Share

މޮޅުވާނެ ގޮތް (8)

މޮޅުވާނެ ގޮތް (8)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ﷲ އަށް ވަކީލުކުރުން

ﷲ އަށް ވަކީލުކުރުމަކީ ތިބާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަލާނގެ އަމުރުކުރައްވާފައިވަނީ ހުރިހާ ސަބަބުތަކެއްގައި ހިފުމަށްފަހު އެކަލާނގެއަށް ވަކީލުކުރުމަށެވެ. “ފަހެ ކަލޭގެފާނު ކަމަކަށް ޢަޒުމްކަނޑައަޅުއްވައިފި ނަމަ ﷲ އަށް ވަކީލުކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.” –އާލު ޢިމްރާން 159-

އެހެންވީމާ އެންމެ ފުރަތަމަކަމަކީ ޢަޒުމްކަނޑައެޅުމެވެ. އެކަމަކު ޢަޒުމްކަނޑައެޅުމަށްޓަކައި ކުރީގައި ގަނެވޭނީ ނިޔަތެވެ. ސަބަބަކީ ކަމަކަށް ހިތްޖެހޭ ހިސާބުން އެކަން ކުރުމުގެ ނިޔަތް އެ އޮންނަނީ ގަނެވިފައެވެ. ޒުވާނާއެވެ. ނަމަވެސް އެ ނިޔަތް ކަނޑައަޅާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނިންމުމުގެ ކުރީގައި އެ ނިޔަތް ރަނގަޅަށް ދެނެގަތުން ކޮންމެހެން ބޭނުމެވެ. އެހެނީ ނިޔަތަކީ ތިބާގެ އެންމެހާ ފިކުރެއްގެ ނަތީޖާއެވެ. އެ ނިޔަތް ތިބާގެ ނަފުސުގައި ވަކި ކަމަކަށް ޝައުޤުއުފައްދައެވެ. ދެން ނަފުސު އެ ޝައުޤުވެރިކަން އިހުސާސްތަކަށާއި ޢަމަލުތަކަށް ބަދަލުކުރެއެވެ. ދެން އެ ޢަމަލެއް ވުޖޫދަށް އާދެއެވެ. ނިޔަތްތަކަށް ﷲ ބައްލަވާވޮޑިގަންނަވައެވެ. މީސްތަކުންގެ ހިތްތަކުގައިވާ ނިޔަތްތަކަށާއި މީސްތަކުންގެ ނަފުސުތަކަށް އެކަލާނގެ ބައްލަވާޥޮޑިގަންނަވައެވެ. އެހެންވީމާ އެއްވެސް ކަމެއް ކުރުމުގެ ކުރީގައި ކޮއިގެ ހިތާހިތުންކިޔާށެވެ.

ޢާލަމްތަކުގެ ވެރިރަސްކަލާކޮ! ސަބަބުތަކުގައި ހިފުމަށްފަހު އިބަރަސްކަލާނގެއަށް ވަކީލުކުރުމަށާއި ފުރިހަމައަށް އީމާންވުމަށް މިއަޅާ ނިޔަތްގަނެފީމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާކޮ! ބަރާބަރަށް ކިޔަމަންތެރިވެ އިޚްލާސްތެރިވުމަށާއި ފުރިހަމައަށް ވަފާތެރިވުމަށް މިއަޅާ ނިޔަތްގަނެފީމެވެ. ހުރިހާ ސަބުބުތަކެއްގައި ހިފުމަށް މިއަޅާ ނިޔަތްގަނެފީމެވެ. ޢަރުޝީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ވަކީލުކުރުމަށް މިއަޅާ ނިޔަތްގަނެފީމެވެ.

އެއަށްފަހު މޮޅުވުމުގެ މަގުގައި ކުރިއަށްދާށެވެ. ހުރިހާ ކަމެއްގެ ކުރީގައިވަނީ ނިޔަތެވެ.

ޒުވާނާއެވެ. މިހާރު ނިޔަތްގަނެފީމުހެއްޔެވެ؟ އާއެކެވެ. ނިޔަތްގަނެފީމެވެ. ނިޔަތް ތިޔަ ގަތީ ކޮން ކަމަކަށްހެއްޔެވެ؟ ނިޔަތް މި ގަތީ ﷲ އަށް އީމާންވުމަށާއި ބަރާބަރަށް ކިޔަމަންތެރިވެ އިޚްލާސްތެރިވުމަށާއި ފުރިހަމައަށް ވަފާތެރިވުމަށެވެ. ބުއްދިވެރިޔާ ބުންޏެވެ. ކޮއި ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު އަދިވެސް އިތުރު ކަމެއް އެބަ އޮތެވެ. އެއީ އުއްމީދުކުރުމެވެ.

އުއްމީދުކުރުން

އުއްމީދީ އަލީން ފުރިފައިވާ ބުއްދިވެރިޔާގެ ދެ ލޮލުން ޒުވާނާއަށް ބަލާލިއެވެ. ދަރިފުޅާއެވެ. ﷲ ތިމާއާ މެދު ހެޔޮގޮތްތައް މިންވަރުކުރައްވާނެ ކަމަށް އުންމީދު ނުކޮށް އެއްވެސް މުއުމިނަކަށް ޙަޤީޤީ މުއުމިނަކަށް ނުވެވޭނެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ ޢަމަލުތައް ފުރިހަމަކޮށްފި މީހާގެ އަޖުރު ގެއްލެނި ނުކުރައްވާނެކަމުގެ މައްޗަށް ކޮއިގެ ހިތްހަމަޖައްސުވާފައެވެ. ކޮއި ކަމެއް ކުރުމަށްޓަކައި ހުރިހާ ސަބަބުތަކެއްގައި ހިފާފައި ފުރިހަމަ ކިޔަމަންތެރިކަމުގައި ﷲ އަށް ވަކީލުކޮށް، ﷲ އަށްޓަކައި އެކަލާނގެ މަގުގައި ލޯބިވެ، ﷲ އަށް އިޚްލާސްތެރިވެ، ﷲ އަށް ވަފާތެރިވެ، މިހުރިހާ ކަމެއް ފުރިހަމަކުރުމުން، ދެން ކޮއި ބޭނުންވާ ކަންތައް ﷲ ހިންމަވައިނުދެއްވާނެ ކަމަށް ހީވޭހެއްޔެވެ؟ ޒުވާނާ ބުންޏެކެވެ. ނޫނެކެވެ. ހަމަ ޔަގީނުންވެސް ހިންމަވައިދެއްވާނެއެވެ. ތިޔަ ޔަގީން ކަމަކީ އަހަރެމެންގެ މާތް ނަބިއްޔާ އަހަރެމެންނަށް ވަސިއްޔަތްކުރައްވާފައިވާ ޔަގީންކަމެވެ. އެއީ ދުޢާކުރުމުގައި އިޖާބަކުރައްވާނެކަން ޔަގީންކުރުމެވެ. ދަރިފުޅާއެވެ. ދެން އޮތް ފިޔަވަޅަކީ އެއީއެވެ. ދުޢާކުރުމާއި ﷲ ހަނދުމަކުރުމެވެ.

ދުޢާކުރުމާއި ހަނދުމަކުރުން

ދަރިފުޅާއެވެ. ދުނިޔޭގެ މި ހަޔާތުގައި ﷲ އަށް ދުޢާދެންނެވުމީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ﷲ އާއި ކުއްތަންވެވޭ އެންމެ މޮޅު އެއް އަޅުކަމެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ވަނީ އަޅުކަމަކީ ދުޢާކަމުގައި އަންގަވާފައެވެ. ނުޢުމާން ބިން ބަޝީރު ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބީ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އަޅުކަމަކީ އެއީ ދުޢާއެވެ.”-ރަވާޙު އަބޫދާވުދު ވައްތިރުމިޛީ-

ﷲ ހަނދުމަކުރުން ވެސް ހަމައެފަދައެވެ. އެހެނީ ﷲ ގެ ޙަޟްރަތަށް ކުރާ ދަތުރުގެ ކާނާއަކީ އެއީއެވެ. އެންމެ މޮޅު ޒިކުރަކީ “لا إله إلا الله” މި ފަދައިން ކިޔުމެވެ. ކޮއިގެ ވަގުތުތަކުގައި މި ކަލިމަ ކިޔުންމަތީ ހުންނާށެވެ. ހަމައެފަދައިން ގިނަގިނައިން “الحمد لله” ކިޔޭތޯ ބަލާށެވެ. އެއީ އަބަދާ އަބަދު ކޮޔަށް މަންފާލިބެނިވި ކަމެކެވެ. ކޮޔާ އަމާޒުވެ ނުރައްކަލެއް އަންނަ ހިނދުގައި ވެސް ﷲ އަށް ޙަމްދުކުރި ނަމަ، އެ ނުރައްކާތެރިކަމުން ކޮއި ސަލާމަތްކުރައްވާނެއެވެ. އަދި ކޮއި ތަޤުވާވެރިވީ ނަމަ އަބަދުވެސް މަގުތައް ތަނަވަސްވެ ހީނުކުރައްވާ ފަދައިން ރޯދިބަރަކާތް ދެއްވަވާނެއެވެ. އެހެންވީމާ މި ޙަޔާތުގައި އެ ދެކަލިމައިން ﷲ ހަނދުމަކުރުން ކޮއިގެ މައްޗަށް ވާޖިބެވެ. އަދި އެނޫންވެސް ހުސް ވަގުތެއް ހަމަ ވާއިރަށް ﷲ ގެ ހަނދުމަކުރުމުގައި އެ ވަގުތެއް ފުރާލާށެވެ. އެކަލާނގެއަށް ޝުކުރުވެރިވެ ޙަމްދުކުރުމާއި ދުޢާކޮށް ޘަނާދެންނެވުމުގައެވެ. އޭރުން ތިބާއާ ﷲ އާއި ދެމެދުގައި އޮންނަ ގުޅުން ތާއަބަދަށް ދެމިއޮންނާނެއެވެ.

ޒުވާނާ ބުންޏެވެ. ދެން އެހެންވީމާ މި ނިމުނީހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. ނޫނެކެވެ. މިއީ ﷲ އަހަރެމެންނަށް ދެއްވި ގިނަ ކަންތައްތަކުގެ ތެރެއިން މަދު މިންވަރެކެވެ. އަހަރެމެން މޮޅުވުމުގެ މަގުގައި އަދި ދަސްކުރަންޖެހޭ ކިތަންމެ ކަމެއް އެބަވެއެވެ. ދަރިފުޅާއެވެ. ﷲ އާއި ގުޅުމުގެ ފުރަތަމަ އަސާސަކީ މިއީއެވެ.

ޒުވާނާ ބުންޏެވެ. ދެވަނަ އަސާސަކީ ކޮބާހެއްޔެވެ؟

ބުއްދިވެރިޔާ ބުންޏެވެ. އެއީ އަޚްލާޤެވެ.

އަޚްލާޤަކީ ހަމަ ޔަގީނުންވެސް ﷲ އަށް ކިޔަމަންތެރި ލޯބިވެރި އިޚްލާސްތެރި މުއުމިނުންގެ އެންމެ މުހިންމު އެއް ސިފައެވެ. ކޮންމެވެސް މަސައްކަތެއްގައި އެހެންނާ އެނޫންވެސް ކަމެއްގައި ކޮޔަކީ މޮޅުމީހަކަށް ވެދާނެއެވެ. އެކަމަކު ތިބާގެ އަޚްލާޤު ރިވެތި ނޫން ނަމަ އަމިއްލަ ނަފުސާއި އަދި އެހެން މީހުންނާއި ވެސް މުޢާމަލާތުކުރާނީ ކިހިނަކުންހެއްޔެވެ؟

އަޚްލާޤު ގެ ބާރުގައި ތިބާއަށް މީހުންގެ ހިތްތައް ފަތަހަކުރެވިދާނެއެވެ. ބޭނުން އަތަކަށް އެމީހުން ލަންބުވާލެވިދާނެއެވެ. އަޚްލާޤުގެ އަސަރުން އަމިއްލަ މަސްލަހަތުގެ ކުރީގައި މީސްތަކުންގެ ބޭނުންތަކާއި އެދުންތައް ކޮޔަށް ފެންނާނެއެވެ.

މާތް ﷲ ކީރިތި ނަބިއްޔާއަށް މަދަޙަ ވަޙީކުރައްވާފައިވެއެވެ. ”ހަމަކަށަވަރުން ކަލޭގެފާނުވަނީ މަތިވެރި އަޚްލާޤެއްގެ މަތީގައިކަން ކަށަވަރެވެ.”–ސޫރަތުލްޤަލަމް 4-

އާދައިގެ އަޚްލާޤެއް ނޫނެވެ. މަތިވެރި އަޚްލާޤެކެވެ. އެކަން އިތުރަށް ބަޔާންވެވިފައިވާ މާތް ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅުގައިވެއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚްލާޤީ މާތް ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައެވެ.” ރަވާހުލްބުޚާރީ

ޙިކުމަތުން ފުރިގެންވާ މި ދެބަސްފުޅަށް ވިސްނާއިރު ކޮޔަށް ފެންނާނީ މާތް ﷲ އެކަލާނގެ ރަސޫލާވަނީ މަތިވެރި އަޚްލާޤެއްގެ މަތީގައިކަން ނިކަން ސާފު ޢިބާރާތުން ބަޔާންކުރައްވާ، އެމާތް ނަބިއްޔާ ފޮނުއްވުނީ އަޚްލާޤުގެ މަތިވެރި ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައި ކަން އެކަލޭގެފާނުގެ ދޫފުޅުން ޔަގީންކޮށްދެއްވާ ދެއްވުމެވެ. ކޮންފަދަ ރީތި ބަޔާންކޮށްދެއްވުމެއްހެއްޔެވެ؟ ޒުވާނާއެވެ. އަބަދުވެސް ތިމާގެ އަޚްލާޤަށް ސަމާލުވެގެން، މީސްތަކުންނާ މުޢާމަލާކުރެވޭ ގޮތުގެ މައްޗަށް ހޭއަރައިގެން ހުންނާށެވެ. ރިވެތި އަޚްލާޤާއި ހަމައަށް ވާސިލުވާނޭ ނިކަން ފަސޭހަ ގޮތެއް ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެން ބަޔާންކޮށްލަދޭނަމެވެ. އެހެނީ ރިވެތި އަޚްލާޤާއި ނުލައި ދުނިޔެއާއި އެކު ކުރިއަށްދާކަށް ތިބާއަކަށް ނޭނގޭނެއެވެ. ޒުވާނާ އޭގެ ޖަވާބުގައި ބުންޏެވެ. އަހަރެން އެއްފަހަރު ކީ ފޮތެއްގައި އޮތެވެ. ދުނިޔޭގެ ބޮޑު ޔުނިވަސިޓީއަކުން ބުނާ ގޮތުގައި މޮޅުވުމުގައި ހުނަރުތަކުގެ ހިއްސާއަކީ އެންމެ ހަތް އިންސައްތައެވެ. ބާކީ ނުވަދިހަ ތިން އިންސައްތަ ހިއްސާކުރަނީ ތިމާގެ އަޚްލާޤެވެ. ދެން އެކިޔާ އެއްޗެއް އެއް ގޮތަކަށް ނުވިސްނިގެން ފޮތްގަނޑު ބޭއްވީއެވެ. އެއީ ފަށާތަޢުލީމުން މެދުމަދަރުސީން ސާނަވީން މިހެން ގޮސް މަތީ ތަޢުލީމު ހާސިލުކޮށް ޕީއެޗްޑީނަގާ ހެދީމާ އަދި މިހުރިހާ ކަމެއް ކާމިޔާބުގައި ހިއްސާކުރަނީ އެންމެ ހަތް އިންސައްތައޭ ބުނީމާ އެޔަކުން އެއްވެސް އެއްޗެއް މަށަކަށް ނުވިސްނުނެވެ. އެކަމަކު މިހާރު ބުއްދިވެރިޔާގެ ވާހަކައިންވެސް މި އިވެނީ އަޚްލާޤުގެ ވާހަކައެވެ. ހުރިހާ އެއްޗަކީ ވެސް އަޚްލާޤުކަމާއި އެހެން ކޮންމެ އެއްޗަކަށްވުރެ އަޚްލާޤު މުހިންމުކަމެވެ. ﷲ ގެ ޙަޟްރަތުގައި އަޚްލާޤުގެ ދަރަޖަ އެހާމެ މަތިވެރިކަމާއި ރިވެތި އަޚްލާޤަކީ ތިމާ އެކަލާނގެއާއި ކުއްތަންކުރުވާ އަޅުކަމެއްކަމާއި މީހުންނާއި މުޢާމަލާކުރެވޭނީ މީހުންގެ ލޯބި ހޯދޭނީ މީހުން ތިމާއާއި އެކުވެ ގާތްވާނީ އަޚްލާޤުގެ ބާރުން ކަމެވެ. އެކަމަކު މަސައްކަތުގެ ހުނަރުތަކަށް ހަމަ އެންމެ ހަތް އިންސައްތައަށް ވުރެ އިތުރު ހިއްސާއެއް ނެތީ ކީއްވެހެއްޔެވެ؟

-ނުނިމޭ-

,

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކާޓޫން‮ ‬ވިދާޅުވީ


    ތާރީޚް:15/05/2010

    މި ހަމަ އެއް ވަނަ!