Share

ތިމާމެންގެ ‘ފައިވާނުގައި’ ތިބުން މާ ބުއްދިވެރި!

ތިމާމެންގެ ‘ފައިވާނުގައި’ ތިބުން މާ ބުއްދިވެރި!

ފިލިޕީންސްގެ އިމެލްޑާ މާކޯސްއަކީ، ވަރަށް ގިނަ ޢަދަދެއްގެ ފައިވާން ބޭނުންކުރި އަންހެނެކެވެ.

ފޮޓޯއިން ތިޔަ ފެންނަނީ، އެމެރިކާ މީހަކު އޭނާގެ ފައިވާނުގައި ދަތުރުކުރާ މަންޒަރެވެ. އޭނާ އަރައި އެ އިން ފައިވާނަށް ކިޔަނީ ރެޑް ސްޓިލެޓޯއެވެ.

ޑޭވިޑް ސްޓޯ މި ފައިވާން ފަރުމާކުރީ ހޮންޑާ ސައިކަލެއްގެ ބައިތައް ބޭނުންކޮށްގެންނެވެ. މި އާދަޔާޚިލާފު ފައިވާނުގެ ހުރިހާ މަސައްކަތެއް ކޮށް ނިންމުމަށް ޑޭވިޑް ހަތަރު އަހަރު ހޭދަކުރިއެވެ. މި ފައިވާނުގެ މައިގަނޑު ހަދާފައިވަނީ ފައިބަރުންނެވެ. ދަވާދު ލާފައިވަނީ އަތުންނެވެ.

މި ފައިވާން ފެނިފައި އިމެލްޑާ މާކޯސް ހީކުރާނީ ކީކޭ ބާއެވެ؟

ވަރަށް ފަހުން މޯލްޑީވްސް ޕޮލިސް ސާވިސް އިން ވަނީ، ފުލުސް ބައިސްކަލް ތަޢާރަފްކޮށްފައެވެ. ފުލުހުން ކާބަން ނިއުޓަރަލް ކުރުމުގެ މާތް މަގުސަދުގައެވެ. މި ކަމަށް ތަންގީދުކުރާ ބައެއް ފަރާތްތަކަށް، ފުލުހުން ބައިސްކަލްދުއްވުން، ވީ ހެއްވާ ކަމަކަށެވެ. އެމީހުން ބުނާގޮތުން ކުށްވެރިންނާއި ވިޔާނުދާ ނުލަފާ މީހުންގަނޑު ކާބަން އަންދައިގެން، ބޫން ބޫން ލާފައި ސައިކަލު ދުއްވާއިރު، ފުލުހުންނަށް ޖެހޭނީ އެމީހުންގެ ފަހަތުން ބައިސްކަލެއްގައި ކަނބާށެވެ.

ބައެއް މީހުންގެ ނަޒަރުގައި ފުލުން ބައިސްކަލަށް އަރަން ނިންމީ، ސަރުކާރާގުޅުންހުރި ބައިސްކަލް ވިއްކާ ފަރާތްތަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައިދިނުމަށެވެ. އަނެއްބައި މީހުންގެ ނަޒަރުގައި ފުލުހުން ބައިސްކަލާއި މި ދޯޅުވާން ނިންމީ، ބައިސްކަލް އެއީ މިހާރު، ވިލާތުގައި ފެޝަނަކަށް ވަމުން އަންނާތީ ވީހާވެސް ‘ހޮޓް’ ކޮށް ތިބެން ވެގެންނެވެ. އެހެން ކަމަށްވާނަމަ، ފޮޓޯގައި އެވާ ފައިވާން ޕޮލިސް ކޮމިޝަނަރަށް ފެނިއްޖެނަމަ، ހީފުޅުކުރައްވާނީ ކީކޭ ބާވައެވެ؟

އަހަންނަށް ހީވަނީ މިޒާތު ފައިވާނެއްގައި ވިޔާނުދާ ނުލަފާ މީހުންގަނޑު ފަހާ ފުލުހުން ދުވާއިރު، ނިކަން ހިތްގައިމުވާނެ ހެންނެވެ.

ފުލުހުންނަށް އާދެވެނީ ގޯހެއް ހިނގައިގެން ފޯނުކުރާތާ އެތައް ދަމެއްވާފަހުންކަމަށްވެއެވެ. ވީމާ ނަޝީދުގެ ކާބަން ނިޓްރަލް އިހަށް ބާއްވާފައި، ޑޭވިޑް ސްޓޯ އަތުން މީގެ ފަސްސަތޭކަ ފައިވާން ފުލުހުންނަށް ހޯދުން ބުއްދިވެރިއެވެ.

ޔަގީނުންވެސް، ފުލުހުން އެމީހުންގެ ސައިޒުގެ އަސްލު “ފައިވާނުގައި ތިބޭނަމަ”، ރައްޔިތުން ވަރަށް އުފާކުރާނެއެވެ.

‮ ‬12‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    ސަމާސާ އަދަބުގެ ގޮތުން ރަނގަޅު ލިޔުމެއް ނަމަވެސް، ޒިންމާދާރުކަން ކުޑަ ލިޔުމެއް ކަމުގައި ދެކެން. އެހެން ދަންނަވާ ސަބަބަކީ، ފުލުހުން ބައިސްކަލް ބޭނުންކުރަން ފެށުމަކީ، ސައިކަލަށް ދިވެހި ފަޤީރު ޒުވާނުން ހިފަމުން އަންނަ ދެވިން ސަލާމަތްވުމުގެ ރަނގަޅު ފެށުމެއް. ފަޤީރު ޒުވާނުންނޭ އަޅުގަނޑު މިދެންނެވީ، ވަޒީފާއެއް އަދާ ނުކުރިއަސް، އަދި ދިރިއުޅުމަށް ކުރާ ކަމެއް މި އުޑު ދަށުގައި ނެތް ނަމަވެސް، ދިވެހި ޒުވާނުންގެ ފުދޭވަރެއްގެ ބޮޑު އާބާދީއަކީ ސަޅި ސައިކަލުތަކުގައި، މޮޅެތި ފޯނާއި އަގުބޮޑު ލެޕްޓޮޕްތައް ކިހިލި ޖަހައިގެން އުޅުމުގެ ގޯސް އާދަ ދަސްވެފައިވާ ބަޔަކަށްވާތީ އަދި ލިބޭނެ ގޮތެއް ނެތި ޚަރަދުކުރުމުގައި އިންތިހާއަށް ދާ ބަޔަކަށްވާތީ. އެހެންކަމުން މިއާދަ ކަނޑުވާލުމަށް ސައިކަލަކީ ފެޝަނަކަށް ހެދުން ކިތަންމެހާ ވެސް އައުލާކަން ބޮޑު. އަޅުގަނޑު ވެސް އުޅެ ބޮޑުވީ ހަމަ މާލޭގައި. އޭރަށް ވުރެ ވަކިން މާބޮޑު ތަނެއް މާލެ ބޮޑުވީކީ ވެސް ނޫން. އޭރު އަޅުގަނޑުމެންނަށް ބައިސްކަލް ފުދޭ ކޮންމެތާކަށް ވެސް ދާން. އަދި ކޮބާތޯ އަޅުގަނޑުމެން ޢުމުރުގެ ކުދިން އޭރު ފޮނިދައްކަން، ‘ގައްޑާ’ ވާ ކުރާ ކަމަކީ ވެސް ބައިސްކަލް ބުރު ޖެހުން. އެހެންނަމަވެސް، އެ ބުރު ޖެހުން އަގުބޮޑު ސައިކަލަށް ބަދަލުވެ، އޭގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލުން ބޮޑުބައެއް ބުރުޖެހުމަށް އިސްރާފުވެ، ޖައްވު ނުސާފުވެ، މި ނޫން ވެސް އެތައް ހާސް މުސީބާތަކާ އެބަ ދިމާވޭ ސައިކަލްގެ ސަބަބުން. އަދި ކޮބާތޯ؟ ބައިސްކަލަކުން ވާ އެކްސިޑެންޓަކަށް ވުރެ ސައިކަލަކުން ވާ އެކްސިޑެންޓްތަކުގެ ނުރައްކާތައް ވެސް މާބޮޑު. އެހެންވެ، މި ހުރިހާ ކަމަކުން ސަލާމާތްވާން ފުލުހުން އިސްނަގައި ފެށި މި ކަމަކީ، އަޅުގަނޑު ހިތުން ހަމަބުއްދި ހުރި ކޮންމެ ދިވެއްސަކު ވެސް ބަލައިގަންނާނެ ކަމެއް. އަޅުގަނޑު ދެކެނީ، އެނޫން ގޮތަކަށް އެކަން މާނަކުރުމަކީ، ވަރަށް ބޮޑު ޒާތީ ތަޢައްޞުބަކާއި ޙަސަދައެއް ކަމަށް މިސަރުކާރާމެދުގައި.

  2. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    ކުށެއްގެ އިސްލާޙު: “މިއާދަ ކަނޑުވާލުމަށް *ބައިސްކަލަކީ* ފެޝަނަކަށް ހެދުން…”

  3. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    ހިގާފަ އުޅޭންވިޔޭނޫން. ބައިސްކަލަކުންވާ އެކްސިޑެންޓަށްވުރެ ކުޑަވާނެ ހިގާފައުޅުނީމަވާ އެކްސިޑެންޓް. އުޅޭ ހުރިހާ ކަނޑު އުޅަނދުފަހަރުވެސް ފަލިޖަހައިގެން ދުއްވާގޮތަށް ބަދަލުކުރަން. އާ އެހެންޏާފަހެ! ޖީޕްތަކާ ސައިކަލް ތަކުގަ އުޅޭއިރުވެސް މިއުޅެނީ ކަމެއް ހިގާ ތާކަށް 20 މިނެޓް ވާއިރުވެސް ނާދެވިގެން. ޓްރެފިކް ލައިޓް ނުހުންނައިރުއްސުރެވެސް. އަންނާނީ އެކަމެއްވެ އާއްމުންގަޑު އެކަން މައިތިރިކޮށްލީމަ. އާސް ޓޭޕެއްދަމާލާފަ ވަނުންމަނާ ސަރަހައްދެއް ހަދާލީމަ ވާޖިބުއަދާވީ.

    ކާބަން ނިއުޓްރަލް ވަނިކޮށްއެވީދޯ. އާއްމުރައްޔިތުން ކަށިހަފާކާގެން ބަޔަކުދާއިރު އެތަނަށް ނާދެވުނަކަސް ހެޔޮ.

  4. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    ފުލުހުންނަކީ ސިޔާސީ ވެރިން އެމީހުންގެ ސިޔާސީ އެކްސްޕެރިމެންޓް ތަކުގައި ގެންގުޅެން ތިބި ބައެއް ނޫން. އަދި ހަމަ އެހެންމެ ސަރުކާރުން ރައްޔިތުންގެ ނުވަތަ ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށް ބޭނުންކުރާ ވަޞީލަތަކަށް ފުލުހުން ހަދައިގެން ނުވާނެ. ކާބަން ނިއުޓްރަލް ކުރުމަކީ ކިތައްމެ މުހިއްމު ކަމެއް ނަމަވެސް މިފަދަ ދެއުޅިއެއް ނުވާ ކަންކަމުގައި ފުލުހުން ފިއްތަމުން ދިޔުމަކީ ރަނގަޅު ކަމެއް ނޫން. ބައިސްކަލް ފުރަތަމަ ތައާރަފް ކުރަންވީ ސިޔާސީ މަގާމުތަކުގަ ތިބި މީހުންނަށް. ރައީސް އާ ނައިބު ރައީސް އާއި ވަޒީރުންނާ ވަޒީރުން ގެ ނައިބުންނާ އެނައިބުންގެ ނައިބުންނާ ސްޓޭޓް މިނިސްޓަރުންނާ އެކިވަރުވަރުގެ ކައުންސިލަރުން ބައިސްކަލް ދުއްވަން ފެށީމަ ހުންނާނީ ރަނގަޅަށް. މާލީ ވަޒީރު ވިދާޅުވާ ގޮތުންނަމަ 300 އަށް ވުރެ ގިނަ މީހުން އެބަތިބި ސިޔާސީ މީހުން މިސަރުކާރުގަ. ފޭލްވަމުންދާ ސަރުކާރުން ދެން ކުރެވޭނީ ވެސް މިފަދަ ކަންތައްތައް.

  5. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    މަވަސް ތާއީދުކުރަން ރާއްޖޭން ސައިކަލު ސަގާފަތު ފުހެލަން. އިހަށްދޮހު މާލޭ މަގެއްގަ ހުއްޓަ -އަދި މަ ހުރީވަސް ފޭ މަންޓުގަ- ހުއްޓަ ދުންޏެއް ކަނޑާލިހެން އެދިޔަ ސައިކަލު ދިޔައި މަ ކަންފަތް ހިފައިގެން.. އެހެންވެ މި ބުނީ.. މާލެ އެކަންޗެއް ނޫން މިރަށްވަސް..
    އެކަމަކު ތިޔާގަ ވާނެގޮތެއް ބުނަން؟ ތިޔަ ކިޔާ ކާބަން ނިޔުޓުރަލް ތަނަކަށް ހަދާށޭ ކިޔާފަ، އައިޖީ އެންމެޗު ހޮސްޕިޓަލުގަ ދުއްވާ އެންބިޔުލާންޗުގަނޑު ގުދަނަށް ލައިފަ އަތްގާޑިޔަލެއް ނެރެންވާނީ އިހަށް އެހެން ހުރިހާތަނަކަށް އަތްގާޑިޔާ ހަމަކޮށްފަ.. މޮޅެތި ކަންތައްތައް ރަނގަޅުކަންތައްތައް ފަށަންވާނެ. އެކަމަކު ފަށަން ޖެހޭނީ ރަނގަޅު ކޮޅުން. ބޭބެމެން ތާކު އޮއްތާލިޔަސް ފުރަތަމަ ބާއްވަނީ ބޮލެއް ނޫން ގައިމު.. ފުރަތަމަ ފިނދުޖައްސާލަނީ.. ދެން ބުރިކަށި.. ދެން ބިސްމިން ކިޔާފަ ކަންނޭލުގަ ބޯ ބާއްވަނީ.. އެހެންވެ މި ބުނީ..

  6. ސަލާމާ‮ ‬ވިދާޅުވީ


    ތާރީޚް:05/04/2010

    އާން. މައްސަލަޔަކަށް ވެގެން މިއުޅެނީ ފުރަތަމަ، ފުލުހުންނަށް ގާޑިޔާ ދިނީމަ،އަލީ މުޖުތަބާ އެބުނާހެން، ގާޑިޔާ ފުރަތަމަ ތައާރަފް ކުރަންވީ ސިޔާސީ މަގާމުތަކުގަ ތިބި މީހުންނަށް. ރައީސް އާ ނައިބު ރައީސް އާއި ވަޒީރުންނާ ވަޒީރުން ގެ ނައިބުންނާ އެނައިބުންގެ ނައިބުންނާ ސްޓޭޓް މިނިސްޓަރުންނާ އެކިވަރުވަރުގެ ކައުންސިލަރުން ބައިސްކަލް ދުއްވަން ފެށީމަ ހުންނާނީ ރަނގަޅަށް.

    ދެން އޮތީ ކުޅުދުއްފުށީގެ ފުލުހުންގެ ވާހަކަ. އެމީހުންނަށް ކުށެއް ކޮށްގެން އުޅޭއިރު، އެތާކަށް އާދެވެނިއްޔެއްނޫން. މަގުމަތީގައި ޖޯލިފައްޗާ، ސަރަންފީ ބަހައްޓައިގެން އުޅޭއިރު، އެ އެއްޗެތި ނަގަން ކެރެނިއްޔެއް ނޫން.

  7. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ފުލުހުންނަށް ބައިސްކަލް ތައާރަފް ކުރީކީ އަންނި އެއް ނޫން. މުހައްމަދު އަމީން ދައުރުން ފެށިގެން އިބްރާހިމް ނާސިރުގެ ވެރިކަން ނިމެންދެން ވެސް ފުލުހުން ދުއްވީ ބައިސްކަލް. ދެން ގައުމު ތަރައްގީވެ ފުލުހުންގެ ދައުރު ފުޅާވެ ކުށްވެރިންގެ ކަންތައްތައް މާ މައްޗަށް ދާން ފެށުމުން އަދި ބައިސްކަލަކީ ސައިކަލެއްގެ ސްޕީޑާ ގާތްކުރާ ވަރަށްވެސް ނުދުއްވޭ އެއްޗަކަށް ވުމުން ރަނގަޅު ސައިކަލް ތަކެއް ހޯދަން ފެށީ. އަޅުގަނޑުގެ ސުވާލަކީ ރައީސް ނަޝީދު ކާބްނ ނިއުޓްރަލް ކުރާ ހިތުން ނުނިދިގެން އުޅޭ އިރު ކީއްވެބާވައޭ ކާރު ދުއްވަނީ. އަދި ފަހަތުގައި ސެކިޔުރިޓީއަށް ޖިޕެއް ބާއްވަނީ. ކީއްތަވާނީ ބައިސްކަލެއްގައި ދާނަމަ. ފަހަތުގައިވެސް ބައިސްކަލެއްގައި ސިކިޔުރިޓީން ވެސް ދާގޮތަށް ހަދާނަމަ.

  8. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ކާބަން ނިއުޓްރަލް ވާން ވެގެން އުޅެނީ ހަމަ ފޮނި ދެއްކެން. ކުރީ ދުވަހު އާތު ޑޭ އެއްތޯ އެއްޗެއް ފާހަގަ ކުރަންވެގެން، ހަވީރު 4 އިން ރޭގަނޑު 12 އަށް ހިނގާފަ އުޅެން ހަމަޖެއްސާފަ، އެންވާރުމަންޓް ޑިޕާރޓްމަންޓްގެ އެންމެ އިސްބޭފުޅުން ހުދުކުލައިގެ ޖިޕުގަ އެތިބަ ނުކުންނަވަނީ ބުރުޖަހަން. މީދެން ތަންފުކެއް ބޮޑުވަރު. ދެން ނުބުނައްޗޭ ތީ ހުއްދަދީފައޭ، މައުމޫނޭ، އިސްތައްޓޭ. މިހަމަ ލޮލުން ދެކެ އަތުން ހިފާ ދައްކާ ވާހަކަ. ގަންޖާ އިސްތިއުފާ.

  9. ދޮންކަނބުލޮ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ގޫގަލްގައި ޖަހާލަބަލަ “LAPD” ލޮސްއެންޖަލްސް ގައިވެސް ބައިސްކަލް ޕެޓްރޯލް ކުރުން އޮވޭ…އެއީ އަދި ނާތަހުޒީބު ވީއެއް ނޫން…މިހެންމިބުނީ އެމެރިކާއިން ކަމެއް ކުރަންޏާ ގިނަ ދިވެހިންނަށް ކަމުދާނެ އެކަމެއް ކޮޕީ ކުރަން. އެހެންވީމަ މިކަންވެސް ކުރޭ…

  10. ދޮންކަނބުލޮ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ކުށެއްގެ އިސްލާހް މިހެންޖާލާ ގޫގަލްގައި “lapd bike patrol”

  11. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ލޮސްއެންޖަލަސްގައި ބައިސްކަލް ގެންގުޅޭވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ. އެމީހުން އެއޮތް ބޮޑު ތަނުގައި ވެސް ހިނގާފަވެސް ޕެޓްރޯލް ކުރެޔޭ. ހެލިކޮޕްޓަރުގައިވެސް ޕެޓްރޯލް ކުރެޔޭ. ސައިކަލުގައި އާއި އާދައިގެ ކާރުތަކަށް ވުރެ ބާރު ސްޕީޑެއް ލިބިފައިވާ ހާއްސަ ކާރުތަކެއްވެސް ދުއްވަޔޭ. އެނޫން ވާހަކައެއްނޫނޭ މިދައްކަނީ. އެ ހުރިހާ ބައިސްކަލެއް ގަތުންހޭ ސަރުކާރަށް މުހިއްމުވީ ފުލުހުންނަށް ޔުނީފޯމާއި ބޫޓު ނުގަނެދީ. ކާބަން ނިއުޓްރަލް ކުރަން ފުރަތަމަ ފުލުހުންގެ ޕްރޮފެޝަނަލް މަސައްކަތުގެ ތެރެއަށް ބައިސްކަލް ހޭ ތައާރަފް ކުރަންވީ. ސަރުކާރުގެ އެހެން އިދާރާތައް ވެސް ހުއްޓާ.

  12. ަައަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:07/04/2010

    ނަލަ މޮހޮންމަދުގެ އެ ކޮމެންޓް ކަހަލަ މޮޅު ހިކްމަތްތެރި ބުއްދިވެރި ކޮމެންޓެއް އަދި މި ސައިޓް އިން ނުދެކެމޭ ބުންޏަސް ވެދާނެ. ޕޮލިސް ބައިކް ތައާރަފް އެކުރީ ބޮޑު ގަޅިއެއް. މިކަން ދުނިޔޭގެ އެހެން ބަޔަކަށް ނޭނގި ހުންނާނެ ބާ؟