރިކަމުގެ ފޮނިކަމަކީ ﷲ އާއި ކުއްތަންވެވުމެވެ. ކިޔަމަންތެރިވުމުގައި ﷲ އަށް އިޚްލާސްތެރިވާންވާނެއެވެ. އަދި ކިޔަމަންތެރިކަން އޮންނަންވާނީ ﷲ އަށެވެ.

ވަފާތެރިކަން

ޒުވާނާ ބުންޏެވެ. ދެން އޭގެ ފަހުގައި ކޮން ކަމެއް ހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ވަފާތެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “އަދި ތިޔަބައިމީހުން ޢަހުދަށް ވަފާތެރިވާށެވެ. ހަމަކަށަވަރުން ޢަހުދުތަކާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ.” –ސޫރަތުލްއިސްރާއު 34-

އަދި ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ޢަޤުދުތަކަށް (އެގްރިމެންޓުތަކަށް) ވަފާތެރިވާށެވެ.” –ސޫރަތުލްމާއިދާ 1 –

ޢަބްދު ﷲ ބިން ޢަމްރޫ ބުނުލްޢާޞް ރަޟިޔަ ﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ. ނަބީ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެމީހެއްގެ ކިބައިގައި ހަތަރުކަމެއް ހަމަވެއްޖެ މީހާއީ ހަމަކަނޑައެޅިގެންހުރި މުނާފިޤެކެވެ. އަދި އެ ހަތަރު ކަމުން ކުރެ ކަމެއް އެމީހެއްގެ ކިބައިގައިހުރެއްޖެ މީހާއީ އެކަމެއް ދޫކޮށްފުމަށް ދާންދެން މުނާފިޤެއްގެ ސިފައެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހެކެވެ. އެއީ އަމާނާތެއް ހަވާލުކުރެވުން ނަމަ ޚިޔާނާތްތެރިވުމާއި ވާހަކަދައްކާ ނަމަ ދޮގުހެދުމާއި ޢަހުދުކަށަވަރެއް ހިފިނަމަ އެޔާ ޚިލާފުވުމާއި ޒުވާބެއްކުރިނަމަ ލަފާ މަގުން އެއްކިބާވުމާއިއެވެ.-މުއްތަފަޤުންޢަލައިހި-

ބުއްދިވެރިޔާޒުވާނާއަށް ބަލާލާފައި ބުންޏެވެ. މީހަކު ތިބާއާއެކު ކަމަކާ ޢަހުދުކަށަވަރެއް ހިފާފައި ދެން އެޔަށް ވަފާތެރިނުވި ނަމަ ކުރެވޭނީ ކޮން ކަހަލަ އިހުސާސެއްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އަހަރެން އެމީހަކު ދެކެ ނިހާޔަތަށް ރުޅިއަންނާނެއެވެ. އެހެންވިއްޔާ އެޔަށްފަހުގައި ދެން އެމީހަކަށް އަލުން އިތުބާރުކުރެވިދާނެހެއްޔެވެ؟ ނޫނެކެވެ.އޭނާ ޢަހުދުއުވާ އަހަރެންނަށް ދޮގުހަދާ އޮޅުވާލީމާ ދެން އިތުބާރުކުރާނީ ކިހިނެއްހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. އެންމެ ފުރިހަމަ މިސާލު ވަނީ ﷲ އަށެވެ. ތިބާއަކީ ކިޔަމަންތެރި އިޚްލާސްތެރި މުއުމިނަކަށް ވާއިރު ﷲ ތަޢާލާގެ ރަސްކަންފުޅަށް ކޮށްފައިވާ ޢަހުދަށް ވަފާތެރި ނުވުމީ ފަހަރުގައި ވެދާނޭ ކަމެކެވެ. އެހެން އެކަންވީ ނަމަ މީސްތަކުންނާ އެކު ހިފޭ ޢަހުދުކަށަވަރުތަކަކަށް ވެސް ކޮޔަކަށް ވަފާތެރިއެއް ނުވެވޭނެއެވެ. ޢަހުދަށް ވަފާތެރިނުވާ ނަމައީ އީމާންކަމާއި ކިޔަމަންތެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ތިބާއަށް ލިބިފައި ހުރި މޮޅެއް ވިއްޔާ ގެއްލިގެން ހިނގައިދާނެއެވެ.

ﷲ އަށް އީމާންވުމަކީ ކިޔަމަންތެރިކަމުގެ ފޮނިކަން އިހުސާސްކުރުމަށް މަޖުބޫރުކުރުވާ ކަމެކެވެ. ކިޔަމަންތެރިކަމުގެ މީރުކަން ލިބިގަތުމަށްޓަކައި ތިބާގެ ކިބައިގައި ﷲ ގެ ރަސްކަންފުޅަށް ފުރިހަމައަށް އިޚުލާސްތެރިވުން އެކުލެވެންޖެހެއެވެ. އެ ގޮތަށް ﷲ އަށް އިޚުލާސްތެރިވުމަށްޓަކައި ތިބާއީ އެ އިޚްލާސްތެރިކަމުގައި ﷲ އަށް ވަފާތެރިއަކު ކަމުގައި ވާންޖެހެއެވެ. ދެން ކޮއި މާތްރަސްކަލާނގެއަށް ވަފާތެރިއަކު ކަމުގައި ވެގެންހުރި ނަމަ މި މާތް ސިފަތަކުން ހުންނާނީ ސިފަޖެހިގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ކޮށްނުއުޅޭ ކަންތައްތަކުގެ ވާހަކަދައްކާއުޅެނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުން ބުނާބުނުމާއި ކުރާޢަމަލާއި ދިމާނުވުމުގެ ނުބައިކަން ﷲ ގެ ޙަޟްރަތުގައި ބޮޑުވެގެންވެއެވެ.” -ސޫރަތުއްޞައްފު 1،2-

ﷲ ތަޢާލާގެ ރަސްކަންފުޅަށް ވެފައިވާ ޢަހުދަށް ވަފާތެރިވުމީ ކިޔަމަންތެރިކަމުގެ އެންމެ މުހިންމު އެއް އަސްލެވެ. ކިޔަމަންތެރިކަމަކީ މާތްރަސްކަލާނގެއަށް އީމާންވުމުގެ އެންމެ މައިގަނޑު އެއްކަންތަކެވެ. އޭ ޒުވާނާއޭވެ! ކޮޔަށް އެނގެމުން ތިޔަދާ ފަދައިން މި އެންމެހާ ކަމަކީ މޮޅުވުމުގެ އަސާސްތަކެވެ. މީހުން ސަަބަބުތަކުގައި ހިފައެވެ. އަދި ސަބަބުތަކުގެ ވެރި މާތްރަސްކަލާނގެ މަތީން ހަނދާން ނައްތާލައެވެ. ދެން ސަބަބުތަކައިގެން އެމީހުން ގެއްލި ހަލާކުވެދެއެވެ. އޭގެ ޒާތުގައި ކާމިޔާބު ހޯދައިދޭ އެއްޗަކީ ސަބަބުތަކެއް ނޫނެވެ. ތިބާއަށް ވެސް ދިމާވި ފަދައިން ހުރިހާ ސަބަބުތަކެއްގައި ހިފީމާ ވެސް ކާމިޔާބު ނުލިބުމަކީ ވުން ނިކަން ގާތުގައި އޮންނަ ކެމެކެވެ. އެކަމަކު ސަބަބުތަކުގެ ވެރި މާތްރަސްކަލާނގެއަށް ވަކީލުކުރާ ހާލު ސަބަބުތަކުގައި ހިފި ނަމަ ތިބާ ކާމިޔާބުވާނެކަން ގައިމެވެ. ޔަގީނެވެ. އެއީ ކޮއި މިހާރު އިޚްތިޔާރުކޮށްފައި ތިވާ ދާއިރާ ނޫން އެހެން ދާއިރާއެއް ކަމުގައި ވިޔަސްވެހެވެ. ހަމައެކަނި ﷲ އަށް ވަކީލުކުރާ ހިސާބުން ފެށިގެން ވެސް ތިބާ ހީނުކުރާ އެތައް ކަމެއް ހާސިލުވެގެންދާނެއެވެ.

ބުއްދިވެރިޔާ ޒުވާނާއަށް ބަލާލާފައި ބުންޏެވެ. މިހާ ހިސާބަށް އައިއިރު މިހާރުދެން ދަސްވީ ކޮން އެއްޗެއްސެއްހެއްޔެވެ؟ ޒުވާނާ ބުންޏެވެ. ﷲ އާއި ކުއްތަންވުމަކީ ކާމިޔާބުގެ އެންމެ މުހިންމު އަސްލުކަން ދަސްވެއްޖެއެވެ. ﷲ އާއި ކުއްތަންވާނީ ކިހިނަކުންހެއްޔެވެ؟ ފުރިހަމައަށް މާފުކޮށްގެންނެވެ. ކީއްވެހެއްޔެވެ؟ އެއީ ﷲ އާއި ދުރަށް ގެންދާ އެންމެހާ ނުބައި އިހުސާސްތަކުން އެއްކޮށް ސަލާމަތްވެގަނެ އެ ބުރަބޮޑުވެގެންވާ ކުނިގަޑަނޑު އަހަރެންގެ ބުރަކަށި މަތީން ނަގާ އެއްލާލުމަށްޓަކައެވެ. އޭގެ ފަހުގައި ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމެވެ. އެއަށްފަހު ޝަރުތެއް ނެތި ދީއުޅުމެވެ. އަހަރެން އެހެން މީހުންނަށް ދީފައި އެހެން މީހުން އަހަރެންނަށް ނުދިންކަމުގައި ވިޔަސް ޝަކުވާނުކުރުމެވެ. އެފަހުގައި ﷲ އަށް އީމާންވުމެވެ. އީމާންވުމަކީ ﷲ އަށާއި އެކަލާނގެ އެންގެވިހާ ކަމަކަށް އީމާންވުމެވެ. އެކަލާނގެއީ އިހާއި ފަހުގެ ވެރި ފާޅާ ސިއްރުގެ ވެރި އެންމެ މަތިވެރި އެންމެ ގަދަފަދަ ވަންތަ މާފުވެރި ރަހުމާންވަންތަ އެންމެ އޯގާވަންތަ މާތް ﷲ އެވެ. އަދި އެކަލާނގެ ޙަޟްރަތުން އައި އެންމެހާ ކަމަކަށް އީމާންވުމެވެ. އަދި އަމުރުކުރެއްވިހާ ކަމަކަށްމެއެވެ. އަދި އެންމެހާ ރަސޫލުންނާއި ނަބިއްޔުނަށް އީމާންވުމާއި ސުވަރުގެއާއި ނަރަކަ ވާކަން ތެދުކޮށް ޔަގީންކުރުމެވެ.

ބުއްދިވެރިޔާ އޭނާގެ ހިކުމަތްތެރި ހިނިތުންވުމުން ހިނިތުންވެލަމުން ޒުވާނާއަށް ބަލާލިއެވެ. އަދި ބުންޏެވެ. ޒުވާނާއެވެ. ކޮއި ލައްކަ ގިނަ އެއްޗެހި ދަސްކޮށްފީމުއެވެ. ޒުވާނާ ބުންޏެވެ. މުޅިން ވެސް ބުއްދިވެރިޔާގެ ގާތުން ދަސްކުރި އެއްޗެއްސެވެ. ބުއްދިވެރިޔާ ބުންޏެވެ. އެހެންނެއް ނޫނެވެ. އަހަރެންނަކީ ކޮއި މޮޅުމީހަކަށް ވުމަށްޓަކައި މާތްރަސްކަލާނގެ މެދުވެރިކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.ﷲ ތަޢާލާ ކޮޔަށް އެހީތެރިވުމަށްޓަކައި އަހަރެން ލެއްވިއެވެ. އަދި ކޮއި ވެސް ކޮޔަށް ވީ އެންމެ ގިނަ ބަޔަކަށް މި ކަންކަން އުގަންނައިދޭންޖެހޭނެއެވެ. ޒުވާނާ ބުންޏެވެ. އަހަރެން އެކަމަށް ވަޢުދުވަމެވެ. ކޮއި ވަޢުދުވާ ކަންތައް ކުރުމުގެ ކުޅަދާނަކަންއަދި ނުލިބެނީހުން އެކަން ކުރުމަށް ވަޢުދު ނުވާށެވެ. ވަޢުދުވާންޖެހޭ އަސްލު ވަގުތު އައުމުން ވަޢުދުވާށެވެ. ދެން ޒުވާނާ ބުންޏެވެ. މިހާރު ދެން އެންމެ ފަހު އަސާސް ބުނެވުނީހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ނޫނެކެވެ. އެކަމަކު ތިބާ، ފުރިހަމައަށް މާފުކުރުމާއި ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވުމާއި ޝަރުތެއް ނެތި ދީއުޅުމާއި ފުރިހަމައަށް ﷲ އަށް އީމާންވުމާއި ފުރިހަމައަށް ކިޔަމަންތެރިވުމާއި އިޚްލާސްތެރިވުމާއި މިކަންކަން ދަސްކޮށްފީމުއެވެ. އަދި މިކަންކަމުގެ ސަބަބުން ﷲ އާއި ކުއްތަންވެވޭލެއް އިތުރުވެއްޖެ ނޫންހެއްޔެވެ؟ ނަމަވެސް އަދި ބާކީ ބައެއް ކަންކަން އެބަހުއްޓެވެ. ﷲ އަށް ވަކީލުކުރުން ފަދަ ކަންކަމެވެ.

-ނުނިމޭ-

,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކާޓޫން‮ ‬ވިދާޅުވީ


    ތާރީޚް:02/04/2010

    މިހަމަ އެއް ވަނައޭނުން ނަބީލޫ!!!

  2. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:02/04/2010

    ސަޅި އިނގޭ!އިތުރު ބައިތަކަށް އިންތިޒާރުކުރަން!

  3. isse‮ ‬ވިދާޅުވީ


    ތާރީޚް:03/04/2010

    ސުވާލު މުބާރާތުގެ ނަތީޖާ ކޮބާހޭ

  4. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:03/04/2010

    އެބުނާހެން، ނުވާވަރުން ވައުދުނުވެބަލަ، ސުވާލުމުބާރާތުގެ ނަތީޖާ ހުދުކާފޫރަށް!

  5. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:04/04/2010

    އެމުބާރާތުގެ ނަޖީތާ ފާޅުކޮށްފިޔޯ މިހާރު،. އެއީ ތެދެއްތަ؟؟ ކިހިނެތްތަ ތިވަނީ؟؟