Share

މޮޅުވާނެ ގޮތް (9)

މޮޅުވާނެ ގޮތް (9)
ތަރުޖަމާ ނަބީލް

އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ

ބުއްދިވެރިޔާ ބުންޏެވެ. ސަބަބަކީ ކިތަންމެ އުނދަގޫ ކޮންމެ ވައްތަރެއްގެ މަސައްކަތެއް ވިޔަސް އެކަން ދަސްކުރުމަކީ ކޮޔަށް ކުރެވިދާނެ ކަމެކެވެ. އެއީ މީގެ ކުރީގައި ވެސް މީހަކު ދަސްކޮށްފައިވާ ކަމެއް ވިއްޔާ ހަމަ ގައިމު އެކަމުގެ މަގު ފެނިފައިވާ ކަމެކެވެ. ފޮތްތަކުގައި ހާމައަށް ފެންނަންހުރި ކަމެކެވެ. ކޮންމެ މީހަކަށް ވެސް އެކަން ދަސްކުރެވިދާނެއެވެ. އެއް ދުވަހަކުން އެހެންނާ މަހަކުން، ކިއެއްތަ އަހަރަކުން ވިޔަސް އެކަން ދަސްކުރެވިދާނެއެވެ.

އެކަމަކު ކާމިޔާބުވެރީންނާއި ނާކާމިޔާބުވެރީން، މޮޅު މީހުންނާއި ދެރަ މީހުން ފެންނަމުންދާ ސަބަބަކީ ކޮބާހެއްޔެވެ؟ ކުރީގައި ވެސް ބުނިފަދައިން އެންމެންނަށް ވެސް ލިބިގެންވަނީ ހަމަ އެންމެންނަށް ވެސް ލިބިފައިވާ ހަތަރު އެއްޗެވެ. ފަސް ހިއްސާއި ރެޔާދުވާލުގެ ސައްވީސްގަޑިއިރެވެ. ވިސްނާ ދެނެގަނެ ދިރާސާކުރާ އުސްލޫބާއި އޭގެ ނަތީޖާއިން ހޯދައިގަންނަ ބާރެވެ. އެހެންވީ އިރު އެކަކާއި އަނެކަކާއި ދެމެދުގައި ހުރި ތަފާތަކީ ކޮބާހެއްޔެވެ؟ މޮޅު މީހާއާއި ދެރަ މީހާއާއި ހުރި ފަރަގަކީ ކޮބާހެއްޔެވެ؟ އޭގެ ސަބަބު ކަމުގައި ފެންނާނީ ހަމަ އިސްވެ އަހަރެމެން ބަޔާންކުރި ކަންތައްތަކެވެ. ހާމަވެ ބަޔާންވާނީ ކާމިޔާބުވެރި މޮޅު މީހާގެ އަޚްލާޤު މަތިވެރިކަމެވެ. އޭނާއާއި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އަވަސް އަވަހަށް އެކަމާއި މާފުވެރިވެއެވެ. ސަބަބަކީ އެ ގޮތް މި ގޮތަށް އެތަން މިތަނަށް ގެއްލާ ނަގާލާނޭ ވަގުތުތަކެއް އޭނާއަކަށް ނެތެވެ. އެއީ އޭނާގެ ވަގުތު ވަނީ މިން ކަނޑައެޅިގެން ކަން އޭނާއަށް އެނގޭތީއެވެ. ފަހަރުގައި މި ހިނދަކީ ވެސް ޙަޔާތުގެ އެންމެ ފަހު ސިކުންތުކަމުގައި ވެދާނެކަމަށް ގަބޫލުކުރާތީއެވެ. އޭނާ ވިސްނާނީ ހަމަބުއްދީންނެވެ. މޮޅު އިންސާނާ އަބަދުވެސް އޭނާގެ ނަފުސާއި ސުވާލުކުރެއެވެ. މި ވަގުތަކީ އަހަރެންގެ އެންމެ ފަހު ހިނދުކޮޅަށް ވެދާނެ ބާވައެވެ؟ ހަމަ ޔަގީނެވެ. އާއެކެވެ. ތިބާގެ ނަފުސާއި ސުވާލުކުރާށެވެ. މިހާރު މި ވަގުތުގައި ތިޔަ ކުރަމުންދާ ކަންތަކަކީ އެކަށީގެންވާ ކަމެއްހެއްޔެވެ؟ އަޚްލާޤުހުރީ ގޯސް ނަމައީ ކަމެއް ދިމާވާއިރަށްހަށިގަނޑާއި އިހުސާސްތައް ހޫނުވެ، ޢާޠިފީ ޝުޢޫރު ކައްކުވާލާފާނެއެވެ. އެ ހާލަތުގައި އެއްވެސް އެއްޗެއް ހާސިލެއް ނުކުރެވޭނެއެވެ.

އެފަދަ މުސީބާތުގެ ދަނޑިވަޅުތަކަށްޓަކައި ރައްކާކޮށް ޚަޒާނާކުރެވޭ އެންމެ އަގުހުރި އެންމެ މޮޅު އެއްޗަކީ އަޚްލާޤެވެ. އީމާންކަމާއި ފުރިހަމައަށް މާފުވެރިވުމާއި ބެހޭ ގޮތުން އަހަރެމެން ވާހަކަދެއްކީ އެހެންވެގެންނެވެ. ﷲ އަށް އީމާންވެގެން ނޫނީ ފުރިހަމަ ވަފާތެރިކަންމަތީ ﷲ އަށް ކިޔަމަންތެރިވެ އިޚްލާސްތެރިވެ ފުރިހަމައަށް މާފުވެރިވުމަކީ ކުރެވޭނޭ ކަންކަމެއް ނޫނެވެ. މި ހުރިހާ ކަމަކާ މެދު ކޮއި ވިސްނި ވިސްނިހެން ރިވެތި އަޚްލާޤާއި ދިމާއަށް ގެންދާނެއެވެ. އިންސާނާ ގެ އަޚްލާޤު ރަނގަޅުވީވީހެން އޭނާ ދެކެ މީހުން ލޯބިވެ އޭނާޔާއި އެކީ އުޅުމަށް މީސްތަކުން ބޭނުންވާތަން އަހަރެމެންނަށް ފެންނާނެއެވެ. އަދި ވަރަށް ކާމިޔާބު އެހެނަސް އެކަނިވެރިޔަކު ވެސް ފެނިދާނެއެވެ. އެހެނީ އޭނާގެ އަޚްލާޤުގެ ނުބައިކަމާހުރެ މީސްތަކުން އޭނާ ދެކެ ލޯތްބެއް ނުވެއެވެ.

ކޮންމެ ރިވެއްޗަކާއި ދިމާއަށް އަޚްލާޤު ތިބާ ކުރިއަށް ނެރޭނެއެވެ. މާތް ﷲ އަހަރެމެން އެކި ބައިބަޔަށް ގަބީލާތަކަށް ލެއްވީ އަހެރެމެން އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނިވެ ތަޢާރަފަވުމަށްޓަކައެވެ. އެކަލާނގެ އަންގަވާފައިވާ ފަދައިންނެވެ. “އޭ އެންމެހާ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަންހެނަކާއި ފިރިހެނެއްގެ ކިބައިން ތިޔަބައިމީހުން ހެއްދެވީމެވެ. އަދި އެކި ބައިބަޔަށް ގަބީލާތަކަށް ތިޔަބައިމީހުން ބެއްސެވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”-ސޫރަތުލްޙުޖުރާތު 13-

އެޔާއެކު މީސްތަކުން ވިޔާނުދާ މީހާއާ ދުރަށް ފެޔަށް ޖެހޭތަން އަހަރެމެންނަށް ފެންނާނެއެވެ. އެއީ މާތް ﷲ އަންގަވާފައިވާ ފަދައިންނެވެ. “ކަލޭގެފާނަކީ ވެސް ހިތްހަރު ވިޔަޔާނުދާ މީހަކު ކަމުގައި ވީނަމަ އެބައިމީހުން ކަލޭގެފާނާއި ވަކިވެގެން ހިނގައްޖައީހެވެ.”-ސޫރަތު އާލްޢިމްރާން 159-

އެހެންވީމާ މީސްތަކުން ތިބާއާ މެދު އީޖާބީކޮށް ވިސްނުމަށް މެދުވެރިކުރުވަނީ ތިބާގެ މާތް އަޚްލާޤާއި ﷲ އަށްޓަކައި ވާ ލޯތްބާއި ﷲ ގެ ޒިކުރުކުރެވޭ ފޮނި ދުލާއި ﷲ އަށް އޮންނަ ލޯބިވެރިކަމެވެ.

މިހިސާބުން ޒުވާނާ ބުނެލިއެވެ. ތިޔަ ވާހަކަތަކަށް ބާރުދޭ ފަދަ ބައިތެއް އަޙްމަދު ޝައުޤީގެ ޅެންތަކުން އަހަރެން ކީމެވެ.

ނެތި އުންމަތެއް ދާނީ އޮޔަށް ބެހިގެން ހަޔާތް
ނެތިގެއްލުމުން އަޚްލާޤު އެކުގައި ލަދުހަޔާތް

ބުއްދިވެރިޔާ ބުންޏެވެ. އާއެކެވެ. އެހެންނެވެ. ހަމަ ތި މައުޟޫގައި ޅެންވެރިޔާ ޙާފިޒު އިބްރާހީމް ވެސް ކިޔާފައިވެއެވެ.

ރައްޒާޤުވަންތަ ކަލާނގެ ހޮއްވެވި ނަމަ ތިބާ
ދެއްވާނެ ހެޔޮ ޚުލްޤާ ސުލޫކާ ރިވެތި މާތް

ޒުވާނާއެވެ. މި ޗާލާކީ ކަމާމެދު ފިކުރުހިންގާ ބަލާށެވެ. އަހަރެންގެ ވާހަކައިގައި ކޮއި ތިޔަ ބައިވެރިވެލީ ހާދަހާ ވާ ރީތި ބަސްކޮޅަކުންނެވެ. ތިޔަ ބަސްކޮޅު ކޮއިގެ ކިބައިން ތިޔަ ނުކުތީ އެހެނީ ތިބާ ﷲ އަށް ލޯބިވެރިވެއްޖައީމެވެ. އެހިނދުން ﷲ ތިބާގެ ބަސްތެރިކަން ފޮނިކުރެއްވީއެވެ. ޢަރަބި ޙިކުމަތެއް މިހިސާބުން ބުނެލާދޭނަމެވެ. “މަތިވެރިކަމާއެކު ހިތްތިރިކުރާށެވެ. ޙިކުމަތްތެރިކަމާއެކު ކެތްތެރިވާށެވެ. ބާރުވެރިކަމާއެކު އިންސާފުވެރިވާށެވެ. ބަދަލުހިފުމުގެ ކުޅަދާނަކަމާ އެކު މާފުކުރާށެވެ.” ޒުވާނާ ބުންޏެވެ. ތިޔައީ ރީތި ވާހަކަތަކެކެވެ. މިހާރު ދެން ވީހާ ގިނަ ބަޔަކާއި ބައްދަލުކޮށް ހެދުމަށް ތައްޔާރުވެވިއްޖެ ކަމުގެ އިހުސާސް އަހަންނަށް އެބަކުރެވެއެވެ. އެހެނީ ﷲ އަށް ލޯބިވެރިވުމާއި އެކަލާނގެއާއި ކުއްތަންވުމުގެ ދަހަނާއިން އަހަރެން ހަތިޔާރުއަޅައިފީމެވެ. އެކަލާނގެއަށް ވެވޭ ކިޔަމަންތެރިކަމާއި އިޚްލާސްތެރި ވަފާތެރިކަމާއި ފުރިހަމަ ނިޔަތާއި މީސްތަކުންނާ މުޢާމަލާކުރާނޭ ރިވެތި އަޚްލާޤުންނާއިއެވެ.

ބުއްދިވެރިޔާ ހިކުމަތްތެރި ހިނިތުންވުމާއެކީ ޒުވާނާއާ ގާތަށް ޖެހިލާ ޒުވާނާގެ ބޮލުގައި ބޮސްދީފައި ބުންޏެވެ. ﷲ ކޮޔަށް ކާމިޔާބުދެއްވާށިއެވެ. ތިބާ ޚިޔާލަށް ވެސް ގެނެސްފައި ނުވާ މިންވަރަށް ﷲ ތިބާއަށް ކާމިޔާބުދެއްވަނީ ކިހިނެއްކަން ކޮއި ދެކޭނޫއެވެ. އެހެނީ މޮޅުވުމުގެ މަގުގައި ޙިކުމަތްތެރިކަން ދެނެގަތުމުގެ ގާބިލުކަން ކޮއިގެ ހުރީތީއެވެ. ހަގީގަތުގައި އެއީ ﷲ ގެ މަގެވެ. ތިބާ ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ﷲ އަށްޓަކައި އެކަލާނގެ މަގުގައެވެ. މީސްތަކުންނާ މުޢާމަލާކުރާނީ ވެސް، މީސްތަކުންނަށް މާފުވެރިވާނީ ވެސް، މީސްތަކުން ދެކެ ލޯބިވާނީ ވެސް ﷲ ގެ މަގުގައި ﷲ އަށްޓަކައެވެ. އެކަމަކު އަދި ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ދަރިފުޅާއެވެ. މީހުންނާ މުޢާމަލާކުރުމުގައި ނަމަ ނަމަ އެމީހުންގެ ސުލޫކާ މުޢާމަލާނުކުރާށެވެ! މިއީ މީހުންނާއި ގުޅުމުގެ ފަންނުން ފުރަތަމަ ފިލާވަޅެވެ. މީހާއާއި އެމީހާގެ ސުލޫކާއި ވަކިކުރަން އަބަދުވެސް ސަމާލުވެހުންނާށެވެ. ޒުވާނާ ބުންޏެވެ. މީހާއާއި އެމީހާގެ ސުލޫކު ވަކިކުރާނީ ކިހިނަކުންހެއްޔެވެ؟ ނުވިސްނެއެވެ. ބުއްދިވެރިޔާ ބުންޏެވެ. އިންސާނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤެވެ. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެ ފުރިހަމަވެގެންވާ ގޮތުގައެވެ.”-ސޫރަތުއްތީން 4- ﷲ އެކަލާނގެ އަތްޕުޅުން އަހަރެމެން ހެއްދެވިކަން ވެސް އަހަރެމެންނަށް ފަޚުރެއް ކަމުގައި ފުދެއެވެ. އަދި އެކަލާނގެވަނީ އުޑާއިބިމާ ދެމެދުގައިވާހާ ތަކެއްޗެއް އަހަރެމެންގެ ޚިދުމަތުގައި ލައްވާފައެވެ. “ﷲ އީ އުޑުތަކާއި ބިން ހެއްދެވި، އަދި އުޑުން ވާރޭ ވެއްސަވާ ދެން އެފެނުގެ ސަބަބުން ތިޔަބައިމީހުންނަށްޓަކައި ރިޒްޤެއް ކަމުގައި މޭވާތައް ނެރުއްވި، އަދި ކަނޑުގައި ދަތުރުކުރުމަށްޓަކައި އެކަލާނގެ އިރާދަފުޅުން ނާފަހަރު ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވި، އަދި ކޯރުތައް ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވި ކަލާނގެއެވެ. އަދި އިރާއި ހަނދާ ދައުރުވާނޭ ގޮތުގައި ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވިއެވެ. އަދި ރެޔާއި ދުވާލު ތިޔަބައިމީހުންނަށް ޚިދުމަތްކުރެއްވިއެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކައިގެން ދެންނެވިހާ އެއްޗެއް ތިޔަބައިމީހުންނަށް ދެއްވެވިއެވެ.އަދި ތިޔަބައިމީހުން ﷲ ގެ ނިޢުމަތްތައް ގުނިޔަސް ޢަދަދެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން އިންސާނާއަކީ ނުކިޔަމަންތެރި އަނިޔާވެރިއެއް ކަން ކަށަވަރެވެ. -ސޫރަތު އިބްރާހީމް 31،32،33،34-

އެހެން އެއްޗެއްސާއި މެދު ވެސް ބުނެވުނު ފަދައިން އިންސާނާއަށް ވެސް ވާށޭ ވަޙީކުރެއްވުމުން ޚަލްޤުކުރެއްވުމަކީ އެކަން ކުރެއްވިދާނޭ ގޮތެކެވެ. އެކަމަކު ﷲ ތިބާ މަތިވެރިކުރައްވާ ޝަރަފުވެރިކުރައްވާ އެކަލާނގެ މާތް އަތްޕުޅުން ހެއްދެވިއެވެ. އަދި އެހެން ހުރިހާ އެއްޗެއް ކޮޔަށްޓަކައި ހެއްދެވިއެވެ. އަދި ތިބާއަށް ސިކުނޑި ދެއްވިއެވެ. އެއީ ތިބާއަށް ވެސް ލިބިފައިވާ އޭގައި ސަތޭކަފަންސާސް ބިލިޔަން ސެލް ހިމެނިފައިވާ ސިކުނޑިއެވެ. އަދި ދެމިލިޔަން މަޢުލޫމާތު އެއް ސިކުންތުގެ ތެރޭގައި ޖަމާކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ސިކުނޑިއެވެ. އެ ސިކުނޑީގެ ބާރުމިން އަލި ދަތުރުކުރާ ބާރުމިނަށް ވުރެ އެއްސިކުންތަށް ބެލި ނަމަ ސަތޭކަ އަށްޑިހަ ހަހާސް މޭލަށް ވުރެ އަވަހެވެ. ޒުވާނާ އަންތަރީސްވެފައި ބަލާލިއެވެ. ބުއްދިވެރިޔާ ބުންޏެވެ. ޢަޖައިބުވަނީހެއްޔެވެ؟ ﷲ އަންގަވާފައިވެއެވެ. “އަދި ތިޔަބައިމީހުންގެ ނަފުސުތަކަށް ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟”-ސޫރަތުއްޛާރިޔާތު 21-

ނުނިމޭ

,

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:23/05/2010

    ނަބީލަށް މާތް ރަސްކަލާނގެ ރަހްމަތްލަށްވާށި. އަހަރެމެންގެ ލޯތަށް ހުޅުވާލާ، ކަންނެއްކަން ފިލުވާލައި، ހިތް އަލިކޮށް އުޖާލާ ކުރުމަށް ތިދެއްވާ ނަސޭހަތަށް ހަމަ ސާބަސް.

  2. އަސްލަމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2010

    ރަމްޟާން މަހުގެ ދީނީ ސުވާލުމުބާރާތުގެ ނަތީޖާ އިޢުލާންކުރެވި އެ ރުފިޔާކޮޅު ހައްގުވާ ފަރާތަކަށް އެލިބޭނެ ގޮތެއް ލިޔެބަލަ، އެވެސް މޮޅުވާނެ 1 ގޮތް

  3. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2010

    އެމިހާރު ދީ ނިންމާފިއެއް ނޫންތަ؟؟ އެ ދީފިޔޯ މިހާރު.