Share

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު..

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު..

މުހައްމަދު އިސްމާއިލް

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު މިއަދު އިވެމުން މިދަނީ ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާތަކާ އެކުދިންނާމެދު އިހުމާލުވަމުންދާ ކަމުގެ ވާހަކަތަކެވެ. ކުޑަކުދިންނަށް ކުރެވޭ ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ ގޮތުން ދެވޭ ތަފާތު އަނިޔާތަކުގެ ވާހަކައެވެ. ކުޑަކުދިންނާމެދު ބެލެނިވެރިން އަޅާނުލާ ވާހަކަތަކެވެ. ކުޑަކުދިން ޖިނާއީ ތަފާތު އެކި ކުށްކުށަށް އަރައިގަންނަމުންދާ ވާހަކަ ތަކުގެ އަޑެވެ.

ކުޑަކުދިންނަށް ގޭތެރެއިން ނުވަތަ އާއިލާގެ ތެރެއިން ދިމާވާ ތަފާތު މައްސަލަ ތަކުގެ ސަބަބުން އެކުދިންގެ ޅައުމުރުގައި ނަފްސާނީ ގޮތުން ބަލިކަށިވެއެވެ. ގޭތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އަދި ހާއްސަކޮށް އެކުދިންނާމެދު ކުރެވޭ ޖިންސީ އަނިޔާތަކުގެ ހިތި ރަހަ އެކުދިންގެ މުޅި ހަޔާތުގައި ވެސް އާވެ އާވެ ހުރެއެވެ. މިފަދަ ތަފާތު ކަންކަމުން ކުޑަކުދިން ސަލާމަތް ކުރުމަށްޓަކައި ފުރިހަމަ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހެއެވެ. މައިން ބަފައިންގެ ޒިންމާ ތަކާއި ބެލެނިވެރިން ކުޑަކުދިންނާ މެދު އިހުމާލުވުން ފަދަ މައްސަލަތައް ފަސޭހައިން ގާނޫނީ ގޮޅިއަކަށް ފެއްތެން ޖެހެއެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ އިތުރުންވެސް ގާނޫނީ އޮނިގަނޑު މިކަމުގައި ފުރިހަމައަށް އޮންނަން ޖެހެއެވެ.

ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާ ތަކުގެ އިތުރުން ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވުމާއި، ކުޑަކުދިންނަށް ރަނގަޅު ކާނާ އާއި އަޅާލުމާއި ތައުލީމާ ހިތްހަމަޖެހުން ހޯދައިދިނުމުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ކަމާބެހޭ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ގައުމުގައި ހިންގާ ޖިނާއީ ބޮޑެތި ޖަރީމާ ތަކުގައި ކުޑަކުދިން ހިމެނޭ ނިސްބަތް މިއަދު މިވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. ކުޑަކުދިންގެ މިފަދަ މައްސަލަތަކުގައި ގައުމީ ފެންވަރެއްގައި ބަހުޘްކޮށް ނަތީޖާތަކެއް ހާސިލުކުރަން މަސައްކަތް ކުރުން މިހާރުވެސް މިވަނީ ލަސްވެފައެވެ. ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުގެ ޕޮލިސީ ތަކުގެ ތެރެއިންނާއި އަމިއްލަ ޖަމާއަތްތަކުގެ ފެންވަރުގައި މިކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމަކީ މާދަމާގެ ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ.

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ