Share

ސިޔާސީ ބައްޓަމާއި ވައްޓަފާޅި (1) : ދޮރޯށި ތަޅުވާ، ދޮރޯއްޓަށް އެރުމުގެ ޑިމޮކްރަސީ

ސިޔާސީ ބައްޓަމާއި ވައްޓަފާޅި (1) : ދޮރޯށި ތަޅުވާ، ދޮރޯއްޓަށް އެރުމުގެ ޑިމޮކްރަސީ
ހާޝިމް

މި ގައުމުގައި ހިތްފަހި ކުރިމަގެއް މުޑުވައްކުރުމަށްޓަކާ، ޗާލުކަން ހުރި ބައްޓަމަކަށް ގެންނަމުން، ބަލާލަން ރިވެތި އަތްކަންއަޅަމުން، ލިޔެ ލާފެންކުރަމުން މި ގެންދާ ޒަމާނީ ޑިމޮކްރަސީ ގެ ސިފަ ހުތުރުކުރާ ނުކިއްސަރު ހަމަ އެންމެ ކަމެއް ވެސް ކުރެވޭ މަންޒަރު ދުށުމަކީ، ގައުމުގެ އަފުރާދުން ރުހޭނެ ކަމެއް ނޫންކަން ވަންހަނާއެއް ނެތި ގައިމު ކުރެވެއެވެ. އެއީ، މި ޑިމޮކްރަސީއަކީ، ގައުމުގެ އުތުރާއި ދެކުނުން ހަމަ ހުރިހާ އެންމެން ވެސް ނުހަނު ދާ އޮހުރުވައިގެން، ކަށިން ހިތްވަރު ނެރެގެން، ވަޒަން ނުކުރެވޭ ވަރުގެ ބޮޑު އަގެއް ދައްކައި، މުޅިން އަވަދިވެގެން ހާސިލުކުރި އެއްޗަކަށް ވާތީއެވެ.

އާދޭހެވެ! ރެއެއް ދުވާލެއް ނެތި ކުރެވުނު ބުރަ މަސައްކަތުން މިއަދު ގައުމުގައި ހެދި ފޯދޭ ޑިމޮކްރަސީއަށް، ގައުމުގައި އަންޒަމާނުއްސުރެ ވަތަށްގޮނޑިލަމުން އައިސްފައިވާ ޚުދުމުޚުތާރުކަމުން، ޒަލްޒަލާއެއް އަތުވެދާނެކަމަށް މިފަހަކަށް އައިސް މީހެއްގެ ހިތަށް ވެސް ނާރާ ވަނިކޮށް، މިދިޔަ ދޮޅަހަކަށް ހަފްތާގެ ތެރޭގައި ގައުމުގައި ހިނގާދިޔަ ކަންތައްތަކުން، މިތިބެވެނީ އަދި އަވާމެންދުރެއްގައި ބަގުޑިބައްދައިގެންކަން އެނގި ހަލާސްވެއްޖެއެވެ. އެއީ، ނަންގަންނަން ކިތަންމެ ހުތުރަސް، ޑިމޮކްރަސީއާއި މިނިވަންކަމުގެ ނަމުގައި، ގައުމުގެ އެންމެ ހައިބަވަންތަ ޢިމާރާތްތަކުގެ ދޮރޯށިތައް ތަޅުވަމުން، ހަލުވަމުން، ގުޑުވަމުން ގޮސް، އެންމެ ފަހުން އެއަށް އަރާ، ބަޔަކު ސަވާރުވި ލަދު މަންޒަރު ފެނުމުންނެވެ. އެ ހިސާބަށް ބައެއްގެ ނޭއްދާރުކަން ދިޔަ ޚަބަރު އަޑުއިވުމުންނެވެ. އެހެންނަމަވެސް، ކަން އެއޮތީ ހިނގާ ނިމިފައެވެ. ދެން ކުރެވޭ ސުވާލަކީ، މިއީ މޮޅު ކަމެއް ބާވައެވެ؟

ދެންނެވުމުގެ ބޭނުމެއް ވެސް ނޯންނާނެއެވެ. މިއީ ގައުމު ދެކެ ހިތުގެ ފުނުން ލޯބިވާ އެއްވެސް ފަރުދަކު ވެދުމާއި ސަލާން ފޮނުވާނެކަމެއް ނޫނެވެ. މަރުޙަބާކިޔާ ތަރުޙީބު ދޭން ހެޔޮވާވަރުގެ ކަމެއް ވެސް ނޫނެވެ. އެހެން ނޫންނަމަ، މަގު ހިނގާ އެންމެން ގޮސް އަރާ ތިބޭނީ އެ ތަންތަނުގެ ދޮރޯށިތަކުގެ މަތީގައެވެ. ދެ މީހަކު ހިތްގައިމު ނުވާ ކޮންމެ ފަހަރަކު ކަން ނިމޭނީ އެ ދޮރޯށިތަކަށް ސަވާރުވެގެންނެވެ. އެކަންކަން އެހެން ނުހިނގަނީ، އަދި ތާރީޚުގައި ވެސް ހިނގާފައި ނެތްކަމަށް ލިޔެވިފައިވަނީ، އެއީ ދަމާލެވޭ އަޚުލާޤީ ރޮނގުން ބޭރު ކަމަކަށްވާތީއެވެ. ތަހުޒީބީ، ތަޢުލީމީ އަދި ސުލޫކީ ހުރިހާ އިމެއްގެ ބޭރުން ކުރެވޭ ކަމަކަށްވާތީއެވެ.

މިކަމުގެ މުގުލުގައި ހުރީ، ތިމަންމެން މިއީ ރިފޯމް އެޖެންޑާ އާއި ރޯޑް މެޕް ގެނެސްގެން، ޑިމޮކްރަސީ އާލާކުރުމަށް އެންމެ ފުރަތަމަ ދުވަހުއްސުރެ މަސައްކަތްކުރި މީހުންނޭ ބުނާ، ރާއްޖޭގެ ތާރީޚުގައި އިންތިޚާބަކުން ފޭލިވި ހަމައެކަނި ސިޔާސީ ޕާޓީގެ ނައިބު ލީޑަރެވެ. އޭނާ ބުނިކަމަށް ޚަބަރުތަކުގައި ކިޔާފައިވަނީ “ގޭޓުގައި އަތްލައިގެންނޭ އެ ރޭ ހުރީ. ތެޅުވޭ ވަރަށް ވުރެ މާ ވަރުގަދައޭ. އެކަމަކު ދެން ފަހަރަކުން ހުންނާނީ ގޭޓަށް އަރައޭ” މިހެންނެވެ. އަދި އޭގެ ފަހުން، “އެއްވި މީހުން މުލީއާގެ ގޭޓް ތަޅުވައި ހެދި އިރު ޢުމަރު ވަނީ ގޭޓު މައްޗަށް އަރާފައެވެ” މިހެން ވެސް ޚަބަރުތަކުގައި ލިޔެފައިވެއެވެ. މި ދަށް ފެންވަރުގެ ޢަމަލަށް، ސަރުކާރު ހިންގާ ޕާޓީން ޖަވާބު ދިނެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ، “މިމުޒާހާރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ޑީއާރުޕީގެ ބައެއް އިސްވެރިން އިސްވެ ތިއްބަވައިގެން އެއްވެ އެ ގެކޮޅުގެ ގޭޓަށް އަރައި ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް މިޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.” މިހެންނެވެ.

މި ޚަބަރުތަކުން، ގައުމުގެ ޑިމޮކުރަސީ ކިލަނބުކުރަން އަންބާ ކިޔާ ބަޔަކު ނުކުމެ އުޅޭކަން ސާބިތުވެއެވެ. އެކަން ދުށުމަށް ގައުމުގެ ރައްޔިތުން ހިތް ނޭދުނަސް، އެކަން ހިނގައިފިކަން ކަށަވަރުވެއްޖެއެވެ. އަދި، އަދިވެސް 21 ވަނަ ޤަރުނަށް ލޯ ނުހުޅުވޭ، ސޮހޮލުމަންޑެލިން މި ފަސްގަނޑުގައި އެބަތިބިކަން ގައިމުވެއްޖެއެވެ. ދެން އޮތީ، ދޮރޯށި ތެޅުވުމާއި، ދޮރޯއްޓަށް އެރުމުގެ ސިޔާސީ ވައްޓަފާޅި ކުރިއަށް ދިޔަ ނުދިނުމަށް އަޅުގަނޑުމެން މަރުފަލިޖަހަން ނުކުތުމެވެ. މި ޑިމޮކްރަސީ ދަފަރާކޮށް، ދަރިންނާއި، ދަރިންގެ ދަރިންގެ ކުރިމަގު އުޖާލާކުރުމަށް ފޫގަޅާލުމެވެ. ބަޔަކު ތަޅުވާ ދޮރޯއްޓަކުން، ހެއްލާ ޅޮސްއުނދޯއްޔަކުން، ޑިމޮކްރަސީގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އެޅިޔަ ނުދިނުމެވެ. އެ އުންމީދާއި ޙަޤީޤަތް ބަހާއި ޢަމަލުން ދައްކައިދިނުމެވެ.
——————–

މަޢުލޫމާތު
21 ފެބްރުއަރީ 2010 ގެ ހަވީރު ނޫސް
26 މާރޗް 2010 ގެ ހަވީރު ނޫސް
އެމްޑީޕީގެ ނޫސް ބަޔާން، 28 މާރޗް 2010
,

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިބްނު އަލީ‮ ‬ވިދާޅުވީ


    ތާރީޚް:08/05/2010

    ދިއްދޫ އޮފީހަށް މަސް އަޅާ، ރަށްރަށުގެ ރަށު އޮފީސް ތައް ހިސާރު ކޮށް މީހުންގެ އަބުރު ނަގާލާ ހެދީ ކޮންބައެއްބާ؟ އޭރު ހާޝިމަކަށް އެމައްސަލައަކަށް ނުވި. މިހާރުވެސް ކުރީގަވެސް ނުބައި ކަމެއް ކޮށްފިއްޔާ އެވާނީ ނުބައިކަމަކަށް.

  2. މަހާސިންތާ‮ ‬ވިދާޅުވީ


    ތާރީޚް:08/05/2010

    ބަލަ ތިޔާ ކިޔަނީ މަސްއެޅި ޑިމޮކްރަސީގެ ވާހަކަ މީގަ މި އޮއް ފެންނަންނީ ގޭޓު ތަޅުވާ ޑިމޮކްއެތީގެ ވާހަކަ އޭނު، ތީގަ ވާނެ ގޮތަކީ ހާޝިމް ވެސް އިބުނު ޢަލީ ވެސް ވިސްނާލަންވީ ކަމަކީ ޑިމޮކްރަސީއަކީ ހަމަ އެކި މީހުން އެކި ވައްތަރުޖައްސާފަ ޖަހާ މަރުކާއެއް،އެމަރުކާ ޖެހި ބުރޭންޑު އެބަ އުފައްދާ ކޮންމެ ޕާޓީއަކުންވެސް ދެން ނިކަން ތަފާތުވާނެތާ ދޯ، ޑިމޮކްރަސީގައި ވެސް ހުންނާނެ ސާބިތު އަސާސީ ތަރަހަތަކެއް، އެކަމަކު އެވަރު ނުދަންނަ ބީތާއިން ރައްޔިތުން މަޖިލީހަށާ އެނޫންވެސް ކަންހުޅިއެއް އޮތިއްޔާ އެތަނަކަށާ ލައިގެން ތިބެންޏާ ވާނީ މިހެން، ރާއްޖޭގައި ޤާޒީކަން ކުރެވެނީ ވަކި ފެންވަރެއްގެ ތަޢުލީމެއް ހުރި މީހުންނަށް އެކަމަކު އެމީހުން ތަންފީޒު ކުރަން މި ވަނީ ދީނެއް ޝަރީޢަތެއް، ދުނިޔެއެއް ތާރީޚެއް ނޭނގޭ އަޣްލަބިއްޔަތެއް ހިއްސާވާ ބަޔަކު ހަދާ އެއްޗަކަށް……..
    ދެން އިބުނު އަލީ އަސް ބުނެލަން ބޭނުންވަނީ ހާޝިމްއަށް މައްސަލަ ފެނިގެން ފެނުނު މައްސަލަ އެޔޮތީ ލިޔެފައޭ، ދެން އިބުނު އައްޔަށް ވެސް ފެނުނު މައްސަލަ ފެނުނު ގޮތަށް ލިޔެ ހާމަކުރާށޭ، އާ އެހެންޏާ މަސް އެޅި ދުވަހު އެކަމާ ގުޅިގެންވެސް ހާޝިމް އެއްޗެއް ނުލިޔާ ކަމެއް ވެސް އިބުނު އައްޔަކަށް ނޭނގެނު………މި ހަމަ ސަޅި މަޒުމޫނެއް، އެއްވެސް ދައުރެއްގަ އެއްވެސ2ް ވެރިކަމެއްގެ މިއީ އަކީ އެއް ކަން ހިނގަންވާނެ ގޮތެއް ނޫން، މަށަށް ހެޔޮ ކޮންމެހެން ޑިމޮކްރަސީގައި މި ކަން މި ހެން އޮތަސް……….ޑިމޮކްރަސީއަކީ ވެސް އަޅުކަން ކުރަން ގެންގުޅޭ ބުދެއް ނީނިއްޔާ، އެ ހަމަ އަހަރެމެން ބޭނުން ގޮތަކަށް ކޮށާ މެށީމަ ހުންނާނީ ރަނގަޅަށް، އެކަމަކު އެކަންކުރަން ތިބި މީހުންތާ ދޯ………….

  3. ފަންވަތް‮ ‬ވިދާޅުވީ


    ތާރީޚް:08/05/2010

    ރިޔާސީ ގަނޑުވަރުގެ ގޭޓަށް އެރުމާއި ސިފައިންގެ ދޮރޯށި ތެޅުވުމާއި ރައީސް ގަޔަށް ކަޅުތެލާއި ކުކުޅުބިސް ޖެހުން އެއީ މިނިވަން، މާއައުލެއްގައި ހަމަ ވަރަށް އާދައިގެ ކަންކަން. ނުރުހިއްޖެނަމަ، ނުރުހޭކަން ވަރަށް މިނިވަންކޮށް ފުޅާދާއިރާއެއްގައި ހާމަކުރުމުގެ ހައްގަކީ، ފަރުދީ ހައްގެއް. ދޮރާއި ދޮރޯއްޓާއި ދޮރުފަތާއި ދޮރުކަނި އަދި ކިޔެއް ޙުދު ރައީސްވެސް އެއީ ފަރުދުގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫން.

    މިދެން މާ ބޮޑު ކަމަކަށް ހަދައިގެން އުޅޭނީ ވަރަށް ނާތަހުޒީބް މީހުން.

  4. ޑިމޮކުރަސީ‮ ‬ވިދާޅުވީ


    ތާރީޚް:09/05/2010

    ހާޝިމޫ، ރައްޔިތުން ނަށް އޮޅުވާލާގެން ދޮގު ހަދައިގެން ވެރިކަމަށް އައުމަކީވެސް ތިބާވަތުގެ ޑިމޮކުރަސީޔެއްދޯ، ވީވައުދުތަކާ ހިލާފަށް ވެރިކަން ކުރުމަކީ ވެސް ޑިމޮކުރަސީޔެއްދޯ، ސަރުކާރު ވަށްޓާލަން ބޭރުގެ ކުލީ ސިފައިން ގެނައުމަކީ ވެސް ޑިމޮކުރަސީޔެއްދޯ، ރީކޯ މޫސަ ކާރުން ރާފުޅި ތަކެއް ފެނުމަކީ ވެސް ޑިމޮކުރަސީޔެއްދޯ، އިކޮނޮމިކު މިނިސްޓްރީން އާދިލް ސަލީމް ރާ ހުއްދަކުރުމަކީ ވެސް ޑިމޮކުރަސީޔެއްދޯ، ރައްޔިތުން ނަށް ނުލަފާކަން ދައްކާނަމޭ ބުނެފަ ދެއްކުމަކީ ވެސް ޑިމޮކުރަސީޔެއްދޯ، ސިވިލް ސާވަންޓުން ގެ މުސާރަ ކުޑަ ކޮށްފަ ސަރުކާރު ހަރަދުގަ ބޮނިއަމް ގެނައުމަކީ ވެސް ޑިމޮކުރަސީޔެއްދޯ،

  5. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:09/05/2010

    އުމަރު މެން ކުރީ ރަނގަޅު ކަމެއްނޫން. ރިޔާސީ ގަނޑުވަރު ނޫނީ ސިފައިންގެ ކަހަލަ ތަންތަނަކީ ނުލާހިކު ގަދަރު ލިބިގެންވާ ތަންތަން. މިބުނީ އާންމުންގެ ގޭގޭގެ ގަދަރު ކުޑަ ވާހަކަ އެއް ނޫން. އެކަމަކު މީދެން ބޮޑުވަރު. އެވަރު ވީމަ ޖެހޭނެ ސައިޒަށް ކަނޑާލެވެން.

    އެހެންވީމަ ހާޝިމް ގެ ބުނުމަށް ވަރަށް ތާއީދު. އެކަމަކު އަންނި އަކީ ޑިމޮކްރަސީގެ ބަފަޔަށް ހަދާ، އެމްޑީޕީއަކީ ޑިމޮކްރަސީގެ އެތެރެ ކޮއިލަށް ހަދާކަށް ނުޖެހޭ. ދެން އެމްޑީޕީ ވަރެއް ނެތިގެންވެސް އުޅޭކަށް ނުޖެހޭ. މިހާރު ފެއިލް ވެފަ އޮތް ސަރުކާރެއް ދިފާއުކުރަން ތިއުޅޭ އިރު މަށަށް ހަމަ މުޖައްރިބު ހާޝިމް ހިތުގައި އަންނި ފެއިލް ވެއްޖެކަން ގަބޫލު ކުރާނެކަން. ދެން އެގޮތް ގަބޫލު ކޮށްފަ މިވެރިކަމުގެ ހުރި ދޯހަޅި ކަންތައްތަކު ވާހަކަ ހާޝިމް ލިޔަންފަށަން ވީނު.

  6. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    ގަދަރާއި އިއްޒަތް ލިބިގެންވާ ތަންތަނުގެ ޤަދަރު އެ ޤައުމެއްގެ ސަރުކާރުން ކަނޑާލީމާ ދެން ނޯންނާނެ އެތަންތަނަށް ޤަދަރާއި އިއްޒަތް ދެވޭކަށް. ހާޝިމް ވެސް މީހުން ލޮލަށްފެނި އަތުން ހިފީމާ ސަރުކާރު ގެ ހުރި ދޯހަޅިކަން ފޮރުވަން މަސަކަތް ނުކުރޭ އިގޭ.