Share

އިސްލާމް އާއި ދިވެހި މާއްދާ އިޚްތިޔާރީ ދެ މާއްދާއަށް ބަދަލުކުރުން

އިސްލާމް އާއި ދިވެހި މާއްދާ އިޚްތިޔާރީ ދެ މާއްދާއަށް ބަދަލުކުރުން
މުހައްމަދު އިސްމާއިލް

ދިވެހި އިސްލާމް މި ދެމާއްދާއަކީ އިޙްތިޔާރީ ދެމާއްދާގެ ގޮތުގައި ސަރުކާރުން ވަނީ ނިންމާފައެވެ. މަތީ ޘާނަވީ ކްލާސް ތަކުގައި ދިވެހި އަދި އިސްލާމް މި ދެމާއްދާ އިޙްތިޔާރީ ދެމާއްދާގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން މި ދެމާއްދާ ކިޔެވުން އޮންނާނީ އެކިޔަވާ ކުއްޖެއްގެ އިޙްތިޔާރުގެ ދަށުގައެވެ. ކުރިން ހަޔަރ އެޑިޔުކޭޝަނަށް ކިޔަވާ ކޮންމެ ކުއްޖަކުމެ އިސްލާމް ދިވެހި މިދެމާއްދާ ކިޔަވަން މަޖުބޫރުވެއެވެ.

މަތީ ޘާނަވީ ގްރޭޑް ނުވަތަ 11 12 އަށް ކިޔަވާ ކުއްޖަކު އިޚްތިޔާރު ކުރުން އެންމެ ރަނގަޅީ އެކުއްޖަކު ހާއްސަވާ ދާއިރާއަކުން ކުރިއަށް ދިއުމަށްޓަކައި ކޮންމެހެން ބޭނުންވާ މާއްދާތަކެވެ. މިގޮތުން ޘާނަވީ ގްރޭޑް ތަކުގައި އެކުއްޖަކު ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއަކާ ގުޅޭ މާއްދާއެއް ކިޔެވުން ވާނީ އެކުއްޖަކަށް “ބޮޑު” ކަމަކަށެވެ. ނަތީޖާ އަކަށް ވެގެންދާނީ ކިޔަވާހިތްވާ މާއްދާތަކުން ފާސްވާއިރު ކިޔަވަން ބޭނުންނުވާ މާއްދާތަކުން ފެއިލް ވުމެވެ.

ކަންމިހެން އޮތްނަމަވެސް އިސްލާމް އަދި ދިވެހި މި ދެމާއްދާއަކީ ތަފާތު ނަޒަރަކުން ވިސްނާލުން މުހިއްމު ދެ މާއްދާއެވެ. ފުރަތަމަ ކަމަކީ އަޅުގަނޑުމެން ތަބާވެގެން މިތިބަ ދީނަކީ އިސްލާމް ދީނަށް ވުމެވެ. ދެވަނަ ކަމަކީ އަޅުގަނޑުމެންނަކީ ދިވެހިން ކަމަށް ވުމެވެ. މި ދެކަމަކީ ހަމައެކަނި “ނަމަކުން” ވެވޭނެ ދެކަމެއް ނޫނެވެ. ފުރިހަމަ ދިވެއްސަކަށް ވުމަށްޓަކައި ދިވެހި ބަސް ބޭނުންވާހެން ފުރިހަމަ މުސްލިމަކަށް ވުމަށްޓަކައި ދީނީ ތަޢުލީމު މުހިއްމެވެ.

މަތީ ޘާނަވީ ގްރޭޑް ތަކުގައި އިސްލާމް މާއްދާ އިޚްތިޔާރީ މާއްދާއަކަށް ބަދަލުވުމުން އިސްލާމް މާއްދާ ކިޔެވުން އެކުދިންނަކަށް މަޖުބޫރެއް ނުވެއެވެ. ނަތީޖާ އަކަށް ވެގެންދާނީ އިސްލާމް މާއްދާ ކިޔަވާ ކުދިން މަދުވެ ހަމައެކަނި އެކުދިން ހާއްސަވާން ބޭނުންވާ ދާއިރާއަކާ ގުޅޭ މާއްދާތަށް ކިޔެވުމެވެ. މިހެންވުމުން ދީނީ ތައުލީމުގެ މުހިއްމު ބައެއް ސްކޫލް ދައުރުގައި ގެއްލިގެން ދެއެވެ. އަދި ހަމައެހެންމެ ދިވެހި ބަސް ކިޔެވުމުގަޔާއި ބޭނުންކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ދިވެހި ބަސް ކިޔެވުން އިޚްތިޔާރީ ކަމަކަށް ބަދަލު ކުރުމަކީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ.

މި ދެމާއްދާ އިޚްތިޔާރީ ދެމާއްދާއަކަށް ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ފެށި ހިސާބުން އިދިކޮޅު ބައެއް ފަރާތްތަކުން ދިޔައީ މިކަމާ އިހްތިޖާޖް ކުރަމުންނެވެ. މިކަމާގުޅިގެން އަދާލަތު ޕާޓީއިންވަނީ މިކަން ކުއްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ. މިނޫސްބަޔާނުގައި މިބަދަލަކީ ތަޢުލީމީގޮތުން މާބޮޑު ފައިދާއެއް ނެތްއިރު، ޤައުމަށް ކުރިމަތިވާނޭ ވަރަށް ބޮޑު ނުރައްކަލެއްކަމަށާއި އަދި ރާއްޖޭގެ މުސްތަޤްބަލަށް ލިބިގެންދާނެ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ހާމަކޮށްފައިވެއެވެ. އަދި ދިވެހި ބަހަށާއި އިސްލާމް ދީނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަމަށް އަދާލަތުން ބުނެއެވެ. ދިވެހި އިސްލާމީ ޤައުމަކަށް ވީހިނދު، ޤައުމުގެ ޤައުމިއްޔަތާއި ޢަޤީދާއާއި ފިކުރީ އިސްތިޤްލާލު ދެމެހެއްޓޭނެ ހަމައެކަނި އޮތް ވަސީލަތަކީ މިދެމާއްދާގެ ޒަރީޢާއިން ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ވަންތަކަމާއި ދިވެހިވަންތަކަން ބިންވަޅުނަގައި، ދިވެހި ދަރިން ދިވެހިންނަށް ހެދުން ކަމުގައި ވީހިނދު، މިދެމާއްދާ މިނިވަންކުރުމުން، އެކުދިން ބޭރުގެ ޤައުމުތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ރާއްޖެއަށް އަނބުރާ އަންނައިރު، އެކުދިން ދެންތިބޭނީ އަޚްލާޤީ ގޮތުންނާއި ޢަޤީދާގެ ގޮތުންނާއި ނަސްލީގޮތުން ކޮން ބުރުސޫރައެއް ޖެހިފައިކަމެއް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭތޯ ކަމަށްބުނެ އަދާލަތު ޕާޓިގެ ނުސްބަޔާނުގައި ސުވާލު ކުރައްވާފައިވެއެވެ.

ގައުމީ މަންހަޖަށް މިއައި ބޮޑު ބަދަލުގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެއެވެ. ގިނަ ބަޔަކު ބުނަމުންދަނީ މި ބަދަލަކީ ވަރަށް ނުބައި ކަމެއްގެ ފެށުންކަމުގައެވެ. އަދި ދިވެހި ތަޢުލީމަށް ލިބިގެންދިޔަ ނިކަމެތި ކަމެއްކަމަށެވެ.



ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ