ހަނިމާދޫ ވައިގެބަނދަރު ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމަށް ޖީ.އެމް.އާރުން ކުރަމުންދާ ދިރާސާތަކުގެ ރިޕޯޓް އަންނަ މަހުގެ ނިޔަލަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް އެފަރާތުން ބުނެފައިވާކަމަށް މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން މަހްމޫދް ރާޒީ ވިދާޅުވެއްޖެއެވެ. މިދިރާސާގެ ރިޕޯޓް ޖީ.އެމް.އާރުގެ އެދުމުގެ މަތިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށް ދެވިފައިވާ ކަމަށާއި، މިރިޕޯޓް ހުށަހެޅުމުގެ އެއްމެ ފަހު ތާރީހަކީވެސް ޖޫންމަހުގެ ނިޔަލަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަނިމާދޫ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ޝޯޓްލިސްޓް ކުރެވިފައިވާ އިންޑިޔާގެ ޖީ.އެމް.އާރު. ކުންފުންޏާއެކު މަޝްވަރާކުރަމުންދަނީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ގޮތުން އެސަރަހައްދުގައި ހަހާސް އެނދު ތަރައްޤީ ކުރުމުގެ ފުރުސަތުވެސް އެފަރާތައް ދިނުމަށް ކަމަށާއި، މިގޮތައް ހަ ހާސް އެނދު ތަރައްޤީ ކުރުމުގެ މަޤުސަދަކީ ރާއްޖޭގެ ރައްޔިތުންނަށާއި، ޖީ.އެމް.އާރަށްވެސް މިކަމުގެ ފާއިދާ ލިބިދިނުމަށް ކަމަށް މިދިޔަ އަހަރު ފަހުކޮޅު މިކާމާ ގުޅޭ އެމް.އޯ.ޔޫގައި ސޮއިކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތަށް ފަހު ރައީސުލް ޖުމްހުރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މިހާރު ސަރުކާރުން ޖީ އެމް އާރަށް ހަހާސް އެނދު ތަރައްޤީކުރުމަށް ފުރުސަތު ދެވެން އޮތްގޮތްތައް ބަލަމުންދާ ކަމަށްވެސް އެކަނިކުފާނު ވިދާޅުވެފައިވެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބިނާކުރުމަށްޓަކައި ތައްޔާރު ކުރައްވާފައިވާ ދެ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ހުށަހަޅުއްވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ޚަބަރު