Share

ކޭބަލް ޓީވީ

ކޭބަލް ޓީވީ
މުޙައްމަދު އަބްދުއް ރަޙްމާން

މިމައުލޫއަކީ ވަރަށްފުޅާދާއިރާއެއްގައި ވާހަކަދެއްކިދާނެ މައުލޫއެކެވެ. މިވީ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅުމަށް ޓީވީގެ ސަބަބުން ވަނީތަފާތު ގިނަ ނޭދެވޭ ބަދަލުތަކަކާއި އެދެވޭ މަދު ބަދަލުތަކެއްގެނުވާފައެވެ. ޓީވީއަކީ ތަފާތު ކަންކަމުގައި ބޭނުންކުރެވޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބަޔަށް މިހާރުމިވަނީ ވެފައެވެ. މުނިފޫހިފިލުވުމާ، އުނގެނުމާއި، ވަގުތު ދުއްވާލުމާއި، ބައެއްކަހަލަ އެދުންތަކާއި ބޭނުންފުއްދުމާއި، ދަރިންމައިތިރިކުރުމާއި، ނިދިފިލުވުމުގެ އިތުރުން ތަފާތުބޭނުންތަކުގައި ޓީވީއަކީ އެއްމެ އެކުވެރި ބައިވެރިއާއެވެ.

ޓީވީގެ ސަބަބުން އެންހެނުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކީ ފާހަގަކުރެވޭވަރުގެ ބަދަލުތަކެކެވެ. އަދި ތަފާތު އާއިލީ މައްސަލަތަކުގެ އަސްލުމެއެވެ. މިގޮތުން އަންހެންވެރިންގެ މައިގަނޑު ސަމާލުކަމެއްދެވިފައިވަނީ ތަފާތު ހިންދީ ޑުރާމާތަކަށެވެ. ސްޓާރ ޕްލަސްއަށާއި ސޮނީ ޗެނަލަށެވެ. ދުވާލާއި ރޭގަނޑުގެ ގިނަވަގުތު ހުއްޓުމެއްނެތި ހަފްތާގެ ފަސްދުވަހު ގެނެސްދެމުންދާ އެކި ނަންނަމުގެ ޑްރާމާތައްވަނީ ދިވެހިގިނަ އަންހެންވެރިންގެ ހަގުދަރިފުޅަށް ވެފައެވެ. އާދެ ގޭތެރޭގައި އެންމެ ލޯތްބާއިއެކު ބަލަހަށްޓާ އެއްޗަކަށްވެފައެވެ. ޑުރާމާގަޑީގައި އެހެންއެއްވެސް އެއްޗެގެމަތިން ހަދުމަވާކަމަކަށްނުވެއެވެ. މީގައި ހެއްވާކަމަކީ މިހުރިހާ ޑްރާމާތަކެއްގައިވެސް އިންސާނީތޮބިއްޔަތާއި ދުނިޔޭގެ ކަންތައްހިގާގޮތާއި ދިމާއިދިކޮޅަށް ކުޅިފައިވާކަމެވެ. އެހެނަސް ސިޓިންރޫމްގެ ސޯފާޔަށް މޫލާއިރުވެސް ޑުރާމާދޫކޮށްލާ ހިޔާލެއްވެސް ނުކުރެއެވެ. މިޑުރާމާތަކާއިހުރެ ދެމަފިރިން ވަރިވުމާއި، ސުކޫލަށް ގަޑިޖެހުމާއި، ކާއެތިކޮޅު ރޯނުފިލުން ނުވަތަ އުދުންމަތީހުރެ އެދުމަކީވެސް އެކަށީގެންވާކަމެކެވެ. އަދި މިހާތަނަށް ދިމާވެފައި ހުރިކަންތަކެވެ.

ޓީވީގެ އިތުރުން ޒަމާނާއި ޓެކްނޮލޮޖީއަށްއައި ބަދަލުގެ އެއްމެބޮޑު އަސަރުކޮށްފައިވަނީވެސް އަންހެނުނަށެވެ. މިގޮތުން ކުރިންބޭނުންކުރަމުންދިޔަ ގިނަ އާލާތްތަކުގެބަދަލުގައި މިހާރު ކަރަންޓާއި ލުއިފަސޭހަގޮތްތައް ވަނީ ތައާރަފްވެފައެވެ. މިގޮތުން ކުރިންބޭނުންކުރި ފުޑާދައާއި އުޑީގެ ބަދަލުގައި މިކްސަރާއި ކަރަންޓު ދައި، ދަރު އުދުނުގެ ބަދަލުގައި ގޭސްއުދުނާއި ކަރަންޓު އުދުން، އެލްމެނިއަމް ތެލީގެ ބަދަލުގައި ތަތްނުލަވާ ތެލި، އަތުންދޮވުނު އަންނައުނު ކަރަންޓާއި އޮޓޯމެސިންތަކަށް، ދަރިން ސުކޫލަށްގެންދިއުން ޓެކްސީތަކަށް، ހުނިގާނާ ގޮނޑީގެ ބަދަލުގައި މޯޓަރުހަރުކުރި ދައްޗާއި މިކްސަރު، އަލިފާނުންހޫނުކުރި އިސްތިރިގެ ބަދަލުގައި ކަރަންޓު އިސްތިރި، ކުނިކެހުމަށްބޭނުންކުރި އިލޮށިފަތީގެ ބަދަލުގައި ވެކިއުމްކުލީނަރު، ހޮޓާތަކުން އޯޑަރުކޮށްލައިގެ ބަތްޕާރިސަލް މިހެންގޮސް ކިޔާ ކޮޅުންނުލާހައި ކަންތައް ހުރެއެވެ. މިހުރިހާބަދަލަކުންވެސް އައި އެންމެ ބޮނޑު ބަދަކީ ފިރިމީހާގެ ޖީބަށް ބަރުވުމެވެ.

ޓީވީގެ ސަބަބުން ފިރިހެނުންގެ ދިރިއުޅުމަށް އައިބަދަލުތައް ކުޑަކޮށްމަދުވުމުގެ އަސްލަކީ އާއްމުކޮށް ފިރިހެނުން ގޭގައި ތިބޭވަގުތުމަދުވުމެވެ. ނަމަވެސް ވަގުތެއްވެއްޖެނަމަ އާންމުކޮށް ކުޅިވަރާއި އިގިރޭސި ތަޅާފޮޅާފިލްމްތަކާއި ރެސްލިންނާއި ރީތިއަންހެންކުދިން ކުޅެފައިހުންނަ ލަވަފެންނަ ޗެނަލްތައް ބެލުމުގައި ވަކިފަހަކަށްނުޖެހެއެވެ. މިގޮތުން އީއެސްޕީއެން، ޓެންސުޕޯޓް، ސްޓާމޫވީސް، އެޗްބީއޯ، ޗެނަލްވީ، ބީފޯޔޫ އަކީ ފިރިހެނުންގެ ފޭވަރިޓް ޗެނަލްތަކެވެ. ނަމަވެސް ރާއްޖޭގެ ޗެނަލްތަކުންފޮނުވާ ތަފާތު ހަބަރާއި ސިޔާސީ ޕްރޮގްރާމްތަކަށް އަންހެނުންނަވުރެއް ފިރިހެނުންގެ ސަމާލުކަންދޭވަރު އިތުރުކަން ފާހަގަކުރެވެއެވެ. ހަގީގަތުގައި ޓީވީގެ ސަބަބުން އާއްމުދިއުޅުމަށް ކުރާނޭދެވޭ އަސަރުބޮނޑީ ފިރިހެނުންނަވުރެން އަންހެނުނަށެވެ. މީގެއިތުރުން ފިރިހެނުންގެ ދިރިއުޅުމަށް އައި އެއްމެބޮޑެތިބަދަލުތަކުގެތެރޭގައި ހިމެނެނީ އެއްތަނުން އަނެއްތަނަށް ދިއުމަށް އިންޖީނުލީ އުޅަދުފަހަރު ބޭނުންކުރުމާއި، މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވުނު ގިނަ ސާމާނު ކަރަންޓު އާލާތައް ބަދަލުވުމާއި، ރިޔަލާއި ފަލިންދުއްވި ދޯނިފަހަރު އިންޖީނާއި ބާރަށްދުވާ ލާންޗުފަހަރަށް ބަދަލުވުމާއި، ބަނޑުހައިވިއަސް އަދި ނުވިއަސް ގިނައިން ކޮފީއަށްދިއުންހިމެނެއެވެ.

ޓީވީގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންނަށް އަންނަމުންދާ ބަދަލުތަކަކީ އެންމެ ސީރިއަސްކޮށް ބަލަންޖެހިފައިވާ ބައެވެ. އެގޮތުން ޒުވާނުންނާއި ކުޑަކުދިން ބަލާ ޗެނަލްތަކަށްބަލާއިރު ތަފާތު ކާޓޫންތައްގެނެސްދޭ ޗެނެލްތަކާއި، ރެސްލިންނާއި، ވަރުގަދަ އިގިރޭސިފިލްތަކާއި، ފުޓްބޯޅައާއި ތަފާތު ފާހިސްއަމަލުތައް ދައްކައިދޭ ޗެނަލްތައްހިމެނެއެވެ. އަދި ޓީވީ ގޭމްތަކަކީ މިއުމުރުފުރާގެ ފޭވަރިޓެވެ.

ދެންމިބަލާލަނީ އެކިޗެނަލްތަކުންގެނެސްދޭ ޕްރޮގްރާތަކަށެވެ.

ނޭޝަނަލް ޖޯގްރަފީ – މިޗެނަލްއަކީ ހަގީގަތުގައި އެއްމެއެދެވޭގޮތުގައި ބޭނުންކުރެވިއްޖެނަމަ ހުރިހާ ޗެނަލްތަކުގެ ތެރެއިން އެންމެރަގަޅު ޗެނަލްއެވެ. އެގޮތުން ދިރޭތަކެއްޗާއި ދުނިޔެއާއި ކާއިނާތުގައިވާ ތަކެއްޗާއި ތަފާތު އެކި މަޢުލޫތަކަށް ވަރަށް މުހިންމު މަޢުލޫމާތުތައް ފޮނުވައިދެއެވެ. މިޗެނެލްއަކީ ހުރިހާއުމުރެގެ މީހުންވެސް ގަޔާވާ ޗެނަލްއެކެވެ.

އީ އެސް ޕީ އެން – ހާއްސަކޮން ފުޓްބޯޅައިގެ ހަރަކާތްތަކާއި އެހެނިހެން ކުޅިވަރުތައްގެނެސްދޭ ޗެނަލްއަކީ މައިގަނޑުކޮށް ޒުވާން ފިރިހެންކުދިންގެ ޗެނެލެކެވެ.

ސްޓާރ ސްޕޯރޓްސް – މިއީވެސް ކުޅިވަރަށް ހާއްސަ ޗެނަލެކެވެ. އީއެސްޕީއެންއާއި މާބޮނޑުތަފާތެއްނުހުންނަމިޗެނަލް އަކީވެސް ޒުވާނުންގެ ޗެނެލެކެވެ.

ޓެން ސްޕޯޓްސް – ރެސްލިންއާއި ތަޅާފޮޅާ މަންޒަރުތަކާއެކު ކުޅިވަރުގެ ގިނަހަރަކާތްތަކެއް ފެނިގެންދާ މިޗެނަލްގެސަބަބުން އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަގްބަލަށް ހިޔަނިއެޅުމުގެ ފުރުސަތުބޮޑު ޗެނަލެކެވެ.

ސްޓާރ މޫވީ – އިގިރޭސި ފިލްމުތަށް އެއްވެސްހުރަހަކާނުލައި ދައްކަމުންދާ މަދުޗެނަލްތަކުގެ ލިސްޓުގެ އެއްމެކުރީގައިމިވާ މިޗެނަލްއަކީ އަޅުގަނޑުމެންގެ ކުޑަދަރިންނާއި ޒުވާންޖީލުގެ ހަލާކުކަމުގައި ގިނަދިވެހިން ގަބޫލުކުރާ މިޗެނަލުން އިސްތިހާރަކާނުލައި އަދި ސެންސަރަކާއިނުލާ ދައްކަމުންދާ ފާހިސްއަމަލުތަކުގެ ސަބަބުން ޒުވާނުގެ ހިތްތަށްދަމައިގެންފައިވާ ޗެނަލެކެވެ.

ސްޓާރ ވޯލްޑް – އިގިރޭސި ސީރީސްތަކަށްހާއްސަށް މިޗެނަލުން މަޖާހެއްވާ ސީރީސްތަކާއި ބަލާލަންނުކެރޭ ފާހިސްއަމަލުތަކާއި އަނިޔާވެރި މަންޒަރުތައް ދަށްކުވައިދޭ ތަފާތު ޕުރޮގްރާމްތައް ދައްކުވައި ދެއެވެ.

ސްޓާރ ޕުލަސް – ގޭގޭގެ ސިޓިންރޫމްތަކުގެ ފަޅުފިލުންކަމުގައިވާ މިޗެނަލްއަކީ އަންހެންވެރިންގެ ހިތުގެވިންދެވެ. ހިންދީ ޑްރާމާތަކުންފުރިފައިވާ މިޗެނަލްގެނެސްދޭ ޑްރާމާތަކީ ހަގީގަތުގައި ވަރަށްހަމަނުޖެހޭ ވާހަކަތަކެއްގެމައްޗަށް ބިނާވެފައިވާ ޗެނަލެކެވެ. ރީތި ގަޑުވަރުފަދަ ގޭގޭގެ ސިޓިންރޫމާއި ބެޑްރޫމްތަކުގައި ކުޅެފައިވާ މިޑްރާމާތަކުގެ އެކްޓަރުން މޭކަޕްފެނިފައިވެސް މީހަކު މޮޔަވުމަކި އެކަށީގެންވާކަމެކެވެ. ޑްރާމާތައް އާންމުކޮށް ދިހައަހަރަށްދެމިގެންދާ، އެކްޓަރުން ދިހަފަހަރަށް މަރުވެ ދިރޭ، ގާތްގަޑަކަށް އެއްކަހަލަ ވާހަކަތަކަށް ބިނާވެފައިވާ މިޑްރާމާތަކަކީ ދުނިޔަވީ އެއްވެސް ބެނުމެއްނުހިފޭ އެއްޗެކެވެ. އާއިލީ ތަފާތު މައްސަލަތަކެއް ދައްކުވައިދޭ މިޑްރާމާތަކުން އަޅުގަނޑުގެ އާއިލާތަކުގެ ތެރޭ ތަފާތު މައްސަލަތަށް އުފައްދައެވެ.

ސޮނީ ޓީވީ – ސީ އައި ޑީ، ކުރައިމް ޕެޓްރޯލް، އިންޑިއަން އައިޑެލްގެ އިތުރުން ތަފާތު ޑްރާމާތަކުން ޒީނަތްތެރިވެފައިވާ މިޗެނަލްގެ ސަބަބުން ކުށްކުރުމާއި އެހެނިހެން ނޭދެވޭ އަމަލްތަކަށް ހިތްވަރުދެވޭ ޗެނަލެކެވެ. ހާއްސަކޮށް ސީ އައި ޑީން ކުށްކުރުމުގެ ކުރިންނާއި ފަހުން އެކުށުންސަލާމަތްވުމުގެ ތަފާތު ހުނަރުތަށް ދަސްކޮށްދޭކަން ފާހަގަކުރެވެއެވެ.

ކާޓޫން ނެޓްވޯކް – މިޗެނަލްއަކީ ކުޑަކުދިން އެއްމެ ގަޔާވާ ޗެނަލްއެވެ. ތަފާތު ސުޕަރހީރޯތަކުގެ ސަބަބުން އެކުދިންގެ ހިތްތަވަނީ މަސްހުނިވެ އެހެނިހެން ކަންތައްތަކާއި ދުރުކުރުވާފައެވެ. ހާއްސަކޮން ދީނީ ކަންތައްތަކާއި ކިޔެވުމާއި، ކައިބޮއިހެދުންވެސްވަނީ އުދަގުލަކަށްވެފައެވެ.

ޕޯގޯ – މިޗެނަލްއަކީ ކާޓޫނައާއި ބައެއްކަހަލަ ހުނަރުތައްދައްކުވައިދޭ ޗެނަލްއެކެވެ. މިޗެނަލްއިން ދައްކަމުންގެންދާ ގިނަ ކާޓޫނު ކެރެކްޓާތަކަކީ ހިންދޫދީނުގައި އެބައިމީހުން ގަބޫލުކުރާ ކަލާންގެތަކެވެ. މިފަދަ ކާޓޫންތަކުން އެކުދިންގެ އަޤީދާ ފާސިދުވުމަށް އެޅޭބާރެކެވެ.

ޒޫމް ޓީވީ، ވީ ޓީވީ، ޒީ މިއުޒިކް – މިތިންޗެނަލްއަކީވެސް ތަފާތު ވީޑިއޯ ލަވަތަކަށް ހާއްސަ ޗެނެލްތަކެވެ. ފުރާވަރުގެކުދިންނާއި ޒުވާނުންގެ މަގްބޫލްކަންލިބިފައިވާ ޗެނަލެކެވެ. މިތިންޗެނަލުންވެސް އައުރައިގެ ކަންފުޅެއްވެސް ނެތި ހެދުންއަޅައިގެ އަންހެނުންނާއި ފިރިހެނުން ނަށާމަންޒަރުތަކުގެ ސަބަބުން ތަފާތު ފާސިދު އަމަލުތަކަށް މަގުފަހިކޮށްދެއެވެ.

ދިވެހި ޗެނަލްތައް – ރާއްޖޭގައި ގިނައިބޭނުންކުރާ މަސްހޫރު ތިންޗެނަލްކަމުގައިވާ ޓީވީއެލް، ދިޓީވީ އަދި ވިލާޓީވީ އަށް މިހާރު ސިޔާސީ ކޯޅުމާއި ބުރޭކިން ނިއުސްއާއި މީހުންނަށް ފުރައްސާރަކުރުންފިޔަވާ ދެވަނަކަމަށް ވަގުތެއްނުވެއެވެ. މިޗެނަލްތަކުގެ ވިސުވަލް ރޭޓިއޯތަކުން ލަވަޔާއި މުނިފޫހިފިލުއްނޫން ކަމަކަށްވަގުތެނުދެވެއެވެ. އަޅުގަނޑުމެން މިދުނިޔޭގައި ކުރަންއޮތީ މުނިފޫހިލުވުންބާވައޭ މިއީ ކުރަންރަގަޅުސުވާނެކެވެ.

ނިނޫންވެސް ތަފާތު ޗެނަލްތަކުގެ ސަބަބުން އަޅުގަނޑުގެންގެ ދީނާ، ސަގާފަތާ، އާދަކާދަޔާއި، އާއިލީ ގުޅުންތަކަން މިދަނީ ހީވެސްނުކުރެވޭވަރަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންނެވެ. އަދިވެސް ލޯހުޅުވަން ނުވަނީތޯއެވެ؟

ލިޔުނީ: މުޙައްމަދު އަބްދުއް ރަޙްމާން
ޕަސީނާ/ހދ.ކުޅުދުއްފުށީ
7776072


‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ވުވުޒެލާ އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    މި ވަރަށް ފައްކާ ލިޔުމެއް…އަހަން ގޯތި މީހަ ވަސް ބަތްތެލި ދުންގަންނައިރު ވަސް އިނދެދާނެ އޭގެ ބުޑުގަ!ބޯ ހަތް ފަޅިވާވަރުވޭ..

  2. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    ޗެނަލްތަކުގެ އިސްތިހާރެއްދޯ.އަދި ތަންކޮޅެއްފަހުގެ ގޮތަކަށް މިލިޔުންލިޔެލިނަމަ.އިންޓަރ ނެޓަކީވެސް ކޭބަލަކުން ލިބޭ ހިދުމަތެއް އޭގެން ފެނޭ ހަމަ ލައިވް ޓީވީ.

  3. ބިއްޕޮއްޅެ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    ތިޔާ ކިޔަނީ ހަމަ ހުސް ތެދު.. މީގެ ދެތިން އަހަރެށް ކުރިން ދެނަމާދު ދޭތެރެ ވަގުތުގައި ގިނަ ގޭގެއިން އިވެނީ ގުރުއާން ކިޔަވާ އަޑު. އެކަމަކު މިހާރު އިވެނީ ޑުން ޑުން ކިޔަ ކިޔާފަ އެ އަންނަ ހިންދީ ސީރީސް ތަކުގެ އަޑު..

  4. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:28/05/2010

    އަހަންނަށް ފާހަގަ ކުރެވޭ ގޮތުން މިސައިޓަކީ ލިޔުންތެރިކަމުގެ ގޮތުން ވަރަށް ފެންވަރު ރަނގަޅު ސައިޓެއް. ވަރަށް ފެންވަރުގެ އިބާރާތްކުރުމާ ސިފަކުރުން ހުރޭ މިސައިޓުގަ. އެކަމަކު މިލިޔުން މިސައިޓުގަ އާންމުކޮށް ހުންނަ ލިޔުންތަކަށް ވުރެ ފެންވަރުގެ ގޮތުން ދަށް.
    މުހައްމަދު އަބްދުއްރަހްމާން ގެ ހިޔާލު އެބަހުރި. ތަނަވަސް ހިޔާލު. މިއީ ހަމަ ތެދުވާހަކަ ތަކެއް. ފެންވަރު ރަނގަޅު ކުރުމަށް އަދި ކުޑަ މަސައްކަތެއް ކޮށްލަނިކޮށް އެއްވަނަ ވެދާނެ. ތިމާގެ ލިޔުންތެރިކަމުގެ ހުނަރު ހަމަ ކުރިއެރުވޭނީ ގިނައިން ލިޔެ ފަރިތަކުރުން ވަރަކަށް.